ލައިފްސްޓައިލް / އިންޑިއާ

ގޭންގް ރޭޕްގެ ޝިކާއަރަކަށްވި ތަރިއަކު ފަސް އަހަރު ފަހުން އެ ވާހަކަ ކިޔައިދީފި

ދެކުނު އިންޑިއާގެ ފިލްމުތަކުގައި މަސައްކަތްކުރާ މަޝްހޫރު އެކްޓްރެސް ބާވަނާ މެނަން.--

ރޭޕްގެ އަނިޔާގައި އޭނާގެ މުޅި ދިރިއުޅުން އަޅިއަށްވި އެވެ؛ އެކަމަކު މުޖުތަމައުން ކުށްވެރިކުރީ އޭނާ އެވެ.

މީގެ ފަސް އަހަރު ކުރިން ގޭންގް ރޭޕްގެ ޝިކާރައަކަށްވި، އިންޑިއާގެ ކެރެލާ އަށް އުފަން، މަޝްހޫރު ފިލްމީ ތަރި ބާވަނާ މެނަން ފުރަތަމަ ފަހަރަށް އެ ވާހަކަ މީޑިއާގައި ދައްކަމުން ބުނީ އޭނާ އަށް ލިބުނު އެ ވޭންހުރި އަނިޔާތަކާ އެކު މުޖުތަމައުގެ ފަރާތުން އޭނާ އަށް ލިބުނު "އަނިޔާ" ވެސް ވަކި ކުޑަ ނޫން ކަމަށެވެ. އެކަމަކު އެ ހުރިހާ ކަމަކާ ކުރިމަތިލައި، އޭނާ މިހާރު ހުރީ ހިތްވަރާ އެކު ނުކުމެ އެވެ.

ބާވަނާ ބުނީ މިހާރު އޭނާ އަކީ "ރޭޕް ވިކްޓިމެއް ނޫން، ސަވައިވާއެއް" ކަމަށެވެ.

ދެކުނު އިންޑިއާގެ ފިލްމުތަކުގައި މަޝްހޫރު ބާވަނާ ވަނީ 80 އަށް ވުރެ ގިނަ ފިލްމުގައި މަސައްކަތްކޮށްފަ އެވެ. ފަސް ފިރިހެނުންގެ ގްރޫޕަކުން ބާވަނާ ރަހީނުކުރީ އޭނާގެ އުފަން ސިޓީ ތުރިސޫރުން ފުރައިގެން ކޮޗީ އަށް ދަތުރުކުރަމުން ދަނިކޮށް ފެބްރުއަރީ 2017 ގަ އެވެ. ފިލްމެއްގެ މަސައްކަތަށް ކޮޗީ އަށް ދަނިކޮށް ގްރޫޕަކުން އޭނާ ރަހީނުކޮށްގެން ގެންގޮސް، ރޭޕްކުރީ ކާރެއްގެ ތެރޭގަ އެވެ.

ބާވަނާ ރޭޕްކުރި ޚަބަރު މީޑިއާގައި ބޮޑަށް ދެކެވެން ފެށީ، މަލަޔާލަމް ފިލްމުތަކުގައި ވަރަށް މަޝްހޫރު އެކްޓަރެއް އަދި ބާވަނާގެ ކޯސްޓާރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރި ދިލީޕް އެ މައްސަލައިގައި ހައްޔަރުކުރުމުންނެވެ. އޭނާ ހައްޔަރުކުރީ ބަޔަކަށް ފައިސާ ދީގެން ބާވަނާ ރޭޕްކުރި ކަމުގެ ތުހުމަތުގަ އެވެ. އެ ތުހުމަތަށް އޭޭނާ އިންކާރު ކުރިޔަސް، އޭނާ ހައްޔަރުކޮށް ތިން މަސް ވަންދެން ބަންދުގައި ބެހެއްޓި އެވެ.

ބާވަނާ މެނަން ރޭޕްކުރި މައްސަލައިގައި ބައިވެރިވާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެކުނު އިންޑިއާގެ އެކްޓަރު ދިލީޕް.--

ކަފާލާތުގެ ދަށުން މިހާރު ދިލީޕް ދޫކޮށްލާފައިވާ އިރު، އެ މައްސަލަ އަދިވެސް ކޯޓުގައި ކުރިއަށްދެ އެވެ.

"އަހަންނަކީ އޭރު ވަރަށް އުފަލުގައި އުޅުނު އަންހެން ކުއްޖެއް. އެކަމަކު މިކަމެއް ދިމާވުމުން އަހަރެން މުޅި ދިރިއުޅުން އެފުށްމިފުށަށް ޖެހުނު. ގިނަ މީހުންނަށް ފެންނާނީ އަހަރެން ސޯޝަލް މީޑިއާގައި ޝެއާކުރާ ހިނިތުންވެފައި ހުންނަ ފޮޓޯތައް. އެކަމަކު އަހަރެން އުޅުނީ ގަދަވޭނުގައި،" ބީބީސީ އަށް ދިން އިންޓަވިއުއެއްގައި ބާވަނާ ބުންޏެވެ.

"ވިކްޓިމަކަށްވެ އަހަރެންގެ ނަން ލޭބަލްވީ 'އަނިޔާވި އެކްޓްރެސް' ގެ ގޮތުގައި. ވަރަށް ގިނަ ދުވަސް ވަންދެން އަމިއްލަ ނަފުސާ ސުވާލުކުރެވުނު ކީއްވެތޯ އަހަންނަށް އެކަންތައް ކުރިމަތިވީ. އަމިއްލަ ނަފުސު ކުށްވެރި ވެސް ކުރެވުނު،" އޭނާ ބުންޏެވެ.

"އެ މައްސަލަ 2020 ގައި ކޯޓުގައި ފެށުމުން، 15 ދުވަސް ވަންދެން ކޯޓުގައި ހެކި ދޭން ހޭދަކުރިން. އެއީ ހުރިހާ ކަމެއް އަނެއްކާ ވެސް ބަދަލުކޮށްލި ހިސާބު. އެ ހުރިހާ ކަމެއް ހަނދާން ނައްތާލައިފައި، ދިރިއުޅުމުގައި ކުރިއަށް ދާން ބޭނުންވެފައި ހުއްޓާ އަނެއްކާ ވެސް އަހަންނަށް ޖެހުނީ އެ ހިތްދަތި ހަނދާންތައް އާކުރަން،"

ދެކުނު އިންޑިއާގެ ފިލްމުތަކުގައި މަސައްކަތްކުރާ މަޝްހޫރު އެކްޓްރެސް ބާވަނާ މެނަން.--

ބާވަނާ އަށް އަނިޔާކުރި މީހުން ވަނީ އޭނާ އަށް އަނިޔާކުރަމުން ދިޔައިރު ވީޑިއޯ ވެސް ކޮށްފަ އެވެ. އޭނާ ބުނީ ފަހަރެއްގައި އެ މީހުންގެ ނިޔަތަކަށްވީ އަނިޔާކުރުމަށް ފަހު، އެ ވީޑިއޯ ބޭނުންކޮށްގެން އޭނާ ބްލެކްމެއިލް ކުރުން ކަމަށް ވެދާނެ ކަމަށެވެ.

ބާވަނާ އާއި ދިލީޕް އަކީ މަޝްހޫރު ދެމީހުންނަށް ވުމުން، އެ މައްސަލަ އަށް މީޑިއާގައި ބޮޑު ސަމާލުކަމެއް ލިބުނެވެ. އިންޑިއާގެ ޚަބަރު ޗެނަލްތަކުން ޕެނަލިސްޓުނަށް ދައުވަތުދީގެން ގެންގޮސް، ބާވަނާއާ އެއްކޮޅަށް އަދި ދެކޮޅަށް ވެސް ވާހަކަދައްކަން ފުރުސަތު ދިން ހިސާބަށް ކަންތައް ގޯސްވި އެވެ.

ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އޭނާ "ވިކްޓިމް ބްލޭމް" ކުރި އެވެ. އިރުއޮއްސި ހަތެއް ޖެހިފަހުން އޭނާ އެކަނި ދަތުރުކުރީ ކީއްވެތޯ ސުވާލު އުފައްދައި، އޭނާގެ މައުސޫމުކަމާ މެދު ވެސް މީހުން ސުވާލުކުރި އެވެ. އޭނާ ދޮގު ހަދަނީ ކަމަށާއި އެއީ އޭނާ ކުޅޭ "ބޮޑު ޑްރާމާ" އެއް ކަމަށް ވެސް މީހުން ކިޔެވެ.

"އެ ހުރިހާ ވާހަކަތަކެއް އިވި ވަރަށް ބޮޑަށް ހިތްދަތިވި. ބައެއް ފަހަރު އަހަރެން ބޭނުންވި ގައިގައި ހުރިއްޔާ ހުރި ބާރެއް ލާފައި ހަޅޭލަވައިގަންނަން ވެސް،" މީީޑިއާތަކުން ފެތުރި ޚަބަރުތަކާ ގުޅޭ ގޮތުން އޭނާ ބުންޏެވެ.

"އަހަރެންގެ އިއްޒަތް ފޭރިގަނެ، އަހަރެން ފަލީހަތްކޮށްލި."

ދެކުނު އިންޑިއާގެ ފިލްމުތަކުގައި މަސައްކަތްކުރާ މަޝްހޫރު އެކްޓްރެސް ބާވަނާ މެނަން.--

އިންޑިއާގެ ގާނޫނުގައި ބުނާ ގޮތުން، ރޭޕްގެ ނުވަތަ ޖިންސީ އަނިޔާގެ ޝިކާރައަކަށްވާ މީހުންގެ އައިޑެންޓިޓީ ސިއްރުކުރަން ޖެހެ އެވެ. އެކަމަކު ބާވަނާ ބުނި ގޮތުގައި، ފުރަތަމަ ދުވަހުން ފެށިގެން ވެސް މީޑިއާތަކުން އެ ޚަބަރުތައް ގެނެސްދިން ގޮތުން އެއީ އޭނާ ކަން އެންމެނަށް ވެސް އެނގުނެވެ.

"އަހަރެންނަކީ މަޝްހޫރު އެކްޓްރެސްއަކަށް ވީމަ މީޑިއާގެ ފުރަތަމަ ރިޕޯޓްތަކުގައި އޮތީ އަހަރެން ރަހީނުކުރި ކަމަށް. ބައެއް ޗެނަލްތަކުން އަހަރެންގެ ފޮޓޯ ވެސް ދެއްކި. އެކަމަކު ޖިންސީ އަނިޔާކުރި ކަން އެނގުމުން އެ މީހުން އަހަރެންގެ ނަމާއި ފޮޓޯތައް ނެގި. އެ ހިސާބުން ދެން އެންމެނަށް ވެސް އެނގިއްޖެ އަނިޔާވީ އަހަންނަށް ކަން."

އެ އަނިޔާ ލިބުނުތާ ފަސް އަހަރު ފަހުން ބާވަނާ ފުރަތަމަ ފަހަރަށް އާންމުކޮށް އެ ވާހަކަ ދެއްކީ މިދިޔަ ޖެނުއަރީ މަހު އޭނާގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގަ އެވެ.

ބާވަނާ ބުނީ ސެލެބްރިޓީއަކަށް ވާތީ އޭނާ އަކީ ހުރިހާ ގޮތަކުން ވެސް ތަނަވަސް މީހެއް ކަން ގަބޫލުކުރާ ކަމަށެވެ. ފިރިމީހާ އާއި އާއިލާގެ ފުރިހަމަ ސަޕޯޓް ލިބޭ ކަމަށާއި އޭނާގެ މައްސަލަ ކޯޓުގައި ކުރިއަށް ގެންދިއުމަށް މާލީ ގޮތުން ވެސް އެއްވެސް ދަތިކަމެއް ނެތް ކަމަށް ބުންޏެވެ. އެކަމަކު އޭނާ ބުނީ މިދިޔަ ފަސް އަހަރަކީ ފަސޭހަ "ދަތުރެއް" ނޫން ކަމަށެވެ.

"ދެން ނުވާނެ ކަމަށް ނިންމަން ސަތޭކައެއްހާ ފަހަރު ހިތަށް އެރި. ރައްޓެހިންނާއި އާއިލާ އަދި ވަކީލުން ކައިރި ވެސް އަހަރެން ތަކުރާރުކޮށް އެހިން މި ކަންތައް ދެން ހުއްޓާލެވޭނެ ގޮތެއް އެބަ އޮތް ހެއްޔޭ. ގައުމު ދޫކޮށް ގޮސް، އެހެން ތަނެއްގައި އާ ދިރިއުޅުމެއް ފަށަން ވެސް ވިސްނިން. އަމިއްލަ އަށް މަރުވާން ހިތަށް އަރާ ހިސާބަށް ކަންތައް ދިޔަ،" އޭނާ ބުންޏެވެ.

އެކަމަކު ވެސް އޭނާ ހިތްވަރު އެލުވާނުލީ ކީއްވެ ހެއްޔެވެ؟

"ދެން ނުވާނޭ ހިތަށް އަރާތާ ދުވަހެއް ފަހުން އަނެއްކާ ވެސް ހިޔާލު ބަދަލުވޭ. އެއީ އަހަރެންގެ އިއްޒަތް ދަމަހައްޓަން ބޭނުންވާ ނަމަ، އަހަރެންގެ ކުށެއްގެ ނެތްކަމާއި އަހަންނަށް ގޯސްކަމެއް ނުކުރެވޭކަން ސާބިތުކޮށްދޭން ޖެހޭނެތީ،" އޭނާ ބުންޏެވެ.

4 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 23%
icon sad icon sad 77%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙަސަން އަޙްމަދު

10 March 2022

މިހާރަކަށް އައިސް ނޫސްވެރިން މިލިޔަނީ މީހަކު ޖަހައިގަތުމަށް ނޫނީ ވަގަށް ނެގުމަށް ވެސް ރަހީނުކުރުމޭ. ރަހީނުކުރުމަކީ ފައިސާ ނުވަތަ ކޮންމެސް އެއްޗެއް ހާސިލްކުރުމައްޓަކައި ބަދަލެއްގެ ގޮތުން (ރަހުނެއްގެ ގޮތުން) މީހަކު ހައްޔަރުކޮށްގެން ގެންގުޅުން. ނޫނީ ހަނގުރާމައެއްގައި ވެސް ބަދަލެއްގެ ބޭނުމުގައި ހައްޔަރުކޮށްގެން ގެންގުޅުން.

The name is already taken The name is available. Register?

އެންމެ އެނގޭ

10 March 2022

މ. ވަކިމަޤްޞަދެއް ހާޞިލު ކުރުމަށްޓަކައި ގަދަކަމުން މީހަކު ނުވަތަ ބަޔަކު ހިފެހެއްޓުން. ރަދީފުގައި އޮންނަ ގޮތް.

The name is already taken The name is available. Register?

އަހްމަދު ޢީސަ

10 March 2022

ރަހުނާއި ރަހީނު އޮޅުވައިގެން ތިއުޅެނީ. ކަމަކީ ޤާނޫނީ ކަމެއް. އެހެންވީމަ ޤާނޫނު ކިޔަވާލާ

The name is already taken The name is available. Register?

ބޯވަ

12 March 2022

ރަހީނަކީ ހޮސްޓޭޖް ކުރުން. އެއީ ގަދަކަމުން ހިފެހެއްޓުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454