"އެޗްއާރުސީއެމުން 2013 ގައި އެ މަރުކަޒަށް ދިޔައިރު އެތަނުގައި ސައިކޭޓްރިސްޓެއް ނެތް. އެ ކޮމިޝަނުން 2021 ގައި ދިޔައިރު ވެސް ނެތް. އެ މައުލޫމާތު ރަނގަޅު. އެކަމަކު، އެ ދެމެދުގައިވީ މުއްދަތުގައި މަރުކަޒުގައި ސައިކޭޓްރިސްޓެއް ހުރި."
ޖެންޑާ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި (ކ-ވ) ޑިރެކްޓާ އޮފް ކުއަލިޓީ އެޝިއުރަންސް އެންޑް މެނޭޖްމަންޓް އޮފް ސްޓޭޓް ކެއާ އިންސްޓިޓިއުޝަންސް އައިޝަތު ނާޒް، ޕާމަނަންޓް ސެކްރެޓަރީ ޒައުފިޝާން އަބްދުﷲ ކަމާލުއްދީން، ގުރައިދޫ މަރުކަޒުގެ ސީއީއޯ ޔޫޝައު ޝިހާން އަދި ސްޓޭޓް މިނިސްޓަރު މުހައްމަދު ޝިހާބް.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
21 މާޗް 2022 - 18:18
ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒަށް އަންނަ ޖޫން މަހުގެ ކުރިން ދެ ސައިކޭޓްރިސްޓުން ގެންނާނެ ކަމަށް ޖެންޑާ މިނިސްޓްރީން މިއަދު ބުނެފި އެވެ.
ގުރައިދޫ މަރުކަޒުގެ ހާލަތާ ގުޅޭ ގޮތުން މީޑިއާތަކަށް މައުލޫމާތު ދިނުމަށް މިއަދު ޖެންޑާ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރު މުހައްމަދު ޝިހާބް ވިދާޅުވީ އެ މަރުކަޒުގައި މިދިޔަ ނުވަ އަހަރުގެ ތެރޭގައި ސައިކޭޓްރިސްޓެއް ނެތް ކަމަށް މީޑިއާތަކުގައި ރިޕޯޓްކޮށްފައި ވަނީ އެޗްއާރުސީއެމުން މައުލޫމާތު ދިން ގޮތުން، ފުށުއެރުންތަކެއް އުޅޭތީ ކަމަށެވެ.
ޝިހާބް ވިދާޅުވީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް އެ މަރުކަޒުގައި ސައިކޭޓްރިސްޓެއް ހުރި ކަމަށެވެ.
ޖެންޑާ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރު މުހައްމަދު ޝިހާބް ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
"އެޗްއާރުސީއެމުން 2013 ގައި އެ މަރުކަޒަށް ދިޔައިރު އެތަނުގައި ސައިކޭޓްރިސްޓެއް ނެތް. އެ ކޮމިޝަނުން 2021 ގައި ދިޔައިރު ވެސް ނެތް. އެ މައުލޫމާތު ރަނގަޅު. އެކަމަކު، އެ ދެމެދުގައިވީ މުއްދަތުގައި މަރުކަޒުގައި ސައިކޭޓްރިސްޓެއް ހުރި،" އޭނާ ވިދާޅުވި އެވެ.
ޖެންޑާ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒައުފިޝާން އަބްދުﷲ ކަމާލުއްދީން ވިދާޅުވީ އެ މަރުކަޒުގައި ހުރި ސައިކޭޓްރިސްޓް ކެނޑިގެން ދިޔައީ 2020 ގައި ކޮވިޑްގެ ހާލަތު ގޯސްވި ދުވަސްވަރުގައި ކަމަށެވެ. އެކަމަކު އޭގެ ފަހުން ސައިކޭޓްރިސްޓެއް ނެތް ނަމަވެސް، އައިޖީއެމްއެޗުގެ ޑޮކްޓަރުން މަރުކަޒަށް ގެންގޮސްގެން ދެ ފަހަރެއްގެ މަތިން ޗެކަޕްތައް ހަދާފައިވާ ކަމަށެވެ.
ކޮވިޑްގެ ހާލަތާ ގުޅިގެން ސައިކޭޓްރިސްޓެއް ހޯދަން ދަތިވެފައި ވިޔަސް، ހެލްތު މިނިސްޓްރީއާ ގުޅިގެން މިހާރު އެ މަރުކަޒަށް ދެ ސައިކޭޓްރިސްޓެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ޖޫންގެ ކުރިން އެ މަގާމަށް މީހުން ހަމަޖެހިގެންދާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
ޖެންޑާ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާމަނަންޓް ސެކްރެޓަރީ ޒައުފިޝާން އަބްދުﷲ ކަމާލުއްދީން.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ޖެންޑާ މިނިސްޓްރީން މިއަދު ބުނީ ގުރައިދޫ މަރުކަޒަށް ބޭނުންވާ މުވައްޒަފުން އިތުރުކުރުމުގެ މަސައްކަތް ވެސް 2019 ވަނަ އަހަރުން ފެށިގެން ކުރަމުން އަންނަ ކަމަށެވެ. އެ މަރުކަޒުގައި 2020 ވަނަ އަހަރު ފެށުނުއިރު، ހުރީ އެންމެ ނަރުހެއް ކަމަށާއި އެކަމަކު މިހާ ހިސާބަށް އައިރު، އެ އަދަދު ހަތަކަށް އިތުރުކޮށްފައިވާ ކަމަށެވެ. އަދި އިތުރު ކެއާވޯކަރުން ހޯދުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.
"ކުރިން ކެއާ ވޯކަރުން ނަގަނީ ސިވިލް ސާވިސްގެ އޮނިގަނޑުގެ ތެރެއިން ސަޕޯޓް ސްޓާފުންގެ ގޮތުގައި. އެކަމަކު މިހާރު އަޅުގަނޑުމެން އޮނިގަނޑަށް ބަދަލުތަކެއް ގެނެސް، އެތަނުގައި ތިބި ބަލި މީހުން ބެލޭވަރަށް ތަމްރީނުކުރެވޭނެ މީހުން ނަގަން ވަނީ ނިންމައިފައި،" ޒައުފިޝާން ވިދާޅުވި އެވެ.
މި އަހަރުގެ ބަޖެޓްގައި އެ މަރުކަޒަށް ހާއްސަ މުޅިން އާ، އާންމު ހިދުމަތުގެ ނުވަ މަގާމެއް ހިމަނަފާއިވާނެ ކަމަށާއި އެ މަގާމުތަކަށް ނަގާ މީހުން ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ޓްރެއިނިން ޕްރޮގްރާމްތަކެއް ހިންގަން ވެސް ރާވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ޖެންޑާ މިނިސްޓްރީގެ ޑިރެކްޓާ އޮފް ކުއަލިޓީ އެޝިއުރަންސް އެންޑް މެނޭޖްމަންޓް އޮފް ސްޓޭޓް ކެއާ އިންސްޓިޓިއުޝަންސް އައިޝަތު ނާޒް ވިދާޅުވީ، ކޮވިޑްގެ ހަލާތު އެންމެ ގޯސްވި ދުވަސްވަރު ވެސް އެ މިނިސްޓްރީން ވަނީ ސައިކޭޓްރިސްޓަކު ހޯދުމަށް ހެލްތު މިނިސްޓްރީއާ އެކު ވަރަށް ގިނަ މަޝްވަރާތައް ކޮށްފައި ކަމަށެވެ.
ޖެންޑާ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިރެކްޓާ އޮފް ކުއަލިޓީ އެޝިއުރަންސް އެންޑް މެނޭޖްމަންޓް އޮފް ސްޓޭޓް ކެއާ އިންސްޓިޓިއުޝަންސް އައިޝަތު ނާޒް ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
"ބައެއް ބޭފުޅުންގެ ސީވީތައް ވެސް ލިބި އަމަލީ ސިފައެއްގައި މަސައްކަތް ކުރެވުނު. އެކަމަކު ކޮވިޑާއެކު ގައުމުގެ ހާލަތު އޮތް ގޮތުން އަޅުގަނޑުމެންނަށް ސައިކޭޓްރިސްޓް ނުގެނެވުނީ،" ނާޒް ވިދާޅުވި އެވެ.
ނާޒް ވިދާޅުވި ގޮތުގައި، އެޗްއާރްސީއެމުން އެންމެފަހުން ކުރި ޒިޔާރަތުގައި މަރުކަޒުގައި ރަނގަޅު ކުރަން ޖެހޭ ކަންކަމުގެ 30 ރިކޮމެންޑޭޝަނެއް ހުށަހެޅި ކަމަށާއި އެ ހުރިހާ ކަމަށް ވެސް މިހާރު އަމަލުކުރަން ފެށިފައިވާ ކަމަށެވެ. އޭގެ ތެރެއިން އަދި ހައްލު ނުވެ އޮތް ހަތް ކަމެއް އިސްލާހުކުރުމުގެ މަސައްކަތް މިހާރު ވެސް ކުރެވެމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ދައުލަތުގެ އެހީ ކޮންމެހެން ބޭނުންވާ މީހުންނަށް އެ ހައްގު ކަށަވަރުކޮށްދިނުމަށް 1976 ގައި ހުޅުވި ގުރައިދޫ މަރުކަޒު މިހާރު ވެފައި ވަނީ އާއިލާތަކުން ބަލަން މަސައްކަތަކަށްވެ އުމުރުން ދުވަސްވީ މީހުން ގެންގޮސް ލާ ތަނަކަށެވެ. އެ މަރުކަޒު ނަފުސާނީ ބަލި މީހުންނަށް ހާއްސަކުރިޔަސް، އެތަނުގައި ތިބީ އެ ބަލިތަކުގެ މީހުން އެކަންޏެއް ނޫނެވެ. ރަނގަޅުވެފައި ތިބި މީހުންނާއި އެއްވެސް ބައްޔެއް ނެތަސް އެތަނަށް ގެންދާ ހާލަތު ގަދަކަމުން ކުރިމަތިކުރުވި މީހުން ވެސް ހިމެނެ އެވެ.
އެ މަރުކަޒުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެތަން ހުޅުވި ފަހުން ގެންދިޔަ ދޮށީ އުމުރުގެ މީހުންގެ ތެރެއިން މަދު މީހަކު ފިޔަވައި، މަރާ ހަމަ އަށް އާއިލާތައް ފެނުމުގެ ނަސީބެއް ނުލިބެ އެވެ. އަދި ނަފްސާނީ ބަލީގައި ފަރުވާކުރަން ގެންދާ މީހުންގެ ތެރެއިން، ރަނގަޅުވާ މީހުންނާ ވެސް ހަވާލެއް ނުވެ އެވެ.
އެ މަރުކަޒުގެ ކެޕޭސިޓީ އަށް ވުރެ ވެސް އިތުރަށް މިހާރު އެތަނުގައި މީހުން ވެސް އެބަ ތިއްބެވެ. ޖުމްލަ 160 މީހުންގެ ޖާގައިގެ އެތަނުގައި މި ވަގުތު 193 މީހަކު ބަލަހައްޓަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙިނި
22 March 2022
ޢެހްޢާރުސީއެމް މީހާދަ ފަރުވާކުޑަ ތަނެކޭދޯ، ރައްޔިތުން ރަތައް އަރާ ދޮގު މައުލޫމާތު ފަތުރާ އިރުވެސް ފިޔަވަޅެއް ނާޅާ. ޢަސްލު ތިޔަ ކަމިޝަން އުވާލާފަ، ޙިއުމަންރައިޓްސް ޑިޕާޓްމެންޓެއް ހަދަންވީ މިނިވަން ސަރުކާރު މުވައްސަސާއެއްގޮތުގަ.
ރާއްޖެ
22 March 2022
ޝިހާބު މެން ލަދެއް ވެސް ނެތްކަން މީހުން ކުރިމައްޗަށް އަރަން. މިއޮއް ހާ ދުވަހު ޓްވިޓަރގަ ސަރުކާރަށް ބަވަން އޮވެފަ މަގާމެއް ދިނީމަ އަގަ ބަންދު ކޮއްގެން ފިނި ކޮޓަރީގަ ކަމެއް ނުކޮށް މުސާރަ ނަގައިގެން ތި ތިބެނީ.
ސަލާހަތު
21 March 2022
އިފްރާޒްގެ ކެރިއަރުގެ ފުރަތަމަ ދުވަސްކޮޅުގަ ދިމާވި މީހެއްގެ ހައިސިއްޔަތުން ވަރަށް އުފާވޭ މިހާރު ތިބޭފުޅާ ތިކުރައްވާ މަސައްކަތް ފެނިފަ. ވަރަށް މުހިންމު މައްސަލައަކަށް ވަރަށް ފުރިހަމަ ރިޕޯޓްތަކެއް ގެނެސްދެއްވައިފި. ވެރިންވެސް ޖަވާބުދާރީ އެބަކުރެވޭ. ތިގޮތުގައި އަބަދުވެސް ކުރިއަށްދިއުމަށް ހިތްވަރުކުރާނެކަމަށް އުއްމީދުކުރަން.
ބޮޑުމީހާ
21 March 2022
ތި ހަތަރު މީހުން ބޭރުކޮށް ތި ފައިސާއަށް 4 ޑޮކްޓަރުން ގެނެވޭނެ
ފަސާހު
21 March 2022
މަށަށް އޭރުވެސް ހީވިޔޭ.. ނޫހުގަ ހަމަ ޖަހާލާއިރަށް މަޝްހޫރުވާން ތިއްތިވެލައިގެން ނޫސްކޮންފަރެންސްއެއް ބާއްވާލައިފައި ، އަރާ ”ވިދާޅުވާނެކަން.. ލޮލް
48343
21 March 2022
ބޮޑެތި އޮފީސްހަދައިގެން މަހަކު އެތައްމިލިޔަނެއް ޚަރަދުކޮށްގެން މިމީހުން ގަންނަނީ ކޮންގަނޑެއްބާ؟
އަލީ އަލީ
21 March 2022
ކީއްކުރާނީ! ގައުމުގެ ހާލަތު! ނޫހުގެ ޖެހީމަ ނޫނީ ތެޅިފޮޅި ނުގަންނާނެ! ތި ވައިގަނޑޫ ފިލައިނުދަނީނީސް ލިިބިއްޖިއްޔާ ލިބޭނީ! އެހުންނޫނީ އަނެއްކަ ނޫހުގަ ޖަހަންދެން މަޑުން ތިއްބަވާނީ! މުޅިންވެސް ހިހޫތަނުން ކާން ތިއްބަވާ ބޭފުޅުން މިއުޅެނީ!
ސައިކިޔަޓ
21 March 2022
މިދޭތެރެން ކ.ގުރައިދޫގެ މަރުކަޒުގަ ތިބޭ މީހުންގެ އެކަނިވެރިކަމާއި ބެހޭގޮތުން މިނޫހުން ރިޕޯޓުކޮށްފަވާއިރު އެމަރުކަޒުގަ ސައިކިޔަޓްރިސްޓެއް ނެތި 9އަހަރުވެފާވާކަން ވަނީ ފާހަގަކޮށްފަ. އެހެންވީމަ ތެޅިގަނެގެން އަވަހަށް ނިޔުސްކޮންފަރެންސްގަ އެތިބަ ބައިގަޑު އެބުނީ މިހާރު ސައިކިޔަޓރިސޓެއް ހޯދުމުގެ ކަންތައް ކުރިޔަށް އެބަގެންދަމޭ. ވަރަށް ފުރިހަމަ. ލާމަސީލު ހިންގުންތެރިން. އަދި އަވަހެއްނޫންތޯ؟
ޑިސްއޮނަރަބަލް ޑީޑީ
21 March 2022
ގައުމުގާހިނގާކަންކަމުގެ ވާނުވާ މިއެނގެނީ ނޫހަކުން ފެނުނީމާ. މިވަރުގެ މީހުންއަތަށް ހުންގާން ދޫކޮށްލާފާ މިއޮންނަނީ. ވެރިމީހާވެސް ހަމައެވަރު. އެކަމަކު އެއްޗެކޭ ބުނެފިއްޔާ ފަށާނީ ރޯން.
ސަސސު
21 March 2022
ކަލޭމެންތިބޭ ފިނި ކޮޓަރީގަ ގޮނޑި ހޫނުކުރަން. ދެން ހަމަ ކަމެއް ފެންމަތި ވީމަ ބޮޑެތި ނޫސް ކޮންފަރެންސް ބާއްވާފަ ބޮޑެތި ސިންގާ ކަރާފެޅީމަ އެވީ