ކުޅިވަރު / ޗެމްޕިއަންސް ލީގު

ކުއާޓާ ފައިނަލުގެ ފުރަތަމަ ދެ ޖާގަ ބެޔާން އާއި ލިވަޕޫލަށް

ލެވަންޑޯސްކީ ރޭގެ މެޗުގައި ލަނޑެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ. ރޭ ޖެހި ތިން ލަނޑާ އެކު އޭނާ ވަނީ މި ސީޒަނުގައި ޗެމްޕިއަންސް ލީގުގައި 12 ލަނޑު ހަމަކޮށް، ލަނޑު ލިސްޓުގެ އެއްވަނައަށް ޖެހިލައިފަ.-- ފޮޓޯ: އޭއެފްޕީ

މިއުނިކް (މާޗް 9) - ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކަށް ފަހު ކުއާޓާ ފައިނަލުގެ ފުރަތަމަ ދެ ޖާގަ ބެޔާން މިއުނިކާއި ލިވަޕޫލް ހޯދައިފި އެވެ.

ބެޔާން އިން ކުއާޓާ އަށް ދަތުރުކުރީ މުބާރާތުގެ ގަދަ 16 ގެ ދެވަނަ ލެގުގައި އޮސްޓްރިއާގެ ރެޑް ބުލް ސަލްޒްބާގާ ވާދަކޮށް 7-1 އިން މެޗު ކާމިޔާބު ކޮށްގެންނެވެ. ފުރަތަމަ ލެގު އޮސްޓްރިއާގައި 1-1 އިން އެއްވަރުވި ނަމަވެސް ރޭގެ މޮޅާ އެކު ބެޔާން ވަނީ 8-2 ގެ އެގްރިގޭޓް ނަތީޖާއަކުން ސަލްޒްބާގް މައްޗަށް ކުރި ހޯދައިފަ އެވެ.

މި މެޗަކީ ޕޮލެންޑުގެ ގައުމީ ޓީމުގެ ކެޕްޓަން ރޮބާޓް ލެވަންޑޯސްކީ ޗެމްޕިއަންސް ލީގުގައި ކުޅުނު 100 ވަނަ މެޗެވެ. މި މެޗުގައި އޭނާ ވަނީ 11 މިނިޓުން ހެޓްރިކެއް ވެސް ފުރިހަމަ ކޮށްފަ އެވެ. އޭނާގެ ފުރަތަމަ ދެ ލަނޑު ޖެހީ ލިބުނު ދެ ޕެނަލްޓީންނެވެ. ފުރަތަމަ ޕެނަލްޓީ މެޗުގެ 12 ވަނަ މިނިޓު ކާމިޔާބުކުރިއިރު، ދެވަނަ ލަނޑު ޖެހީ 21 ވަނަ މިނިޓުގަ އެވެ. އަދި އޭނާގެ ހެޓްރިކް ފުރިހަމަ ކުރީ ދެވަނަ ލަނޑު ޖެހިތާ ދެ މިނިޓް ފަހުން، މެޗުގެ 23 ވަނަ މިނިޓުގަ އެވެ. ލެވަންޑޯސްކީ ވަނީ މި ސީޒަނުގައި ޖަރުމަންގެ ބެޔާން މިއުނިކަށް 42 ގޯލު ޖަހައިދީފަ އެވެ.

ބެޔާންގެ ހަތަރު ވަނަ ލަނޑު ޖެހީ 31 ވަނަ މިނިޓުގައި ސާޖް ގްނަބްރީ އެވެ. ދެވަނަ ހާފުގައި ބެޔާނުން ކާމިޔާބުކުރި ތިން ލަނޑު ޖެހީ ތޯމަސް މުލާ އާއި ލެރޯއި ސާނޭ އެވެ. މީގެ ތެރެއިން ދެ ގޯލު ޖެހީ މުލާ އެވެ. ސަލްޒްބާގުގެ ހަމައެކަނި ލަނޑު މި ހާފުގައި ޖެހީ ބްރެންޑެން އާރޮންސަން އެވެ.

ރޭގެ މެޗަށް ފަހު ލިވަޕޫލްގެ ކެޕްޓަން ހެންޑަސަން އާއި ޑިފެންޑަރު ވާޖިލް ވެން ޑައިކް.-- ފޮޓޯ: އޭއެފްޕީ

ލިވަޕޫލުން ރޭ އަމިއްލަ ދަނޑުގައި އިޓަލީގެ އިންޓަ މިލާން އަތުން 1-0 އިން ބަލިވިޔަސް ކުއާޓާ ފައިނަލަށް ދަތުރުކުރީ ފުރަތަމަ ލެގު ލިވަޕޫލުން 2-0 އިން ކާމިޔާބުކޮށްފައި ވުމުން، 2-1 ގެ އެގްރިގޭޓް ނަތީޖާއިންނެވެ.

އިންޓަ އިން ރޭގެ މެޗު ކުޅުނީ އެ ޓީމުގެ އެންމެ މުހިއްމު އެއް ފޯވާޑް ކަމަށްވާ އެޑިން ޒެކޯގެ ބަދަލުގައި އެލެކްސިސް ސަންޗޭޒް ފުރަތަމަ 11 ގައި ހިމަނައިގެންނެވެ. އިންޓަ އިން މެޗުގެ ހަމައެކަނި ލަނޑު 61 ވަނަ މިނިޓުގައި ޖެހީ ސަންޗޭޒްގެ އެހީތެރިކަމާ އެކު ލައުޓޭރޯ މާޓިނޭޒް އެވެ. ނަމަވެސް އޭގެ ދެ މިނިޓް ފަހުން ލިވަޕޫލްގެ ފަބީނިއޯ އަށް ފައުލް ކޮށްގެން ސަންޗޭޒް އަށް ވަނީ ރެފްރީ ދެވަނަ ރީނދޫ ކާޑަކާ އެކު ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ.

އިންޓަ އިން ލަނޑު ޖެހުމުގެ ކުރިން ލިވަޕޫލްގެ ޖޮއެލް މަޓިޕާއި މުހައްމަދު ސަލާހު ފޮނުވާލި ބޯޅައެއް ގޯލު ދަނޑިއާ އަމާޒުވިއިރު، ލަނޑަށް ފަހު ވެސް ސަލާހު ފޮނުވާލި ހަމަލާއެއް ވަނީ ގޯލު ދަނޑިއަށް އަމާޒުވެފަ އެވެ.

އިންޓަ މިލާނުގެ މި މޮޅަކީ 1965 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު (އޭރުގެ ޔޫރަޕިއަން ކަޕް) ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ލިވަޕޫލް ބަލިކުރި ފަހުން، އިންޓަ އިން ލިވަޕޫލްގެ މައްޗަށް ކުރި ހޯދި ފުރަތަމަ ފަހަރެވެ. އެ އަހަރު ފުރަތަމަ ލެގު ލިވަޕޫލުން އަމިއްލަ ދަނޑުގައި 3-1 އިން ކާމިޔާބު ކުރި ނަމަވެސް އިންޓަ އިން 3-0 އިން ދެވަނަ ލެގު ކާމިޔާބުކޮށް ފައިނަލަށް ދަތުރު ކުރި އެވެ.

މިއީ އިނގިރޭސި ވިލާތުގެ ލިވަޕޫލް މި އަހަރު އަމިއްލަ ދަނޑުގައި ބަލިވި ފުރަތަމަ މެޗެވެ. އެންމެ ފަހުން އަމިއްލަ ދަނޑުގައި ލިވަޕޫލް ބަލިވީ މިދިޔަ އަހަރުގެ މާޗް މަހު ޕްރިމިއާ ލީގުގައި ފުލަމް އަތުން ހަމަ މި ނަތީޖާއިންނެވެ. ފުލަމް އަތުން ބަލިވި ފަހުން ލިވަޕޫލް ވަނީ އަމިއްލަ ދަނޑުގައި ކުޅުނު 28 މެޗުގެ ތެރެއިން 21 މެޗުން މޮޅުވެ، ހަތް މެޗު އެއްވަރު ކޮށްފަ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454