ބީއެމްއެލް އިން ޖަމިއްޔާތަކަށް އެހީތެރިވުމަށް "ސްމޯލް ގްރާންޓްސް" ތައާރަފްކޮށްފި--
17 މާޗް 2022 - 14:22
ބީއެމްއެލުން ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 'ސްމޯލް ގްރާންޓްސް' ފަންޑެއް އިފުތިހާހުކޮށްފި އެެވެ.
މިއީ މި އަހަރުގެ ނޮވެންބަރު މަހު ފާހަގަކުރުމަށް ހަމަޖެހިފައިވާ އެ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމައަށް ހިންގާ މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން އެއް ކަންތަކެވެ.
'ސްމޯލް ގްރާންޓްސް' ފަންޑުން އެހީދޭނީ ޖަމިއްޔާތަކުން ހިންގަން ބޭނުންވާ ދެމެހެއްޓެނެވި ތަރައްގީ އާއި ތިމާވެށީގެ ކަންކަމާ ގުޅޭ ޕްރޮޖެކްޓްތަކަށެވެ. އެ ފަންޑަށް ހުށަހަޅާ ޕްރޮޖެކްޓްތަކުގެ ތެރެއިން އަށް ޕްރޮޖެކްޓެއް ހޮވައި ކޮންމެ ޕްރޮޖެކްޓަކަށް 250،000ރ. ލިބޭނެ އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ، އެ ބޭންކުގެ އަހަރީ ދުވަހާ ގުޅޭ ހަރަކާތްތަކުގެ ތެރެއިން ފަސް ވަނަ ކަމެއްގެ ގޮތުގައި ތައާރަފުކުރި 'ސްމޯލް ގްރާންޓްސް' ޕްރޮޖެކްޓުން ކުދި އަދި މެދު ފަންތީގެ ދާއިރާ އިން މުޖުތަމައަށް ފައިދާކުރަނިވި ތިމާވެށީގެ މައްސަލަތަކަށް އަމާޒުކޮށް ހިންގާ ޕްރޮޖެކްޓްތަކަށް އެހީތެރިކަން ލިބޭނެ ކަމަށެވެ.
"މި އެހީއާއާކު، ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދައި، މުޖުތަމައަށް ދެމެހެއްޓެނިވި ތަރައްގީއެއް ގެނެވޭނެ. އަޅުގަނޑުމެންގެ އުންމީދަކީ މި ދާއިރާގައި މަސައްކަތް ކުރައްވަމުންދާ ވީހާ ވެސް ގިނަ ޖަމިއްޔާތަކަކުން މި ފުރުސަތުގެ ބޭނުންކޮށް މުޖުތަމައަށް ބަދަލު ގެނެސްދިނުން،" އޭނާ ވިދާޅުވި އެވެ.
އެ އެހީއަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މޭ 14 އެވެ. މި ޕްރޮޖެކްޓަށް ކުރިމަތިލެވޭނީ މިދިޔަ އަހަރުގެ ޑިސެމްބަރާ ހަމައަށް ރަޖިސްޓަރީ ވެފައިވާ ޖަމިއްޔާތަކަށެވެ.
ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މިހާތަނަށް ހިންގާފައިވާ ހަރަކާތްތަކުގެ ތެރޭގައި ހައުސިން ގްރާންޓް، ބީއެމްއެލް ސްޓާޓްއަޕް ގްރާންޓް، ގައުމީ ކުތުބުހާނާ އިތުރަށް ތަރައްގީކޮށް ޒަމާނީ ބަދަލު ގެނައުމަށާއި ބީއެމްއެލް ސްކޮލާޝިޕް ފަންޑެއް ތައާރަފުކުރުން ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައުންސެލަރު
17 March 2022
ތިވެސް ގޮތެއް. ކީއްތަވާނީ ބޭންކުގަ އެކައުންޓް ހުޅުވާފަ އޮތް މީހުން ދެރުފިޔާ ގަނޑުވެސް ދޭން. ކޮންމެހެން ޖަމިއްޔާތަކަށް ނުދެހެރެކޭނޫން..