ވެންގާ (ކ) އާއި ގާޑިއޯލާ.-- ފޮޓޯ: އޭއެފްޕީ
18 ޑިސެމްބަރ 2016 - 12:08
މެންޗެސްޓާ (ޑިސެމްބަރު 18) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ވާދަވެރި މެޗަކަށް ނުކުންނައިރު އާސެނަލްގެ ކޯޗު އާސެން ވެންގާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފި އެވެ.
ލީގުގެ ތިން ވަނައިގައި އޮތް އާސެނަލާއި ހަތަރު ވަނައިގައި އޮތް ސިޓީ އަށް މިރޭގެ މެޗު ވަރަށް މުހިއްމެވެ. އެއީ ރޭ ކުޅުނު މެޗުން ކްރިސްޓަލް ޕެލަސް ބަލިކޮށް ޗެލްސީން ލީގުގެ އެއް ވަނައިގައި ނުވަ ޕޮއިންޓުގެ ލީޑެއް ނަގާފައިވުމުންނެވެ.
އާސެނަލް ތިން ވަނައިގައި 34 ޕޮއިންޓާ އެކު އޮތްއިރު، ސިޓީ ހަތަރު ވަނައިގައި އޮތީ 33 ޕޮއިންޓް ހޯދައިގެންނެވެ.
ވެންގާ ބުނީ ގާޑިއޯލާ ސިޓީއާ ހަވާލުވުމާ އެކު ޕްރިމިއާ ލީގުގެ ވާދަވެރިކަން ބޮޑުވެފައިވާ ކަމަށެވެ.
"ޕްރިމިއާ ލީގަކީ އެންމެ އުނދަގޫ ލީގު. ގާޑިއޯލާ އަކީ އޭނާ ހަވާލުވި ދެ ޓީމާ އެކު ވެސް ކާމިޔާބީ އަށް ބަލާއިރު ޑޮމިނޭޓްކުރި ކޯޗެއް. އެ ޕްރޮފައިލަށް ބަލާއިރު ގާޑިއޯލާ އަކީ ކޮން ފެންވަރެއްގެ ކޯޗެއްކަން އެންމެނަށް ވެސް އެނގޭ،" ވެންގާ ބުންޏެވެ.
"މޮޅު ކުޅުންތެރިޔަކަށް މޮޅު ކޯޗަކަށް ނުވެވިދާނެ. މޮޅު ކޯޗަކީ މޮޅު ކުޅުންތެރިޔަކަށް ވެސް ނުވެދާނެ. އެކަމަކު ގާޑިއޯލާ ވަނީ ކެރިއަރުގައި އޭނާ ދެއްކި މޮޅު ކުޅުމެކޭ އެއްގޮތަށް ކޯޗިންގައި ވެސް ކާމިޔާބު ހޯދާފައި."
ގާޑިއޯލާ ބާސެލޯނާއާ ހަވާލުވެގެން ހުރިއިރު އެ ޓީމާ ދެކޮޅަށް ކުޅުނު މެޗުތަކަކީ ވެންގާގެ ކޯޗިން ކެރިއަރުގައި އޭނާ އަށް ކުރިމަތިވި އެންމެ އުނދަގޫ މެޗުތައް ކަމަށް އޭނާ ބުންޏެވެ.
މިރޭގެ މެޗަށް ނުކުންނައިރު ސިޓީ އަށް އޮތް ހިތްހަމަނުޖެހުމަކީ ސަސްޕެންޝަންގެ ސަބަބުން ފެނާންޑީނިއޯ އާއި ސާޖިއޯ އަގުއޭރޯ އަށް ނުކުޅެވުމާއި، އެންމެ ފަހުން ކުޅުނު މެޗުގައި ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން އިލްކާއި ގުންޑޮގާން އަށް ސީޒަން ނިމިފައިވުމެވެ.
އާސެނަލަށް ވެސް ވަނީ އަނިޔާގެ މައްސަލަ ކުރިމަތިވެފަ އެވެ. އެ ޓީމުގެ ޝްކޮޑްރަން މުސްތާފީ އާއި އާރޮން ރަމްސޭ އަށް މިރޭގެ މެޗު ނުކުޅެވޭނެ އެވެ.
ސިޓީ އާއި އާސެނަލް ކުޅޭ މެޗު އޮންނާނީ ރާއްޖެ ގަޑިން މިރޭ 9 ޖަހާއިރު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެހެ
18 December 2016
މެޗުގެ ކުރިން މައިންޑް ގޭމެއް ކުޅެލީ ދޯ ވެންގާ މިރޭ ސިޓީ ބަލިވާނެ