ިބިދޭސީންތަކެއް ބާޒާރުމަތީގައި ހަރަކާތްތެރިވަނީ: ބަންގްލަދޭޝްގެ މީހުންނަށް ވިސާ ދިނުން ހުއްޓާލާފައި ނުވާ ކަމަށް އިމިގްރޭޝަނުން ބުނޭ.-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު
20 ޑިސެމްބަރ 2016 - 10:10
ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބަންގްލަދޭޝް އިން އަންނަ މީހުންނަށް ވިސާ ދޫނުކުރާ މައްސަލަ ކުރިމަތިވެއްޖެ އެވެ.
ބިދޭސީން ގެންނަ ބައެއް ރެކްރޫޓްމަންޓް އެޖެންސީތަކުން ބުނި ގޮތުގައި މީގެ ތިން ހަފުތާއެއްހާ ދުވަސް ކުރިން ފެށިގެން ބަންގްލަދޭޝްގެ މީހުންނަށް ވިސާ ދިނުން އިމިގްރޭޝަނުން ވަނީ ހުއްޓާލައިފަ އެވެ. އިމިގްރޭޝަނާ ހަވާލާދީ، އެޖެންސީތަކުން ބުނީ ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ އެމްބަސީން ވިސާ ޕްރޮސެސް ކުރުމުގައި މައްސަލަތަކެއް އުޅޭ ކަމަށެވެ.
"އެކަމަކު، އެމްބަސީ އަށް ދިއުމުން ބުނީ އިމިގްރޭޝަންގެ ތެރޭގައި އުޅޭ މައްސަލަތަކެއް ކަމަށް،" އެޖެންސީ އަކުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
މި މައްސަލަ ދިމާވެގެން އުޅެނީ، އެޖެންސީތަކުން ބުނި ގޮތުގައި، ހަމައެކަނި ބަންގްލަދޭޝްގެ މީހުން ގެނައުމުގަ އެވެ. އެހެން ގައުމުތަކުގެ މީހުންނަށް ކުރިއެކޭ ވެސް އެއްގޮތަށް ވިސާ ދޫކުރަމުން އައި ނަމަވެސް، ބަންގްލަދޭޝްގެ މީހުންނަށް ވިސާ ހޯދަން ހުށަހަޅާ ފޯމުތައް އިމިގްރޭޝަނުން މިހާރު ބަލައިގަންނަމުން ނުދާ ކަމަށް އެޖެންސީތަކުން ބުންޏެވެ.
އެކަމަކު، އިމިގްރޭޝަންގެ ތަރުޖަމާނު ހަސަން ހަލީލް ވިދާޅުވީ ބަންގްލަދޭޝްގެ މަސައްކަތު މީހުންނަށް ވިސާ ދިނުން ހުއްޓާ ނުލާ ކަމަށެވެ. ނަމަވެސް، ބަންގްލަދޭޝްގެ މީހުންނަށް ވިސާ ދޫކުރުމުގެ ކުރިން، މާލޭގައި ހުންނަ ބަންގްލަދޭޝްގެ އެމްބަސީ މެދުވެރިކޮށް އެ މީހަކު ސްކްރީން ކުރަން މިިދިޔަ މަހުގެ ހަޔަކުން ފެށިގެން ފަށާފައިވާ ކަމަށާއި އެެހެންވެ އެ ކަމަށް ދިގު މުއްދަތެއް ހޭދަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވިސާ ނުދެނީކީ ނޫން. މި އުޅެނީ މިކޮޅުގައި ހުންނަ [ބަންގްލަދޭޝްގެ] ހައި ކޮމިޝަންގެ އިންޓާނަލް ޕްރޮސީޖާގެ އުޅޭ ކުޑަ ޑިލޭއެއް،" ހަލީލް ވިދާޅުވި އެވެ.
ވޯކް ވިސާ އަށް އެދި ހުށަހަޅާ މީހުން ސްކްރީން ކުރުމަކީ، އޭނާ ފާހަގަކުރެއްވި ގޮތުގައި، ބަންގްލަދޭޝްގެ އެމްބަސީން އަބަދު ވެސް އެދެމުން އަންނަ ކަމެކެވެ. އެހެންވެ، ރާއްޖެ އެެތެރެވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވެސް ވިސްނައިގެން އެކަން ކުރަން ފެށީ ކަމަށް ހަލީލް ވިދާޅުވި އެވެ.
ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ އެމްބަސީން މަސައްކަތު މީހުން ސްކްރީން ކުރަން ފަށާފައިވާ އިރު، ބަންގްލަދޭޝްގައި ހުންނަ ދިވެހި އެމްބަސީން ސެކުއިރިޓީ ޗެކުކޮށްފައި ނޫނީ ބަންގްލަދޭޝްގެ މީހުންނަށް ވަޒީފާތަކަށް ރާއްޖެ ނާދެވޭނެ ގޮތަށް ހަދަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެކަމަކު، އެ ގޮތަށް ސެކުއިރިޓީ ޗެކުކުރާކަށް އަދި ނުފަށަ އެވެ.
ގަވާއިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީންގެ މައްސަލަ ބޮޑުވާ ބައެއް ފަހަރު މީގެ ކުރިން ވަނީ ވިސާ ދޫކުރުން ރަސްމީކޮށް ހުއްޓާލައިފަ އެވެ.
ރާއްޖޭގައި 150،000 އަށް ވުރެ ގިނަ ބިދޭސީ މަސައްކަތު މީހުން އުޅެ އެވެ. އޭގެ ތެރޭގައި ބަންގްލަދޭޝްގެ މީހުން ނިސްބަތުން ގިނައިރު، ވަރަށް ގިނަ އަދަދެއްގެ މީހުން އުޅެނީ ގަވާއިދާ ހިލާފަށެވެ. އެ ފަދަ މީހުން ހޯދައި އަނބުރާ ގައުމަށް ފޮނުވައިލުމަށް އިމިގްރޭޝަނުން ދޭތެރެދޭތެރެއިން އޮޕަރޭޝަންތައް ވެސް ހިންގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު
21 December 2016
އެމްބަސި މީހުން ކަޓް ނަގަން ކުރާ ކަމަކަށްވެސް ވެދާނެ.
ހަސަންބެ
21 December 2016
ގަވާދާއި ހިލާފަށް މީހުން ރާއްޖެ އެތެރެ ކުރަނީ ބަޔަކަށް ބޮޑު ނަފާއެއް ލިބޭތީވެ. މަގުމަތިން ދިމާވާ ބަންގާޅީ އެއްކާރިން ކަލޭތީ ކާކުގެ ނަމުގައި އައިމީހެއްހޭ އަހާލާ އިރަށް އެބަބުނޭ އޯޕަންވިސާގައޯ . އެހެން ކިޔާ ވިސާ އެއް އޮންނަކަމެއް މަށަކަށް ނޭގޭ. ރާއްޖެ އަށް އެތެރެވާ ބަންގާޅީ އަތުން އެޖެންސީ މީހުން ނަގާ އަގުތައ.ް. 1. ހޮޓާ ރެސްޓޯރެންޓްގެ މަސައްކަށް 4000ޑޮލަރު. 2. ކަންމަތީ ފިހާރައަށް 2500 ޑޮލަރު 3. މާލޭގެ މަޝްހޫރު ބޮޑެތި ކުންފުނިތައް 4500ޑޮލަރު. 4. ސަރުކާރުގެ ކުންފުނިތައް 5500ޑޮލަރު. 5. ސަރުކާރު 3500ޑޮލަރު. 6. ރިސޯޓު 13000ޑޮލަރު. 7. ކޮންސްޓްރަކްޝަން. 2500ޑޮލަރު. 8.ގޭގެ މަސައްކަތް 2500ޑޮލަރު. ބޮޑެތި ކުންފުނިތަކުން ރިސޯޓު ހެދުމުގެ ނަމުގައި ދުއިސައްތަ މީހުންގެ ކޯޓާ ނަގާފައި އެންމެން މާލެ ތެރެއަށް ދޫކޮށްލަނީ ނަފާގެ ގޮތުގައި އެންމެ ދައްވިއަސް ދިހަ މިލިއަން ރުފިޔާ ބަންގާޅީން އަތުން ނަގައިގެން.
އިހްސާންތެރިޔާ
20 December 2016
މަ މިދިޔަ ހަފްތާގައިވެސް ބަންގާޅު ސޮރެއްގެ ވިސާއަށްއެދި ހުށައެޅިން. ހަަަމަ ބަލައިގަތް. މައްސަލައެއް ނެތް
މާއްޓޭ
20 December 2016
ގަވާއިދާ ހިލާފަށް ބިދޭސީން މަސައްކަތް ކުރަނީ ރަށްރަށުގެ ކައުންސިލް ތަކާއި ފުލުހުންގެވެސް އިހުމާލުން. ފުލުހުންގެ ގޭގޭގައި ކުޑައަގެއްގައި ކުރެޑިޓަށް ބަންގާޅީން ގުރޫޕްހަދާފައި މަސައްކަތް ކޮށްދެނީ. އަނެއްކާ ކައެުންސިލް މެމްބަރުން ގެންގުޅެނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގޭގަ މަސައްކަތު. މިކަން އެންމެ ބޮޑީ ގއ. ގެމަނަފުށީގައި. އެކަމަކު އިމިގްރޭޝަނުން ގުޅީމަ އަޅާވެސްނުލާ. ދެން ކޮން ވާހަކައެއްތޯ...
ޝުގާ
20 December 2016
އެޖެންސީ ތަކުން ހިންގާ ޖަރީމާ ރަންގަޅަށް މޮނީޓާ ކުރާތި އިމިގްރޭޝަން ކުދިން. ގައުމަށް ވަފާތެރިވޭ.
ސިންތިލީ ވޫމް
20 December 2016
ވިސާފީބޮޑުކުރަން ވެގެން އެއުޅެނީ ނެކްސްބިޒަސްގެ ދަރަނި އަދާ ކުރަން
އަހުސަން
20 December 2016
ޑިޕޮޒިޓް ބަހައްޓާފަ ކޮންމެ ބިދޭސީއެއް ގެންނަނީ. މުސާރަ ނުދޭނަމަ އޭނާ އިމިގްރޭޝަނަށް ގޮސް މައްސަލަ ހައްލުކުރަން ނޫޅި ފިލައިގެން އުޅެފަ މުސާރަ ނުދެނީއޭ ކިޔަނީ. އަސް މުސާރަ ނުދީ ލަސްކުރަނީވެސް ބޮޑަތި ކުންފުނިތަކުން.
އަހުމަދު
20 December 2016
ޑިޕޮސިޓް ފއިސާއަށް ވީގޮތެއް ނޭނގެޔޯ.
ކުރަންވީ
20 December 2016
ރާއްޖޭގައި ހުންނަ ބަންގްލާދޭޝް އެމްބަސީ ގައި ތިބޭ ވަކި ބަޔަކުވެސް ވަރަށް ބޮޑަށް އެހީތެރި ކަން ފޯރުކޮށްދީ އަދި ކަޓް ކައި ހަދާ ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބަންގާޅުން އަތުން. މިކަން ވެސް އިނގޭ އިމިގްރޭޝަން އަށްވެސް. އިމިގްރޭޝަން ގެ ބޮޑުންނަށް މީގެއިން ބައިވެސް އަޅައޭ މަމެން ބުނަން ނެތީމު އެވެ. އެކަމަކު މިކަން ހިނގާ ކަން އެއީ އެންމެންނަށް އިނގޭ ބޮޑު ސިއްރެއް ދޯ. ރާއްޖޭގެ ފުރަމާލޭގެ ޓީޖެޓީ ސަރަހައްދުގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން މީސް މީހުންނަށް އުޖޫރަ އަށް ޑޭ ރޭޓުން މަސައްކަތް ކޮށްދޭ އިރު އެތަން ފެނޭ ޕޮލިހުންނަށް ވެސް އަދި ސިފައިންނަށް ވެސް އަދި އިމިގްރޭޝަން އަށް ވެސް. ކީއްވެ ފިޔަވަޅު ނޭޅެންވީ. އެޅެން ވާނެއެވެ. މީ ބޮޑު ގައުމީ މައްސަލަ އަކަށް މިއަދު ވަނީ ޓެކްސް ދައްކާ ކުންފުނި ތަކަށް ކުރިމަތި ވެފައެވެ.
މުގަބޭ
20 December 2016
ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބަންގްލަދޭޝް އިން އަންނަ މީހުންނަށް ވިސާ ދޫނުކުރާ މައްސަލަ ކުރިމަތިވެއްޖެ އެވެ. އެމީހުން އަމިއްލައަށް އަންނަނީތޯ.. ނުވަތަ ރާއްޖޭގެ ބަޔަކު އެމީހުން ގެންނަނީތޯ...އަންނަމީހުންނާ ގެންނަމީހުންނާ ތިބޭނަމަ އަންނަމީހަކަށް ވިސާ ދޭނެކަމެއްނެތް .. މިހާރުވެސް މިއުޅެނީ އަންނަ މީހުން ގިނަވެގެންކަން މިއެނގުނީ އަދިކިރިޔާ.