ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން
06 މާޗް 2022 - 11:57
ޔޫކްރޭންގެ ވައިގެ ސަރަހައްދަކީ އުދުހުން މަނާ ސަރަހައްދެއް ކަމަށް، އެއްވެސް ގައުމަކުން ކަނޑައަޅައިފި ނަމަ، އެއީ މުޅި ދުނިޔެއަށް ކުރިމަތިވާ ނުރައްކަލަކަށް ވެގެންދާނެ ކަމަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އިންޒާރު ކުރައްވައިފި އެވެ.
ޕުޓިން މި މޭރުމުން މުޅި ދުނިޔެ އަށް އިންޒާރު ކުރެއްވީ، ޔޫކްރޭނަކީ އުދުހުން މަނާ ސަރަހައްދެއް ކަމަށް ކަނޑައަޅަދިނުމަށް އެދި، ވިލާތުގެ އިއްތިހާދަށާއި ނޭޓޯ އަށް ޔޫކްރޭނުން ހުށަހެޅުމުން، އެ ދެ ޖަމާއަތުން ވެސް އެކަމަށް އިންކާރުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.
ޕުޓިން ވިދާޅުވީ، ޔޫކްރޭނަކީ އުދުހުން މަނާ ސަރަހައްދެއް ކަމަށް ކަނޑައަޅަން އެއްވެސް ގައުމަކުން މަސައްކަތް ކޮށްފި ނަމަ، ރަޝިޔާ އިން ދެކޭނީ، ރަޝިޔާ ސިފައިންނާއި ޔޫކްރޭން ސިފައިންނާ ދެމެދު މިހާރު ހިނގާ ހަނގުރާމައިގެ އެ ގައުމެއް ވަންނަނީ ކަމަށެވެ.
"އެ އަމާޒަށް އެއްވެސް ބަޔަކު ހަރަކާތްތެރިވާ ނަމަ، އަހަރެމެން ދެކޭނީ އެ ގައުމަކުން ހަނގުރާމައިގެ ތެރެއަށް ސީދާ ގޮތެއްގައި ވަންނަނީ ކަމަށް. އެކަމުގެ ސަބަބުން ހަމައެކަނި ޔޫރަޕެއް ނޫން، މުޅި ދުނިޔެ ވެސް ކުރިމަތިލާންޖެހޭނީ ވަރަށް ނުރައްކާތެރި ފަނާކުރަނިވި ނަތީޖާއަކާ،" ރަޝިޔާގެ ގައުމީ އެއާލައިން އެއޮރޯފްލޮޓްގެ މުވައްޒަފުންނާ މޮސްކޯގެ ބޭރުގައި ބައްދަލުކުރައްވަމުން ޕުޓިން ވިދާޅުވި އެވެ.
އުދުހުން މަނާ ސަރަހައްދެއް ގާއިމުކުރުމަށް ނޭޓޯ އިން ދެކޮޅު ހެދުމާ ގުޅިގެން ޔޫކްރޭންގެ ރައީސް ޒެލެންސްކީ ވިދާޅުވީ އެއީ ޔޫކްރޭގެ ސަހަރުތަކާއި އަވަށްތަކަށް ރަޝިޔާ ސިފައިން އިތުރަށް ބޮން އެޅުމަށް ދިން ފެހި ސިގްނަލެއް ކަމަށެވެ.
އަދި "މިއަދަށް ފަހުގައި މި ހަނގުރާމައިގެ ތެރޭގައި މަރުވެގެންދާ ކޮންމެ މީހަކު މަރުވެގެން އެދަނީ ކަލޭމެންގެ (ނޭޓޯގެ) ސަބަބުން،" ޒެލެންސްކީ ވިދާޅުވި އެވެ.
ޔޫކްރޭންގެ ހަނގުރާމައާ ބެހޭ ގޮތުން ޕުޓިން ވިދާޅުވީ އޭނާ މަސައްކަތް ކުރައްވަނީ، ޔޫކްރޭންގައި ދިރިއުޅޭ ރަޝިޔާ ބަހުން ވާހަކަދައްކާ ދަރިކޮޅުގެ މީހުން ހިމާޔަތް ކުރުމަށެވެ. އަދި ޔޫކްރޭނުގެ އަސްކަރީ ބާރުވެރިކަން ނައްތާލައި ނާޒީ ހަރަކާތްތައް ޔޫކްރޭނުން ނައްތައިލުމަށް ކަމަށް ވެސް ޕުޓިން ވިދާޅުވި އެވެ.
ރަޝިޔާ އަށް ދަތިކުރުމަށް ހުޅަނގުގެ ގައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭ ގޮތުން ޕުޓިން ވިދާޅުވީ އެއީ ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ އިއުލާން ކުރުން ފަދަ ކަމެއް ކަމަށެވެ. އެހެން ނަމަވެސް އެ ފިޔަވަޅުތަކުން އެފަދަ ކަމެއް ހާސިލުނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޔޫކްރޭންގައި މިހާރު ކުރިއަށްދާ ހަމަލާތަކާ ގުޅޭ ގޮތުން ޕުޓިން ވިދާޅުވީ ރަޝިޔާގެ ހާއްސަ ފައުޖުގެ މެމްބަރުން ޔޫކްރޭންގެ އެތެރެއަށް އަދި ނުފޮނުވާ ކަމަށެވެ. އަދި އެފަދަ ކަމެއް ކުރަން ރާވާފައިވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަހަރެމެންގެ އަސްކަރިއްޔާގައި ހިމެނޭ ސިފައިން ހުރިހާ ވާޖިބުތަކެއް އަދާކުރާނެ. ސިފައިންގެ ގާބިލުކަމާ ކަމާ މެދު ކުޑަވެސް ޝައްކެއް ނެތް. ހުރިހާ ކަމެއްވެސް ކުރިއަށް ދަނީ ރޭވުމާ އެއްގޮތަށް،" ޕުޓިން ވިދާޅުވި އެވެ.
ރަޝިޔާގައި އަސްކަރީ ގާނޫނު (މާޝަލް ލޯ) ތަންފީޒުކުރަން އުޅޭ ކަމަށް ހުޅަނގުގެ ގައުމުތަކުން ދައްކާ ވާހަކަތަކަށް ވެސް ޕުޓިން ރައްދު ދެއްވި އެވެ. އޭނާ ވިދާޅުވީ އަސްކަރީ ގާނޫނު ހިންގަނީ ބިދޭސީ ބާރަކުން ގައުމާ ދެކޮޅަށް އުދުވާނީ ހަމަލާއެއް ދޭ ހާލަތްތަކުގައި ކަމަށާއި، ރަޝިޔާގައި އެފަދަ ކަމެއް ނެތް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަކުނިބޯ
07 March 2022
މީ ބޮޑު މޮޔައެއް. ޔޫރަޕުގަ އެންމެ މުސްލިމުންގިނަ ގައުމުގެ ވެރިޔަކަށް މިހިރީ މޮޔައެއް.
ށަވިޔަނި
06 March 2022
މޮޔައިންނަށް ވެރިކަން ލިބުމުން ސައިޒް ނޭނގިގެން އުޅޭތީ ގައުމު ފަނާވަނީ. ބަލަ ނޭޓޯ ކަލޭ ހިމާޔަތްކުރަން މުޅިދުނިޔެ ހަނގުރާމައަކަށް ނުވައްދާނެ. އަދި ނޭޓޯގެ ގައުމުތައް ރަޝިއާގެ ހަމަލާތަކުގެ އަމާޒަކަށް ވިޔަނުދޭނެ.
ޕޮޓުން
06 March 2022
ވަރަށް ގިނަ ދިވެހިން ތިބީ މިހަނގުރާމައިން ރަޝިޔާ މޮޅުވާނެކަމަށް އުންމީދުކޯށްގެން. ޔުކްރޭނުގެ ކިތައް މީހުން މަރުވެއްޖެތޯ ކިތައް ގެ ފުޑާލައިފިތޯ ބަލާކަށް ދިވެހިން ބޭނުމެއް ނުވޭ. މިހާތަނަށް 1 މިލިޔަނަށްވުރެ ގިނަ ރެފިއުޖީން އުފެދިއްޖެ މިހަނގުރާމައިން. މީގެ ސަބަބުން ރާއްޖެއަށް ވެސް ލިބޭނީ މުޅިން ގެއްލުން. މިހާރު ވެސް ތެލުގެ އަގުބޮޑުވެއްޖެ
ޙަސަނުބެ
06 March 2022
ޔުކުރޭނަކީ ޔަހޫދީއަކު ލީޑުކުރާދައުލަތެއް. މި މައްސަލަ އުފެދުނީ ޔުކުރޭނުގަތިބޭ ރަޝިޔާދަރިކޮޅު ގިނަމުސްލިމުން ހިމެނޭ އާބާދީއަކަށް ފާޅުގަ ހަމަލަދީ އަނިޔާވެރިވާންފެށުމުން. މިކަމުގެ އަޑިގައޮތީ އެމެރިކާ. 10 އަހަރުވަންދެން ނަސޭހަތްދީ ވާހަކަދައްކައިގެން ވެސް ހައްލެއް ނުލިބުނީމަ ދެން ހަގުރާމަފެށީ.
ިގިނަ ދިވެހިން
07 March 2022
ދިވެހިން ނޫޅޭ އެއްވެސް ކޮޅަކަށް ޖެހގެންނެއް. ދިވެހިން މިކިޔާ ވެސް އެއްޗަކީ ދޮން ކުދިން ނޫން އެހެން ގައުމަކަށް އެރި ނަމަ ޔޫއެން އާއި އީޔޫ އާއި އަދި ނޭޓޯ އިން ތިވަރަށް ތެޅޭނެ ހޭ. ވަރަށް ސިމްޕަލް ކަމަކުން ހަނގުރާމަ ހުއްޓުވުނީސް. ނޭޓޯއިން ޔޫކްރެއިން އަށް ނޫނެކޭ ބުނި ނަމަ ނުފެޝީސް. ދިވެހިން ބޮލަށް ނުޖަހާ. އަހަރުމެން ނުކުރަން ހަނގުރާމަ ފަށާވަރު ކަމެއް. ހުއްޓުވަން މަވެސް ބޭނުން އެކަމަކު. ރަނގަޅަށް ވީޔާ އެމެރިކާ އެއްބައި ވެގެން ކުރާ ކަމެއްތީ.
ނިއުކްލިއަރ
06 March 2022
މި ކަލޭގެ މިހާރު މިހިރީ މޮޔަވެފައި.
ނޯޓިސިއާސް އެން ޑައިރެކްޓޯ
06 March 2022
ޕުޓިން އަދި އެމެރިކާގެ ޕެންޓަގަނުން މިކަމުގަ ގެންގުޅޭ ސްޓޭންޑް ރަނގަޅު.ތަނެއްގަ ހުރި ކޮމޭޑިއަނަކު ވެރިކަމަށް ހޮވީމަ ގައުމުއެކީގަ ފުނޑިގެންދާއިރު ވެސް މެންދުރު ކާޅެެއްހެން އަނގަ ހުޅުވިފަ ހުރެގެން ގައުމު ސަލާމަތް ނުކުރެވޭނެ.ހަނގުރާމައިގެ ސަބަބުން ހުރިހާ ގައުމަކަށް ގެއްލުންވާނެ.އެންމެ ބޮޑަށް ގެއްލުންވާނެ ކަމަށް ލަފާކުރެވެނީ ރާއްޖެ ފަދަ ކުދި ގައުމުތަކަށް.އެހެންވީމަ ހަނގުރާމަ ހުއްޓާލުން އެއީ އެންމެ މަސްލަހަތު ރަނގަޅުގޮތް.
ނަސްލު
06 March 2022
އަޖައިބެއް. ކޮމޭޑިއަން އެއް ވެރިކަމަށް ހޮވުމަކީ ގައުމެއް ސުންނާފަތިކުރަން ޖެހޭ ކަމެއްކަމަށް ނުދެނަހުރިން