ބާރްތީ ސިންގް: ކައިވެންޏަށް ފަސް އަހަރުވި ފަހުން އޭނާ އަށް މިހާރު ވަނީ ކުއްޖަކު ލިބިފައި.
04 އެޕްރީލް 2022 - 07:01
އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ބާރްތީ ސިންގް އަށް ފިރިހެން ކުއްޖަކު ލިބިއްޖެ އެވެ.
އިންޑިއާގެ އެންމެ ހުނަރުވެރި އަދި އެންމެ ކާމިޔާބު ކޮމީޑިއަނުންގެ ތެރޭގައި ހިމެނޭ ބާރްތީ އަަށް ފުރަތަމަ ދަރިފުޅު ލިބުނުކަން އިއުލާންކުރީ އިއްޔެ އެވެ.
ބާރްތީ އާއި އޭނާގެ ފިރިމީހާ ހާޝް ލިމްބަޗިޔާ، އެމީހުންގެ އަލަތު ދަރިފުޅު ބާސްކެޓަކަށް ލައިގެން ނަގާފައިވާ ފޮޓޯއަކާ އެކު، ފިރިހެން ކުއްޖަކު ލިބުނުކަން އިއުލާންކުރިޔަސް، އެ ކުއްޖާގެ މޫނެއް އެ ފޮޓޯއަކުން ނުފެނެ އެވެ.
ދަރިއަކު ހޯދަން ވަރަށް މަސައްކަތްކޮށްގެން ބާރްތީ އަށް ކުއްޖަކު ލިބުނުއިރު، އޭނާ ވަނީ މީގެ ކުރިން ވެސް އެކަމާ ގުޅޭ ގޮތުން ވަރަށް އުފަލުން ވާހަކަދައްކައިފަ އެވެ.
އަބަދުވެސް ވަރަށް ފަލަކޮށް ހުންނަ ބާރްތީ، މި ފަހުން ހިކެން މަސައްކަތް ކުރީ ވެސް ދަރިޔަކު ހޯދުމުގެ ޕްލޭންތަކާ އެކީގަ އެވެ. ބާރްތީ، 37، އާއި ހާޝް، 35، ގެ ކައިވެންޏަށް މިހާރު ފަސް އަހަރު ވެއްޖެ އެވެ. ލިޔުންތެރިއެއްގެ ގޮތުގައި ފިލްމު އިންޑަސްޓްރީ އަށް ނުކުތް ބާރްތީގެ ފިރިމީހާ މިހާރު މަސައްކަތްކުރަނީ ބާރްތީއާ އެކު އެވެ. އެ ދެމަފިރިން އެކުގައި ޓީވީ ޝޯތައް ވެސް ހޯސްޓްކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy