ފިރިހެން އެއްވަނަ ޑިވިޝަނުގެ ފުރަތަމަ މެޗުގައި ޓީރެކްސް އާއި ބައުސް ބައްދަލުކުރި މެޗުގެތެރެއިން.-- ފޮޓޯ: އެމްބީއޭ
16 ފެބުރުއަރީ 2022 - 10:29
ގައުމީ ބާސްކެޓް ބޯޅަ ލީގުގެ ފިރިހެން އެއްވަނަ ޑިވިޝަނުގައި ޓީރެކްސް އާއި ރެޑްވިންގްސް ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކޮށްފި އެވެ.
މެދުކެނޑުމަކަށް ފަހު މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މި އަހަރުގެ ބާސްކެޓްބޯޅަ ސީޒަން ފެށީ ފިރިހެން ދެވަނަ ޑިވިޝަނުގެ ކުޅުމުންނެވެ. ނަމަވެސް ފިރިހެން އެއްވަނަ ޑިވިޝަނާއި އަންހެން ޑިވިޝަނުގެ ކުޅުން ފެށީ އިއްޔެ އެވެ.
ފިރިހެން އެއްވަނަ ޑިވިޝަނުގެ ފުރަތަމަ މެޗުގައި ޓީރެކްސްއާ ދެކޮޅަށް ރޭ ނުކުތީ ބައުސް ސްޕޯޓްސް ކުލަބެވެ. މި މެޗު ޓީރެކްސް ކާމިޔާބުކުރީ 80-71 ޕޮއިންޓުނެނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ޓީރެކްސްގެ ސާބިއާ ކުޅުންތެރިޔާ ފްލިޕް ވުކޮސަލްޔެވިޗް އެވެ.
ރެޑްވިންގްސް އާއި ރެޕްޓާސް ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: އެމްބީއޭ
ދެވަނަ މެޗުގައި ރެޑްވިންގްސް އިން ވަނީ 94-82 ޕޮއިންޓުން ރެޕްޓާސް ބާސްކެޓްބޯޅަ ކުލަބް ބަލިކޮށްފަ އެވެ. ރެޕްޓާސް ރޭގެ މެޗުން ބަލިވި ނަމަވެސް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެޓީމުގެ އެމެރިކާ ސްމޯލް ފޯވާޑް ޖެފް ކޯބީ އެވެ.
އަންހެން ޑިވިޝަނުގެ ކުޅުން އިއްޔެ ހަވީރު ފެށީ އެންމެ ފަހުގެ ޗެމްޕިއަން ކުއީންސް އާއި ލަޔަނެސް ސްޕޯޓްސް ކުލަބު ބައްދަލުކުރި މެޗުންނެވެ. ކުއީންސް ވަނީ މި މެޗު ފަސޭހަކަމާ އެކު 113-28 ޕޮއިންޓުން ކާމިޔާބު ކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތރިޔަކީ ކުއީންސްގެ ރާއިފާ އިބްރާހިމް އެވެ.
ފިރިހެން އެއްވަނަ ޑިވިޝަނުގެ އިތުރުން އަންހެން ޑިވިޝަނުގައި ވެސް ހަ ޓީމު ވާދަ ކުރެ އެވެ.
އަންހެން ޑިވިޝަނުގެ ފުރަތަމަ މެޗުގައި ކުއީންސް އާއި ލަޔަނެސް އިއްޔެ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އެމްބީއޭ
ދެވަނަ ޑިވިޝަނުގައި ނުވަ ޓީމު ވާދަކުރާއިރު، މި ޑިވިޝަން ކުރިޔަށް ދަނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ގުރޫޕް އޭގެ ވައިކިންސް އާއި ވުލްވްސް ބާސްކެޓްބޯޅަ ކުލަބެވެ. އެ މެޗު 96-48 ޕޮއިންޓްގެ ބޮޑު ތަފާތަކުން ކާމިޔާބުކުރީ ވުލްވްސް އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވުލްވްސްގެ ޝަހުދާން އާމިރެވެ.
ވައިކިންސް ވަނީ އެޓީމު ކުޅުނު ދެވަނަ މެޗުން ވެސް ބަލިވެފަ އެވެ. ހޯމަ ދުވަހުގެ ރޭ ވައިޕާސް ބާސްކެޓްބޯޅަ ކުލަބާ ދެކޮޅަށް ކުޅުނު މެޗުން އެ ޓީމު ބަލިވީ 85-57 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ވައިޕާސްގެ މުހައްމަދު އަޝްހަމް އެވެ.
ގުރޫޕް އޭގެ ރޯޔަލްސް ވެސް ވަނީ އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ނައިޓްސް ބާސްކެޓްބޯޅަ ޓީމާ ވާދަކޮށް 88-35 އިން ކާމިޔާބު ކޮށްފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކީ ރޯޔަލްސްގެ އަލީ މަބްރޫކް ލަތީފެވެ.
ދެވަނަ ޑިވިޝަނުގައި ޔޫއެން ފްރެންޑްސް އާއި ހުޅުމާލެ ސްޕޯޓްސް ކުލަބް ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
ފިރިހެން ދެވަނަ ޑިވިޝަނުގެ ގުރޫޕް ބީގެ ދެ މެޗުގެ ކުޅުން ނިމިފައިވާއިރު، ފުރަތަމަ މެޗު ހުޅުމާލޭ ސްޕޯޓްސް ކުލަބާ ވާދަކޮށް 76-60 ޕޮއިންޓުން ކާމިޔާބުކުރީ ޔޫއެން ފްރެންޑްސް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޔޫއެން ފްރެންޑްސްގެ ހަސަން ފާރިޝް އެވެ.
މި ގުރޫޕުގެ ދެވަނަ މެޗުގައި ވާދަކުރީ ޓެލޯންސް ބާސްކެޓްބޯޅަ ކުލަބާއި ސްޕާޓަންސް ބާސްކެޓްބޯޅަ ކުލަބެވެ. ވާދަވެރި ކުޅުމަކަށް ފަހު 59-54 ޕޮއިންޓުން ކާމިޔާބުކުރީ ސްޕާޓަންސް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ސްޕާޓަންސްގެ މުހައްމަދު ޖިނާން އަބްދުﷲ އެވެ.
މުބާރާތުގައި މިއަދު ކުޅޭނީ ފިރިހެން އެއްވަނަ ޑިވިޝަނުގެ މެޗަކާއި، ދެވަނަ ޑިވިޝަނުގެ ދެ މެޗެވެ. ފުރަތަމަ ޑިވިޝަނުގެ އެންމެ ފަހުގެ ޗެމްޕިއަން ކިންގްސް ބާސްކެޓްބޯޅަ ކުލަބް ހަވީރު ނުކުންނާނީ ސްޓިންގާސްއާ ދެކޮޅަށެވެ. މިރޭ ކުޅޭ ދެވަނަ ޑިވިޝަނުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ގުރޫޕް ބީގެ ސްޕާޓަންސް އާއި ޔޫއެން ފްރެންޑްސް އެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ގުރޫޕް އޭގެ ރޯޔަލްސް އާއި ވުލްވްސް އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޟަހުލް
19 February 2022
ސުޕުން ބާސްކެޓްބޯލް އެސޯސިއޭޝަން އިން ބާއްވާ މުބާރާތެއް
ގުރާބެ
16 February 2022
ތީ ދެން ކުޅި ވަރެއްތަ އެސޯސިއޭސަން ގަ ހިންގަން ތިބި ބަޔަކު އަމިއްލަ މަންފާޔައް ކުރާކަމެއް ، ކުފޫ ހަމނުވާ މީހުން ތިބެނީ ސުޕުން ކިޔާ ލަނކާ މީހަކު ބޮލައް ހުތް ފެލައިގެން ތިޔަ ކުޅިވަރު އިދަ ޖައްސާލާ އިރުގަ ވެސް ނޭނގޭ ، ބޯހަލާކު
ފީއަލީ
16 February 2022
މުބާރާތުގަ ބައިވެރިވީ ޓިމް ތަކުގެ (ކުއީންސް ، ރެޕްޓާރސް ، ބެންޗް ސްޓިގާރސް ، އެލީޓް މީ އެސޯސިއޭސަން ގެ ބަޖެޓުން ޙަރަދު ކޮއްގެން ކުރިޔައް އޮތް އިންތިޙާބައް ބައިވެރި ޓީމް ތައް ) ޙަޖަމް