ޕްރެޒިޑެންޓް ކަޕް އަސްހަދު އަލީ ވެލެންސިއާގެ ޓީމުގައި ކުޅެނީ: 15 ދުވަހުގެ ޖަލުގެ އަދަބު ތަންފީޒު ކުރުމަށް ފަހު އޭނާ ވަނީ އަލުން ޕްރެކްޓިހަށް ނުކުމެފަ --- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު
08 މާޗް 2022 - 10:24
ޖަލުގައި 15 ދުވަސް ހޭދަ ކުރުމަށް ފަހު ވެލެންސިއާގެ ޕްރެކްޓިހަށް ނުކުތް އަސްހަދު އަލީ (އަޑުބަރޭ) ގެ ފިޓްނަސް ހިފަހައްޓަން ޖަލުގައި ވެސް ފުޓުބޯޅަ ކުޅުނު ކަމަށް އޭނާ ބުނެފި އެވެ.
އަޑުބަރޭ 15 ދުވަހަށް ޖަލަށްލީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރުވާލުމުގައި ޖާމިނުވެ، އަލީ ކޯޓަށް ހާޒިރު ނުކުރެވުމުން ކޯޓުގެ ހުރުމަތް ކަނޑާލުމުގެ ކުށުގަ އެވެ. ޖަލު ހުކުމާ އެކު ވަނީ ސްޕޯޓްސް މިނިސްޓްރީގައި އޭނާ އަދާކުރަމުން ދިޔަ ސްޓޭޓް މިނިސްޓަރުގެ މަގާމުން ވަކިކޮށްފަ އެވެ.
"މަގާމު ގެއްލުމަކުން އެކަމާމެދު ނުވިސްނަން. މި ވަގުތު ފުޓްބޯޅަ އަށް ފޯކަސްކޮށްގެން ކުރިއަށްދާން މިހުރީ،" އަޑުބަރޭ "މިހާރަ"ށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.
"އެހެންވެ އެއް ވެސް ވަގުތެއް ބޭކާރުކޮށް ނުލަން ވެގެން ޖަލުގައި ވެސް ގައިދީންނާ އެކު ފުޓްބޯޅަ ކުޅުނިން. ފިޓްނަސް ލެވެލް ދަށްވިޔަނުދީ ހިފަހައްޓަން ކުރި ކަމެއް އެއީ." އަޑުބަރޭ، 35، ބުންޏެވެ.
އަޑުބަރޭގެ ފިޓަނަސްއާ މެދު ވެލެންސިއާގެ ކޯޗިން ސްޓާފުން ވެސް ތިބީ ހިތްހަމަޖެހިފަ އެވެ.
"އަޑޭގެ ފިޓްނަސް ކޮންޑިޝަނާ މެދު މާބޮޑު ކޮންސާނެއް ނެތް،" ވެލެންސިއާގެ ޕްރެކްޓިހަށް އިއްޔެ ނުކުންނަން ފެށި އަޑުބަރޭގެ ފިޓްނަސްއާ ބެހޭ ގޮތުން ވެލެންސިއާގެ އެސިސްޓެންޓް ކޯޗު އިސްމާއީލް އާސިފް (ކުުޑަހީނާ) ބުންޏެވެ.
"އެކަމަކު ފަހަރެއްގައި މިއަދު ކުޅޭ މެޗުގައި އޭނާ ބޭނުން ނުކޮށްފާނެ. އެއީ ކޮންމެހެން ފިޓްނަސްއާ ގުޅުން ހުރި ކަމެއް ނޫން. ޓީމާ އެކު ޕްރެކްޓިސް ކުރި ވަގުތު މަދުވީމަ."
ދިވެހި ޕްރިމިއާ ލީގުގައި ވެލެންސިއާ އިން މިއަދު ނުކުންނާނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ދެކޮޅަށެވެ. ހީނާ ބުނި ގޮތުގައި އަޑުބަރޭ ޓީމާ ގުޅުމުން ވެލެންސިއާގެ ކުޅުންތެރިންނަށް ވެސް ހިތްހަމަޖެހުން ލިބުނެވެ.
ޓީމުގެ ޑިފެންޑަރު ޑަކްސަން ޕުސްލާސް ކުއްލިގޮތަކަށް މަރުވުމުން ވެލެންސިއާގެ ކުޅުންތެރިންނަށް މިއީ އުނދަގޫ ވަގުތެކެވެ. އެކަމަކު ހީނާ ބުނިގޮތުގައި، އަޑުބަރޭ އެނބުރި އައުމުން ކުޅުންތެރިންނަށް ހިތްވަރެއް ވަނީ ލިބިފަ އެވެ.
އަޑުބަރޭ: އޭނާ ބުނީ ފިޓްނަސް ހިފަހައްޓަން ޖަލުގައި ވެސް ފުޓްބޯޅަ ކުޅުނު ކަމަށް --- ފައިލް ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"އޭނާ ނެތީމަ ވެސް މި ކުޅުންތެރިން ވަރަށް ބޮޑަށް އޭނާގެ ވާހަކަ ދެއްކި. އަނެއްކާ އޭގެ ފަހުން ޑަކްސަން މަރުވި ވަގުތު އަޑޭ ނެތުމުން ކުޅުންތެރިންނަށް އިހްސާސް ކުރެވުނު ވަރަށް ބޮޑު އެއްޗެއް އުނިވެއްޖެކަން. އެއީ އަޑޭ އަކީ ޓީމާ ގުޅުނު ފަހުން ވެސް ކުޅުންތެރިންނަށް ވަރަށް ބޮޑަށް ސަޕޯޓްދޭ މީހެއް. ޒުވާން ކުޅުންތެރިންނަށް ވެސް އޭނަ ވަރަށް ބޮޑަށް ކިޔައިދީ ހިތްވަރުދީ ހަދާ،" ހީނާ ބުންޏެވެ.
އަޑުބަރޭ ބުނި ގޮތުގައި ވެލެންސިއާގެ ޓީމަށް އުނދަގޫ ހާލަތެއް މެދުވެރިވި ވަގުތު ކުޅުންތެރިންނާ އެކު އޭނާ އަށް ނުހުރެވުމުން ދެރަވި އެވެ. އޭނާ ބުނީ ޑަކްސަން ނެތްތަން ފޫބައްދަން ޓީމަށް އެހީތެރިވާން ބޭނުންވާ ކަމަށެވެ.
އަޑުބަރޭ: އޭނާ ބުނީ ސްޓޭޓް މިނިސްޓަރުކަން ގެއްލުނަސް އެކަމާ މެދު ނުވިސްނާ ކަމަށް --- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު
ކުރީގެ ފަނޑިޔާރު އަބްދުލް ބާރީ ޔޫސުފްގެ ފޮޓޯއެއް އޭނާގެ ނުރުހުމުގައި ނަގައިގެން ވެސް އަޑުބަރޭ ޖަލުގައި ބަންދުކުރި އެވެ. އޭނާ ބުނިގޮތުގައި އޭރު ޖަލުގައި ހޭދަ ކުރަން ޖެހުނަސް މާބޮޑު އުނދަގުލެއް ކުރިމަތި ނުވެ އެވެ.
"އޭރު ހައްޔަރު ކުރީ ތަހުގީގަށް. ތަހުގީގު މަރުހަލާ ވީމަ މާބޮޑު ކަމަކަށް ނުވޭ،" އަޑުބަރޭ، 35، ބުންޏެވެ.
"އެކަމަކު ހުކުމެއް ކޮށްގެން ޖަލަށް ލީމަ މެންޓަލީ ވެސް އެ އުނދަގޫވޭ."
މިދިޔަ އަހަރު ލަންކާގައި ބޭއްވި މަހިންދަ ރާޖަޕަކްސަ ފުޓްބޯޅަ މުބާރާތުގައި ސީޝެލްސްއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގައި ސީލެޝްލްސްގެ ކެޕްޓަން ކަރު މަތީގައި އަޑުބަރޭ ޖެހުމުން އޭނާ އަށް ވަގުތުން ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލި އެވެ. އެ ހާދިސާއާ ގުޅިގެން އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން މައްސަލަ ބަލައި ހަ މެޗަށް އަޑުބަރޭ ސަސްޕެންޑްކުރި އެވެ. ނަމަވެސް ސީޒަން ފެށެން ވަގުތު ކުޑަތަންވެފައި ވަނިކޮށް އެފްއޭއެމުން ނެރުނު ބަޔާނުގައި ވަނީ އަޑުބަރޭ ސަސްޕެންޑް ކުރީ ގައުމީ ޓީމު ކުޅޭ ހަ މެޗަށް ކަމަށް ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުޑުގުޑު
08 March 2022
ޒަރިޔަންދު ވަރަށް ޕަރސަނަލް ވާ ކުޅުންތެރިއެއް އަޑޭ އަކީ.
އަލީބަޖީދު
08 March 2022
ރަނގަޅު ޖަލުގަ އުޅޭ މީހެއްގެ ނޭފަތް ފަޅާނުލައިފިއްޔާ، މެންޓަލީ އަސަރުކޮށްފަ ހުރީމަ އޭނަ އަށް ކުރެވޭ ކަމެއް މީ
ޔޯ މޭން
08 March 2022
ނައު ދެޓްސް އަޑޭ. ދާއިރާއާއިގެން އުޅުނީމަ ކަމެއް ވާނީ. ތި އުމުރުގައި ވެސް ދަނޑުމަތީ ތިވަރެއް ނެތް މަސައްކަތު ރޭޓް. ދެން ދާއިރާ ބޭތުން ނޫޅެއްޗޭ ރިޓަޔާ ވެގެން ކުރާކަމެއް ކުރޭ. ވީ ވޯންޓް ދަ ދެސްޓް އައުޓް އޮފް ޔޫ އޮން ފީލްޑް އޯލްވޭސް ވެން ޔޫ ޕްލޭ.
ޖިމް
08 March 2022
މެންޓަލީ ވެސް އުނދަގޫ ވެޔޭ.. ހެހެހޭ. ކޮބާ އަލީ ވަހީދު ބެހުނު ކުދިންނަށް ވާނެ އުނދަގޫތއް؟ އޭނަ ފިލުވަދީފަ
އައްޔާރު
08 March 2022
އައްޔަ ބެހުނޭ ތިޔަ ބުނަނީ، ކުށް ސާބިތުވީކީނޫން. ކޯޓުގައި ހެއްކެއް ހުށަހެޅީކީ ނޫން، ތަހުގީގެއް ކުރީކީ ނޫން. ބެހުނީ ކާކާކަމެއްވެސް އެނގެނީކީ ނޫން. މުޅިން ފެބްރިކޭޓް ކޮށްގެން ކުރި ތުހުމަތެއް. ސަރުކާރުން ބޭނުންވީމަ، ބްރޯ ބޭނުންވީމާ ބޭނުންގޮތަކަށް އެކަން ކުރެވިދާން. އެކަމަކު ހަގީގަތެއް ބަދަލެއް ނުކުރެވޭނެ..