ރިޕޯޓް

ސިޒޭރިއަން އިތުރުވުން: ކަންބޮޑުވުން އޮތް މައްސަލައެއް!

އަންހެނަކު، ދެ ދަރިން ގޮވައިގެން ރަސްފަންނުގައި މަޑުކޮށްލައިގެން: ސިޒޭރިއަން ހަދާ މީހުން ގިނަ ކަމަށް ރިޕޯޓުތަކުން އެނގޭ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސިއްހީ ދާއިރާ އަށް އައި އިންގިލާބީ ބޮޑު ބަދަލާއި ކުރިއެރުންތަކާއެކު ލިބޭ ހިތްހަމަޖެހުންތަކުގައި ވެސް ކަންބޮޑުވާ ކަމަކީ ރާއްޖޭގައި ސިޒޭރިއަން ހަދާ މީހުން އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުންދާ ކަމެވެ. ސިއްހީ ހިދުމަތްދޭ ފަރާތްތަކުން މީގެ އެތައް އަހަރެއް ކުރިން ގަބޫލުކުރަމުން ދިޔައީ ސިޒޭރިއަން ހެދުމުގެ ރޭޓް އެންމެ ރަނގަޅީ 10-15 ޕަސެންޓުގައި ހުރުމެވެ.

ނަމަވެސް ތަރައްގީ އަދި ތަރައްގީވަމުން އަންނަ ގައުމުތަކުގައި 1985 ވަނަ އަހަރުން ފެށިގެން ސިޒޭރިއަން ހަދާ މީހުން ދިޔައީ އިތުރުވަމުންނެވެ.

ގުދުރަތީގޮތުން ވިހެއުމަށްވުރެ، އެހެނިހެން އޮޕަރޭޝަނޭ އެއްގޮތަށް ސިޒޭރިއަންގެ ސަބަބުން ކުރު އަދި ދިގު މުއްދަތުގެ ރިސްކުތައް އެބަހުއްޓެވެ. ނަމަވެސް އޭގެ ސަބަބުން ވިހެއުމުގެ ތެރޭގައި ދަރިފުޅާއި މައިމީހާ މަރުވުން އަދި ބޮޑެތި އެހެން ބަލިތަކަށް ހުށަހެޅިފައިވާ ދޮރުތައް ބަންދުކޮށްދެ އެވެ. އެކަމަކު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނަނީ، ސިޒޭރިއަން ކޮންމެހެން ބޭނުން ނުވާ މީހަކު އެކަން ކޮށްގެން ލިބޭނެ ފައިދާއެއް ނެތް ކަމަށެވެ.

އެކަމުގެ ކަންބޮޑުވުންތައް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވެސް މީގެ ކުރިން ފާޅުކުރައްވާފައިވެ އެވެ.

ރައީސް އޮފީހުގައި ޑިސެމްބަރު 20، 2020 ގައި ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ވަނީ ގުދުރަތީ ގޮތުން ވިހެއުމުގެ ބަދަލުގައި ސިޒޭރިއަން ހެދުން ގިނަވާތީ ނާސިން ކޯހުގައި މިޑްވައިފެރީ ނުވަތަ ފޫޅުމައިކަން ދަސްކުރުން ކުރިއެކޭ އެއްގޮތަށް ލާޒިމްކުރަން މަޝްވަރާކުރައްވައިފަ އެވެ.

ނަރުހުން ތަމްރީނުކުރިއިރު ރާއްޖޭގައި މީގެ ކުރިން މިޑްވައިފެރީ ބައިތައް ކިޔަވައިދިނެވެ. ނަމަވެސް ކޮމިއުނިޓީ ހެލްތާއެކު، މިޑްވައިފެރީގެ ކަންތައްތައް ވެސް މަދުވަމުން ދިޔައީ އެވެ.

ގުދުރަތީގޮތުން ވިހެއުމަށްވުރެ، އެހެނިހެން އޮޕަރޭޝަނޭ އެއްގޮތަށް ސިޒޭރިއަންގެ ސަބަބުން ކުރު އަދި ދިގު މުއްދަތުގެ ރިސްކުތައް އެބަހުއްޓެވެ. ނަމަވެސް އޭގެ ސަބަބުން ވިހެއުމުގެ ތެރޭގައި ދަރިފުޅާއި މައިމީހާ މަރުވުން އަދި ބޮޑެތި އެހެން ބަލިތަކަށް ހުށަހެޅިފައިވާ ދޮރުތައް ބަންދުކޮށްދެ އެވެ. އެކަމަކު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނަނީ، ސިޒޭރިއަން ކޮންމެހެން ބޭނުން ނުވާ މީހަކު އެކަން ކޮށްގެން ލިބޭނެ ފައިދާއެއް ނެތް ކަމަށެވެ.

ގުދުރަތީގޮތުން ވިހެއުމުގެ ޓްރެންޑް އެއްކޮށް ބަދަލުވެ، ސިޒޭރިއަން ހަދާ މީހުން ގިނަވުމުގެ ކަންބޮޑުވުންތައް ފާއިތުވި އަހަރުތަކުގައި ޑޮކްޓަރުން ފާޅުކޮށްފައިވެ އެވެ.

ރާއްޖޭގައި ވެސް ހާލަތު ހަމަ އެއް ގޮތެވެ.

ރާއްޖޭގެ ހާލަތު އޮތީ ކިހިނެއް؟

ހެލްތު މިނިސްޓްރީން މިދިޔަ އާދިއްތަ ދުވަހު ނެރުނު، ސިއްހީ ދާއިރާގެ 2020 ވަނަ އަހަރުގެ ތަފާސްހިސާބުގެ ނަމްބަރުތަކުން ފެންނަނީ ތަފާތު އެކި ސަބަބުތަކާ ހެދި ސިޒޭރިއަން ގިނަވެ، ގުދުރަތީ ގޮތުން ވިހާ މީހުން މަދުވާ ތަނެވެ.

އެ އަހަރު 6،438 ކުދިން އުފަންވިއިރު، 50 ޕަސެންޓަށް ވުރެ ގިނަ ކުދިން އުފަންވެފައިވަނީ ސިޒޭރިއަން ހަދައިގެންނެވެ. ގުދުރަތީ ގޮތުން ވިހާފައިވަނީ 49.5 ޕަސެންޓް ކުދިންނެވެ.

ރާއްޖޭގައި ސިޒޭރިއަން ހަދާ ރޭޓް 2016 ވަނަ އަހަރު ހުރީ 46 ޕަސެންޓުގަ އެވެ. ނަމަވެސް ހަތަރު އަހަރުގެ ތެރޭގައި އެ އަދަދު 52 ޕަސެންޓަށް އިތުރުވެފައިވެ އެވެ. ސިޒޭރިއަން ހަދައިގެން ވިހެއި މީހުންގެ ތެރޭގައި 23 ޕަސެންޓް މީހުންނަކީ އަމިއްލައަށް ބޭނުންވެގެން ސިޒޭރިއަން ހެދި މީހުންނެވެ. އެއީ 1،415 މީހުންނެވެ. އިމަޖެންސީ ހާލަތެއް މެދުވެރިވެގެން ސިޒޭރިއަން ހަދާފައިވަނީ 29 ޕަސެންޓް މީހުންނެވެ. އެއީ 1،810 މީހުންނެވެ.

ފާއިތުވި ފަސް އަހަރަށް ބަލާއިރު ވެސް އެ ނަމްބަރުތަކުގައި ފަރަގުތަކެއް އެބަހުއްޓެވެ. އެގޮތުން، 2016 ވަނަ އަހަރު ސިޒޭރިއަން ހަދާފައި ވަނީ 45 ޕަސެންޓު މީހުންނެވެ. އަދި އެ އަހަރު 55 ޕަސެންޓު މީހުން ގުދުރަތީ ގޮތުން ވިހާފައިވެ އެވެ. ޖެހިގެން އައި 2017 އަދި 2018 ވަނަ އަހަރު އެ އަދަދުތައް ހުރީ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ. އެ ދެ އަހަރު ވެސް 53 ޕަސެންޓު މީހުން ވިހައި 47 ޕަސެންޓް މީހުން ސިޒޭރިއަން ހަދާފައިވެ އެވެ.

ރާއްޖެއަކީ މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ވެސް އެންމެ ގިނައިން ސިޒޭރިއަން ހަދާ އެއް ގައުމެވެ. ބަންގްލަދޭޝަކީ އެ ރޭޓް އެންމެ މަތީ ގައުމެވެ. އެ ގައުމުގައި 62 ޕަސެންޓަށް ވުރެ ގިނަ މީހުން ހަދަނީ ސިޒޭރިއަނެވެ.

ސިޒޭރިއަން ގިނަވުމަކީ ކަންބޮޑުވުމެއް

އަންހެނުންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރަކު ވިދާޅުވި ގޮތުގައި ރާއްޖޭގައި ސިޒޭރިއަން ގިނަވުމަކީ ކަންބޮޑުވާ ކަމެކެވެ. ދިގު މުއްދަތަށް ބަލާނަމަ، އޭގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ޑޮކްޓަރު ވިދާޅުވި ގޮތުގައި މާބަނޑު މީހާ އަދި ތުއްތު ދަރިފުޅުގެ ހުރިހާ ކަމެއް މޮނީޓާކުރެވޭ ކަމަށެވެ. ކުރިން ކަމެއް ގޯސްވެއްޖެ ކަން އެނގެނީ ކުއްޖާގެ ވިންދު ނެތުމުން ނުވަތަ ހާލަތު ވަރަށް ބޮޑަށް ދަށްވުމުންނެވެ.

ރާއްޖޭގެ 2020 ވަނަ އަހަރުގެ ސިއްހީ ދާއިރާގެ ތަފާސްހިސާބު ނެރުމަށް މިދިޔަ އާދިއްތަ ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ނަސީމް ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

"ކިރިޔާ ވެސް ކުޑަކުޑަ ކަމެއް ވީމަ އެކަން އެނގެނީ މިހާރު، މިކަން ވެއްޖެއޭ އެކަމަކު އަދި ސިޒޭރިއަން ހަދާ ވަރެއް ނޫނޭ އަދި ބެލޭނެއޭ ބުނާނެ. އަސްލު އާލީ ޑިޓެކްޝަނާ ހެދި ވެސް ގިނަވަނީ،" އޭނާ ވިދާޅުވި އެވެ.

"ކުރިން ވެއްޖިއްޔާ އެގޮތަކަށް ނުއެއް އެނގޭނެ ކުޑަކޮށް ދަށްވެލާއިރަށް، ކަމެއް ވާއިރަކަށް ނޭނގޭނެ. މިހާރު އައިޖީއެމްއެޗް އަދި އޭޑީކޭގައި ވެސް އެނގޭނެ. މެޝިންތައް މޮޅުވެ، ކަންތައްތައް ވާ ވަރަކަށް އެނގޭނެ. ސްކޭނާ އެއްޗެހި ވެސް ނުލާހިކު މޮޅު އެއްޗެހި ކުދިކުދި ކަންތައްތައް ވެސް ވޭ. ޑޮކްޓަރުން ޑިޓެކްޓު ވެސް ކުރާނެ."

އޭނާ ވިދާޅުވީ ވިހެއުމުގެ ވޭން ތަހައްމަލްކުރަން ބޭނުން ނުވާތީ ނުވަތަ އެ ވޭނަށް ނެތް ނުވެގެން ސިޒޭރިއަން ހަދަން އަމިއްލައަށް ބޭނުންވެގެން ބުނާ ކަމަށެވެ. ނަމަވެސް ކޮންމެހެން ހަދަން ޖެހިގެން ނޫނީ ސިޒޭރިއަން ނުހެދުމަށް ވަރަށް ބޮޑަށް ވިސްނައިދޭކަން، އެ ޑޮކްޓަރު ފާހަގަކުރެއްވި އެވެ.

އެކަމަކު، އަމިއްލަ ހޮސްޕިޓަލެއްގައި އޮންނަ ގަވައިދަކުން މާބަނޑު މީހާ ސިޒޭރިއަން ހަދަން ބޭނުންވެއްޖެ ނަމަ އެކަން ކުރަންޖެހޭނެތީ، އެ ގަވައިދުތައް ސަރުކާރު ހޮސްޕިޓަލް ނުވަތަ ސިއްހީ ހިދުމަތް ދޭ ތަނެއްގައި ސިޒޭރިއަން ހެދުމުގެ އުސޫލުތައް ހަރުދަނާ ކުރުމަކީ ކުރެވިދާނެ ކަމެއްކަން، ނަން ނުޖެހުމަށް އެދި ވާހަކަދެއްކެވި ޑޮކްޓަރު ވިދާޅުވި އެވެ.

"އެހެން އޮންނަ ކަމަށް ވާނަމަ މީހުން އައިސްފައި ހަމަ ރިކުއެސްޓްކުރާނެ ކޮންމެ ގައިނެކޮލޮޖިސްޓެއް ކައިރީގައި [ސިޒޭރިއަން ހަދަން]،" އޭނާ ވިދާޅުވި އެވެ.

މިނިސްޓްރީގެ ދިރާސާއިން ވެސް ފެންނަނީ 2020 ވަނަ އަހަރު ސަރުކާރުގެ ހޮސްޕިޓަލްތަކުގައި ގިނައިން ސިޒޭރިއަން ހަދާފައިވާ ކަމެވެ.

އެ އަހަރު އަތޮޅު ހޮސްޕިޓަލްތަކުގައި 780 މީހުން އަދި ރީޖަނަލް ހޮސްޕިޓަލްތަކުގައި 932 މީހުން ސިޒޭރިއަން ހަދާފައިވެ އެވެ.

ސަރުކާރުގެ ހެލްތު ފެސިލިޓީތަކުގައި ގުދުރަތީ ގޮތުން 2،132 މީހުން ވިހެއިރު، 2،512 މީހުން ވިއްސާފައިވަނީ ސިޒޭރިއަން ހަދައިގެންނެވެ. އަމިއްލަ ހޮސްޕިޓަލްތަކުގައި 713 މީހުން ސިޒޭރިއަން ހަދައިގެން އަދި ގުދުރަތީ ގޮތުން 857 މީހުން އެ އަހަރު ވިހާފައިވެ އެވެ.

އާއިލާ ރޭވުމާއި ދޭތެރެ ދުރުކުރުމަކީ މައިންގެ ސިއްހަތަށް ކިހާ މުހިއްމު ކަމެއް ކަން ދިވެހިންނަށް އެނގިގެން ދިޔަ ދުވަސްވަރު. ފޮޓޯ: ޔޫއެންއެފްޕީއޭ/ ޝާހީނާ އަލީ

"ވަރަށް މަސައްކަތް ކުރަން ކޮންމެހެން ސިޒޭރިއަން ހަދަން ޖެހިގެން ނޫނީ އެ ކަން ނުކުރަން. ސިޒޭރިއަން ހަދާ ވަރަކަށް ދިގު މުއްދަތުގައި ބަލާނަމަ، މިސާލަކަށް ރަހިމުގައި ފައިބްރޮއިޑެއް އިނދެގެން އައިސްފައި ވެސް ރަހިމު ނަގާނަމަ ވަރަށް އުނދަގޫވާނެ. އެއް ގުނަވަން އަނެއް ގުނަވަނާ ތަތްލަވާފައި ހުންނާނީ. ގިނަ ސިޒޭރިއަން ހެދި ވަރަކަށް ކޮމްޕްލިކޭޝަން ވެސް ގިނަވާނެ."

އޭނާ ވިދާޅުވީ ވިހެއުމުގައި މަރުވާ މީހުން މަދު ގައުމެއްގައި ސިޒޭރިއަން ހަދަން ގިނަ މީހުން އެދުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އެކަމަށް ބޭނުންވަނީ ހޭލުންތެރިކަން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ވަގުތު އަންނަ ތަދުކޮޅު ފިލުވާލަން އަވަހަށް ސިޒޭރިއަން ހަދަނީ. އެކަމަކު ސިޒޭރިއަން ހަދާފައި ދެން އޮތް ތިން ދުވަހު އެ ވާ ތަދެއް ހަނދާނެއް ނުހުރޭ. ދިގު މުއްދަތަކަށް އަދި އެހެން ގޮތްގޮތަށް ބަލާފައި އަދި ތިން ސިޒޭރިއަނަށް ވުރެ އިތުރަށް ނުއެއް ހެދޭނެ ރިސްކުތަކާ ހެދި،"

"އެ ވަގުތު އަންނަ ތަދުކޮޅު ފިލުވާލަން އަވަހަށް ސިޒޭރިއަން ހަދަނީ. އެކަމަކު ސިޒޭރިއަން ހަދާފައި ދެން އޮތް ތިން ދުވަހު އެ ވާ ތަދެއް ހަނދާނެއް ނުހުރޭ. ދިގު މުއްދަތަކަށް އަދި އެހެން ގޮތްގޮތަށް ބަލާފައި އަދި ތިން ސިޒޭރިއަނަށް ވުރެ އިތުރަށް ނުއެއް ހެދޭނެ ރިސްކުތަކާ ހެދި،" އެ ޑޮކްޓަރު ވިދާޅުވި އެވެ.

އެއް ފަހަރު ސިޒޭރިއަން ހަދާފައި، ދެ ވަނަ ފަހަރަށް ގުދުރަތީ ގޮތުން ވިހެއުމަށް ލަފާ ދިން ނަމަވެސް އެ ރިސްކު ނަގަން މާބަނޑު މީހާ ގިނަ ފަހަރަށް ބޭނުން ނުވާ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ. ކޮމްޕްލިކޭޝަނެއް ނެތް ނަމަ އެއީ ވެސް މަދުކުރެވިދާނެ ސިޒޭރިއަންތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއް ފަހަރު ސިޒޭރިއަން ހެދިއަސް ދެ ވަނަ ފަހަރު [ކޮންމެހެން] ނުޖެހޭނެ ސިޒޭރިއަން ހަދާކަށް."

ރާއްޖޭގައި ވިހެއުމުގެ ތެރޭގައި އާއި ޅަފަތުގައި ކުދިން މަރުވާ ރޭޓް ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެކަމަކު ސިޒޭރިއަން އިތުރުވުމަކީ ކަންބޮޑުވުމާ ކަމަކަށް ވާތީ، އެއަށް ހަރުދަނާ އުސޫލެއް ބޭނުންވެފައިވާ ކަމަށް ޑޮކްޓަރުން ގަބޫލުކުރައްވަ އެވެ.

6 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައިޝާ

04 March 2022

އަޅުގަނޑު 2ފަހަރު ސިޒޭރިއަން ހެދިން... އަދި 1ފަަހަރު ވިހެއިން... އަލްހަމްދުﷲ.... 1 އަދި 3 ވަނަ ފަހަރު އެމަރޖެންސީ ކޮށް ސިޒޭރިއަން އަކަށް ދާން ޖެހުނީ ޑރ. ގެ ލަފާގެ މަތިން... އަދި 2ވަނަ ފަހަރަށް އެއްވެސް މައްސަލަ އެއް ދިމާނުވެ ވިހެއީ..

The name is already taken The name is available. Register?

އައިމީ

02 March 2022

މަގޭ ތަޖުރިބާ،، ފުރަތަމަ އަދި 2ވަނަ ދަރިފުޅުވެސް ވިހެއީ އޭޑީކޭ ގައި. ފުރަތަމަ ފަހަރު އުދަގުލެއްނެތި އުޅުނީ ވިހެއުންވެސް ފަސޭހަ. 2ވަނަ ފަހަރު ވ ހާލުގައި އުޅުނީ ޑރ.ގެ އިރުޝާދުން ބޭހާ ކެއުން ގެންދިޔައީ ކުރިން ޕްރެގް ވެފަހުރީމަ ހުރިތަފާތު ބުނަމުންދިޔައީ. އެދުނިން ސިޒޭރިއަން އަކަށް. ޑރ އާ ފިރި އެއްބަހެއްނުވި. 'ވިހެއީ' ލޭމަނާ ނުވެގެން އޮޕަރޭޝަންކޮށް ރަހިމު ނަގަންޖެހުނީ ފުރާނަ ސަލާމަތް ކުރަން. ވިހެއުމުގެ ޝަރަފު ލިބިއްޖެ. ހުރިހާ ފަހަރު ވިއްސަންއުޅުން...

The name is already taken The name is available. Register?

ބުލްބުލް23

02 March 2022

ވިހެއުމުގެ ތަޖުރިބާ ނުކުރާމީހަކަށް އިހުސާސް ނުވެދާނެ. ތަދުކޮޅެކޭ އެބުނަނީ 6 ވަރަކަށް ގަޑިއިރުވަންދެން އަޅާ ވޭނެއްގެ ވާހަކަ. ގިނަ ކުދިން ވިހަންވެސް މިޒަމާނުގައި ދާންޖެހެނީ އޮފީސްނިންމާ ގޮތަށް. އެހެންވީމަ އެހާ ވަރު ކުދިންގެ ނުހުރެދާނެ ވިހަން އަޅާވޭނަށް ކެއްކުރަން. ނުވިހެލަސްވުން އެއީ ވަރައްނުރައްކާކަމެއް.

The name is already taken The name is available. Register?

ގުދުގުދާބެއްޔާ

02 March 2022

މިއީ ގިނަ ދިވެހިއަންހެނުން ބޭނުންވާ ގޮތޯ!؟. އެހެންނޫނީ ފިރިމީހާ ފޫހިވާނެޔޯ؟ ހެހެހެ މިހާވަރުން އުޅޭ އިރުވެސް ހާދަ ވަރި ގިނައޭދޯ!

The name is already taken The name is available. Register?

ތަހުލީމް

02 March 2022

އިންޑިއާ ޑޮކްޓަރުން އިތުރުވާވަރަކަށް ސިޒޭރިއަން އިތުރުވާނެ، އެ ޑޮކްޓަރުން އަމަލީ ތަޖުރިބާހޯދަން ރާއްޖެ އައިސް ކުރަންފެށި ކަމެއް މީ، ދިވެހިން އެއްވެސް ވަރަކަށް ރެއަކާނުލާ މިކަމެއް.

The name is already taken The name is available. Register?

ދޮންކަމަނަަ

02 March 2022

އަހަންނަށް ވަރަށް ގިނައިން އިވޭ ވާހަކައެއް ވިހާފައިތިބޭ މީހުންގެ ފަރާތުން. ވިހަން ގެނދިޔައީމަ މާގިނައިރު ނަގާކަމަށް ވަންޏާ ޑޮކްޓަރުން ފަސޭހައަކަށް ސިޒޭރިއަން ހައްދާކަމަށް. މިއާޓިކަލްގައި ސިޒޭރިއަން ހަދައިގެން ވިހާފައި ތިބި ދެތިން މީހެއްގެ ބަހެއްވެސް ހިމަނާލިނަމަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454