ކުޅިވަރު / ޗެލްސީ

ކްރިސްޓެންސެން ބާސާ އަށް ބަދަލުވިކަން ޓުޗެލް އަށް ޔަގީނެއް ނޫން

ކްރިސްޓެންސެން އާއި ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (އޭޕްރީލް 2) - އިނގިރޭސި ކުލަބް ޗެލްސީ އާއެކު ހަދާފައިވާ އެއްބަސްވުން މިސީޒަންުގެ ނިޔަލަށް ހަމަވާ ޑެންމާކު ޑިފެންޑަރު އަންޑްރެސް ކްރިސްޓެންސެން، ހިލޭ ޓްރާންސްފާއެއްގައި ސްޕެއިންގެ ބާސެލޯނާއަށް ބަދަލުވާން އެއްބަސްވިކަމުގެ ޔަގީންކަން ލިބިފައި ނުވާކަމަށް ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

އަންނަ ސީޒަނަށް ބާސާ އަށް ޑިފެންޑަރެއްގެ ސޮއި ހޯދާފައިވާކަމުގެ ޔަގީންކަން އެކްލަބްގެ ރައީސް ޔޮއާން ލަޕޯޓާ ވިދާޅުވެފައި ވެއެވެ. ނަމަވެސް އެޑިފެންޑަރުގެ ނަމަކީ ކޮބައިކަމެއް ލަޕާޓޯ ހާމައެއް ނުކުރައްވަ އެވެ.

"އަންނަ ސީޒަނަށް އަހަރެމެން ދެ ކުޅުންތެރިއަކު ސޮއިކުރުވުމުގެ ކަންކަން ވަނީ ފުރިހަމަ ވެފައި. އެކަކަކީ ސެންޓަ ބެކެއް، އަނެއް ކުޅުންތެރިޔަކީ މިޑްފީލްޑަރެއް. އެކަމަކު ނަންތައް ހާމަކުރާކަށް އަހަރެން ނެތިން،" މިދިޔަ ހަފްތާ ސްޕެއިންގެ ރޭޑިއޯ ސްޓޭޝަނަކަށްދިން ހާއްސަ އިންޓަވިއު އެއްގައި ލަޕޯޓާ ވިދާޅުވެފައި ވެއެވެ.

ޓްރާންސްފާގެ ޚަބަރުތައް ބުނާގޮތުން އެޑިފެންޑަރަކީ ކްރިސްޓެންސެން އެވެ. އަދި މިޑްފީލްޑަރަކީ އޭސީ މިލާނުގެ ފްރޭންކް ކެސިއޭ ކަމަށް ވެސް ޚަބަރުތައް ވަނީ ފެތުރިފަ އެވެ. މީޑިއާ ރިޕޯޓްތައް ހާމަކުރާ ގޮތުގައި ކްރިސްޓެންސެން ވަނީ ތިން އަހަރުދުވަހުގެ އެއްބަސްވުމެއްގެ ދަށުން ބާސެލޯނާއަށް ބަދަލުވާން އެއްބަސް ވެފަ އެވެ.

ކްރިސްޓެންސެން މި ސީޒަނުގެ އެފްއޭ ކަޕް މެޗެއްގައި ކުޅެނީ.-- ފޮޓޯ: އޭއެފްޕީ

އެކަމަކު އެޑިފެންޑަރަކީ ކްރިސްޓެންސެން ކަމެއް ޓުޗެލް އަށް ޔަގީންކަމެއް ނުދެވުނެވެ.

"އަހަރެމެން ތި ވާހަކަ އަޑު އެހިން. އެކަމަކު އަހަރެންނަށް ޔަގީން ކަމެއް ނުދެވޭނެ. އެއީ އަންޑްރެސް (ކްރިސްޓެންސެން) އާ އައެކަމާ ބެހޭ ގޮތުން އަހަރެން ވާހަކައެއް ނުދައްކަން،" ޓުޗެލް ބުންޏެވެ.

"އަހަރެން އެހެން ކްލަބެއްގައި ނަމަ އޭނާއާ ބައްދަލުކުރަން މަސައްކަތް ކުރާނަން. އޭނާ އަކީ އަދިވެސް އަހަރެމެންގެ ކުޅުންތެރިއެއް، އަހަންނަށް އަދިވެސް ހީވަނީ ކަންކަން ހައްލުވުމުން އޭނާ އަހަރެމެންނާ އެކު މަޑުކުރުމުގެ ފުރުސަތު އެބަ އޮތްހެން. އަހަރެމެންނަށް ކުޅުންތެރިޔާ އާއި އޭނާގެ އެޖެންޓުންނާ ވާހަކަ ދައްކައި ނެގޯޝިއޭޓެއް ނުކުރެވޭނެ."

ޑެންމާކު ގައުމީ ޓީމުގައި ވެސް މުހިއްމު ދައުރެއް އަދާކުރާ އުމުރުން 25 އަހަރުގެ ޑިފެންޑަރު ޗެލްސީ އަށް ބަދަލުވީ 2011 ވަނަ އަހަރު، އުމުރުން 15 އަހަރުގަ އެވެ. ފުރަތަމަ ފަހަރަށް އުމުރުން 18 އަހަރުގައި ޗެލްސީގެ ސީނިއާ ޓީމަށް ކުޅެން ފަށި ކްރިސްޓެންސެން ވަނީ މިހާތަނަށް ޗެލްސީ އަށް 156 މެޗު ކުޅެދީ، ދެ ގޯލު ޖަހައިފަ އެވެ. އޭނާގެ ދެ ގޯލު ވެސް ފެނިގެން ދިޔައީ މި ސީޒަނުގަ އެވެ.

މި ސީޒަނަށް ފަހު ޗެލްސީގެ ކޮންޓްރެކްޓް ހަމަވާ އެޓީމުގެ ކެޕްޓަން ސެޒާ އަޒްޕިލިކުއެޓާ ހޯދަން ވެސް ބާސެލޯނާއިން މަސައްކަތް ކުރެ އެވެ. އިނގިރޭސި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ޗެލްސީ އަށް ކުޅުންތެރިންގެ ކޮންޓްރެކްޓް އާކުރުމުގެ ކަންކަން ކުރިޔަށް ގެންދިޔުމުގެ ހުއްދައެއް ނެތެވެ. ނަމަވެސް، 2018 ވަނަ އަހަރު އަޒްޕިލިކުއެޓާ ޗެލްސީއާ އެކު އާކުރި ކޮންޓްރެކްޓުގައި ވާ ގޮތުގެ މަތިން މި ސީޒަނުގައި ވަކި ވަރަކަށް މެޗު ކުޅެ، މިހާރު ވަނީ އޮޓަމެޓިކުން އިތުރު އެއް އަހަރަށް ކޮށްޓްރެކްޓް އާކުރެވިފަ އެވެ.

ރުޑިގާ އާއި ޗެލްސީގެ ކެޕްޓަން އަޒްޕިލިކުއެޓާ، ލީގު މެޗެއްގައި ރުޑިގާ ލަނޑު ޖެހުމުން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޗެލްސީގެ ފަހަތުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ ޖަރުމަނު ޑިފެންޑަރު އެންޓޮނީ ރުޑިގާ ގެ ކޮންޓްރެކްޓް ވެސް މިސީޒަން ނިމުމުން ހަމަވާ އިރު، ބާސާއިން ދަނީ އޭނާ އަށް ވެސް ފާރަލަމުންނެވެ. ބާސެލޯނާ އާއެކު ރުޑިގާގެ އެޖެންޓުން ބައްދަލުވުމެއް ބާއްވާފައި ވާކަމުގެ އަޑުތައް ފެތުރިފައި ވާތީވެ އެކަމާ ގުޅޭގޮތުން ޓުޗެލް ބުނީ، އޭނާ ޗެލްސީ ދޫކޮށްލައިފި ނަމަ އެއީ ކުލަބަށް ކުރިމަތިވާނެ ބޮޑު ގެއްލުމެއް ކަމަށެވެ. ނަމަވެސް ޗެލްސީ އޮތް ހާލަތުގެ ސަބަބުން ކުޅުންތެރިން ހިފެހެއްޓުމަށް ޗެލްސީ ނުކުޅެދިފައި ވާކަން ޓުޗެލް ވަނީ ފާހަގަ ކޮށްފަ އެވެ.

"މި ހާލަތަށް އަހަތެމެންނަށް ނުފޫޒު ނުފޯރުވޭނެ. އަމިއްލައަށް އަހަރެމެންނަށް ހާލަތު ބަދަލެއް ނުކުރެވޭނެ. އަހަރެމެންނަށް އޮތް ގޮތަކީ ކުލަބު އޮތް ހާލަތުގައި އަހަރެމެންނަށް ދިމާވާ ހުރިހާ ކަމަކާ އެއްބަސް ވުން."

ރަޝިއާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމާ އެކު އިނގިރޭސި ސަރުކާރުން އެގައުމުގައި ތިބި ރަޝިއާގެ މަހުޖަނުންގެ މުދާ ހިފެހެއްޓުމުގެ ސަބަބުން، ރަޝިއާ މަހުޖަނު ރޯމަން އަބްރަމޮވިޗުގެ މިލްކުވެރިކަމުގައި އޮތް ޗެލްސީ އަށް ވެސް ވަނީ އަސަރު ކޮށްފަ އެވެ. އަބްރޮމިޗާއި ޗެލްސީ އަށް ފިޔަވަޅު އެޅި ފަހުން ޗެލްސީ މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ވެސް ވަނީ ކާމިޔާބުކޮށްފަ އެވެ. ލީގުގައި މިރޭ ޗެލްސީ ނުކުންނާނީ އަމިއްލަ ދަނޑުގައި ބްރެންޓްފޯޑާ ދެކޮޅަށެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 50%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454