ބްރޫސް ވިލިސް: ސިކުނޑީގެ ބައްޔެއްގެ ސަބަބުން އޭނާ އެކްޓިންނާ ދުރަށް ދާން ވަނީ ނިންމައިފައި -- ފޮޓޯ: ގެޓީ އިމޭޖެސް
01 އެޕްރީލް 2022 - 07:30
"ޑައި ހާޑް" ފަދަ މަޝްހޫރު ފިލްމުތައް ކުޅެފައިވާ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ބްރޫސް ވިލިސް، ސިކުނޑީގެ ބައްޔެއް ތަހައްމަލުކުރަމުން ދާތީ އެކްޓިންއާ ދުރަށް ދާން ނިންމައިފި އެވެ.
ބްރޫސްގެ އަންހެން ދަރިފުޅު ރޫމާ ވިލިސް ކުރި އިންސްޓަގްރާމް ޕޯސްޓެއްގައި ބުނީ އަފޭޒިއާ ކިޔާ ސިކުނޑީގެ ބައްޔަކަށް އޭނާގެ 67 އަހަރުގެ ބައްޕަ ފަރުވާހޯދަމުން އަންނަ ކަމަށެވެ. މިވަގުތަކީ އާއިލާ އަށް ވަރަށް އުނދަގޫ އަދި ގޮންޖެހުންތައް ބޮޑު ވަގުތެއް ކަމަށް ވެސް އޭނާ ބުންޏެވެ.
އަފޭޒިއާ އަކީ އާންމުކޮށް ސްޓްރޯކް ޖެހިގެންނާއި ސިކުނޑީގައި ޓިއުމަރު އުފެދުން ކަހަލަ ކަންކަމާ ގުޅިގެން ދިމާވާ ކަމެކެވެ. އެ ބަލީގެ ސަބަބުން ކަންކަން ހަނދާންނެތޭ ގޮތް ވެސް ވެ އެވެ.
ބްރޫސްގެ އާއިލާ އިން ނެރުނު ޖޮއިންޓް ސްޓޭޓަމަންޓެއްގައި ބުނީ އެ ބައްޔާ ހެދި އޭނާ އެކްޓިންނާ ދުރަށް ދިއުމަކީ ފޭނުންނަށް ލިބޭނެ ވަރަށް ހިތާމަވެރި ޚަަބަރެއް ކަމަށް ގަބޫލުކުރާ ކަމަށެވެ. އެކަމަކު މިވަގުތު އެންމެ އިސްކަންދޭން ޖެހޭނީ އޭނާގެ ސިއްހަތަށް ކަމަށެވެ. އަދި ބްރޫސް އަށް އެންމެންގެ ހެޔޮދުއާ ބޭނުންވާ ކަމަށް ވެސް ބުންޏެވެ.
ބްރޫސް ވިލިސް އޭނާގެ ކުރީގެ އަނބި މީހާ ޑެމީ މޫރޭގެ (ވ-2) ފޮތެއް ލޯންޗުކުރަން ބޭއްވި އިވެންޓެއްގައި އޭނާގެ މިހާރުގެ އަނބިމީހާ އެމާ (ކ-2) އާއި ތިން އަންހެން ދަރިންނާ އެކު -- ފޮޓޯ: ގެޓީ އިމޭޖެސް
ފަސް އަންހެން ދަރިން ހުންނަ ބްރޫސް ދެމީހަކާ ކައިވެނިކުރި އެވެ.
ބްރޫސް އެކްޓިންނަށް ނިކުތީ 1980ގެ އަހަރުތަކުގެ ކުރީކޮޅުގަ އެވެ. އޭނާ މަޝްހޫރުވީ އޭގެ 10 ވަރަކަށް އަހަރު ފަހުން އޭބީސީ ޓީވީން ނެރުނު ސީރީޒް "މޫންލައިޓިން" ގައި އޭނާ ކުޅުނު ރޯލަށް ފަހު އެވެ. "ޑައި ހާޑް" ފިލްމު ސީރީޒްގެ ފުރަތަމަ ފިލްމު އޭނާ ކުޅުނީ، 1988 ގަ އެވެ.
އޭގެ ފަހުން ބްރޫސް ކުޅުނު މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ދަ ސިކްސްތު ސެންސް" އާއި "އާމާގެޑޮން" އަދި "ޕަލްޕް ފިކްޝަން" ހިމެނެ އެވެ. އެ ފިލްމުތަކަށް ވަނީ ބޮކްސް އޮފީހުގައި ފަސް ބިލިއަން ޑޮލަރު ލިބިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިޔާން
01 April 2022
ފޮޓޯ ގަ ވަނީ 4 އންހެންދަރިންނާ އޭނަގެ އަންހެނުން ޑެމީ މޫ! ވާ އަތުން 2 ވަނަ އޭ ޑެމީ! ޑެމީ މުސްކުޅި ނުވަނީ!