ވިޔަފާރި / ޓޫރިޒަމް

ދިވެހި ޓޫރިޒަމްގެ ބާނީން އެއްތަންވެ ނަގައިދެއްވީ ފިލާވަޅެއް

މިއަދު އެމްއެންޔޫގައި ކުރިއަށް ދިޔަ ޓޯކް ޝޯގައި ރާއްޖޭގެ ޓޫރިޒަމްގެ ބާނީން ކަމަށްވާ ޔުނިވާސަލްގެ ވެރިޔާ މުހަންމަދު އުމަރު މަނިކު (އެމްޔޫ)، ކްރައުން ކުންފުނީގެ ވެރިޔާ ހުސެއިން އަފީފް، ހެލްތް މިނިސްޓަރު އަހުމަދު ނަސީމް އަދި ރާއްޖެއަށް އެންމެ ފުރަތަމަ ޓޫރިސްޓުން ގެނައި އިޓަލީގެ ބޭފުޅެއް ކަމަށްވާ ޖޯޖް ކޯބިން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ:ނިޝާން އަލީ/މިހާރު

މުޅި އިގްތިސާދު ބަދަލުކޮށްލި ޓޫރިޒަމް ރާއްޖެއަށް ތައާރަފްކުރެއްވި ހަތަރު ބާނީން މިއަދު އެއްތަންވެ ވަޑައިގެން ރާއްޖޭގެ ޓޫރިޒަމްގެ އެހާރާއި މިހާރުގެ ވާހަކަ ދައްކަވަމުން ގެންދެވި އިރުއިއުކޮޅުން އެއްކަމެއް ހަނދާކޮށްދެއްވި އެވެ. އެ ބޭފުޅުންގެ އިސްނެންގެވުމުގައި، އެތައް ބައެއްގެ ބައިވެރިވުމާ އެކު ކުރި މަސައްކަތުން ބައި ގަރުނު ތެރޭ ރާއްޖޭގެ ޓޫރިޒަމް ދުނިޔޭގެ ފެންވަރަށް ގެންދެވިފައިވާކަމާއި ދެން އޮތީ މި ޖީލުގެ ޒިންމާކަމެވެ.

ޔުނިވާސަލްގެ ވެރިޔާ މުހަންމަދު އުމަރު މަނިކު (އެމްޔޫ) އާއި ކްރައުން ކުންފުނީގެ ވެރިޔާ ހުސެއިން އަފީފް، ހެލްތް މިނިސްޓަރު އަހުމަދު ނަސީމް އަދި މި ބޭފުޅުންނަށް ކަންކަން ފަހިކޮށްދެއްވައި ރާއްޖެއަށް އެންމެ ފުރަތަމަ ޓޫރިސްޓުން ގެނައި އިޓަލީގެ ބޭފުޅެއް ކަމަށްވާ ޖޯޖް ކޯބިން ބައިވެރިވެ ވަޑައިގެންނެވި ޓޯކް ޝޯ "ޓޫރިޒަމް އަޕްބީޓް-ދި ޕައިނިއާސް ޓޯކް" ގައި ވަނީ ދިމާވި ގޮންޖެހުންކާއި އެ ކަންކަމާ ކުރިމަތިލެއްވި ގޮތް ހިއްސާކުރައްވައިފަ އެވެ.

ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީން އިންތިޒާމުކޮށް، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މޮޑަރޭޓްކޮށްދެއްވި ޝޯގައި ނަސީމް ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމް މި ހިސާބަށް އައި އިރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ދިވެހިންނަށް މި ވިޔަފާރިއަށް ވަނުމުގެ ފުރުސަތު ހަނިވުން ކަމަށެވެ. ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ، ރާއްޖޭގައި އެންމެ މަތީ ފަންތީގެ ޓޫރިޒަމްގެ ފުޅާވެ، ކަނޑައެޅި "ބެންޗްމާކު" ތަކެވެ.

"މިއީ ވަރަށް ސީރިއަސް މައްސަލައެއް. ދިވެހިންނަށް މި ދާއިރާގައި ވިޔަފާރިއެއް ފެށޭ ވަރަށް ވުރެ ރާއްޖޭގެ ސްޓޭންޑާޑް މަތި،" އޭނާ ވިދާޅުވި އެވެ

ނަސީމް ވިދާޅުވީ، މިކަން ބަދަލުކުރަން ޖެހޭ ކަމަށެވެ.

ގައުމީ ޔުނިވަސިޓީގައި ބޭއްވި "ޓޫރިޒަަމް އަޕްބީޓް ޝޯ" އަށް ވަޑައިގެން ބައެއް ބޭފުޅުން. --ފޮޓޯ:ނިޝާން އަލީ/މިހާރު

އެމްޔޫ މަނިކު ވިދާޅުވީ، މީގެ 50 އަހަރު ކުރިން ރާއްޖޭގެ ޓޫރިޒަމް ފެށި އިރު އެކަން ކުރީ މާ ގިނަ ފައިސާ ހުރެގެން ނޫން ކަމަށާއި އޭރު ކޮންސްޓްރަކްޝަން މަސައްކަތާއި ގެސްޓުންނަށް ބޭނުންވާ ހިދުމަތްތައް ދިނުމާއި ރިސޯޓު މެނޭޖް ކުރުމުގައި އުޅުނީ އެއްބައެއް ކަމަށެވެ. ނަމަވެސް މިހާރު ސްޓޭންޑާޓްތަކާއި އުސޫލުތައް މަތިކަމުން މިއީ ކޮންމެ ކޮންމެ މީހަކަށް ވަދެވޭ ދާއިރާއެއް ނޫން ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.

"މިއަދު ރިސޯޓެއް ހެދުމަކީ ވަރަށް ބޮޑު ހަރަދެއް. ވަރަށް އަގު ބޮޑު. އޭރު އަޅުގަނޑުމެންނަށް އެކަން ކުރެވުނީ މެނޭޖްކުރުމާއި ޕްރޮކިއުމަންޓާއި ކޮންސްޓްރަކްޝަން މަސައްކަތްތައް ވެސް އަމިއްލައަށް ކުރުމުން. މިއަދު އެކަން އެހެންނެއް ނުވާނެ. ސްޓޭންޑާޑް ސެޓްކޮށްފައި ހުރިވަރުން މިކަން ކުރަން ވަރަށް އުނދަގޫ. ކުރިން 30 މިލިއަން ޑޮލަރަށް ކުރި މަސައްކަތް މިހާރު ކުރެވެނީ 60 މިލިއަން ޑޮލަރަށް،" އޭނާ ވިދާޅުވި އެވެ.

އެހެންވެ މިކަން ކުރަން ބޭރުގެ އިންވެސްޓަރުންގެ އެހީ ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ދާއިރާއަށް މިވަގުތު ދިމާވާ އެންމެ ބޮޑު އަނެއް އުނދަގުލަކީ ދިވެހި އުފެއްދުންތައް ހޯދުމެވެ. ރިސޯޓުތަކަށް ބޭނުންވާ ތަރުކާރީ އާއި ކާނާ އާއި މަހުގެ ބާވަތްތައް ވެސް އަދިވެސް ރާއްޖޭން ނުލިިބެ އެެވެ. އޭގެ ބޮޑުބައި ގެންނަން ޖެހެނީ ރާއްޖެއިން ބޭރުންނެވެ. ޓޫރިޒަމްގެ ބާނީން ވިދާޅުވަނީ، ރަނގަޅު ފެންވަރުގައި މިތަކެތި ފޯރުކޮށްދޭ ނަމަ ދިވެހިންގެ އުފެއްދުންތަކަށް އިސްކަން ދޭނެ ކަމަށެވެ.

ޓޫރިޒަމް ފައްޓެވުމުގައި އެންމެ އިސްކޮށް އުޅުއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މިހާރުގެ ހެލްތް މިނިސްޓަރު އަހްމަދު ނަސީމް މިއަދުގެ ޝޯގައި. --ފޮޓޯ: ނިޝާން އަލީ/މިހާރު

މަތީ ފަންތީގެ ޓޫރިޒަމް ފެށުނީ އިންޓަނޭޝަނަލް ޗެއިންތަކުން

ރާއްޖޭގައި އެންމެ ފުރަތަމަ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރި ކުރުނބާ މޯލްޑިވްސް ހުޅުވިއިރު ރޫމެއްގެ އަގަކީ ރެއަކަށް ނުވަ ޑޮލަރެވެ. އެކަން ބަދަލުވީ 1980ގެ އަހަރުތަކުގައި ކުރުނބާ މަރާމާތަށް ފަހު ހުޅުވައި ރޫމްތަކުގެ އަގު 150 ޑޮލަރާއި 200 ޑޮލަރަށް މަތި ކުރުމުންނެވެ. އޭގެ ފަހުން ލަގްޒަރީ ފެންވަރުގެ ރިސޯޓުތައް ތަރައްގީކުރަން ފެށި އެވެ.

ރާއްޖެއަށް އެންމެ ފުރަތަމަ އިންޓަނޭޝަނަލް ބްރޭންޑެއް ގެންނެވީ އަފީފްގެ މަސައްކަތުންނެވެ. ކްރައުން ކުންފުނީގައި ކުރެއްވި މަސައްކަތުން، ދުނިޔޭގެ އެންމެ މަޝްހޫރު އެއް ހޮޓެލް ބްރޭންޑް ކަމަށްވާ "ހިލްޓަން" ރާއްޖެއަށް ގެނަ އެވެ.

ކުރުނބާ ވިލެޖް 1970ގެ ތެރޭގައި -- ފޮޓޯ: ކުރުނބާ ވިލެޖް

އެމްޔޫ މަނިކު ވިދާޅުވީ، އަފީފްގެ މަސައްކަތުން ހިލްޓަން ގެނައުމާ އެކު ރާއްޖެއާ މެދު ބޭރުގެ ފަރާތްތަކުން ދެކެމުން އައި ގޮތް މުޅިން ބަދަލުވި ކަމަށެވެ. އޭނާ ވިދާޅުވީ، އެއާ އެކު ބޭރުގެ ލަގްޒަރީ ބްރޭންޑްތަކުން ރާއްޖެއަށް މަޑުމަޑުން ވަންނަން ފެށި އެވެ. އަދި ޓޫރިޒަމް ވިޔަފާރީގައި ބޭރުގެ ކުންފުނިތަކުން ރާއްޖެއަށް އިތުބާރުކުރަން ފެށި ކަމަށް ވިދާޅުވި އެވެ.

"އެއާ އެކު ރާއްޖެއަކީ ބްރޭންޑެއްގެ ގޮތުގައި މަހުޖަނުންނަށް ފެންނަން ފެށި،" އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް ނައި ނަމަ، މިހާރު ރާއްޖޭގެ ޓޫރިޒަމް އޮތް ހިސާބަށް ދިއުމަށް އުނދަގޫވީސް ކަމަށް އެމްޔޫ މަނިކު ގަބޫލުކުރައްވަ އެވެ ސަބަބަކީ އެ ބްރޭންޑްތަކުގެ ސަބަބުން ދުނިޔޭގެ އެކި ގައުމުތަކަށް ރާއްޖެ އެނގިގެން ދިއުމެވެ. އެމްޔޫ މަނިކު ވިދާޅުވީ ޓޫރިސްޓް ރިސޯޓުތައް މެނޭޖްކޮށް ހިންގުމުގެ ވައްޓަފާޅި ވެސް ދަސްކުރީ އިންޓަނޭޝަނަލް ބްރޭންޑްތައް އައި ހިސާބުން ކަމަށެވެ. މެނޭޖް ކުރާނެ ގޮތްތަކާއި މުވައްޒަފުން ގެންގުޅުމުގައި ކަންކަން ކުރާނެ ގޮތް ދަސްވީ އެފަރާތްތަކުގެ އެހީގަ އެވެ.

ކްރައުން ކުންފުނީގެ ވެރިޔާ އަފީފު ވާހަކަދައްކަވަނީ--ފޮޓޯ: ނިޝާން އަލީ/މިހާރު

އަފީފް ވިދާޅުވީ، ޓޫރިޒަމަށް އިންޓަނޭޝަނަލް ޗެއިންތައް އައުމުގެ ކުރިން މުޅި ރިސޯޓު ހިންގުމުގައި އުޅެނީ އާއިލީ ބޭފުޅުން ކަމަށެވެ. އިންޓަނޭޝަނަލް ޗެއިންތަކާ އެކު ދަސްވީ މިކަން ކުރުމުގައި ޕްރޮޕެޝަނަލް ވާން ޖެހޭކަން،" އޭނާ ވިދާޅުވި އެވެ.

"ރިސޯޓު މެނޭޖަރަކަށް ވީ އިރު އޭގެ ކުރިން ދުވަހަކު ވެސް ހޮޓަލަކަށް ގޮސްފައި ނުވާނެ. އެހެންވެ ހުރިހާ ކަމެއް ވެސް ޖެހުނީ ދަސްކުރަން. އެހެންވެ އިންޓަނޭޝަނަލް ޗެއިންތައް އައުމުން މި ދާއިރާގައި ހިދުމަތްދޭނެ ގޮތް އިތުރަށް ދަސްވި،" އަފީފް ވިދާޅުވި އެވެ.

ކުރިއަށް އޮތީ މި ޖީލުގެ 50 އަހަރު

މި އަހަރު ޓޫރިޒަމަށް 50 އަހަރު ފުރުނު އިރު ރާއްޖޭގެ ޓޫރިޒަމް ވަނީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. ރިސޯޓުތަކުގެ އިތުރުން ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތަކާއި ސަފާރީތަކުން ވެސް ޓޫރިސްޓުންނަށް ހިދުމަތްތައް އަންނަނީ ދެމުންނެވެ. ކުރިން އޯފް ސީޒަނާއި ޕީކް ސީޒަން އޮތް ނަމަވެސް މިހާރު އެކަން ވެސް ބަދަލުވެއްޖެ ވެފަ އެވެ.

އަފީފް ވިދާޅުވީ، ޔޫރަޕްގެ ގައުމުތަކުން ފްލައިޓް ޝެޑިއުލްކުރުމުގައި އޭރު ގެންގުޅުނީ ވިންޓާ ދުވަސްވަރާއި ސަމަ ދުވަސްވަރު ދެ ސަރަހައްދަށް ދިއުމަށް ކަމަށެވެ. ނަމަވެސް މިހާރު ރާއްޖެއަށް ކޮންމެ ދުވަސް ވަރަކު ވެސް ޓޫރިސްޓުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.

ޖޯޖް ކޯބިން މިއަދުގެ ޓޯކް ޝޯގައި ވާހަކަދައްކަވަނީ--ފޮޓޯ: ނިޝާން އަލީ/މިހާރު

ރާއްޖޭގެ ކުރިއަށް އޮތް 50 އަހަރަށް ކުރައްވާ އުންމީދާ މެދު ސުވާލުކުރުމުން އެމްޔޫ މަނިކު ވިދާޅުވީ، މިދިޔަ 50 އަހަރު ޓޫރިޒަމް ހިފެހެއްޓުމުގައި އުޅުއްވި ނަމަވެސް ކުރިއަށް އޮތީ މިހާރުގެ ޒުވާނުން ކުރިއަރުވަން ޖެހޭ ފަސް އަހަރު ކަމަށެވެ.

"މި އިންޑަސްޓްރީ ކުރިއަށް ގެންދިއުމުގެ ބާރު މިހާރު އޮތީ ތިބޭފުޅުންގެ އަތްމަތީގައި،" މި ޝޯގައި ބައިވެރިވި ދަރިވަރުންނަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވި އެވެ.

މި ސުވާލަށް އަފީފު ދެއްވި ޖަވާބަކީ މިއަދުގެ ޒުވާނުންގެ ގާބިލްކަން އެބަހުރި ކަމަށާއި އާ ޓެކްނޮލޮޖީއާ އެކު ކުރިއަށް ދިއުމަށް ހުވަފެންތައް ދެކެންޖެހޭ ކަމަށެވެ.

"ދާންވީ ކުރިއަށް. އޭރުން ދާން ޖެހޭ މަގު ސާފުވާނެ،" އޭނާ ވިދާޅުވި އެވެ.

ކޯބިން ވިދާޅުވީ، ރާއްޖެއަކީ ޓޫރިޒަމް ދާއިރާގައި ކުރިއަރަމުން އަންނަ ގައުމެއް ކަމަށާއި ހިދުމަތް ދިނުމުގައި އެންމެ މުހިންމީ ދޭ ހިދުމަތުގެ ފެންވަރު ކަމަށެވެ.

"ހިދުމަތް ދިނުމުގައި ޓޫރިސްޓުން ހިތް ހަމަޖައްސާދޭންވީ. އޭރުން އެ މީހުން އަބަދުވެސް ރާއްޖެ އަންނާނެ،" އޭނާ ވިދާޅުވި އެވެ. އޭނާ ވަނީ ދިވެހިންގެ ހިތްހެޔޮކަމާއި މެހެމާންދާރީން ދުނިޔޭގެ ކޮންމެ ގައުމެއްގެ ޓޫރިޒަމާ ވެސް ވާދަކޮށްލެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

ނަސީމް ވިދާޅުވީ، ޓޫރިޒަމްގެ ދާއިރާ ފެށުނީ ރަނގަޅު ބަޔަކާ އެކު ކަމަށާއި މިހާރު އެކަން ކުރަން ތިއްބެވީ ވެސް ގާބިލް ކުޅަދާނެ ބޭފުޅުން ކަމަށެވެ.

"ޓޫރިޒަމްގެ މުސްތަގްބަލް ވަރަށް އުޖާލާ. މިދާއިރާ އިތުރަށް ފުޅާވާނެ ކަމާ މެދު އެއްވެސް ޝައްކެއް ނުކުރަން،" އޭނާ ވިދާޅުވި އެވެ.

3 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 17%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެމްސް

18 February 2022

ފަތުރުވެރިކަމުގަ، ރަގަނޅު ސިޔާސަތެއް އޮތް ނަމަ ވަކިބަޔެއްގެ ތަރިކަ މުދަލެއް ގޮތަކު އެކަން ދެމިގެނެއް ނުދިޔައީސް! މިއަދު އަދިވެސް އެފަދަ ސިޔާސަތެއް ނެތް، ކިރިޔާވެސް އޮތިއްޔާ އޮތީ ޓެކްސްގެ ސިޔާސަތު! ފަތުރުވެރިކަމުގަ އާމްދަނީން މިޤައުމަށް ވަންނަނީވެސް ވަރަށް ކުޑަ ކުޑަ މިންވަރެއް! ޤައުމުގެ ޕޮލިސީ މޭކަރުންނަށް ފެށުނީއްސުރެވެސް ތިބީ އެފަދަކަމަކަށް ކުފޫ ހަމަވާ ބަޔަކުވެސް ނޫން!

The name is already taken The name is available. Register?

ފައިސާ

18 February 2022

ބާނީން ކައިރީގަ އަހާ ބަލަ ތިތަނުން ކިތައް މީހުންގެ ބޭންކް އެކައުންޓް ރާއްޖޭގަ އޮންނަތޯ؟

The name is already taken The name is available. Register?

ބޭރުވެލާ

18 February 2022

ބާނީން ނަގައިދެއްވި ފިލާވަޅަށް ހުރިހާ ދިވެހިން އަހުލު ވެރިވާނެ...އެއީ ބައި ގަރުނު ފުރުނުއިރު ވެސް މިދާއިރާގަ ތިބީ އެއް އަތުގެ އިގިލިން ގުނާލެވޭހާ މަދު މީސްކޮޅެއް...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454