ހުޅުމާލެ ދެވަނަ ފިޔަވަހި: މާލެ ރައްޔިތުންނަށް ގޯތި ދޭނެ އުސޫލު މެންބަރުންނާ މަޝްވަރާ ކުރާނެ-- ފޮޓޯ/މިހާރު
16 ފެބުރުއަރީ 2022 - 10:39
މާލެ ސަރަހައްދުން ގޯތި ދިނުމުގެ އުސޫލާ ބެހޭގޮތުން، މާލެ ދާއިރާ ތަމްސީލު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ މަޝްވަރާ ކުރައްވާނެ ކަމަށް ނޭޝަނަލް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
މާލޭގެ މީހުންނަށް ގޯތި ދިނުމުގެ ބޮޑު މަޝްރޫއެއް މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާން ކުރައްވާފައިވާތީ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެކަމާ ގުޅޭ ގޮތުން މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ، މާލެ ސަރަހައްދުން ގޯތި ދޫކުރާނެ ގޮތުގެ އުސޫލުތައް ޑްރާފްޓް ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
އެ އުސޫލުތަކާ ގުޅޭ ގޮތުން މާލެ ދާއިރާގެ މަޖިލިސް މެމްބަރުންނާ އަންނަ ހަފުތާގައި މަޝްވަރާ ކުރަން ނިންމަވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސަރުކާރުން މި ޒާތުގެ ކަމެއް ކުރާއިރު މާލެ ތަމްސީލު ކުރައްވާ މެމްބަރުން މިކަމުގައި ދެކޭ ގޮތް ޝާމިލް ވާން ޖެހޭނެ. ޑްރާފްޓަށް އަންނަ ހަފުތާގެ ތެރޭގައި ޑިސްކަސް ކޮށްލާނަން. އޭގެ ފަހުން ފައިނަލައިޒް ކުރާނީ،" އަސްލަމް ވިދާޅުވި އެވެ.
ރިޔާސީ ބަޔާންގައި ރައީސް ވިދާޅުވީ، މާލެ ރަށްވެހިންނަށް ހުޅުމާލެއިން 1،000 ގޯއްޗާއި ގުޅިފަޅުން 2،000 ގޯތި ދޭން ނިންމާފައިވާ ކަމަށެވެ. އަދި ގިރާވަރު ފަޅުން ބިމެއް ހިއްކައި މަދުވެގެން 2،000 ގޯތި މާލޭ ރަށްވެހިންނަށް ދޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ރިޔާސީ ދައުރު ނިންމައިލާނީ އެންމެ ބޭނުން ޖެހިފައިވާ މާލޭގެ ރައްޔިތުންނަށް އިން ވަކިކޮށް، ރޯނުދަމައި އަދި ބިން ކަނޑައި، ގޯތީގެ ފަތް ދިނުމަށް ފަހު،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވިގޮތުގައި، ގޯތި ދިނުމުގެ މަސައްކަތް މި އަހަރުގެ ޖޫން މަހު ފަށާނެ އެވެ. ރައީސް ވިދާޅުވި ތާރީހަށް އެ މަސައްކަތް ފެށޭނެ ކަމުގެ ޔަގީންކަން އަސްލަމް ވެސް ރައްޔިތުންގެ މަޖިލީހުގައި މިއަދު ދެއްވި އެވެ.
މާލެ ހިމެނޭ ގޮތަށް ބޯހިޔާވަހިކަން ބޭނުންވާ އެންމެންނަށް މި ވެރިކަމުގައި އެކަން ފަހިކޮށްދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
16 February 2022
ޤައުމެއް މި ހިނގަނީ އެއްވެސް މާސްޓަރ ޕްލޭނެއްވެސް ނެތި ބާ؟ މި ޒަމާނުގަ ބިޒިނަސްއެއްވެސް ކުރި އަށް ދަނީ ޕްލޭން ކުރެވިގެން! ބޮޑެތި ހަނގުރާމަތައްވެސް ދަނީ ހަމަ އެ މިންގަނޑުން!
އޮނަރަބްލް އަފީފު ދީދީ
16 February 2022
ލާމަރުކަޒީވައުދާއި ދިމާއިދިކޮޅަށް ސިޔާސަތުކަޑައަޅާ ތަންފީޒުކުރުމަކީ ސޯލިޙްއަށް ވޯޓްދިންމީހުނަށްވި ޙިޔާނާތެއް. # ތިޔަ އެއްރަށްދައުލަތް ސިޔާސަތުދޫކޮށް ކޮތަރުކޮށީގައި ރައްޔިތުންބަންދުކުރުން ނިމުމަކަށްގެނައުމަށް ކެލާ، ފިއްލަދޫ، ހަނިމާދޫ، ކާށިދޫ، ކުޑަހުވަދޫ، ތުލުސްދޫ، ތ. ގުރައިދޫ، ތިމަރަފުށި، ވިލުފުށި، ލ. ގުޅިފައިވާ ހުރިހާރަށްތައް، ހުވަދުއަތޮޅު ތިނަދޫ، ކޮލަމާފުށި، ވާދޫ، ފަރެސްމާތޮޑާ އަދި އައްޑޫ ހިއްކެންއޮތްއެންމެބޮޑަށްހިއްކާ ރައްޔިތުނަށް ގޯތިދެއްވާ.
އަސަރު69
16 February 2022
މާލޭ ރައްޔިތުންނަކީ ކޮބާ؟ މާލޭ ރައްޔިތުންނަކީ ކޮބައިކަން ފުރަތަމަ ހާމަކޮށްބަލަ. ހުޅުމާލެއިން ފްލެޓްލިބޭއިރަށް މާލޭ ރައްވެއްސަކަށްވުން ލާޒިމްވޭ. އެހެންވީމާ މާލޭ ރައްޔިތުންނަށް ދޭންއުޅޭ ބިމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުމާލޭ ފިޔަވަހި އެކަކުންނާ ފިޔަވަހިދޭކުން ފްލެޓް ލިބުނު މީހުންނަށްވެސް ކުރިމަތި ލެވޭނެތޯ ނުވަތަ ނޫންތޯވެސް ބަލަންޖެހޭ. ހަގީގަތަކީ ހުޅުމާލެ ވިލިމާލެ އަދި މާލޭގެ ރައްވެއްސަކަށްވެފާވާ ހަމަ ހުރިހާ ފަރާތަކަށްވެސް ކުރިމަތިލެވުން.
ޙުސެންގެ ހަސަނު
16 February 2022
ތިޔަ ދަންނަވަނީ ފްލެޓް ނުވަތަ ބިންވެސް ލިބިފައިވާ މީހުން. މާނައަކީ ބޯހިޔާވަހިކަން ލިބިފައިވާ މީހުންނޭ. ޢެކަމަކު ރަށުން ވަޒީފާ ނުލިބިގެން، ބޭސްފަރުވާ ކުރާނެ ގޮތެއް ނެތިގެން ނޫނީ ދަރިންނަށް ކިޔަވާދިނުމުގެ ނިޔަތުގަ އުމުރުދުހު ކުލި ދައްކައިގެން އުޅޭ 'ރާއްޖެތެރޭ' މީހާގެ ހައްގު ކޮބާ؟ މާލޭ މީހާއާއި އެއްވަރަށް ޓެކްސް ދައްކައިގެން އުޅޭއިރު ޓެކްސް ލާރިން ހިއްކާ ބިމުން އެ މީހާއަށް ހައްގުވާ މިންވަރެއް ހަމަ ނެތީތަ؟؟