ވިޔަފާރި / ޓޫރިޒަމަށް 50 އަހަރު ފުރުމުގެ ހަރަކާތްތައް

ޓޫރިޒަމް އާ ޖީލާ ހަވާލު، ބޭނުން ހިސާބަކަށް ކުރިއަށް ގެންދެވިދާނެ: އަފީފު

ރާއްޖޭ ޓޫރިޒަމްގައި ރަަންޔޫބީލް ފާހަގަކުރާ އިރު، ޓޫރިޒަމްގެ ބިންގާ އެޅީއްސުރެ އޭނާ ހުންނެވީ އެ ބިންގާ ދަނީ ރަނގަޅަށްތޯ ބައްލަވަން އެތަނެއްގައި އަމަލީ މަސައްކަތުގަ އެވެ. ފަންސާސް އަހަރުގެ އެ ދިގު ތާރީހުގައި އޭނާ މިހާރު ވަރުބަލި ވެއްޖެ އެވެ.-- މިއީ، ޗަމްޕާ ހުސެއިން އަފީފުގެ ހާއްސަ އިންޓަވިއު އެވެ.

ފަންސާސް އަހަރު ކުރިއަށް ޖެހިލަމާ ހިނގާށެވެ! ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ، އަދި މިހާރު ޓޫރިޒަމްގެ ވަރުގަދަ ވިޔަފާރިވެރިޔާ ޗަމްޕާ ހުސެއިން އަފީފަކީ އެންމެ 21 އަހަރުގެ ޒުވާނެކެވެ. އެއްވެސް ހާސް ކަމެއް، ފިކުރެއް، ހިޔާލެއް ނެތި އޭނާ އުޅުއްވީ މާލެ ތެރޭގައި ކުޅެ ސަކާރަތް ޖެހުމުގަ އެވެ. އެހެން ހުއްޓާ، އޭނާގެ އަތުގައި ހިފީ ނަސީބެވެ. އެކަމަކު އެއީ ނަސީބުކަން މީހަކަށް އެނގޭނީ ވެސް، އެއީ ކިހިނެއްވާ އެއްޗެއްކަން ވެސް އެނގިގެންނެވެ. އަފީފު ވެސް ވިދާޅުވީ އެހެންނެވެ؛ ޓޫރިޒަމަކީ ކޮން އެއްޗެއް ކަން ދަންނަ އެކަކު ވެސް އޭރަކު ނެތެވެ.

ރާއްޖެ ބަލައިލުމުގެ ވާހަކަތައް އިނގިރޭސިވިލާތުގެ ޓުއާ އޮޕަރޭޓަރު ޖޯޖް ކޯބިން އާއި ލަންކާގައި ހުންނެވި، މިހާރުގެ ހެލްތު މިނިސްޓަރު މަސްއޮޑި އަހުމަދު ނަސީމް އޭރު އޮތީ ލަންކާގައި ދައްކަވައިފަ އެވެ. އަފީފާއި ކޮލި މުހައްމަދު އުމަރު މަނިކަށް ކޯބިން ތައާރަފްކޮށްދެއްވީ ނަސީމެވެ.

"އޭރު ވެސް [ޓޫރިޒަމް ފެށުމުގެ ހިޔާލެއް] ކޯބިންގެ އޮތް ހެނެއް އަޅުގަނޑަކަށް ހިޔެއް ނުވޭ. އޭރު އެންމެން ގޮސް މަސް ހިފައި، މޫދަށް އެރި އެހެން އުޅުނީ. ކޯބިން އަކީ އެކްސްޕްލޯ ކުރާ މީހެއް. އޭނާ ބޭނުންވީ ތަފާތު ތަންތަން ތަޖުރިބާކުރަން."

އެކަމަކު، އެ ދަތުރަށް ފަހު ކޯބިން ފުރާ ވަޑައިގަތީ، ތިން ބޭފުޅުންނަށް ހިޔާލެއް ދެއްވައިފަ އެވެ. އެއީ ޓޫރިޒަމް ފެށުމުގެ ހިޔާލެވެ. އޭނާގެ ހިޔާލުގައި ރާއްޖޭގައި ޓޫރިޒަމް ފެށިދާނެ އެވެ. އެހެންވެ ދެން ނިންމީ ރާއްޖެ އަށް ޓޫރިސްޓް ގުރޫޕެއް ގެނެސްގެން އެކަން ތަޖުރިބާ ކުރުމަށެވެ. އިއްޔެ އަކީ، ރާއްޖެ އަށް އެ ގުރޫޕު އައިތާ 50 އަހަރުވީ ދުވަހެވެ.

އެ ގުރޫޕުގެ ޓޫރިސްޓުން ބޭތިއްބީ މާލޭގެ މާގިރި އާއި މ. ކަނީރުވިލާގެ އިތުރުން ފަސްމީރު ގޭގައި ހަދާފައި ހުރި ކޮޓަރިތަކުގަ އެވެ. އެ މީހުންގެ ކަންކަން ބެލެހެއްޓުމުގަ އާއި ކެއިންބުއިމާއި ދަތުރުފަތުރުގެ ކަންތައްތަކުގައި އިސްކޮށް އުޅުއްވީ ވެސް މި ހަތަރު ބޭފުޅުންނެވެ.

"އެމީހުން ގޮވައިގެން ދަތުރު ދިއުން ދެން އޮންނަނީ. ކުރުނބާ އާއި ހުރިހާ ރަށެއް ހިތަކަށް އޮންނަނީ. އެ މީހުން ގޮސް މޫދަށް އެރި ބަޑިޖަހާ އެކަހަލަ ކަންކަން ކުރީ،" އޭނާ ވިދާޅުވި އެވެ.

"ވަރަށް ޕޮޒިޓިވް ކޮމެންޓްތައް ހުރީ އެ މީހުންގެ ފަރާތތުން ލިބިފައި ވެސް."

އަފީފު ވިދާޅުވި ގޮތުގައި ރާއްޖެ އައި 22 މީހުންގެ ގުރޫޕު ހިތް ފުރޭވަރަށް އުފާކޮށްފައި ފުރައިގެން ދިޔައިރު، ރާއްޖޭގައި އެކަން ކުރެވިދާނެ ކަމުގެ ޔަގީންކަން ތިން ބޭފުޅުންނަށް ވެސް އޮތީ ލިބިވަޑައިގެންފަ އެވެ. ކޯބިންގެ ހިޔާލާ އެކު އެއާޕޯޓާ އެންމެ ކައިރީގައި އޮތް ކުރުނބާ ވިލެޖްގައި ރިސޯޓެއް ހަދަން ހުރިހާ ބޭފުޅުން ވެސް އެއްބަސްވެ ވަޑައިގަތެވެ. އޭރު މާލޭގައި އެންމެ މުއްސަނދި އާއިލާގެ ތެރޭގައި ހިމެނޭ ކޮލި އާއިލާ އާއި މަސްއޮޑި އާއިލާގެ ދެ ބޭފުޅަކު ގުރޫޕުގެ ތެރޭގައި ހިމެނި ވަޑައިގަންނަވާތީ، ރިސޯޓެއް ހެދުމުގެ ހުރިހާ ހަރަދެއް ކުރެއްވީ ނަސީމާއި އެމްޔޫ މަނިކެވެ.

"އަޅުގަނޑުގެ އަތަކު އެއްވެސް ފައިސާއެއް ނެތް. އެހެންވީމަ އަޅުގަނޑަކަށް ހަރަދެއް ނުކުރެވޭނެތާ،" އޭނާ ވިދާޅުވި އެވެ.

އެކަމަކު އަފީފުގެ މަސައްކަތް ކުޑައެއް ނޫނެވެ. މުޅި މަޝްރޫއު ހިންގަން ހަވާލުވެެ ހުންނެވީ އޭރު އެންމެ ޅަފުރައިގެ އެ ޒުވާނާ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެންމެ ފުރަތަމަ ދަމާލި ރޯނާ ހިސާބުން ފެށިގެން އެ މަސައްކަތުގެ ތެރޭގައި އޭނާ އުޅުއްވި އެވެ.

"މިހާރު" އަށް އަފީފު ދެއްވި އިންޓަވިއުގެ ތެރެއިން--ފޮޓޯ: ނިޝާން އަލީ/މިހާރު

"އަޅުގަނޑު އުޅުނީ އެކަން ހިންގުމުގައި. އަޅުގަނޑު އެންމެ ފުރަތަމަ އެ ރަށަށް ގޮސް މީހުން ގޮވައިގެން ކަޑަ ޖަހާ ރޯނު ދަމާ އެ ހުރިހާ ކަމެއް ކުރީ. އެ ދެ ބޭފުޅުން [ނަސީމާއި އެމްޔޫ މަނިކު] އުޅުނީ ސަރުކާރުގައި ކަމަށް ވާތީ ޕްރޮޖެކްޓް ހިންގަން އުޅުނީ އަޅުގަނޑު،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އޭރުގެ ވިހަމަނާފުށީގައި ފުރަތަމަ ރިސޯޓް ހަދަން ނިންމުމުގެ ކުރިން ބައެއް ރަށްރަށް ބެލި އެވެ. އޭގެ ތެރޭގައި ހިމެނޭ އެއް ރަށަކީ މީރުފެންފުއްޓެވެ. މީރުފެންފުއްޓަކީ، ފަހުން އަފީފު ފުރަތަމަ ހެއްދެވި ރިސޯޓެވެ.

"އެކަމަކު އޭރު ދަތުރުފަތުރު އޮތް ގޮތުން މީރުފެންފުއްޓަށް ދާން ހަ ގަޑިއިރު ހޭދަވޭ، އެ ދޭތެރޭގައި މީހުން އުޅޭ އެއްވެސް ރަށެއް ނޯވޭ. ކުރުނބާ އަށް ދާން ވެސް ހަތަރު ގަޑިއިރު ހޭދަވޭ ވައި ހުންނަ ގޮތުން ބައެއް ދުވަސްދުވަހު. މީރުފެންފުށި އޭރު އޮންނަނީ ނަސީމްގެ އާއިލާއާ ކޮންމެވެސް ގޮތަކުން ގުޅިފައި އޮންނަ ބަޔަކާ. އެހެންވެ އެ ރަށް ބެލީ. އެކަމަކު ހުރިހާ ގޮތަކުން ވެސް އެންމެ ރަނގަޅުވި ރަށަކީ ކުރުނބާ."

ޓޫރިސްޓުން ގޮވައިގެން ދަތުރެއް ދަނީ. މިއީ އެންމެ ފުރަތަމަ ރިސޯޓު ހިންގި އިރު ޓޫރިސްޓުން ގޮވައިގެން މަސް ދަތުރުދާ ދޯންޏެއް--ފޮޓޯ: ކުރުނބާ ވިލޭޖް

އެއްވެސް ޕްލޭނެއް ނެތް، އޮތްހާ ވެސް އެއްޗަކީ ޝައުގުވެރިކަން

އަފީފު ވިދާޅުވި ގޮތުގައި، ފުރަތަމަ ރިސޯޓްގެ ބިންގާ އެޅީ ވެސް އެއީ ކިހިނެއް ވާކަމެއް ކަން ނޭނގި ތިބެގެންނެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ރިސޯޓް ވުޖޫދަށް އައުމުގައި އެންމެ ބޮޑު ރޯލެއް ކުޅުނީ ޝައުގުވެރިކަމެވެ.

"މުހަންމަދު މަނިކު ވެސް އަދި ނަސީމްގެ ވެސް ނެތް ފައިސާގެ ވިސްނުމެއް. މީގައި ޝައުގުވެރިކަން އޮތް ކަން އެއީ ކާމިޔާބުގެ އަސާސަކީ،" އޭނާ ވިދާޅުވި އެވެ.

"މާލީ ބޮޑު ފައިދާއެއް ހޯދަން ފެށި ކަމެއް ނޫން އެއީ."

އަނެއްކޮޅުން، ޔޫއެންޑީޕީން ވެސް އޭރު ވަނީ ރާއްޖޭގައި ދަތުރުފަތުރު ކުރުމުގައި އޮތް ބޮޑެތި ގޮންޖެހުންތަކާ ހެދި ޓޫރިޒަމަކީ ކުރެވިދާނެ ކަމެއް ނޫން ކަމަށް ވެސް ލަފާ ދީފަ އެވެ. އެހެންވެ، ސަރުކާރުން ވެސް އޮތީ މިއީ ނުކުރެވޭނެ ކަމެއް ކަމަށް ނިންމައިފަ އެވެ.

"މާ ބޮޑު ޕްލޭންތަކެއް ހަދައިގެން މާބޮޑު ރޭވުންތަކެއް ރާވައިގެން، ބޯޑެއްގައި ކުރަހައިގެންނެއް ނޫން މިކަން ކުރީ. އަޅުގަނޑު ހަނދާންވޭ ނަސީމުމެންގޭގައި ތިބެގެން ރިސޯޓުތަކުގެ ރޫމްތައް ހުންނާނެ ގޮތްތައް ކުރެހި ހަނދާން. ސްކެޗްތަކެއް އޭރު ހެދީ، އެންމެންގެ އިންފުޓް ލައިގެން އެކަން ކުރީ،" އޭނާ ވިދާޅުވި އެވެ.

ކުރުނބާ ވިލެޖް 1970 އަހަަރުތަކުގެ ތެރޭގައި -- ފޮޓޯ: ކުރުނބާ ވިލެޖް

އަފީފު ވިދާޅުވި ގޮތުގައި މަސައްކަތް ފެށީ އޭރު ރަށްރަށުގައި ގެދޮރު އިމާރާތް ކުރާ ގޮތަށެވެ. އެއީ ގާ ނަގައިގެން އުވަދަވައިގެން ރާނައި، ފުރާޅުގައި ފަން ޖަހައިގެންނެވެ.

"އޭރު އެކަން ކުރާ ގުރޫޕުތައް އުޅޭނީ. ގާ ނަގާ މީހުން ހޯދައިގެން ގާ ނަގައިގެން، ގާ ތަޅައިގެން އުވަ ގަނެގެން ރާނަން ފެށީ. ދިވެހިން ލައްވާ ހުރިހާ ކަމެއް ވެސް ކުރީ. ފަން ގަނެގެން ފުރާޅުގައި ފަން ޖެހީ،" އޭނާ ވިދާޅުވި އެވެ.

އެކަމަކު ކުރުނބާގެ މަސައްކަތުގެ 30 ޕަސެންޓް ނިމުނުތަނާހެން އަފީފާއި އެމްޔޫ އަދި ނަސީމް ވެސް ޖަލަށް ލި އެވެ. ހައެއްކަ މަހު ބަންދުކޮށްފައި ބޭއްވި ކަމަށް އަފީފު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ހާލަތް ކުރިމަތިވީ ސީދާ ރިސޯޓް ހެދުމުގެ ވާދަވެރިކަމުގެ ތެރެއިންނެވެ. ސަބަބަކީ، އޭރު ސަރުކާރުން، ސީދާ ރައީސް އިބްރާހިމް ނާސިރު އިސްވެ ހުންނަވައިގެން ޓޫރިޒަމްގެ ވިޔަފާރީގެ ތެރެއަށް ވެދެވަޑައިގަތުމެވެ.

އޭރު [ނާސިރު] ބަނޑޮސްގެ މަސައްކަތް ކުރިއަށް ގެންދަނީ. ބޮޑަށް ބެލެވެނީ އޭގެ ވާދަވެރިކަމުގައި ދިން އަދަބެއް ކަމަށް. އެހެން ނޫނީ ކީއްވެތޯ އަހަރެއްހާ ދުވަސް ކުރިން ބޭއްވި ޕާޓީއެކޭ ކިޔާފައި ގެންގޮސް ޖަލަށް ލާންވީ."

"އޭރު [ނާސިރު] ބަނޑޮސްގެ މަސައްކަތް ކުރިއަށް ގެންދަނީ. ބޮޑަށް ބެލެވެނީ އޭގެ ވާދަވެރިކަމުގައި ދިން އަދަބެއް ކަމަށް،" އޭނާ ވިދާޅުވި އެވެ. "އެހެން ނޫނީ ކީއްވެތޯ އަހަރެއްހާ ދުވަސް ކުރިން ބޭއްވި ޕާޓީއެކޭ ކިޔާފައި ގެންގޮސް ޖަލަށް ލާންވީ."

އެ މައްސަލައިގައި އަފީފު އަރުވާލީ ހއ. ތުރާކުނަށެވެ. ދެން ކުރުނބާގެ މަސައްކަތް ކުރީ ނަސީމާއި އެމްޔޫ މަނިކު އާއިލާ އާއި ކޯބިންގެ ފަރާތުން ދިޔަ ބަޔެކެވެ. މިނިވަންވެގެން އެނބުރި މާލެ ވަޑައިގަތް އިރު، ކުރުނބާ ވިލެޖް ހުޅުވައިފި އެވެ. [ކުރުނބާ ވިލެޖް ހުޅުވީ އޮކްޓޫބަރު 3، 1972ގަ އެވެ].

އަފީފު ވިދާޅުވި ގޮތުގައި ބަނޑޮހުގެ މަސައްކަތް ފެށުމުގެ ކުރިން ރައީސް ނާސިރު ވަނީ އެ ރިސޯޓު ހެދުމުގައި ބައިވެރިވެ ވަޑައިގަތުމުގެ ދައުވަތު ނަސީމާއި އެމްޔޫ މަނިކަށް ދެއްވައިފަ އެވެ. އެހެން ނަމަވެސް އެ ހުށަހެޅުން އެ ދެ ބޭފުޅުން ގަބޫލު ނުކުރެއްވުމުން ބަނޑޮސް ހެއްދެވީ ނާސިރުގެ ޓޫރިޒަމް ކުންފުނިންނެވެ.

އަފީފު "މިހާރު" އަށް އިންޓަވިއު ދެއްވަނީ: ރާއްޖޭގެ ޓޫރިޒަމް މާ ބޮޑަށް ވެސް އޮތީ ކުރީގައި ކަމަށް އޭނާ ވިދާޅުވި --ފޮޓޯ: ނިޝާން އަލީ/ މިހާރު

އަފީފު މިނިވަން ވެވަޑައިގަތުމަށް ފަހު ފުރަތަމަ ފަހަރަށް ކުރުނބާގެ ޖެނެރަލް މެނޭޖަރު ކަމާ ހަވާލުވެ ވަޑައިގަތެވެ. އެހާ ހިސާބުން އޭނާގެ ހަގީގީ މަސައްކަތްތައް ފެއްޓެވި އެވެ. ވަކިވަކިން ރިސޯޓުގެ ކަންކަން އޭނާ ބެއްލެވި އެވެ. ރިސޯޓަށް ދާ ޓޫރިސްޓުންނަށް، ކިތަންމެ އުނދަގޫ ހާލަތެއްގައި ވިޔަސް އެންމެ ފުރިހަމަ ހިދުމަތް ދެވޭތޯ މަސައްކަތް ކުރެއްވި އެވެ. ޓޫރިސްޓުންނަށް ހިދުމަތްތައް ދިނުމުގައި ރެއާ ދުވާލު އަމަލީ ގޮތުން ބައިވެރިިވެ ވަޑައިގަތެވެ. އޭނާ ވިދާޅުވި ގޮތުގައި، އޭރު ވެސް އެ މަސައްކަތް ކުރެއްވީ މުސާރައަކަށް ނޫނެވެ.

"އަޅުގަނޑު އެހާ ޒުވާން. ބައިވަރު ފައިސާއެއް ބޭނުމެއް ނުވާނެ ނޫންތޯ. އަނެއްކާ މުހަންމަދު މަނިކު ވެސް ނަސީމް ވެސް އަޅުގަނޑު ބުނާ އެއްޗެއް ދެއްވާނެ. ބޭނުންވިއްޔާ ބޭނުން ވަރަކަށް ނެެގެން ވެސް އޮތީ،" އަފީފު ވިދާޅުވި އެވެ.

ކުރުނބާ ވިލެޖް 1970ގެ ތެރޭގައި -- ފޮޓޯ: ކުރުނބާ ވިލެޖް

ފުރަތަމަ ރިސޯޓް: ރާއްޖޭގައި އެކަން ނުކުރެވޭ ވަރަށް ދަތިކަން އޮތް

ކުރުނބާ ވިލެޖް ހިންގަން އުނދަގުލެއް ނޫނެވެ. އެކަމަކު އުނދަގޫތަކާއި ދަތިކަން ކުރިމަތިވީ ރާއްޖެ އޭރު އޮތް ފަގޫރު ހާލަތުގެ ސަބަބުންނެވެ. ކާބޯތަކެތި ނުލިބުން އެއީ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. އަނެއް ގޮންޖެހުމަކީ ޓޫރިސްޓުން ގެނައުމަށް މުއާމަލާތު ކުރަން ޖެހޭ ގޮތް ދަތި ގޮތެވެ.

"އޭރު އޮންނަނީ އިންޖީނު އެޅި ހައެއްކަ ދޯނި. ބޭރަށް ކޮމިއުނިކޭޓް ކުރަނީ ޕޯސް ކޯޑުން. ޓޫރިސްޓުން އަންނަ ކަން އެނގެނީ ވެސް ޓެލެކޮމިއުނިކޭޝަން ޑިޕާޓްމެންޓް މެދުވެރިކޮށް. ޕޯސް ކޯޑުން ފޮނުވާ މެސެޖު ލަންކާ އަށް ފޮނުވަނީ. ލަންކާ މެދުވެރިކޮށް ކޯބިންމެނަށް އެ މެސެޖު ދާނީ. އެކަން އެގޮތަށް ކުރަން ހައެއްކަ ދުވަސް ނަގާނެ،" އޭނާ ވިދާޅުވި އެވެ.

ޓޫރިސްޓުން އެންމެ ފުރަތަމަ އައި ދުވަސްވަރު ރާއްޖެއިން އެ މީހުންނަށް ބޭނުންވާ ކާބޯތަކެތި ހޯދުމުގައި ވެސް ބޮޑެތި އުނދަގޫތައް ދިމާވި އެވެ. ބޭނުންވާ ތަރުކާރީ އާއި މޭވާއެއް ރާއްޖެއަކުން ނުލިބެ އެވެ. ޓޫރިސްޓުންނަށް ކާން ދިނީ ދިވެހި ކެއުންތަކެވެ. އެ ކެއުންތައް ކަމުނުގޮސްގެން ބައެއް ޓޫރިސްޓުން ފަހުން އަންނަން ފެށީ ސްޕެގެޓީ ފަދަ ތަކެތި ހިފައިގެންނެވެ.

"އަޅުގަނޑު ހަނދާންވޭ ރަށްވަށާ ހިނގައިގެން ކުއްޅަފިލާ ފަތް ބިނދެގެން ގޮސް އެއިން މެންދުރަށް ސެލެޑް ހަދާ ހަނދާން. ހުންޏާ އެއާ އެއްކޮށްގެން ހަދަނީ. ދެން ބަތް. ނޫނީ މަހުން އެއްޗެއް ހަދަނީ. އަލުއްވެއްހާ ހިސާބު ވެސް މާލެއަކުން ނުލިބޭނެ ގަންނާކަށް."

"އަޅުގަނޑު ހަނދާންވޭ ރަށްވަށާ ހިނގައިގެން ކުއްޅަފިލާ ފަތް ބިނދެގެން ގޮސް އެއިން މެންދުރަށް ސެލެޑް ހަދާ ހަނދާން. ހުންޏާ އެއާ އެއްކޮށްގެން ހަދަނީ. ދެން ބަތް. ނޫނީ މަހުން އެއްޗެއް ހަދަނީ،" އޭނާ ވިދާޅުވި އެވެ. "އަލުއްވެއްހާ ހިސާބު ވެސް މާލެއަކުން ނުލިބޭނެ ގަންނާކަށް."

ކުރުނބާ ވިލެޖް 1970ގެ ތެރޭގައި -- ފޮޓޯ: ކުރުނބާ ވިލެޖް

އެކަމަކު އެ އުނދަގޫތައް ގިރާކުރަމުން ގޮސް، ރާއްޖެ ޓޫރިޒަމްގެ މަންޒިލަކަށް ބަދަލުވަމުން އައީ އަފީފު ވިދާޅުވި ގޮތުގައި އޮތް "ވިލް ޕަވާ"އެއްގެ ސަބަބުންނެވެ. އޭނާ ވިދާޅުވި ގޮޮތުގައި ކުރުނބާ ވިލެޖްގައި ގާތްގަނޑަކަށް ފަސް އަހަރު އޭނާ އެންމެ އިސް މަގާމުގައި ހުންނެވި އެވެ. އެ ރިސޯޓްގައި އޭނާ އުޅުއްވަމުން ވެސް ސަރުކާރުގެ އެހެން ބައެއް ރިސޯޓްތައް ހެދުމުގެ މަސައްކަތުގައި އުޅުއްވި އެވެ. އޭގެ ތެރެއިން އެއް ރިސޯޓަކީ މީރުފެންފުއްޓެވެ.

"އަޅުގަނޑު މީރުފެންފުށީގައި ހުއްޓާ އެރަށް ކުއްޔަށް ދޭން އިއުލާންކުރީ. އެ އިއުލާން އޮންނާނެ މިހާރު ވެސް އަޅުގަނޑުގެ އަތުގައި. އަޅުގަނޑަށް ހީވަނީ އަޅުގަނޑު އެކަނިހެން ކުރިމަތިލީ ވެސް. ކުރިމައްޗެއް ނުލާނެ ނޫންތޯ މީހަކު. އެތައް ރަށެއް ހުރަސްކޮށްފައި މާ ދުރުގައި އޮތް ރަށެއް އެއީ،" އަފީފު ވިދާޅުވި އެވެ.

މީރުފެންފުއްޓަށް ފަހު، އަފީފު ދިޔައީ ޓޫރިޒަމްގައި އެކަނިމާ އެކަނި މަޑުމަޑުން ކުރިއަށެވެ. މިހާރު އޭނާއަކީ، ރާއްޖޭގައި ރިސޯޓް ހިންގާ ހަތަރު ކުންފުންޏެއްގެ ޝެއާ ހޯލްޑަރެކެވެ. ޓްރީޓޮޕް ނަމުގައި ހޮސްޕިޓަލަކާއި ލީޒިން ކުންފުންޏެއް ހިންގާ މައި ކުންފުނީގައި ވެސް އަފީފުގެ ހިއްސާ އޮވެ އެވެ. އަދި އޭނާ އަކީ، އާއިލީ ވިޔަފާރި "ޗަމްޕާ ބްރަދާސް"ގެ ވެސް އެއް ހިއްސާދާރެވެ. އަފީފަކީ، ރާއްޖޭގެ އެންމެ މުއްސަނދި އެކަކެވެ.

"އެކަމަކު އަޅުގަނޑުގެ އަމިއްލަ އެއްވެސް ރިސޯޓެއް ވިޔަފާރިއެއް ވެސް ނޯންނާނެ،" އަފީފު ވިދާޅުވި އެވެ.

ދެން އޮތީ އާ ޖީލުގެ މަސައްކަތް، ބޭނުން ހިސާބަކަށް ކުރިއަށް ގެންދަންވީ!

އަފީފު ވިދާޅުވި ގޮތުގައި ޓޫރިޒަމް ދާއިރާ ފެށި އިރު، މިއީ ކިހާ ހިސާބަކަށް ހިނގައިދާނެ ވިޔަފާރިއެއްކަން އެއްގޮތަކަށް ވެސް ސިކުނޑި އަކަށް ނާދެ އެވެ. ސަބަބަކީ، އޭނާ ވިދާޅުވި ގޮތުގައި މިއީ ކޮން އެއްޗެއްކަން ވެސް ނޭނގޭތީ އެވެ. އެކަމަކު، މިހާރު މިއޮތީ، ރާއްޖޭގެ މުޅި އިގްތިސާދުގެ ލޭންޑްސްކޭޕް ޓޫރިޒަމާ އެކު ބަދަލުކޮށްލައިފަ އެވެ. ޓޫރިޒަމް ފެށި 1972 ގައި 1000 ޓޫރިސްޓުން އައިއިރު، މިހާރު ރާއްޖެ އަށް ދެ މިލިއަނާ ގާތަށް ޓޫރިސްޓުން އެބަ އާދެ އެވެ.

ރާއްޖޭގައި މިހާރު 150 އަށް ވުރެ ޓޫރިސްޓް ރިސޯޓު އެބައޮތެވެ. އަދި ގާތްގަނޑަކަށް ހަމަ އެ އަދަދަށް ރިސޯޓުތައް އަންނަނީ ތަރައްގީ ކުރަމުންނެވެ. ފެށި އިރު، ނުވަ ޑޮލަރަށް ކޮޓަރިއެއް ވިއްކަމުން އައިސް، އެ އަދަދުތައް ބޮޑުވެ، މިހާރު ދުވާލަކަށް 10،000 ޑޮލަރަށް ވިއްކާ ކޮޓަރިތައް އެބަހުއްޓެވެ. ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ހިދުމަތް ދޭ ރިސޯޓްތައް އެބަ އޮތެވެ. އަދި ޓޫރިޒަމްގެ ތަފާތު ފަންތިތައް ރާއްޖޭގައި އެބައޮތެވެ. ރާއްޖޭގެ އިގްތިސާދުގެ މައި ނާރަށް ޓޫރިޒަމްވެ، އުފެއްދުންތެރިކަމުގެ ނިސްބަތް ވަނީ އެތައް ގުނައެއް މައްޗަށް ގޮސްފަ އެވެ.

އަފީފް، "މިހާރު" އަށް އިއްޔެ އިންޓަވިއު ދެއްވުމަށް ފަހު މޮބައިލް ފޯނުގެ ބައެއް މެސެޖުތައް ބަލއްވަނީ.---ފޮޓޯ: ނިޝާން އަލީ/ މިހާރު

އެއީ ވަރަށް ބޮޑު ބަދަލެކެވެ. އެކަން އަފީފު ވެސް ގަބޫލު ކުރައްވަ އެވެ. އަދި މި ހިސާބަށް ރާއްޖޭގެ ޓޫރިޒަމް ގެނައުމާއި އިގްތިސާދު ބަދަލުކޮށްލުމުގައި އޭނާގެ ހިއްސާއެއް އޮތް ކަމަށް ވެސް ގަބޫލު ކުރައްވަ އެވެ.

"އެކަމަކު މިއީ ވަރަށް ގިނަ ބައެއްގެ މަސައްކަތް،" އޭނާ އިތުރުކޮށްލެއްވި އެވެ.

އުމުރުން 71 އަހަރުވީ އިރު މިހާރު ވެސް އަފީފު އުޅުއްވަނީ މި މަސައްކަތުގެ ތެރޭގަ އެވެ. އެކަމަކު އޭނާ ވިދާޅުވި ގޮތުގައި ކުރިން އުޅުއްވި ގޮތަށް އަމަލީ ގޮތުން ކަންކަން ކުރުމުގައި މިހާރަކު ނޫޅުއްވަ އެވެ. ނޯވޭގެ ރައްޔިތަކާ ކައިވެނި ބައްލަވައިގެން އުޅުއްވާތީ އާ ވެސް އެކު، މިހާރު ގިނައިން ހޭދަކުރައްވަނީ އެ ގައުމުގައި އާއިލާއާ އެކު އެވެ.

އަފީފު ވިދާޅުވީ މި 50 އަހަރުގެ ތެރޭގައި ރާއްޖޭގެ ޓޫރިޒަމަށް ވެސް ވަރަށް ބޮޑު ބަދަލުތަކެއް އަތުވެއްޖެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނަށް ވަރަށް ބޮޑަށް ތައްޔާރުވާން ޖެހޭ ކަމަށާއި މިހާރު ވެސް ރަނގަޅު ކުރަން ޖެހޭ ކަންކަން އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ހީވަނީ އެންމެ ބޮޑު ކަމަކީ ސާވިސް ރަނގަޅު ކުރުން ހެން މިހާރު. ފައިވް ސްޓާ ފެންވަރަށް ހަދައިފިއްޔާ ފައިވް ސްޓާ ހިދުމަތް ދެވެންވާނެ. މޭން ޕަވާ ރަނގަޅު ކުރުން ހެން އަޅުގަނޑަށް އެންމެ ބޮޑު ކަމަކީ. މީގައި އަޅުގަނޑަށް ހީވަނީ މޭން ޕަވާ ނެތިއްޔާ ނެތްކަން ގަބޫލުކުރުންހެން މުހިންމު ކަމަކީ."

"އަޅުގަނޑަށް ހީވަނީ އެންމެ ބޮޑު ކަމަކީ ސާވިސް ރަނގަޅު ކުރުން ހެން މިހާރު. ފައިވް ސްޓާ ފެންވަރަށް ހަދައިފިއްޔާ ފައިވް ސްޓާ ހިދުމަތް ދެވެންވާނެ. މޭން ޕަވާ ރަނގަޅު ކުރުން ހެން އަޅުގަނޑަށް އެންމެ ބޮޑު ކަމަކީ. މީގައި އަޅުގަނޑަށް ހީވަނީ މޭން ޕަވާ ނެތިއްޔާ ނެތްކަން ވެސް ގަބޫލުކުރުންހެން މުހިންމު ކަމަކީ."

އަަފީފު ވިދާޅުވި ގޮތުގައި ރާއްޖޭގެ ޓޫރިޒަމްގެ ކުރިމަގު އޮތީ ބޭނުން ހިސާބަކަށް ގެންދެވޭ ގޮތަށް ކަމަށެވެ. އުންމީދުތައް އޮތީ ރަނގަޅަށް ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ މި ޖީލަށް ދެއްވީ ނަސޭހަތެކެވެ.

"ދެމެހެއްޓެނިވި ގޮތަކަށް މިކަން ކުރަން ރާވަންވީ. އަޅުގަނޑުމެންގެ ޒުވާން އުމުރުުގައި [މިކަމުގައި] މި އުޅުނީ. މިހާރު މި ޖީލު ވެސް މި ހިސާބުން ނަގައިގެން ގެންދަންވީ. އެ މީހުން ވެސް ކްރިއޭޓް ކުރަންވީ މި ހިސާބުން ފެށިގެން. ގެންދާނެ ހިސާބަކަށް ގެންދަންވީ. އަޅުގަނޑުމެން ދުވި ވަރަށް ވުރެ މާ ބާރަށް ވެސް ދުވަންވީ."

އަފީފް، "މިހާރު" ގެ ނޫސްވެރިންނާ އިއްޔެ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/ މިހާރު

މީގެ 50 އަހަރު ކުރިން، އެޅި ބިންގާ އިން މިއަދު ނުކުތް ނަތީޖާ އާ ދޭތެރޭ ހިތްހަމަޖެހިވަޑައިގަނޭތޯ ދެންނެވުމުން އަފީފު ފުން ނޭވާއެއް ލެއްވި އެވެ.

"މާ ބޮޑަށް ވެސް ރަނގަޅު. މާ ކުރީގައި އޮތީ މާކުރީގައި. ދުނިޔޭގެ ނިސްބަތުން ވެސް އަޅުގަނޑުމެންގެ އޮކިއުޕެންސީ މާ ރަނގަޅު. އެއީ ވަރަށް ބޮޑު އެޗީވްމަންޓެއް."

40 ކޮމެންޓް, 26 ރިއެކްޝަންސް

icon happy icon happy 77%
icon sad icon sad 4%
icon angry icon angry 15%
icon wow icon wow 0%
icon inlove icon inlove 4%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުޑިކާށި

23 February 2022

ޕެންޑެމިކް ފަށާއިރަށް މިލިނިއަރުން ފުރަތަމަވެސް ފަޤީރުވީ، 20 އަހަރުވަންދެން އުޅުނު މުވައްޒަފުން ވަޒީފާއިން ކަނޑާލާ، އަދި ބައެއް މުވައްޒަފުންނަށް ކެޑެން މަޖްބޫރުކުރި.. މިއީ މި ބޭފުޅުންގެ ފެންވަރަކީ،

The name is already taken The name is available. Register?

އާރީ

18 February 2022

ބަލަ ތިބޭފުޅުން ލަދެއް ނުގަނޭތޯ ބިދޭސީން ލައިގެން ރިސޯޓް ހިންގާއިރު. ދިވެހި ރާއްޖޭގެ ގާނޫނު ތަކާވެސް ހިލާފަށް ބިދޭސީން ތި ގެންގުޅެނި

The name is already taken The name is available. Register?

އަލީބެ

17 February 2022

އަފީފުމެން ވަރުބަލިވީއިރު މިކަމަށް ދިވެހިޒުވާނުން ތައްޔާރުކުރެވިފަ ނެތުމަކީ ހިތާމަހުރިކަމެއް. ރާއްޖޭގެ އެއްނަންބަރު އިގްތިސޯދު ދަންނަ ރައްޔިތުން މަދުކަމާމެދު ކަންބޮޑުވަނީ ކިތައްމީހުންތޯ. ދިވެހިކޮންމެ ކިޔަވާކުއްޖަކީ ޓޫރިޒަމްގެ ނޮލެޖުހުރި ދަރިވަރަކަށް ހަދައިގެން ނޫނީ ރާއްޖެއަށް މިކަމުގައި ދެން ކުރިޔަކަށް ނުދެވޭނެ. މިހާރު ޖެހޭނީ އެހެންގައުމުތަކާ ވާދަކުރަން.

The name is already taken The name is available. Register?

ނުވިސްނުނު

17 February 2022

ވަރައް ގިނަމީހުން ބުނޭ ދެތިން މަހުޖަނުން ވެގެން ގައުމު ބަނޑުއަޅާލައިފިއޭ ތިމަންނަމެނައް ކުރިޔައްދާންހުރި ފުރުސަތުތައް ބަންދު ވެއްޖެއޭ. މަށައް ހީވަނީ އެހެން އެބުނާ މީހުންގެ ވިސްނުމުގެ މައްސަލައަކުން ނޫނީ ވަކި މަގްސަދެއް ހާސިލްކުރަން ދައްކާ ވާހަކައެއްހެން އެއީ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

19 February 2022

ކަލެއަށް "ހީއަކަށް" ތިވާހަކަ ދެއްކިކަމުގައިވިޔަސް ޗަމްޕާ އަފީފުގެ ރިސޯޓް ތަކާއި ނޫންނަމަ ކުރައުން ކުންފުނީގެ ރިސޯޓްތަކާއި، ކޮލި މުހައްމަދު މަނިކު ނޫންނަމަ ޔޫނިވާރސަލް ޤުރޫޕާއި ޤާސިމް އިބްރާހިމް (ވިލާ) އަދި ސަންސިޔާމާއި ލިލީގެ ރިސޯޓް ތަކުގައި ވަޒީފާ އަދާކުރިމީހުން އެވާހަކަ ދައްކަނީ "ހީއަކަށް ނޫން" ކަން ކަލެއަށް ޤަބޫލު ކުރަން ދަތިވަނީ ކަލޭގެ އުނިސިފައެއްގެ ސަބަބުންނޫންތޯ؟! ޙަޤީގަތް އޮޅުވާލައިގެން ދާއިމަތް ނުތިބެވޭނެކަން ހަދާންކުރޭ.

The name is already taken The name is available. Register?

ހައްވަ

17 February 2022

ޗަމްޕާމެން ކައިރި އުޅުނު މީހަކު ގެސްޓްހައުސް އެއް މިންވަރު ހުޅުވާލިޔަސް މުޅި މީހާގެ ދިރިއުޅުން ހަލާކު ކުރި. މޮޅުވާހަކަ ދެއްކިދާނެ. ޗަމްޕާމެން ކައިރި މީރުގައި އުޅުނު މެނޭޖަރުންތަކެއް އިތުރު އިންޒާރަކާ ނުލާ ކަނޑާލީ މީހަކަށް ގެސްޓް ހައުސް ޕާޓް ޓައިމްކޮށް މެނޭޖް ކޮށްދިނުމުން. މިހިރީ މިމީހުން މީހުން ޢަޅުވެތިކުރާ ވަރު.

The name is already taken The name is available. Register?

މަބޫ1

18 February 2022

ތީ އަހަރެމެންގެ ވާހަކަ ހެހެހެ

The name is already taken The name is available. Register?

އަމީން1

17 February 2022

ޢާވީ މޯލްޑިވްސް އަކީ ކަލޭމެންގެ ދިރާސާ ކޮއްގެން ހެދިތަނެއް ވީމާތޯ ހަސަދަލައިގެން އެމީހުންގެ ދުވަސްދުއްވާލަން ތިޔަ އުޅެނީ.، އެމީހުން ރައްޔިތުންނަށް ހިއްސާ ދޭން ބުނާތީތޯ ؟؟؟؟؟؟

The name is already taken The name is available. Register?

ޒުވާންކުންނަމަލާ

17 February 2022

ބޮޑުކުއްޔާ ސްޓްޑެންޓްލޯނާ އެކު އަފީފްބޭމެންގެ ލެގަސީ މާ ވަރުގަދަކޮށް ކުރިއަރުވަން ހަވާލުވާނަށް އިންޝާ ﷲ.

The name is already taken The name is available. Register?

ހުސެންް

17 February 2022

އެމީހުންވެސް އޭރުގަ ބުރަކޮށް މަސައްކަތްކޮށް ލޯނުހޯދައިގެންނޭ ކުރިއެރީ. ޒުވާންކުންނަމަލާ އަކީ ޒުވާނުންނަށްހުރި ބޮޑުބިރެއް. ތިމީހުން ބޭނުންވާނީ އެހެންމީހުން ބުރަމަސައްކަތްކޮށްގެން ހޯދާލާރިން ތިމީހުނަށް ބައިއަޅަން. ތިޔަށް އަހަރެމެންކިޔަނީ ފޭރުން. މިއީ އަޖައިބެއްކަހަލަ ޒުވާނުންތަކެއް.

The name is already taken The name is available. Register?

މެދުޖީލު އާޖީލަށް ފުރުސަތު ހަނިކުރާތީ

17 February 2022

2020 ގެ ކުރިންވެސް ދުނިޔޭގެ މޮޅު ކިޔަވައިދޭތަންތަނުން އޮންލައިންކޮށް ކިޔަވައިދޭ. މިގައުމުގެ މީހުން އުޅެނީ އޮންލައިން ތައުލީމްގެ ހުރި ފައިދާތަށް ފޮރުވައި ކުރީޒަމާނަށް ދާން. .

The name is already taken The name is available. Register?

މުރީދޫ

17 February 2022

އަހަރެމެން ޖީލު ހަވާލުވާން މިޖެހެނީ ސުޓޫޑެންޓް ލޯނާއި ކުލީގަ..

The name is already taken The name is available. Register?

ހުސެންް

17 February 2022

ސުޓޫޑެންޓުލޯނު ނުނަގަބަލަ. އޭރުން ރަނގަޅުވާނެ. ދެން ކުލިނުދައްކާ ރަށުގައުޅެބަަލަ. ބީޗުގަ އުނދޯލިހެއްލަން އިނީމަ ނިމުނީއެއްނު. ސުޓުޕިޑު ޔަންގު ޖެނެރޭޝަން.

The name is already taken The name is available. Register?

އަލީބެ

17 February 2022

ކިޔަވާށޭ ކިޔާ ދުވަސްތައް ހުސްނުކޮށް މަސައްކަތަށް ނިކުމެ އެކަމުގެ ތަޖުރިބާހޯދީމަ ކުރިޔަށް ދެވޭނީ. ގައުމުކުރިޔަށްދަނީ ސެޓްފިކެޓް ގިނަ މުސްކުޅިން އުފައްދައިގެނެއްނޫން. މަސައްކަތްތެރި ޒުވާންޖީލެއް އުފައްދައިގެން. ހުޅަނގުގެ ހަންފެތުރުމުގެ ތައުލީމަށް ތިމާގެ އުމުރު ހުސްނުކުރާށޭ

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

17 February 2022

ފެންނާންހުރި ރަނގަޅު ކަންތަކަށްވުރެން ސާބިތުކަމާއިއެކު އަތުންހިފި ލޮލަށް ފެންނާންހުރި ވިޔާނުދާ ގޯސްއަމަލުތައް ގިނަ މީހަކީ ބެންޗް މާކެއްގެ ގޮތުގައި ބަލައިގަންނާންޖެހޭ މީހެއްކަމަށް ކިތަންމެވަރަކަށް ވިސްނަދޭން އުޅުނުކަމުގައިވިޔަސް މަދު ބަޔަކަށް ނޫނީ ޙަޤީގަތް އޮޅުވާނުލެވޭނެ. # ޒުވާންޖީލޭ ބުނާއިރު ތިޔަބުނާ ޒުވާންޖީލަށް ތިބޭފުޅުންގެ ރިސޯޓް ތަލުގައި ފުރުސަތު އޮތްވަރުނޭގޭ ދިވެއްސަކު ނުހުންނާނެ. ސިލޯނު ނުވަތަ ބަންގާޅުންގެދަށުގައި ތިޔަޖީލުމިހާރުވެސް އޮތީ.

The name is already taken The name is available. Register?

ޜަގަޅުމަގު ހިޔާރުކުރައްވާ

17 February 2022

އަބަދުވެސް ދިވެހި ރާއްޖޭގެ ރިޒޯޓުތަށް ހިންގަނީ އެއިރެއގަ ހަދާފަ އޮންނަ ގާނޫނާ ގަވާއިދުތަކު ތެރޭން.. އެއާހިލަފަށް ހިންގުން ނުވަތަ ދިވެހީންނަށްލިބޭ ފުރުސަތުތައް ހަނިވުމުން އަންނަ ނުރުހުން ރެޒޯޓް އޯނަރަށް ބޭލުމަށްވުރެ އެއިރެއގަ އޮންނަ ސަރުކާރައް ބޭލުން މާބުއްދިވެރި..

The name is already taken The name is available. Register?

އަލިފުތާ.

17 February 2022

ރަނގަޅު މަގޭ ބުނާ މީހާ ނުބައިމަގުގައިހުރެ އަދި އެހެންމީހުންވެސް އެމަގަށް ގެންދާން އުޅޭނެ ކަމެއްނެތް. ދީދީ ބުނެފައި އެއޮތީ ކަންހުރިގޮތުގެ ޙަގީގަތް. ދެން ތިބުނަނީ ސަރުކާރޭ... ބަލަ ސަރުކާރުގެ މައްޗަށް އެމީހުން ނުފޫޒު ފޯރުވައި ލާރިއަޅައިގެން އެމީހުން ބޭނުންވާގޮތަށް ކަންކަން ކުރުވަނީ ކަމެއް ނޭގޭތަ ؟

The name is already taken The name is available. Register?

ހުސެންް

17 February 2022

އޮނަރަބްލް އަފީފު ދީދީއަށް ރަނގަޅު އެއްގޮތެއްވެސް ނޯންނާނެ. އޮނަރަބްލް އަފީފު ދީދީ ވެސް ރިސޯޓެއްހަދަނަ ވަރަށް ތާއީދު. އޭރުން އެނގޭނެ ވަޒީފާދެނީ ކިތައް ދިވެހިންނަށްތޯ. ރަނގަޅަށް ވިއްޔާ އޮނަރަބްލް އަފީފު ދީދީ ހަދާރިސޯޓަކަށް އެއްވެސްދިވެއސަކު ނުނަގާނެ. ނަމަވެސް އޮނަރަބްލް އަފީފު ދީދީގއަިގައި ރިސޯޓެއް ހެދޭނެވަރުގެ ހިކުމަތެއްނެތް. ހިހޫތަނުން ކާންއުޅޭމީހެއްތީ. ތިމީހުން ބޭނުންވާނީ ނިދާހޭލާއިރަށް މަންނަ އާއި ސަލްވާ.

The name is already taken The name is available. Register?

ދޭހަވެއްޖެ؟

17 February 2022

ރިސްވަތުދޭ އާއްމު މީހާތަ، ނޫނީ ގައުމެއްގެ ރައްރިތުން ހެކިކޮށް ރިސްވަތު ނުނަގަން ﷲގަންދީ ހުވާކޮށްގެން ހުންނަމީހާތަ ގޯހީ،،

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454