16 މާޗް 2022 - 06:15
މާވެލް ސްޓޫޑިއޯސްގެ ފުރަތަމަ މުސްލިމް ސުޕަހީރޯ ފެންނާނެ ސީރީޒް ކަމަށްވާ "މިސް މާވެލް" ގެ ފުރަތަމަ ޓްރެއިލާ އިއްޔެ ނެރެފި އެވެ.
"މިސް މާވެލް" ގެ ފުރަތަމަ ޕޯސްޓަރާއި ޓްރެއިލާގެ އިތުރުން ސީރީޒްގެ ސްޓްރީމިން ފަށާ ތާރީހު ވެސް ވަނީ އިއުލާންކޮށްފަ އެވެ. ޑިޒްނީ ޕްލަސް އިން އެ ސީރީޒް ސްޓްރީމް ކުރަން ފަށާނީ އަންނަ ޖޫން މަހު 8 އިން ފެށިގެންނެވެ.
އެ ސީރީޒްގައި ދައްކާނީ އެމެރިކާގެ ޖާޒީ ސިޓީގައި ދިރިއުޅޭ ޕާކިސްތާނަށް ނިސްބަތްވާ ފުރާވަރުގެ ކުއްޖެއް ކަމަށްވާ ކަމަލާ ޚާން (އީމާން ވެލަނީ) އަށް އާދަޔާ ހިލާފު ބާރެއް ލިބުމުން ހިނގާ ކަންތައްތަކެކެވެ. ސީރީޒްގައި ދައްކާ ގޮތުން، އޭނާ އަކީ މާވެލްގެ އެންމެ ވަރުގަދަ އެއް ސުޕަހީރޯ ކަމަށްވާ ކެޕްޓަން މާވެލްގެ ބޮޑު ފޭނެކެވެ.
"މިސް މާވެލް" އަކީ އެމްސީޔޫގެ ފުރަތަމަ މުސްލިމް ސުޕަހިރޯ އަށް ވާއިރު، ކަމަލާ ޚާންގެ ކެރެކްޓާ މާވެލް އިން ކޮމިކްސްގައި އެންމެ ފުރަތަމަ ޝައިއުކޮށްފައި ވަނީ 2013 ގަ އެވެ. އަދި އެ ސުޕަހީރޯ އަށް ލިބުނު ތަރުހީބު ބޮޑުވުމުން 2014 ގައި "މިސް މާވެލް" ގެ ނަމުގައި އެ ކެރެކްޓާގެ އަމިއްލަ ކޮމިކްއެއް ވެސް ނެރުނެވެ.
ފުރަތަމަ ޓްރެއިލާ ނެރުނު އިރު، މިސް މާވެލްގެ ބާރުތައް ކޮމިކް އާއި ސީރީޒްގައި ތަފާތު ކަމަށް ބުނެ މާވެލްގެ ފޭނުންގެ މެދުގައި ސޯޝަލް މީޑިއާގައި ބަހުސެއް ވެސް ވަނީ ފެށިފަ އެވެ.
ގިނަ އަދަދެއްގެ މުސްލިމް އެކްޓަރުން ވެސް ފެންނާނެ "މިސް މާވެލް" ގެ ކާސްޓުގައި އަރަމިސް ނައިޓް، ސާގަރް ޝައިހް، ރިޝް ޝާހު، ޒިނޯބިއާ ޝްރޮފް، މޯހަން ކަޕޫރް، މެޓް ލިންޓްޒް، ޔާސްމީން ފްލެޗާ، ލައިތު ނަކްލީ، އަޒްހަރު އުސްމާން، ޓްރާވިނާ ސްޕްރިންގާ އަދި ނިމްރާ ބުޗާ ވެސް ހިމެނެ އެވެ.
އެ ސީރީޒް ޑައިރެކްޓަރު ކުރަނީ އާދިލް އެލް އަރްބީ، ބިލާލް ފަލާހު، މީރާ މެނޮން އަދި ޝަރްމީން އޮބައިދު ޗިނޯއީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުރުގާ
16 March 2022
ހެހެހެހެހެހެ.... ދެން ކޮންމެ ދީނަކައް ސުޕާހީރޯއެއް ހަދަންވީނު.. އޭރުން މަމެން ތިބޭނަން ބަލަން...
އިސްމާލި
16 March 2022
މުސްލިމެއްކަން ބޭރުފުށުން ފެންނާނެ އެންމެ ބޮޑު ނިޝާނަކީ ބުރުގާ. މުސްލިމެއްކަން ދައްކަން ބޭނުންނަމަ ކޮސްޓިއުމުގެ ބައެއްގެ ގޮތުގައި ބުރުގާ ހިމެނީމައި ނިމުނީ. ކޮންމެހެން އެ ބައި ކުޅޭ އެކްޓަރަކީ މުސްލިމަކަށް ވާކަށްވެސް ނުޖެހޭ. މީގައި މި އޮތީ ކަން ނުވެ ނަން ވެފައި. ޚަލީފާ ކިޔާ ކުއްޖެއް އުޅޭނެ ފިލްމު އިންޑަސްޓްރީގައި. އޭނާވެސް މުސްލިމެއްގެ ރޯލު ކުޅޭއިރު ބުރުގާ އަޅާ.