ދުނިޔެ

ޔޫކްރޭން ހަނގުރާމަ: މައްސަލައަކީ ކޮބާ؟

ރަޝިޔާ އިން ބުނާ ގޮތުގައި ޔޫކްރޭނުން ދަނީ އެމެރިކާ އާއި ނޭޓޯގެ ގައުމުތަކާ ގުޅިގެން ރަޝިޔާގެ ގައުމީ ސަލާމަތަށް ނުރައްކާ ކުރަމުން. އަދި ދޮންބާސް ސަރަހައްދާއި ކްރީމިއާ ސަރަހައްދުގައި އިންސާނިއްޔަތާ ހިލާފު އަމަލުތައް ހިންގަމުން

27 ފެބުރުއަރީ 2022 - 14:58

13 comments

ރަޝިޔާ ސިފައިން ޔޫކްރޭނަށް އަރައި ހަމަލާތަކެއް ދޭން ފެށީ، މިދިޔަ ބުރާސްފަތި ދުވަހުގެ ފަތިހުގެ ވަގުތުގަ އެވެ. ރަޝިޔާގެ އެއްގަމު ސިފައިންގެ ލަޝްކަރާއި ކަނޑުގެ ސިފައިންގެ ލަޝްކަރާއި ވައިގެ ސިފައިންގެ ކަޝްކަރު ބައިވެރިވާ މި ހަނގުރާމައިގެ ހަގީގީ އަމާޒަކީ ކޮބައިކަން ނޭނގޭ ކަމަށް، ޔޫކްރޭނާއި އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ބުނެ އެވެ.

ރަޝިޔާ ސިފައިން އެންމެ ފުރަތަމަ ވެސް ވައިގެ މަގުން ހަމަލާތައް ފެށީ، ޔޫކްރޭންގެ ވައިގެ ދިފާއީ ނިޒާމުތައް ނައްތައިލުމަށެވެ. އެއަށް ފަހު އެއްގަމާއި ކަނޑުމަގުން ވެސް ވެރިރަށް ކިޔޭވް އަށް ވަރުގަދަ ހަމަލާތަކެއް ދޭން ފެށި އެވެ. ރަޝިޔާ ސިފައިން ޔޫކްރޭނަށް ހަމަލާތައް ދެމުން ދަނީ މައިގަނޑު ތިން ދިމާލަކުންނެވެ.

އެއީ ޔޫކްރޭންގެ އިރުމަތިން ރަޝިޔާއާ ގުޅޭ ސަރަހައްދުންނާއި ޔޫކްރޭންގެ އުތުރުން އޮންނަ ބެލާރޫސްގެ ތެރެއިންނާއި، ޔޫކްރޭންގެ ދެކުނުން ކްރީމިއާގެ ތެރެއިންނެވެ. އިރުމަތީ ސަރަހައްދުން ހަމަލާތައް ދިނީ އެސަރަހައްދުން އަމިއްލަ އަށް މިނިވަންކަން އިއުލާންކޮށް، ރަޝިޔާ އިން އެކަން ގަބޫލުކުރި ލުހާންސްކް ޖުމްހޫރިއްޔާ އާއި ޑޮނެޓްސްކް ޖުމްހޫރިއްޔާގެ ތެރެއަށް ފޮނުވާފައި ތިބި ރަޝިޔާ ސިފައިންނެވެ.

ދެކުނުން ހަމަލާތައް ދޭން ފެށީ ކްރީމިއާގައި ތިބި ރަޝިޔާ ސިފައިންނެވެ. ކްރީމިއާ އަކީ، ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާއަތްތަކަށް ރަޝިޔާ އިން އެހީތެރިވެގެން، 2014 ވަނަ އަހަރު ރަޝިޔާ އިން ހިފާފައިވާ ޔޫކްރޭންގެ ސަރަހައްދެކެވެ.

ޔޫކްރޭންގެ މައްސަލައަކީ ކޮބާ؟

ރަޝިޔާ އިން ޔޫކްރޭނަށް ހަމަލާ ދޭންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށް އެމެރިކާ އާއި ނޭޓޯ އިން ބުނާއިރު، އެކަމުގެ ހަގީގަތް އެންމެ ބޮޑަށް އެނގޭނީ ވެސް އެމެރިކާ އާއި ނޭޓޯއަށެވެ. ޔޫކްރޭން މައްސަލައިގެ ހަގީގަތް ފެށެނީ، 1991 ވަނަ އަހަރު ކުރީގެ ސޯވިއެޓް ޔޫނިއަން ރޫޅި، އެ ޔޫނިއަންގެ 15 ޖުމްހޫރިއްޔާ ވަކިވަކިވި ހިސާބުންނެވެ.

ދެ ވަނަ ބޮޑު ހަނގުރާމަ އަށް ފަހު ހުޅަނގާއި އިރުމައްޗާ ދެމެދު އަސްކަރީ ވާދަވެރިކަމުގައި އުފެދުނު ފިނި ހަނގުރާމަ 1991 ގައި ނިމި، ސޯވިއެޓް ޔޫނިއަންގެ ޖުމްހޫރިއްޔާތައް މިނިވަންކަން އިއުލާންކުރުމާ ގުޅިގެން، އެމެރިކާ އާއި ނޭޓޯ އިން މަސައްކަތް ފެށީ، އެ ޔޫނިއަނުން ވަކިވި ގައުމުތައް ރަޝިޔާއާ ދުރުކޮށް، ހުޅަނގާ ކައިރި ކުރުމަށެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ ގައުމުތައް އަދިވެސް ސޯވިއެޓް ޔޫނިއަންގެ ސޯޝަލިސްޓް ފިކުރިއްޔާތުން މިންޖެއް ނުވެ އެވެ.

އެމެރިކާގެ އެ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެން ދިޔައީ، 2014 ވަނަ އަހަރު ޔޫކްރޭންގައި އޮތް ރިއާސީ އިންތިހާބުގައި ހުޅަނގުގެ ސިޔާސީ ނިޒާމަށް ތާއީދުކުރައްވާ ވޮލޮޑިމީރް ޒެލެންސްކީ ކާމިޔާބު ހޯއްދެވި ހިސާބުންނެވެ. ޒެލެންސްކީގެ ކާމިޔާބާ އެކު، އެ ގައުމުގެ އެކި ސަރަހައްދުތަކުގައި އިދިކޮޅު މުޒަހަރާތައް ފެށުނެވެ.

އޭގެ ތެރެއިން އެންމެ ވަރުގަދަ މުޒާހަރާތަކެއް ކުރީ، ޔޫކްރޭނުން ވަކިވުމަށް މަސައްކަތް ކުރަމުން އަންނަ ދެކުނުގެ ކްރީމިއާ ސަރަހައްދުގަ އެވެ. އެ މުޒާހަރާތަކުން ވާގި ލިބި، އަދި ވަކިވެގަތުމަށް މަސައްކަތްކުރާ ހަނގުރާމަވެރިންގެ ތާއީދާއެކު ރަޝިޔާ ސިފައިން 2014 ވަނަ އަހަރު ކްރީމިއާ އަށް އަރައި އެ ސަރަހައްދުގެ ބޮޑު ބައެއް ރަޝިޔާގެ ބާރުގެ ދަށަށް ގެނަ އެވެ.

އޭރުންސުރެ ޔޫކްރޭނުން ވަކިވެގަތުމަށް މަސައްކަތް ކުރަމުން އަންނަ އަނެއް ސަރަހައްދަކީ ޔޫކްރޭންގެ އިރުމަތީގައި އޮންނަ ޑޮންބާސް ސަރަހައްދެވެ. އެ ސަރަހައްދުގައި އޮންނަ ލުހާންސްކް ޖުމްހޫރިއްޔާ އާއި ޑޮނެޓްސްކް ޖުމްހޫރިއްޔާގެ ބޮޑު ބައެއް އޭރުން ފެށިގެން ވެސް އޮންނަނީ، ވަކިވެގަތުމަށް މަސައްކަތް ކުރާ ހަނގުރާމަވެރިންގެ ބާރުގެ ދަށުގަ އެވެ.

އަދި އެ ދެ ޖުމްހޫރިއްޔާގެ ހަނގުރާމަވެރިންނަށް ރަޝިޔާ ސިފައިން އަންނަނީ ފުރިހަމަ އަސްކަރީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެ ދެ ޖުމްހޫރިއްޔާއަކީ ވެސް ބައިނަލްއަގުވާމީ ހަމަތަކުގެ މަތިން ބަލާއިރު ޔޫކްރޭންގެ އިމުގެ ބަޔަކަށް ވާތީ، ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާއަތްތަކާ ދެކޮޅަށް ޔޫކްރޭނުން އަބަދުވެސް ހަމަލާތައް ދެ އެވެ.

ޔޫކްރޭނުގައި މިހާރު އޮތް ސަރުކާރުން އެމެރިކާއާ އެކުގައި ގާތް ގުޅުމެއް ބާއްވަން ބޭނުންވާ އިރު، ޑޮންބާސް ސަރަހައްދާއި ކްރީމިއާ ސަރަހައްދަކީ، ރަޝިޔާއާ އެކުގައި ގާތް ގުޅުމެއް ބާއްވަން ބޭނުންވާ ދެ ސަރަހައްދެވެ.

ނޭޓޯ އާއި ވޯސޯގެ ވާދަވެރިކަން

ދެ ވަނަ ބޮޑު ހަނގުރާމަ ނިމިދިއުމަށް ފަހު، އެމެރިކާ އާއި ޔޫރަޕްގެ ގައުމުތައް ހިމަނައިގެން، އަސްކަރީ އެއްބާރުލުމާ ގުޅޭ ގޮތުން އެމެރިކާ އިސްވެ އޮވެ، 12 ގައުމެއް ބައިވެރިވެގެން 1949 ވަނަ އަހަރު އުފެއްދި ޖަމިއްޔާ އެކެވެ. މިއަދު އެ ޖަމިއްޔާގެ މެމްބަރު ގައުމުތަކުގެ އަދަދަކީ 30 އެވެ. އެއީ ޔޫރަޕްގެ 28 ގައުމަކާއި އެމެރިކާ އާއި ކެނެޑާ އެވެ.

ނޭޓޯގެ މައިގަނޑު ސިޔާސަތަކީ އެމެރިކާގެ ސިޔާސަތު ކަމަށްވެފައި، އިރުމަތީ ގައުމުތަކާ ނުވަތަ ސޯޝަލިސްޓް ގައުމުތަކާ ވާދަވެރި ސިޔާސަތަކަށް ވާތީ، ރަޝިޔާ އާއި ޗައިނާ އަދި ޔޫގޮސްލޭވިއާ ފަދަ ގައުމުތަކަށް އެކަން ގަބޫލެއް ނުކުރެވުނެވެ. އެހެންކަމުން، ނޭޓޯއާ ވާދައަށް، ސޯޝަލިސްޓް ފިކުރިއްޔާތުގެ ގައުމުތައް ބައިވެރިވެގެން، ރޫސީ ވިލާތުގެ (ކުރީގެ ސޯވިއެޓް ޔޫނިއަން)ގެ އިސްނެގުމާއެކު، އިރުމަތީ އަދި މެދުތެރޭ ޔޫރަޕްގެ އިތުރު ހަތް ގައުމު ހިމެނޭ ގޮތަށް ވޯސޯ ޕެކްޓް މުއާހަދާ އެކުލަވާލައި، ވޯސޯ ޓްރީޓީ އޯގަނައިޒޭޝަން އުފެއްދި އެވެ.

އެއީ ފިނި ހަނގުރާމައިގެ ތެރޭގައި 1955 ވަނަ އަހަރު އެވެ. މިއީ ނޭޓޯގެ އަސްކަރީ އުދުވާނަކުން ދިފާއުވުމުގެ ގޮތުން، މެދުތެރޭ އަދި އިރުމަތީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ސޯޝަލިސްޓް ފިކުރުގެ ގައުމުތައް އެކުލަވައިލި ޖަމާއަތެކެވެ. ވަކިން ހާއްސަކޮށް، ކުރީގެ ހުޅަނގު ޖަރުމަން މެއި 5، 1955 ގައި ނޭޓޯއާ ގުޅުމުގެ ސަބަބުން، ނޭޓޯ އިތުރަށް ފުޅާވެދާނެ ކަމުގެ ބިރު ސޯވިއެޓް ޔޫނިއަނަށް އުފެދުމާ ގުޅިގެންނެވެ.

ނޭޓޯއާ ވާދައަށް ވޯސޯ އުފެއްދި ނަމަވެސް، 1991 ވަނަ އަހަރު ކުރީގެ ސޮވިއެޓް ޔޫނިއަން ރޫޅިގެން ދިއުމާ އެކު، ވޯސޯ ވެސް ކަފުންކޮށް ވަޅުލާން ޖެހުނެވެ. ނަތީޖާއަކަށްވީ، ނޭޓޯއާ ވާދަކުރާނެ އަސްކަރީ ޖަމާއަތެއް ރަޝިޔާގެ މުށުތެރޭގައި ނެތުމެވެ.

ޔޫކްރޭންގެ އާދޭސް ނޭޓޯ އަށް

ކުރީގެ ސޯވިއެޓް ޔޫނިއަން ރޫޅިއްޖެ ކަމަށް، 1991 ވަނަ އަހަރު އެންމެ ފުރަތަމަ އިއުލާންކުރި ތިން ގައުމަކީ، އެ ޔޫނިއަން އުފެއްދުމުގައި އިސް ދައުރެއް އަދާކުރި އެންމެ ބޮޑު ތިން ޖުމްހޫރިއްޔާ ކަމަށްވާ ރަޝިޔާ އާއި ޔޫކްރޭނާއި ބެލަރޫސް އެވެ. ސޮވިއެޓް ޔޫނިއަން ރޫޅި، ވޯސޯ ވެސް ނެތިދިއުމާއެކު، ޔޫކްރޭނުން 1992 ވަނަ އަހަރު ނޭޓޯއާ ގާތް ގުޅުމެއް އުފައްދަން ފެށި އެވެ.

ނޭޓޯގެ މެމްބަރުކަން ހޯދުމަށް ޔޫކްރޭނުން ރަސްމީކޮށް ހުށަހެޅީ 2008 ވަނަ އަހަރު އެވެ. ނަމަވެސް 2010 ވަނަ އަހަރު އޮތް ރިއާސީ އިންތިހާބުގައި، ސޯޝަލިސްޓް ފިކުރުގެ ވިކްޓާ ޔަނުކޮވިޗަށް ކާމިޔާބު ލިބިވަޑައިގަތުމަ އެކު، ނޭޓޯގެ މައްސަލަ އެއްފަރާތްކޮށް، ރަޝިޔާއާ ގާތް ގުޅުމެއް އުފައްދަން ފެށި އެވެ.

ނަމަވެސް އެކަން ދެމިއޮތީ އެންމެ ހަތަރު ވަރަކަށް އަހަރު ވަންދެނެވެ. ޔޫކްރޭންގައި 2014 ވަނަ އަހަރު ބޭއްވި ރިއާސީ އިންތިހާބުގައި ޔަނުކޮވިޗް ބަލިކުރައްވައި، މިހާރުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ކާމިޔާބު ހޯއްދެވުމާ ގުޅިގެން، ނޭޓޯގައި ބައިވެރިވުމުގެ މައްސަލަ އަށް އިތުރު ދިރުމެއް ލިބުނެވެ. އެއާ އެކު ރަޝިޔާ އާއި ޔޫކްރޭނާ ދެމެދު ވަރަށް ބޮޑަށް ގުޅުން ގޯސްވެގެން ދިޔަ އެވެ.

ރައީސް ވޮލޮޑިމީރް ޒެލެންސްކީ

އެ ގުޅުން ހީނަރުވެ ޔޫކްރޭންގެ ސިޔާސީ އޮއިވަރު ހުޅަނގަށް ދަމަން ފެށުމުން، ރަޝިޔާގެ ކެތްތެރިކަން ކޮޅުންލައިގެން ދިޔަ އެވެ. ޔޫކްރޭންގެ ސިޔާސަތަށް އައި މި ބަދަލާއެކު، އެ ގައުމުން ވަކިވެގަތުމަށް މަސައްކަތް ކުރަމުން އައި ޖަމާއަތްތަކުގެ ރުޅިވެރިކަން އިތުރުވެ، ރަޝިޔާގެ އިތުރު މަދަދާއި އެހީތެރިކަމަށް އެދެން ފެށި އެވެ.

ނަތީޖާއަކަށްވީ، 2014 ވަނަ އަހަރު، ޔޫކްރޭންގެ ދެކުނު ސަރަހައްދު، ކްރީމިއާ ހިފައި ރަޝިޔާގެ ބައެއް ކަމުގައި ކަނޑައެޅުމެވެ. އަދި ޔޫކްރޭންގެ އިރުމަތީ ސަރަހައްދުން އަމިއްލަ އަށް މިނިވަންކަން އިއުލާންކޮށްގެން އުޅޭ ލުހާންސްކް ޖުމްހޫރިއްޔާ އާއި ޑޮނެޓްސްކް ޖުމްހޫރިއްޔާގެ މިނިވަންކަން، މިދިޔަ ބުރާސްފަތި ވިލޭރެ ރަޝިޔާ އިން ގަބޫލުކުރުމެވެ.

މިއަދާ ހަމައަށް އައި އިރު ވެސް ޔޫކްރޭނަށް ނޭޓޯގެ މެމްބަރުކަން ދޭން އެ ޖަމިއްޔާއަކަށް ނުކެރުނެވެ. ހަމަ އެންމެ ސަބަބަކާ ހުރެ އެވެ. ރަޝިޔާއާ އިންވެގެން އޮވެފައި، އެކަމާ ދެކޮޅަށް ރަޝިޔާ އިން އަޅަމުންދާ ފިޔަވަޅުތަކެވެ. އެމެރިކާ އާއި ނޭޓޯ ކިތަންމެ ހަށި ފުއްޕާފައި އުޅުނަސް، ރަޝިޔާގެ އިމާ ހަމައަށް ނޭޓޯ ފުޅާކޮށްލަން އަދިވެސް ޖެހިލުންވެ އެވެ. މިހާތަނަށް ވެސް ޔޫކްރޭން އެއޮތީ ނުކުރެވުނު ކާވެންޏަކަށް ރަން ކިޔަިއގެންނެވެ.

އެމެރިކާ އާއި ނޭޓޯގެ ހިމޭންކަން

ބަރު ހަތިޔާރާއި ޒަމާނީ ހަތިޔާރުތަކާ އެކު، ރަޝިޔާ ސިފައިން ޔޫކްރޭންގެ އިމާ ގާތަށް ޖަމާކުރަން ފެށީ ހުސްވި އަހަރުގެ ފަހުކޮޅުގެ ތެރޭގަ އެވެ. މިއުޅެނީ ޔޫކްރޭނަށް އަރަންކަން އެމެރިކާ އާއި ވިލާތުގެ ގައުމުތަކަށް އޭރު ވެސް އެނގެ އެވެ. ނަމަވެސް ރަޝިޔާ އިން ފާޅުގައި އެކަމަށް ކުރީ އިންކާރެވެ.

ޔޫކްރޭނަށް ހަމަލާއެއް ނުދިނުމަށާއި، ހަމަލާއެއް ދީފި ނަމަ ހީނުކުރާހާ ނުބައި ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ ކަމަށް އެމެރިކާ އިން އިންޒާރު ކުރަމުން ދަނިކޮށް، ހަނގުރާމައިގެ ފުރަތަމަ ފިޔަވަޅު އެޅި އެވެ. އެއީ ޔޫކްރޭންގެ އިރުމަތީ ސަރަހައްދުން އަމިއްލަ އަށް މިނިވަންކަން އިއުލާންކުރި ލުހާންސްކް ޖުމްހޫރިއްޔާ އާއި ޑޮނެޓްސްކް ޖުމްހޫރިއްޔާގެ ވެރިންނާއެކު، އެ ދެ ޖުމްހޫރިއްޔާގެ މިނިވަންކަމުގެ މުއާހަދާއެއްގައި ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ސޮއި ކުރެއްވުމެވެ.

އެ ސޮޔާއެކު ދެން ރައީސް ޕުޓިން ނެރުއްވީ ކްރީމިއާ އަށް ރަޝިޔާ ސިފައިން އެރުމުގެ އަމުރެވެ. އެއީ، މިނިވަންކަން އިއުލާން ކުރި ދެ ޖުމްހޫރިއްޔާގައި ސުލްހަ ގާއިމުކުރުމުގެ ނަމުގައި އެ ސަރަހައްދަށް ފޮނުވި ސިފައިންނެވެ. އެންމެ ފަހުން އެއްގަމާއި ކަނޑާއި ވައިގެ މަގުން އެއްފަހަރާ ޔޫކްރޭނަށް ހަމަލާ ދޭން ފެށި އެވެ.

ހަނގުރާމަ ހަތަރު ވަނަ ދުވަހަށް ދެމިގެން ދިޔައިރު، އެމެރިކާ އާއި ނޭޓޯގެ ގައުމުތައް އޮތީ ކުޅި ބަލާށެވެ. ރަޝިޔާގެ އަސްކަރީ ގާބިލުކަން ވަޒަންކުރެވޭތީ ނުވަތަ ވަޒަންކުރަން ރަނގަޅަށް ނޭނގޭތީ، ރަޝިޔާއާ ދެކޮޅަށް އަސްކަރީ ކުރިމަތިލުމެއްގައި ބައިވެރިވާން އެމެރިކާ ވެސް އަދި ނޭޓޯ ވެސް ބޭނުމެއް ނުވެ އެވެ.

ޔޫކްރޭން ކިތަންމެ އާދޭހެއް ކުރިޔަސް، ނޭޓޯގެ މެމްބަރުކަން ދީފައި ނުވާތީ، ނޭޓޯ އަށް ވެސް މި ހަނގުރާމައިގައި ރަޝިޔާއާ ދެކޮޅަށް ބައިވެރިވުމުގެ ސަބަބެއް ދެއްކޭކަށް ނެތެވެ. އެހެން ނޫން ނަމަ، ނޭޓޯގެ މެންބަރު ގައުމެއް ދިފާއުކުރުމުގެ ނަމުގައި ހަނގުރާމައިގައި ބައިވެރި ވެވުނީހެވެ.

ރަޝިޔާ ވެސް އެމެރިކާގެ ފިޔަވަޅު މަތިން

ރަޝިޔާ އިން ޔޫކްރޭނުގައި މިހާރު ކުރަމުންދާ ހަނގުރާމައަކީ، ބައިނަލްއަގުވާމީ މަސްރަހުގައި އަލަށް ހިނގާ ކަމެއް ނޫނެވެ. ޔޫކްރޭން މައްސަލައިގައި ރަޝިޔާ ޚިޔާރު ކުރީ މީގެ ކުރިން އެމެރިކާ ވެސް ހިނގަމުން ދިޔަ މަގެވެ.

އަފްގާނިސްތާނަށް އަރައިގަތުމަށް އެމެރިކާ އިން ދެއްކި ބަހަނާތަކެވެ. އިރާގަށް އަރައިގަތުމަށް އެމެރިކާ އިން ދެއްކި އުޒުރުތަކެވެ. ލީބިޔާ އާއި ސީރިޔާއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ވެސް އެމެރިކާ އިން ދެއްކި ވާހަކަތަކާއި ބަހަނާތަކާއި ދެއްކި އުޒުރުތަކެވެ.

ރަޝިޔާ އިން ބުނާ ގޮތުގައި ޔޫކްރޭނުން ދަނީ އެމެރިކާ އާއި ނޭޓޯގެ ގައުމުތަކާ ގުޅިގެން ރަޝިޔާގެ ގައުމީ ސަލާމަތަށް ނުރައްކާ ކުރަމުންނެވެ. އަދި ދޮންބާސް ސަރަހައްދާއި ކްރީމިއާ ސަރަހައްދުގައި އުޅޭ އިދިކޮޅު މީހުންގެ އިންސާނީ ހައްގުތައް ނިގުޅައިގަނެ، އެ މީހުންނާ ދެކޮޅަށް ޔޫކްރޭން ސަރުކާރުން އިންސާނިއްޔަތާ ހިލާފު އަމަލުތައް ހިންގަ އެވެ.

ސީރިޔާ އާއި ލީބިޔާ އަދި އިރާގަށް އަރައިގަތުމުގައި ވެސް، އެމެރިކާ އިން ދެއްކި އެއް ބަހަނާއަކީ އެ ގައުމުތަކުގެ އިދިކޮޅު މީހުންނާ ދެކޮޅަށް ސަރުކާރުން ހިންގާ ލާއިންސާނީ އަމަލުތައް ހުއްޓުވުމެވެ. އެ ގައުމުތަކަށް އެމެރިކާ ސިފައިން އަރައިގެން ކުރި ހަނގުރާމަތަކުގައި އެމެރިކާ އަށް ވާގިވެރިވެދިނީ އެ ގައުމުތަކުގެ އިދިކޮޅު ފަރާތްތަކެވެ.

މިއަދު ޔޫކްރޭންގައި ވެސް ތަކުރާރުވަމުން އެދަނީ ހަމަ އެ މަންޒަރެވެ. ޔޫކްރޭން ސިފައިންނާ ދެކޮޅަށް ރަޝިޔާ ސިފައިން ކުރާ ހަނގުރާމައިގައި އެންމެ ބޮޑު މަދަދުވެރިކަމެއް ލިބެނީ، ކްރީމިއާ އާއި ލުހާންސްކް ޖުމްހޫރިއްޔާ އާއި ޑޮނެޓްސްކް ޖުމްހޫރިއްޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ ފަރާތުންނެވެ. އެހެންކަމުން އާ ކަމެއް ޔޫކްރޭންގެ މައްސަލައިގެ ތެރެއަކުން ނުފެނެ އެވެ.

13 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 46%
icon sad icon sad 8%
icon angry icon angry 15%
icon wow icon wow 0%
icon inlove icon inlove 31%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނުރަބޯ

28 March 2022

މި އާރޓިކަލް އަށްވުރެ ކޮމެންޓް ތައް މާ ސަޅި.

The name is already taken The name is available. Register?

ގޮރބަޗޯވް

28 February 2022

ރަޝިޔާއާ އެއްކޮޅަށް ހުރި ޔަނުކޯވިޗް ބޭލުވީ ހުޅަނގުން ތާއީދު ކުރި ލޭއޮހޮރުންތަކާއެކު ހިންގި އިންގިލާބް/ބައާވާތަކަށް ފަހު. މައިޑާން ޕްރޮޓެސްޓްސް އަދި އެއަށް ހުޅަނގުން ކުރި ތާއީދު ބަލާލާ. މިއަދު މިފެންނަ މަންޒަރުތަކަކީ 2014ގެ ނަތީޖާ. ރަޝިޔާއަިން މިކަން މިހެންވާން ދޫކޮށްލައިފިއްޔާ ރަޝިޔާ ވަށާ އަނެއްކާވެސް އިތުރަށް ވަރަށްކައިރީގަ ވަރަށްބައިވަރު ހުޅަނގުގެ ހަތިޔާރާ ސިފައިން ގާއިމްވާނެ. އެއީ ސުޕަޕަވާކަން ދެވަނަ ފަހަރަށް ޑައުންގްރޭޑް ކުރުން ކަހަލަ ކަމެއް.

The name is already taken The name is available. Register?

މަރިއްޔާ

28 February 2022

ޔޫކްރޭންއަށް ހަމަލާ ދޭން ފެށިއިރަށް މުޅި ދުނިޔެ ހޭއަރައިފި. މިއޮށްހާ ދުވަހު ފަލަސްތީންގެ ކުށެއް ނެތް ރައްޔިތުން ރޮލާ ކައި މުޅި ފަލަސްތީންގެ ބިން އިސްރާޢިލްގެ ތަނަކަށް ހެދިއިރު ދުނިޔެ އޮތީ ކޯމާއެއްގަ. އެމެރިކާގެ ލަދަު ކޮބާ އެހެން ބައެއްގެ ބިން ފޭރެން އެއްވެސް ހައްޤަކާ ނުލާ ބަޔަކަު މރާ ހުސްކުރާއިރު.

The name is already taken The name is available. Register?

މަހީހީ ހަލާކު

28 February 2022

މިހާތަނަށް ވެސް ޔޫކްރޭން އެއޮތީ ނުކުރެވުނު ކާވެންޏަކަށް ރަން ކިޔަިއގެންނެވެ.

The name is already taken The name is available. Register?

ލޫކަސް

28 February 2022

ކިޔާ ނިމުނުއިރުވެސް ނޭނގުނު މައްސަލަ،

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

27 February 2022

އެލާޓް: ނިއުކްލިއާ ޑެޓަރެންޓް ފޯސެސް އެލާޓްގަ ތިބުމަށް ޕުޓިން ދެންމެވަނީ އަމުރުނެރެފަ.

The name is already taken The name is available. Register?

ބިންބިމާ

27 February 2022

ދޮންމީހުނަކީ ދޭތެރެއަކުން އެއްބަޔަކު އަނެއްބަޔަކާ ހަނގުރާމަކޮށް އެއްބަޔަކު އަނެއްބަޔަކު މެރުމުގެ ސަގާފަތެއް ގެންގުޅެމުން އައިސްފައިވާބައެއްކަން ދުނިޔޭގެ ތާރީހު ބަލާލިއަސް އެނގޭނެ. އެކަމަކު މިކަން ފޮރުވައިގެން މިދޭތެރެއަކުން އަޑުއަރުވައިގެން ތިބީ އެއީ މުސްލިމުން ކުރާކަމެކޭ ކިޔާފަ. އެވާހަކަ އަޑުއަހާފަ ބައެއް ދިވެހިންވެސް އެވާހަކަ ކޮމެންޓުތަކުގަ ޖެހި ވަރަށް ފަހަކާޖެހެންދެން.

The name is already taken The name is available. Register?

ތުންބިބީ

27 February 2022

އަހަންނަށް އަޅައިގަތީ ޔުކުރޭނުގެ ގޮނޑިކޮއްކޮ ރައީސަކަށް ހުރި ކުރީގެ ކޮމީޑިއަނަކީ އިޔަހޫދީއަކަށްވެފައި އެކަމަކު ޔުކުރޭނުގެ ނާޒީ ގުރޫޕުތައް މިކަމެއްގެތެރޭ އުޅޭތަންކޮޅު. އެހެންވެތާ ރަޝިއާއިން ޑިނާޒިފިކޭޝަން އޮޕަރޭޝަނެއް ހިންގަނީވެސް.

The name is already taken The name is available. Register?

އަފްރާސިޔާބު

27 February 2022

ސޮވިއެޓް ޔުނިއަންގެ ފަލަކުގައި އެނބުރެމުންދިޔަ ގިނަ ގައުމުތައް ނޭޓޯގެ ތެރެއަށް ފަހަރަކު ގައުމެއް ވައްދަމުންގޮސް ރަޝިޔާގެ އިމުގައިއޮތް ޔުކުރައިންގައި އޮތް ވެރިކަން އެމެރިކާއިން ފަންޑުކުރި މާސިނަރީން ހަތިޔާރާއެކު ނުކުމެ ވައްޓާލުމަށްފަހު ޕަޕެޓް ސަރުކާރު އުފައްދައި ރަޝިޔާއަށް ޖެއްސުން ކުރަންފެށުމުން ކްރައިމިއާއާ އިރުމަތީ ޔުކުރައިންގެ ދެރީޖަނެއް ވަކިވެގަތުމަށް މަސައްކަތްކުރީ. އެމެރިކާގެ މަގްޞަދަކީ ރަޝިޔާ ހިސާރަކުރުން ކަން އެނގޭތީ އުފެދުނު އަރައިރުމެއް

The name is already taken The name is available. Register?

އަފްރާސިޔާބު

27 February 2022

ކުޑަކޮށް ދިރާސާ ކޮށްލިނަމަ ރަނގަޅުވީސް. ސޮވިއެޓްޔުނިއަން ދުވަސްވަރު އެމެރިކާއާ ހުޅަނގުގެ އެންމެބޮޑު މައްސަލައަކީ ދެބަޔަށްބަހާލި ޖަރުމަނުގެ ރަޝިޔާ ބައި ހުޅަނގާގުޅާލުމުގެ މައްސަލަ. ސޮވިއެޓުން އަފްޣާނަށް އެރުމާގުޅިގެން ދިމާވި އިގްތިސާދީމައްސަލަ ތަކުން އަރައިގަނެވެންއޮތީ ހުޅަނގުންބޭނުންވާ ގޮތަށް އީސްޓް ޖަރުމަނާއި ޔޫނިއަންގައި ހިމެނޭއެހެން ތަންތަން ރޫޅާލައިގެންކަމަށްވާތީ އެކަންކުރުމަށް އެއްބަސްވީ ނޭޓޯ ރަޝިޔާއާ ދިމާލަށް ފުޅާނުކުރާނެކަމުގެގެރެންޓީދީގެން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454