ދެކުނު ޗައިނާ ކަނޑުގައި އޮތް އެމެރިކާގެ ސާވޭ އުޅަނދު: ކަނޑުއަޑީގެ ޑްރޯން ފޮނުވީ މި އުޅަނދުން. --ފޮޓޯ:ޔޫއެސް ނޭވީ
20 ޑިސެމްބަރ 2016 - 14:03
ވޮޝިންޓަން (ޑިސެމްބަރު 20) - ދެކުނު ޗައިނާ ކަނޑުން ހިފެހެއްޓި އެމެރިކާގެ ޑްރޯން ޗައިނާ އިން އަނބުރާ ހަވާލުކޮށްފި އެވެ.
ކަނޑު އަޑިން ދުއްވާ އެމެރިކާގެ ޑްރޯން ހަވާލުކޮށްފައި ވަނީ އެ ޑްރޯން ހިފެހެއްޓި ސަރަހައްދުންނެވެ. ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން ޗައިނާ އިން ޑްރޯން ހިފެހެއްޓީ ބުރާސްފަތި ދުވަހު އެވެ. މި މައްސަލަ ވަނީ ޗައިނާ އާއި އެމެރިކާއާ ދެމެދު މިއިން ދުވަހު ކުރިމަތިނުލާ ވަރުގެ ބޮޑު ކަމަކަށްވެފަ އެވެ. ޗައިނާ އިން ބުނެފައި ވަނީ އެމެރިކާ އިން ކަންތައް ބޮޑުކޮށްލީ ކަމަށެވެ.
ޗައިނާގެ ދިފާއީ ވުޒާރާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދެ ގައުމުގެ މެދުގައި ރަހުމަތްތެރިކަމާ އެކު މަޝްވަރާ ކުރުމަށް ފަހު ޑްރޯން ހަވާލު ކުރުން ވަރަށް އޮމާންކަމާ އެކު ނިންމާލާފައިވާ ކަމަށެވެ.
އެމެރިކާ އިން ބުނެފައި ވަނީ ބައިނަލްއަގުވާމީ ގާނޫނުތައް ހުއްދަ ކުރާ ގޮތުގެ މަތިން ދެކުނު ޗައިނާ ކަނޑުގައި އަދިވެސް "އުޅަނދުތައް އޮޕަރޭޓް" ކުރާނެ ކަމަށެވެ.
ޕެންޓަގަނުން ބުނެފައި ވަނީ ކަނޑު އަޑީގެ ރިސާޗް އުޅަނދެއްގެ ގޮތުގައި ބޭނުންކުރި ޑްރޯން އަކީ ލޮނުގެ އަސަރު ހުރި މިންވަރާއި ފިނިހޫނުމިން ހުރި މިންވަރު ބެލުމަށް ބޭނުންކުރަމުން ދިޔަ އެއްޗެއް ކަމަށެވެ.
ޕެންޓަގަންގެ ތަރުޖަމާން ކެޕްޓަން ޖެފް ޑޭވިސް ވިދާޅުވީ އަނޑުއަޑީގެ އުޅަނދުން ދެކުނު ޗައިނާ ކަނޑުގައި އަސްކަރީ ސާވޭއެއް ކުރަމުން ދިޔައީ ގާނޫނުތަކާ އެއްގޮތަށް ކަމަށެވެ. އަދި ކަނޑުއަޑިން ނުނެގުމަށް އޭގައި އިނގިރޭސި އަކުރުން ލިޔެފައިވާނެ ކަމަށާއި އެއީ އެމެރިކާގެ އަމިއްލަ މިލްކެއް ކަމަށެވެ.
ޕެންޓަގަނުން ބުނީ ދެކުނު ޗައިނާ ކަނޑުގައި އަސްކަރީ ސާވޭއެއްގައި އުޅުނު އެމެރިކާގެ ބޯޓު ޔޫއެސްއެންއެސް ބޯޑިޗުން ދޫކޮށްލި ކަނޑުއަޑީގައި ދުއްވާ އުޅަނދު ހިފެހެއްޓީ ޗައިނާގެ ކަނޑުގެ ސިފައިންގެ އުޅަނދެއް ކަމަށްވާ އޭއެސްއާރު-510 އިން ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy