20 މާޗް 2022 - 21:23
މޮނާކޯ (މާޗް 20) - ފްރާންސް ލީގުގައި ލިއޮނެލް މެސީ ނުލައި ޕީއެސްޖީ މިރޭ ރަށުން ބޭރުގައި މޮނާކޯއާ ދެކޮޅަށް ކުޅުނު މެޗުން 3-0 އިން ބަލިވެއްޖެ އެވެ.
މެސީ މި މެޗަށް ނުނެގީ އޭނާ ހުން އައިސް ބަލިވެ އުޅޭތީ އެވެ. އެންމެ ފަހުން ޕީއެސްޖީ ލީގުގައި ކުޅުނު މެޗުގައި މެސީ އަށް ވަނީ ޓީމުގެ ސަޕޯޓަރުންގެ ފަރާތުން ފުރައްސާރައާ ކުރިމަތިލާން ޖެހިފަ އެވެ. މެސީ ނުކުޅުނަސް ނޭމާ އާއި ކިލިއަން އެމްބާޕޭ ވަނީ މި މެޗުގެ ފުރަތަމަ 11 ގައި ހިމެނިގެން ކުޅެފަ އެވެ.
މޮނާކޯ އަށް ކުޅޭ ފްރާންސްގެ ފޯވާޑް ވިސާމް ބެން ޔަޑާ ވަނީ އެޓީމަށް ދެ ލަނޑު ޖަހައިދީފަ އެވެ. މެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގައި އޭނާ ކާމިޔާބު ކުރިއިރު، އޭނާގެ ދެވަނަ ލަނޑަކީ މެޗު ނިމެން ހަ މިނިޓަށް ވެފައި ވަނިކޮށް ޕެނަލްޓީއަކުން ޖެހި ލަނޑެކެވެ. ދެވަނަ ހާފުގައި މޮނާކޯގެ ދެވަނަ ލަނޑު ޖެހީ އެ ޓީމަށް ކުޅޭ ނެދަލެންޑްސް ސްޓްރައިކަރު ކެވިން ވޮލަންޑެވެ.
މި ނަތީޖާއާ އެކު ޕީއެސްޖީ ވަނީ އެ ޓީމު އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗުން ބަލިވެފަ އެވެ. ބަލިވި ހަތަރު މެޗަކީ ވެސް ރަށުން ބޭރުގައި ކުޅުނު ހަތަރު މެޗެވެ.
މެޗުން ބަލިވުމާ އެކު ވެސް ޕީއެސްޖީ އޮތީ ކުޅުނު 29 މެޗުން 65 ޕޮއިންޓް ހޯދައިގެން ޓޭބަލްގެ އެއްވަނައިގަ އެވެ. ދެވަނައިގައި އޮތް ރެންސް އޮތީ ހަމަ އެއަދަދަށް މެޗު ކުޅެގެން، 52 ޕޮއިންޓާ އެކު، 13 ޕޮއިންޓް ފަހަތުގަ އެވެ. މި މޮޅާ އެކު ވެސް މޮނާކޯ އޮތީ ޓޭބަލްގެ ހަތްވަނައިގަ އެވެ.
ދަށް ނަތީޖާ ތަކާ އެކު މަގާމުގެ ޕްރެޝަރު ބޮޑު ވެފައިވާ ކޯޗު މައުރީޒިއޯ ޕޮޗެޓީނޯ ބުނީ، މިރޭގެ މެޗުން ބަލިވުން ބަލައި ނުގަނެވޭ ކަމަށާއި، މިރޭ މެޗުގެ ކުޅުމަކީ ޕީއެސްޖީގެ އަސްލު ފެންވަރު ނޫން ކަމަށް ބުނެފަ އެވެ.
"ޗެމްޕިއަންސް ލީގުން ކެޓުމުގެ ހަނދާންތައް ފޮހެލަން އެބަ ޖެހޭ. ޔުންމީދުކުރަނީ މި ފެށޭ އިންޓަނޭޝަނަލް ބްރޭކަށް ފަހު ކަންކަން ހަމަޔަކަށް އެޅޭނެ ކަމަށް،" ޕޮޗެޓީނޯ ބުންޏެވެ.
ނަމަވެސް ކިލިއަން އެމްބާޕޭ ބުނީ، މޮނާކޯ އަކީ މޮޅު ޓީމެއް ކަމަށާއި، މޮނާކޯގެ މޮޅަކީ އެމީހުނަށް ހައްގު މޮޅެއް ކަމަށެވެ.
"އަހަރެމެންގެ އަމާޒަކީ 10 ވަނަ ފަހަރަށް ލީގު ކާމިޔާބުކުރުން. އަހަރެމެން ލީގުގައި 8-0 އިން ނޫނީ 9-0 އިން މޮޅުވިޔަސް އެންމެން ދައްކާނެ ޗެމްޕިއަންސް ލީގު ވާހަކަ. އަހަރެމެން ސަޕޯޓަރުންނަށް އިހުތިރާމް ކުރަން ޖެހޭ. އަހަރެމެން މިފަހަރު 10 ވަނަ ފަހަރަށް ލީގު ނަގާނަން،" އެމްބާޕޭ ބުންޏެވެ.
އެމްބާޕޭ އަށް ވަނީ ދެވަނަ ހާފުގެ ކުރީކޮޅު ޕީއެސްޖީއަށް ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރަން ހުސް ފުރުސަތެއް ވެސް ލިބި ބޭކާރު ވެފަ އެވެ. ނަމަވެސް ފުރުސަތުގައި އޭނާ އަށް މާ ރަނގަޅަށް ބޯޅަ ފޮނުވާލެވޭ ގޮތެއް ނުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެވޭލާ
21 March 2022
ދެން މެސީ ލައިގެން ކުޅުނު މެޗް ކިހިނެއްވީ؟
ރަދީފްއޮފިޝަލް
21 March 2022
ހެހެހެހެހެހެހެ.