ޚަބަރު

ދޯނިތައް ދޫކޮށްލައި މާލޭގެ ކުނި އުކާލުމުގެ ހުރިހާ ކަމެއް އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކޮށްފި

ކުނި ބަރުކޮށްގެން ތިލަފުއްޓަށް ގެންދަން ބޭނުންކުރާ ކޮޅުވެއްޓި އިންޑަސްޓްރިއަލް ވިލެޖާ މިއަދު ކައިރި ކޮށްފައި.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

21 ޑިސެމްބަރ 2016 - 20:05

22 comments

ދޯންޏަށް ބަރުކޮށްގެން ކުނި އުކާލުން ހުއްޓާލައި މާލޭގެ ކުނި މެނޭޖު ކުރުމުގެ ހުރިހާ ކަމެއް އަލަށް ހިއްކި އިންޑަސްޓްރިއަލް ވިލެޖަށް މިއަދު ބަދަލުކޮށްފި އެވެ.

މާލޭގެ ކުނި ނައްތާލަން އިންޑަސްޓްރިއަލް ވިލެޖުން ހާއްސަކުރި ބިން އެންވަޔަރުމެންޓް މިނިސްޓްރީއާ މިދިޔަ މަހުގެ 29 ގައި ވަނީ ހަވާލުކޮށްފަ އެވެ. އެ ބިމުގައި، ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) މެދުވެރިކޮށް، ކުނި ޖަމާކުރާނެ ސެންޓަރެއް ގާއިމް ކުރަން ވަނީ ނިންމައިފަ އެވެ.

ކުނި ނައްތާލަން ހާއްސަކުރި ބިން ހުޅުވައިދެއްވުމަށް ފަހު، އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވި ގޮތުގައި، މާލޭގެ ދެކުނުން ފަޅުތެރޭގައި ދޯނި ބާއްވައިގެން ކުނި ބަރުކުރުމުގެ މަސައްކަތް ކުރާއިރު، އެ ސަރަހައްދު ހަޑިވުމާއި ނުބައި ވަސް ދުވުމުގެ މައްސަލަ ދަނީ ކުރިމަތިވަމުންނެވެ. އެހެންވެ، މިއަދު އިރުއޮއްސި 6:00 އިން ފެށިގެން އެ ދޯނިތަކަށް ކުނި ބަރުކުރުން ހުއްޓާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މާދަމާ އިން ފެށިގެން އެ ތަނުގައި އެ އޮތް ދޯނިތަކެއް ނޯންނާނެ. އެ ތަން އޮންނާނީ ވަރަށް ސާފުކޮށް،" ތޯރިގް ވިދާޅުވި އެވެ.

މާލޭގެ ކުނި ނައްތާލަން އިންޑަސްޓްރިއަލް ވިލެޖުގައި ހާއްސަކޮށްފައިވާ ބިން މިއަދު ހުޅުވައިދެއްވަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

އާދައިގެ ގޮތަކަށް އިންޑަސްޓްރިއަލް ވިލެޖުގައި އެ މަސައްކަތް ފެށިޔަސް، ކުރިއަށް އޮތް ތަނުގައި އެ ތަން ވެގެން ދާނީ، މިނިސްޓަރު ތޯރިގް ވިދާޅުވި ގޮތުގައި، އެންމެ މަތީ ފެންވަރުގެ ކުނި ޖަމާކުރާ ސެންޓަރަކަށެވެ. އެ މަސައްކަތް 2018 ގައި ނިންމުމަށް އަމާޒު ހިފާފައިވާއިރު، ވެމްކޯ އަށް ހޯދާ އިތުރު ތިން ކޮޅުވެއްޓި ބަނުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި އެ ތިން އުޅަނދު އަންނަ އަހަރުގެ މޭ މަހު ރާއްޖެ ގެނެސް، ބޭނުންކުރަން ފެށޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން، ކުނި ނައްތާލަން ތިލަފުށިން ހާއްސަކުރާ ބިން ހިއްކާނެ ފައިސާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާކަން މިނިސްޓަރު ތޯރިގް ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ އެ ބިމުގައި ކުނި ނައްތާލާ އެންމެ ޒަމާނީ ނިޒާމެއް ގާއިމްކުރުމަށް ބޭނުންވާ ފައިސާގެ ބައެއް ވެސް އަންނަ އަަހަރަށް ބަޖެޓުކޮށްފައިވާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ 2018 ގެ ކުރިން މި ބޮޑު މައްސަލަ އަށް ރައީސް އަބްދުﷲ ޔާމީން ހައްލު ހޯއްދަވައި ދެއްވާނެއޭ. ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި، އެ ރަށަކަށް ބޭނުންވާ ވަރުގެ ކުނި މެނޭޖު ކުރާނެ ރަށު ފެންވަރުގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ހެދިގެން ދާނެއޭ އަދި ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރުތައް ވެސް ހެދުމުގެ މަސައްކަތް ކުރެވެމުންނޭ މި ދަނީ،" ތޯރިގް ވިދާޅުވި އެވެ.

މާލޭގެ ކުނި މެނޭޖުކުރުން އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ތޯރިގް ވާހަކަ ދައްކަވަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

މިއީ މާލޭގެ ކުނި މެނޭޖުކުރުމުގެ މަސައްކަތުގައި އެޅި މުހިއްމު ފިޔަވަޅެއްކަން ފާހަގަކުރައްވަމުން އޭނާ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރަށް ފާޑު ވިދާޅުވެފަ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ކުރިން މި މަސައްކަތް ނުކުރެވި އޮތީ އެމްޑީޕީގެ ސަރުކާރުން އިންޑިއާގެ ޓަޓްވާ ކުންފުންނާ އެކު ހެދި އެއްބަސްވުމުގެ ދަށުން، އެ ކުންފުންޏަށް ސަރުކާރުން ފައިސާ ދެއްކުމުން ވެސް މަސައްކަތް ނުފެށުމުންނެވެ.

އެ ވާހަކަތަކަށް ތާއީދު ކުރައްވަމުން، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވީ ކުނީގެ މައްސަލަ އަށް ހައްލެއް ހޯދަން 2010 އިން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ކުރަމުން އައި މަސައްކަތަށް ވެސް ޓަޓްވާގެ އެއްބަސްވުމުގެ ސަބަބުން ހިޔަނި އެޅުނު ކަމަށެވެ. އެކަމާ ގުޅިގެން، ވިލިމާލޭގައި މުޒާހަރާ ވެސް ކުރަން ޖެހުނު ކަމަށާއި އެކަމަކު އޭރުގެ ސަރުކާރަށް ކުނީގެ މައްސަލަ އަށް ހައްލު ހޯދައި ނުދެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ ބަދަލުގައި، ރައީސް ޔާމީން މަސައްކަތްޕުޅު ކުރައްވަނީ، ނިހާން ސިފަކުރެއްވި ގޮތުގައި، ރާއްޖޭގައި ހުރި މައްސަލަތަކާ ވާދަކުރައްވައި ހައްލު ހޯދައިދެއްވުމަށެވެ.

".. ﷲ އިރާދަކުރެއްވިއްޔާ ވަރަށް ފަސޭހަ އިން 2018 އިން 2023އާ ހަމަ އަށް ވެސް މި ކަންކަން މި އަށް ވުރެ ރަނގަޅު މިންވަރަކަށް ރައްޔިތުންނަށް އެ މަނިކުފާނު ހިއްސާ ކުރައްވާނެ. އަދި އެ މަސައްކަތުގައި ރައްޔިތުން ދެކެ، ދެނެތިބެ އެ މަނިކުފާނު އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ބަލައިގަންނާނެ،" މާލޭގެ ދާއިރާތައް ތަމްސީލު ކުރައްވާ ޕީޕީއެމްގެ މަޖިލިސް މެމްބަރުން ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި ނިހާން ވިދާޅުވި އެވެ.

މާލޭގެ ކުނި މެނޭޖުކުރުން އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި މެމްބަރު ނިހާން ވާހަކަ ދައްކަވަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

މިހާރު ހަމަޖައްސާފައިވާ ގޮތުން، ހިނގާފައި ނުވަތަ ސައިކަލާއި ބައިސްކަލުގައި ކުނި އުކާލަން ދާ މީހުންނަށް ވަކި ދޮރެއް އަދި ލޮރީތައް ވަންނާނެ ވަކި ދިމާލެއް ވަނީ ކަނޑައަޅައިފަ އެވެ. ކުނި އަޅަން ޖެހެނީ އެ ސަރަހައްދުގައި ބާއްވާފައި އޮންނަ ލޮރީއަކަށެވެ. އެ ގޮތަށް ލޮރީތައް ފުރުމުން، ކޮޅުވެއްޓިއަކަށް އަރުވައިގެން ތިލަފުއްޓަށް ގެންދާނެ އެވެ.

އާއްމުކޮށް އުކާލާ ކުނީގެ އިތުރުން، އެމްޕީއެލް ސަރަހައްދުން މިހާރު އުކާލާ ބޮޑެތި އަދި ބަރު ކުނި ވެސް ދެން އުކާލާނީ އިންޑަސްޓްރިއަލް ވިލެޖުންނެވެ.

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފުއާދު ވިދާޅުވި ގޮތުގައި ކޮޅުވެއްޓީގައި ކުނި ގެންދާ އިރު ހުންނާނީ މޫދަށް ނޭޅޭނެ ގޮތަށް އަދި ވަސް ނުދުވާނެ ގޮތަށް ބަންދުކޮށްފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި މާލޭ ސިޓީ ކައުންސިލުން ކުނި މެނޭޖުކުރުމުގެ މަސައްކަތް ކުރިއިރު، އަހަރަކު 300 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރި އެވެ. އަދި ދޯނިތައް ވެސް ހިމެނޭ ގޮތަށް، ކުނި އުކާލަން ބޭނުންކުރި ތަކެތި ކުއްޔަށް ހިފަން ސިޓީ ކައުންސިލުން މަހަކު 12 މިލިއަން ރުފިޔާ ހަރަދު ކުރަމުން އައިސްފައި ވިޔަސް، ވެމްކޯ އިން އެ ތަކެތި ކުއްޔަށް ނެގީ މަހަކު އަށް މިލިއަން ރުފިޔާ އަށް ކަމަށް އޭނާ ފުއާދު ވިދާޅުވި އެވެ.

"ދަންނަވަން މި އުޅެނީ މި މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރަން ވިސްނުން ބެހެއްޓީމަ، ހަރަދުތައް ކުޑަކުރުމާ އެކީގައި ދައުލަތުގެ ބަޖެޓަށް ބަރޯސާވުން ކުޑަ ގޮތެއްގައި މި މަސައްކަތް ކުރުމުގެ ވިސްނުން އަޅުގަނޑުމެން އެބަ ގެންގުޅެމޭ،" ކުނި އުކާލުމުގެ ރިކަރަންޓް ހަރަދަށް ދައުލަތުގެ ބަޖެޓުން އަންނަ އަހަރު އެއްވެސް ވަރަކަށް ހަރަދު ނުކުރާނެކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވި އެވެ.

މާލޭގެ ކުނި މެނޭޖުކުރުން އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ފުއާދު ވާހަކަ ދައްކަވަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

މާލޭގެ ކުނީގެ މައްސަލަ ހައްލުކުރަން ހަވާލުކޮށްފައިވާ ވެމްކޯ އިން ވަނީ ބޮޑު މަޝްރޫއުއެއް ފަށައިފަ އެވެ. އެ މަޝްރޫއުގެ ދަށުން، ކުނި އުފުލާނެ 20 ޓްރައިސައިކަލް ހޯދަން ބަޔަކާ ހަވާލުކޮށް، ގޭބިސީތަކުން ކުނި އުކާލުމުގެ ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އަދި ތިލަފުށީގައި ކުނި ނައްތާލާނެ ނިޒާމެއް ގާއިމްކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ވަނީ ހިމަނައިފަ އެވެ.

22 ކޮމެންޓް, 68 ރިއެކްޝަންސް

icon happy icon happy 47%
icon sad icon sad 1%
icon angry icon angry 51%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފަޤީރުކަލޯ!

22 December 2016

މީގެ ތިރީހަކަށް އަހަރުގެ ކުރިން ކުނި އުކާލައި ކުނައްތާލާކަށް ޚަރަދު ތަކެއް ކުރާކަށް ނުޖެހެވެ. އެހެން ނަމަވެސް މިއަދު ބިލިޔަން ބިލިޔަނުން ފައިސާ ޚަރަދު ކޮށްގެންވެސް މިއުޅެނީ ކުނިން ސަލާމަތް ނުވެގެނެވެ. އިއްޔެގެ ކުނިން ރައްޔިތުންނަށް ލިބުނު ގެއްލުމެއް ނެތެވެ. އެހެނަސް މިއަދުގެ ކުންޏަކީ ހުރިހައި ގޮތަކުންވެސް އިންސާނުންނަށް ގެއްލުން ހުރި އެއްޗަކަށްވެއްޖެއެވެ. އިއްޔެގެ ކުނި ނައްތާލުމުގައި ޢާއްމުރައްޔަތުންގެ ޙުއްސާ ވަރަށްބޮޑެވެ. އެހެންނަނަވެސް މިއަދުގެ ކުނިނައްތާލުން ޢާއްމުރައްޔަތުންގެ އެއްވެސް ޙިއްސާއެއްނެތި ކުނި އުކާލައި ކުނިނައްތާލުމުގެ ހުރިހައި ޒިއްމާއެއް އުފުލަން ޖެހިފައި ވަނީ ސަރުކާރަށެވެ. އެކަމަކު ކުނި އުފައްދާ ބަޔަކީ ވިޔަފާރި ވެރިންނާއި ޢާއްމުރައްޔަތުންނެވެ. ފައިސާ ބިލިޔަނުން ޚަރަދު ކޮށްގެންވެސް އަކަކައިވަތެއްވަރުގެ މާލޭގައި އެކަން ޙައްލު ކޮށް ފުރިހަމަ ކުރާނެ ގޮތެއް ހީދުމީ ނާދިރުކަމެކެވެ. ޚަރަދު ބޮޑުވުމުން ސަރުކާރަށް އެއްޗެތި ކިޔުން ފިޔަވައި ރައްޔިތުން ކުރާނެ އެހެން މަސައްކަތެއްނެތެވެ. ހުރިހައި މަސައްކަތެއް ކުރާބަޔަކީ ބިދޭސީންނެވެ. ސަތޭކަޕަސެންޓް މުސްލިމު މިޤައުމުގެ މިސްކިތްތަކުގައިވެސް ޖަމާޢަތް ހަމަކޮށްދޭ ބަޔަކީ ބިދޭސީންނެވެ.

The name is already taken The name is available. Register?

އިބޫ

22 December 2016

މިސަރުކާރުގެ ކޮންމެ ސިޔާސީ މީކަކުވެސް ކޮންމެ މަސައްކަތެއް ފަށައިރު އަދި ނިންމާއިރު ބިސްމިކޮޔާގޮތަށް މިއީ ރައީސް ޔާމީންގެ ދުރުވިސްނުމުން، ރައީސްޔާމީންގެ ގާބިލްކަމުން، ރައީސްޔާމީން އިސްނަގައިގެން، ރައީސްޔާމީންގެ ހެއުފުޅުކަމުން ކޮށްދިންކަމެކޭ، ޝުކުރިއްޔާ ރައީސް ޔާމީން ޝުކުރިއްޔާ މެޑަމްފާތުން ތަސްބީހައެއްހެން މިކިޔަނީ ކީއްވެބާ؟ ނިގޮވެލި ނުގޮވާނަމަ ވަޒީފާއިން ވަކިވާނެ ކަމުގެ އިންޒާރުދިނީބާ؟

The name is already taken The name is available. Register?

އަލީ

22 December 2016

ކުރީގައިވެސް ކުނި ބަރުކުރީ ހަމަ ތި ސަރަހައްދުން. ތަފާތީ ބޮޑު ބޭކާރު ޚަރަދެއްކޮއްފައި މުޅި ހިސާބު ބަނދުކޮއްފައި މިހާރުވެސް ތޮއްޖެހިފައިއޮތް ދެކުނު ހާބަރު ފަޅުތެރެ ހިއްކުން، އަދި ހިއްކަން ވެގެން ދެކުނު ފަޅުތެރޭގައި ދޯނިފަހަރަށް ކުނިބަރުކޮއްފައި މުޅި ސަރަހައްދުން ކުނި ވަސް އަހަރެއްވަންދެން ދުއްވާފަ ބޮޑު ރަސްމިއްޔާތެއް ބާއްވާފަ މާ މޮޅުކަމެއް ކުރެވިގެން އެކަމާ ތޯރިގުމެން ފަދަ ކިޔަވައިގެން ތިބި ބޭފުޅުން ވާހަކަ ދައްކަވާތީ ދެރަވެއެވެ.

The name is already taken The name is available. Register?

އަރުވާލި އާދަނުގެ ސިޔާސީ ހާސަރު

22 December 2016

މާލެތެރެ ސާފްކޮށް ބާއްވަ ދެއްވާނެ ކަމުގެ އުއްމީދުގައި މަރުހަބާ.

The name is already taken The name is available. Register?

ޒަޔަން

22 December 2016

ވާހަަކައިން އަހަރުމެން ހައްދާފަ ބައިތިއްބާ!

The name is already taken The name is available. Register?

ޢާނު

22 December 2016

ޜަންކޮޅާ ސިންގަޕޯރަކަށް އަދި ވާކަށް ކައިރިވެސް ނުވޭ...ގައުމީ ދަރަނި ދަނީ ބޮޑު ވަމުން...ކަމެއްކޮށްފަ ސުކުރިއްޔާ ޔާމީނޭ މިގޮވަނީ ކީއްވެތަ..ބަލަ މީ ކުރަން ޖެހޭ ކަމެއް..ސުކުރިއްޔާ ރައްޔިތުން މިހިން ކިއުން މާ އައުލާކަން ބޮޑު..ތަކެތީގެ އަގު ބޮޑު ވަނީ...

The name is already taken The name is available. Register?

އޭއި

22 December 2016

ދޮން ކަނބުލޯ ރަންކޮޅާ މައިތިރިވެ ހުރެގަ. އަދި ރަނގަޅު ވާނެއެވެ. އެހާ އަވަހަށް ދެން ވަކިވާން އެދުމުން ކަމަކު ނުދާނެއެެވެ.

The name is already taken The name is available. Register?

ހަސަން

22 December 2016

އެމްޑީޕީ މީހުން ހާދަރުޅިއެކޭ މިއަންނަނީ.

The name is already taken The name is available. Register?

މެންޓަލިސްޓް

21 December 2016

ތިޔައީ ކޮންހައްލެއްތޯ ތިޔައި ބަދަލަކީ ފަޅުތެރޭގައިއޮތް ދޯންޏަކަށް ބަރުކުރާ ކުނި ހަމަ ފަޅުތެރޭގައި އޮތް ހިއްކިބިމަކަށް ޖަމާކުރުން ،، ހަމަ އެކުނި ގެންދާންޖެހޭނީ ކޮޅުވެއްޓީގައި ތިލަފުއްޓަށް ދެން އެތަނުން އަރާ ދުން އެއޮންނީ މުޅިމާލޭގެ މާފަންނު ސަރަހައްދުގެ ވައި ޙަރާބުކޮއްފައި ،،، ވަރަށްވެދުން ،،

The name is already taken The name is available. Register?

ޗޭންޖްމީ

21 December 2016

މާލޭގައި އުފެދޭ ކުނި ތައް ކަލެކްޓް ކުރުމުގައި ގެންގުޅޭ މެތަޑް އެން ޕްރޮސީޖަރ އަށް ބޮޑެތި ރަނގަޅު ބަދަލު ގެނެސް އެކަން ދުނިޔޭގެ ފެންވަރުގައި އެކަން ކޮށް މާލޭގެ ކުނި ތައް ނައްތާލުމުގެ މަސައްކަތް ވޯލްޑް ނަމްބަރ ވަން ކްލާސް ގައި ކުރަން އެފެށީ އެއީ މަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރުން ނެވެ. މަމެންގެ ގައުމު ބަަދަލު ވަނީ، ބަދަލު ވަނީ، ބަދަލު ވަނީ ލިޓިލް ސިންގަޕޯރ އަަށް. ޖެހޭ ނަލަ ވައިރޯޅި އައިސް މޫނުގައި ފިރުމާލުމުން ފީލް ވަނީ އުފާވެރި ކަމާއި ތާޒާ ކަމާއި ބާއްޖަވެރި ކަމެވެ. ޗޭންޖް މީ، ޗޭންޖް މީ، ޓު ދަ ލެޓިންގް އޮފް ދަ މޫމެންޓް އޮން އަ ގްލޯރީ ނައިޓް ވެއަރ ދަ ޗިލްޑްރެން އޮފް ޓު މޯރޯ ޑްރީމް އަވޭ. އިޓްސް އަ ވިންޑް އޮފް ޗޭންޖް. ޖަމްޕް، ޖަމްޕް، ޓޭކް އަ ހައި ޖަމްްޕް އޮން ދަ ސްޓޭޖް އެން ކީޕް ޕްލޭއިންގް ދަ ބޭސް ގިޓަރ. ޗޭންޖް މީ، ޗޭންޖްމީ، ޗޭންޖްމީ. އިޓްސް އަ ވިންޑް އޮފް ޗޭންޖް..

The name is already taken The name is available. Register?

ގިވްއިން

22 December 2016

އެންމެ މޮޅު ޕްރޮސީޖަރަކީ ޓްރައިސައިކަލުގާ ކުނިއުފުލުންތަ؟

The name is already taken The name is available. Register?

1234

21 December 2016

މިރާއްޖެ ސިންގަޕޫރަށް ހަދާ މަގުމައްޗައް ކުނިއަޅ މީހުން ޖޫރިމަނާ ކުރަންވީ 500 ރުފިޔާގެ ސްޓިކާ އަކުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454