23 މާޗް 2022 - 10:16
ރަޝިޔާ ސިފައިން ޔޫކްރޭންގައި މިހާރު ކުރަމުން ދަނީ، އަވަހަށް ވިޔަސް އަދި ފަހުން ވިޔަސް ކާމިޔާބު ނުލިބޭނެ ހަނގުރާމައެއް ކަމަށް ވިދާޅުވެ، ވަގުތުން ހަނގުރާމަ ހުއްޓައިލުމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ރަޝިޔާ އަށް ގޮވާލައްވައިފި އެވެ.
ނިއު ޔޯކްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ ޔޫކްރޭންގެ ހަނގުރާމަ ކުރިއަށް ދަނީ ވަކި މިސްރާބެއް ނެތި ކަމަށާއި، ހަމައެކަނި ނުކުންނަ ނަތީޖާއަކީ ޔޫކްރޭންގެ ރައްޔިތުން ދިރިތިއްބާ އަނގުރު އަނދަވަޅަކަށް ވެއްޓުން ކަމަށެވެ. އަދި މި ހަނގުރާމައަކީ ހަމަބުއްދި ގަބޫލުކުރާ އެއްވެސް ސަބަބަކާ ނުލައި ކުރަމުންދާ ހަނގުރާމައަކަށް ވާތީ، ވަގުތުން ހަނގުރާމަ ހުއްޓާލައި ސުލްހައިގެ މޭޒުދޮށަށް އައުމަށް ވެސް އޭނާ ރަޝިޔާ އަށް ގޮވައިލެއްވި އެވެ.
"ޔޫކްރޭން ހަނގުރާމަ ހުއްޓާނުލައި ކުރިއަށް ގެންދިއުމަކީ އަޚްލާގީ ގޮތުން ވެސް ބަލައިގަނެވޭނެ ކަމެއް ނޫން. ސިޔާސީ ގޮތުން ވެސް އެކަމުގެ ދިފާއުގައި ވާހަކަ ދެއްކޭނެ ކަމެއް ނޫން. އަދި އަސްކަރީ ގޮތުން ވެސް އެއްވެސް މާނައެއް ހުރި ކަމެއް ނޫން."
ރަޝިޔާ ސިފައިން މި ދުވަސްކޮޅު އެންމެ ވަރުގަދަ އަށް ހަމަލާ ދެމުން އަންނަނީ، ޔޫކްރޭންގެ ދެކުނުން އަޒޯވް ކަނޑުގެ އައްސޭރީގައި އޮންނަ ބަނދަރުމަތީ ސަހަރެއް ކަމަށްވާ މަރިއުޕޯލް އަށެވެ. ރަޝިޔާ ސިފައިން އެ ސަހަރު ހިސާރުކޮށްގެން އެއްގަމުންނާއި ވައިގެ މަގުން ހަމަލާދީ، އާންމުން ދިރިއުޅޭ އެތައް އިމާރާތެއް ބިމާ ހަމަކޮށްލައިފައިވާއިރު، މަރުވި މީހުންގެ އަދަދެއް އަދި ސާފެއް ނުވެ އެވެ.
LIVE NOW
— UN News (@UN_News_Centre) March 22, 2022
UN Secretary-General @antonioguterres speaks to journalists on the situation in #Ukraine https://t.co/Q2yN8vbIh0
"މަރިއުޕޯލް ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް ދިޔައަސް، ޔޫކްރޭންގެ ގެއަކުން ގެއަކުން، މަގަކުން މަގަކުން އަދި ސަހަރަކުން ސަހަރަކުން ހިފަމުން ދިޔައަސް، ޔޫކްރޭން ހިފުމަކީ ކުރެވޭނެ ކަމެއް ނޫން. މިއީ ކާމިޔާބު ކުރެވޭނެ ހަނގުރާމައެއް ނޫން، އަވަހަށް ވިޔަސް އަދި ލަހުން ވިޔަސް. މިއީ ހަނގުރާމައިގެ މައިދާނުން ސުލްހައިގެ މޭޒުދޮށަށް ބަދަލުވާންވީ ހަނގުރާމައެއް. މިއީ މި ބޭކާރު ހަނގުރާމަ ހުއްޓައިލަންވީ ވަގުތު،" އެންޓޯނިއޯ ގުޓަރެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފެބްރުއަރީ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ހަނގުރާމަ ފެށި ފަހުން، ޔޫކްރޭންގެ އާންމުންގެ ތެރެއިން މިހާތަނަށް 10 މިލިއަން މީހުން ގެދޮރު ދޫކޮށް އެކި ތަންތަނަށް ވިއްސިވިހާލިވެ، 3.5 މިލިއަން މީހުން ރެފިއުޖީންގެ ގޮތުގައި އެހެން ގައުމުތަކަށް ހިނގައްޖެ އެވެ. އަދި މި ހަނގުރާމައިގެ ސަބަބުން ހަކަތައިގެ ބާވަތްތަކާއި ކާޑުގެ ބާވަތްތަކާއި ދަނޑުވެރިކަމަށް ބޭނުންކުރާ ސާމާނުގެ އަގުތައް އިންތިހާއަށް އުފުލިގެން ހިނގައިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޔޫކްރޭންގެ ހަނގުރާމަ ދިގުލައިގެން ހިނގައްޖެ ނަމަ، ތެލުގެ ބާވާތްތަކާއި ގޮވާމުގެ ބާވަތްތައް ލިބުން ދަތިވުމުގެ އިތުރުން، ދަނޑުވެރިކަމުގެ ސިނާއަތަށް ބޮޑެތި ލޮޅުންތަކެއް އަރައި، ހައިހޫނުކަމުގެ ބޮޑު މުސީބާތެއް ކުރިމަތިވުމުގެ ނުރައްކާ ވަރަށް ބޮޑު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހަނގުރާމަ ހުއްޓުމާ ބެހޭ ގޮތުން ރަޝިޔާ އާއި ޔޫކްރޭންގެ މަންދޫބުންގެ މެދުގައި މަޝްވަރާތައް ކުރަމުން އަންނަތާ މަސްދުވަސް ވާން ކައިރިވެފައިވާ އިރު، އެ މަޝްވަރާތަކުން މިހާތަނަށް އެއްވެސް ނަތީޖާއެއް ނުނެރެވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔަމާނީ
23 March 2022
އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ނިކަން ބުނެބަލަ އެއްވެސް މެމްބަރު ގައމަކުން ޔުކްރޭނަށްހަތިޔާރު ނުދޭށޭ. އޭރަށް ގައިމު ހަމަލާ ބަދަލެއް ނުކުރާނެ
ނިށާން ގާޒީ
23 March 2022
އަައްދޯ ޝާހިދު އެއްޗެކޭ ނުބުނޭތަ ' ފަހަރެއްގަ ރަސިޔާ އަޑުއަހާފާނެ
އަލީ އަލީ
23 March 2022
އދ ގެ ސެކެޓްރަީ ޖެނެރަލެއް ހުރޭތަ!
ރަދީފްއޮފިޝަލް
23 March 2022
ޔޫއެންގެ ޗާޓަރު އެއީ ބޮޑު ޖޯކެއް ދޯ.ހެހެހެހެހެހެހެ.އެއްކަމެއް ވެސް ނުކުރެވޭ ބައިގަނޑެއް އެހެންނޫން ތޯ.ލަދު ކޮބާ ގުޓޭ.ވ.ވެދުން
ޢަހުމަދުރަދީފު
23 March 2022
ޢަމިއްލަ މޮޔަކަމުގެ މައްޗަށް ތި ހެނީ
ރަދީފު ބިން ރަފައިދާ
23 March 2022
ގުޓަރޭޒް މަހަށްދޭބަލަ.
ލެއްގިކޮމިޝަނަރް
23 March 2022
ރަދީފް މިހާރު މޮޔަގޮވަން ފެށިދޯ؟ ގުޓަރޭޒް ނުޖެހޭނެ މަހަށްދާކަށް. މަހަށް ދާންޖެހޭނީ މަށާ ރަދީފްއާ ދެމްވެސް މިތާ ކޮމެންޓްކުރާ ދިވެހިން. ކުތާނެކަމެއް ނޭންގިގެން ތިހެން ކޮމެންޓް ކުރާއިރު ތަންކޮޅެއް ހަމަޖެހޭ ކޮމެންޓް ކޮށްބަލަ. ނޫނީ ރަށުތެރެއިން އެހެންކަމަކާއުޅެން ނަސޭހަތްތެރިވަން
ރަދީފްއޮފިޝަލް
23 March 2022
ރަދީފް މިނަން އެކުލެވޭ ކޮންމެ މީހެއް އެއީ އަހަރެން ކަމަށް ތި ނިންމަނީ ކީއްވެ؟/ އަހަރެންގެ އާއިލާ ކުދިން އެކުދިންގެ ހިޔާލު ފާޅުކުރީމަ އެކަމުގެ ޒިންމާ އަހަރެން ނަގަން ނުޖެހޭނެ ދޯ.