އިނގިރޭސި ބޮޑުވަޒީރު ޖޯންސަން ޕާލަމެންޓުގައި ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ
22 ފެބުރުއަރީ 2022 - 15:56
ލަންޑަން (ފެބްރުއަރީ 22) - ކޮވިޑާ ގުޅިގެން އިނގިރޭސި ވިލާތުގައި އަޅާފައިވާ ހުރިހާ ފިޔަވަޅުތަކެއް އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އުވާލަން ނިންމައިފި އެވެ.
ބޮޑުވަޒީރު ބޮރިސް ޖޯންސަން ޕާލަމެންޓުގައި ވިދާޅުވީ "ކޮވިޑާ އެކު ދިރިއުޅުން" ޕްލޭނުގެ ދަށުން، ޕޮޒިޓިވްވާ މީހުން ވެސް އެކަހެރި ކުރުން ނިމުމަކަށް ގެންނަވާނެ ކަމަށެވެ. އަދި އެޕްރީލް މަހު 1 އިން ފެށިގެން ކޮވިޑް ޓެސްޓް ހިލޭ ހެދުން ވެސް ހުއްޓާލައްވާނެ ކަމަށް ވިދާޅުވި އެވެ. ބޮޑުވަޒީރު ވިދާޅުވީ ހިލޭ ކޮވިޑް ޓެސްޓް ހެދޭނީ ވަރަށް ނާޒުކު ހާލަތްތަކުގައިވާ މީހުންނަށް އެކަނި ކަމަށެވެ.
އެކަމަކު ބްރިޓިޝް މެޑިކަލް އެސޯސިއޭޝަންުން ބުނީ ކޮވިޑުގެ ނުރައްކާ އެންމެ ބޮޑަށް އޮތް މީހުންނަށް، ބޮޑުވަޒީރުގެ ޕްލޭނުން ރައްކާތެރިކަން ނުލިބޭ ކަމަށެވެ. އިދިކޮޅު ޕާޓީތަކުން ބުނެފައި ވަނީ ކޮވިޑުގެ ފިޔަވަޅުތައް ނިމުމަކަށް ގެންނަން ބޮޑުވަޒީރުގެ ދެލިކޮޕީ އިއުލާން ކުރުން މާ އަވަސް ކަމަށެވެ. އަދި ހިލޭ ޓެސްޓް ކުރުން ހުއްޓާލާތީ ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ޑައުނިން ސްޓްރީޓުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޖޯންސަން އިއްޔެ ވިދާޅުވީ "މިއަދަކީ ކޮވިޑުގެ މައްޗަށް ކާމިޔާބު ހޯދުނު ދުވަހެއްގެ ގޮތުގައި އިއުލާން ކުރެވެން ނެތް ކަމަށާއި ސަބަބަކީ ކޮވިޑް ވައިރަސް އަދިވެސް ފިލައިގެން ނުވާތީ" ކަމަށެވެ. ނަމަވެސް އޮމިކްރޮންގެ ޕީކް މިހާރު ފަހަނަޅައި ގޮސް ކޭސްތައް މަދުވެ ހޮސްޕިޓަލްގައި އެޑްމިޓްކުރާ މީހުން ވެސް މަދުވެފައިވާ ކަމަށް ވިދާޅުވި އެވެ.
ޖޯންސަން ވިދާޅުވީ ކޮވިޑުގެ ސަބަބުން ވޭތުވެދިޔަ ދެ އަހަރު ހޭދަވެގެން ދިޔައީ ކަޅު އަނދިރިކަމެއްގެ ތެރޭގައި ކަމަށެވެ.
ވިންޑްސާ ކާސަލްގެ ބޭރުގައި ޓޫރިސްޓުންތަކެއް ފޭސް މާސްކް އަޅައިގެން: ކޮވިޑުގެ ފިޔަވަޅުތައް އިނގިރޭސި ވިލާތުން ނިމުމަކަށް ގެންނަނީ. --ފޮޓޯ:އޭއެފްޕީ
ކޮވިޑަށް ޕޮޒިޓިވްވާ މީހުން ކަރަންޓީންވުމަށް އޮތް ގާނޫނީ ހުރަސް ނައްތާލި ނަމަވެސް ފަސް ދުވަސް ވަންދެން އެހެން މީހުންނާ ކޮންޓެކްޓް ނުވެ ގޭގައި ތިބުން އެދެވިގެންވާ ކަމަށް އިރުޝާދު ދީފައިވެ އެވެ.
އިންގްލެންޑުގެ ޗީފް މެޑިކަލް އޮފިސަރު ޕްރޮފެސަރު ކްރިސް ވިޓީ ވިދާޅުވީ ކޮވިޑުގެ ފިޔަވަޅުތައް އުވާލަނީ ކުއްލިއަކަށް ނޫން ކަމަށާއި ނިމުމަކަށް ގެންނާނީ ފަހަރަކު ފިޔަވަޅެއް ކަމަށެވެ. ސަބަބަކީ އޮމިކްރޮން ޖެހިފައި ތިބި މީހުންގެ އަދަދު އަދިވެސް ވަރަށް ގިނަ ކަމަށްވާތީ އެވެ. އަދި އާއްމު ސިއްހީ އިރުޝާދަކީ ކޮވިޑް ޖެހިފައި ތިބި މީހުން އެކަހެރިވެގެން އުޅުން ކަމަށް ކްރިސް ވިދާޅުވި އެވެ.
ނޭޝަނަލް ސްޓެޓިސްޓިކްސް އޮފީހުން މިދިޔަ ހަފުތާގައި ހާމަކޮށްފައިވާ ގޮތުގައި އިންގްލެންޑުގެ ކޮންމެ 20 މީހަކުން އެކަކަށް ވަނީ ކޮވިޑް ޖެހިފަ އެވެ.
އިނގިރޭސި ސަރުކާރުގެ ޗީފް ސައެންޓިފިކް އެޑްވައިޒަރު ޕެޓްރިކް ވެލަސް ވިދާޅުވީ ކުރިއަށް އޮތް އަހަރުތަކުގައި ވައިރަސް އިވޯލްވަމުންދާނެ ކަމަށާއި ކުރިމަގުގެ ވޭރިއަންޓްތައް އޮމިކްރޮން އަށް ވުރެ ނުރައްކާނުވާނެ ކަމުގެ ގެރެންޓީއެއް ނެތް ކަމަށެވެ. އެހެންވެ ވައިރަސްގެ ނުރައްކާ އޮތް މިންވަރު ދެނެގަތުމަށް ސާވައިލެންސް ސިސްޓަމެއް ގެންގުޅުން މުހިންމު ކަމަށް ވިދާޅުވި އެވެ.
އިނގިރޭސި ވިލާތުގެ 12 އަހަރުން މަތީގެ އާބާދީގެ 91 ޕަސެންޓް މީހުން ވަނީ ކޮވިޑުގެ އެއް ޑޯޒް ވެކްސިން ފުރިހަމަކޮށްފަ އެވެ. އަދި 85 ޕަސެންޓް މީހުން ވަނީ ދެ ޑޯޒް ޖަހައިފަ އެވެ. ތިން ވަނަ ޑޯޒް ނުވަތަ ބޫސްޓާ ޖަހާފައި ވަނީ 66 ޕަސެންޓް މީހުންނެވެ.
އިނގިރޭސި ވިލާތުން ވަނީ 18.6 މިލިއަން މީހުން ކޮވިޑަށް ޕޮޒިޓިވްވެ 160,610 މީހުން މަރުވެފަ އެވެ. ހޯމަ ދުވަހު އެ ގައުމުން ޕޮޒިޓިވްވެފައި ވަނީ 38,409 މީހުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދު
22 February 2022
އިންޑިއާއަށް ހަނދު ފެނުނީމަ އަހަރުމެން ރޯދަ ހިފަން ފަށާނީ ވެސް. ކޮވިޑް ކަންތަކުގައި ވެސް ތަބާވާނީ އިންޑިއާއަށް.
ސުވ
22 February 2022
ހޮހޮހޯ! މިވަނީ ކިހިނެތްބާ؟ އިހަކަށްދުވަހަކު ރާނީޕޮޒިޓިވްވީ. މިހާރު މިދައްކަނީ ހުރިހައި ފިޔަވަޅުތަކެއް އުވާލާވާހަކަ. ދެކޮޅެއްނުޖެހޭ. ކޮވިޑުއޮބިއަޅައިގެން ބޭނުންވިވަރަށް ފެލައިލެވުނީބާ؟
ޑަންޑަން
22 February 2022
ދިވެހިގައުމަށްވެސް ބޭނުންވަނީ ބޮރިސްފަދަ ލީޑަރެއް.
ޢެޑްމުންޑޯ
22 February 2022
މިރޢްޖޭގައި ރަސްމީކޮށް އިއުލާން ނުކުރިއަސް މިހާރު މިއޮތީ ދޫކޮއްލެވިފައި ، ގިނަބަޔަކު ކޮވިޑާއިއެކު އުޅެންވަނީ ފަރިތަވެފައި ، މިހާރު ރާއޖޭގައި ކޮޥިޑް ޕްޒިޓިވް ވިއަސް ކަރަންޓީން ނުވެ އެތެއްބަޔަކުއުޅޭ ޚާއްސަކޮށް މާލޭގައި ގިނަބަޔަކު ކަރަންޓީންނުވޭ ، ދަތުރުފަތުރު ކުރުމުގައިވެސް އެއޮތީ ލުއިދީފައި ، ދެން ކޮވިޑްގެ ވާހަކަ ނުދައްކާ އަމިއްލަސިއްހަތަށް އެމީހަކު ބަލާގެން އުޅުނީމާ ރަގަޅުވާނެ ،،،،
އޮނަރަބްލް އަފީފު ދީދީ
22 February 2022
ކ.އަތޮޅު މާލޭގައި ހަދާގޮތަށް ލަންޑަނުން އިޤިރޭސިވިލާތުގެ އެހެން ސިޓީތަކަށް ދަތުރު ފަތުރުކުރާ ޤައުމުގެ ރަށްވެހިން ބޮޑުއަގުދީފައި ޕީސީއާރުވެސް ހަދާން ނުޖެހޭ ގޮތަށްތޯ ތިޔަ ބަދަލު ގެންނަވަނީ!!
ޑޮކްޓަރު
22 February 2022
މި ރާއްޖޭން މިކަމެއް ނުކުރާނެ. އޭރުން މި އުޅޭ އަލީ ލަތީފުންނާއި އެހެން ޑޮކްޓަރުންގެ ވިޔަފާރި ހުއްޓިދާނެ