މިރާގެ އޮފީހަށް ޓެކްސް ދެއްކުމަށް ގޮސް ތިބި ބަޔަކު. މީރާއަށް މިދިޔަ މަހު ވަނީ ބޮޑު އާމްދަނީއެއް ލިބިފައި--ފޮޓޯ:މިހާރު
11 ފެބުރުއަރީ 2022 - 11:28
ޓޫރިޒަމް ރަނގަޅުވެ، މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ 2.4 ބިލިއަނަށް އިތުރުވެއްޖެ އެވެ.
މީރާގެ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާ އިރު ދައުލަތަށް ލިބުނު އާމްދަނީ ވަނީ 31 ޕަސެންޓަށް އިތުރުވެފަ އެވެ. އެ މަހު ލިބުނީ 1.7 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ. މިދިޔަ އަހަރަށް ވުރެ މި އަހަރުގެ ޖެނުއަރީ މަހު އާމްދަނީ އިތުރުވީ، ޖީއެސްޓީ، އިންކަމް ޓެކްސް، ގްރީން ޓެކްސް އަދި އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވުމުންނެވެ. މިދިޔަ އަހަރު ޖެނުއަރީ މަހަށް ވުރެ މިއަހަރުގެ ޖެނުއަރީގައި ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވެސް ވަނީ ދެ ގުނަވެފަ އެވެ.
މީރާއިން ބުނީ މިިދިޔަ މަހު ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި އާމްދަނީ ލިބިފައިވުމަކީ ވެސް މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ ލިބިފައިވާ އާމްދަނީ އިތުރުވުމުގެ އެއް ސަބަބެވެ. ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ މިދިޔަ އަހަރު ލިބިފައެއް ނުވެ އެވެ.
މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. ޖީއެސްޓީގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އާންމު ގޮތެއްގައި ވެސް ކޮންމެ މަހަކު ވެސް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ޖީއެސްޓީންނެވެ.
މީގެ އިތުރުން އިންކަމް ޓެކްސްއިން 864 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 95.19 މިލިއަން ރުފިޔާ، ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 84.49 މިލިއަން ރުފިޔާ، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 76.55 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ މަހު ލިބުނު އާމްދަނީގެ ތެރޭގައި ޑޮލަރުން ލިބުނު އާމްދަނީ 74 މިލިއަން ޑޮލަރަށް އަރަ އެވެ.
މިދިޔަ އަހަރު ދައުލަތަށް 19 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ. މި އަހަރު ދައުލަތަށް 24.3 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. އޭގެ ތެރެއިން ޓެކްސް އިން 15 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަންކުރަމުންދާ ގޮތް
12 February 2022
ކިތަންމެ ބިލިއަނެއްބލިބުނަސް އެކަމުގެ އެދެވޭ ބަދަލު ނުފެނެއެވެ މުސާރަ ބޮޑުކުރަނީ ވަކި ބަޔަކަށެވެ ޓީޗަރުންނަށް ވުރެ ޑަކްޓަރުންނާ ނަރުހުން ވަކި ކުޑަބައެއްތޯ އެވެ މި ޢާލަމީ ވަބާގެ ޙާލަތަށް އެކަނި ބަލާލިޔަސް މެއެވެ ހަމައެއާއި އެކު ސިވިލްސަރވިސް ޢާއްމުއިދާރީ އޮނިގަނޑުގައި ތިބި މުވައްޒަފުންގެ މުސާރައިގެ ކިރިއެރުމުގެ ވާހަކަނުވެސް ދައްކައެވެ މިގޮތްގޮތަށް ކަންކަން ކިރަން ދިމާކުރުމަކީ ކިތަންމެ ބިލިއަނެއް ލިބުނަސް ހިތްހަމަޖެހުނުއް ނެތް ތަފާތު ބޮޑުކުރުމެކެވެ
އައި އެމް އެފް
11 February 2022
އައި އެމް އެފްގެ އެނަމެ ފަހުގެ ކޮންސަލްޓޭޝަން ޕްރެސް ބްރީފިންގ ގައި، ކޮވިޑް ކަންތައް ރަނގަޅުވުމުން، ޓެކްސް އާމްދަނީ އތުރު ކުރުން މުހިންމު ކަމަށާއި، އިތުރު ޓެކްސް ނެގުމަށް / ހޯދުމަށް ލަފާ ދީފައިވޭ.