އެޑް ޝީރަން: އޭނާގެ ލަވަ "ޝޭޕް އޮފް ޔޫ" އަކީ ކޮޕީ ލަވައެއް ނޫން ކަމަށް ކޯޓުން ވަނީ ނިންމައިފައި.
08 އެޕްރީލް 2022 - 06:43
އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެޑް ޝީރަންގެ "ޝޭޕް އޮފް ޔޫ" އަކީ ކޮޕީ ލަވައެއް ނޫން ކަމަށް ކޯޓުން ނިންމައިފި އެވެ.
"ޝޭޕް އޮފް ޔޫ" އަކީ ބަޔަކު ނެރުނު ލަވައެއް ކޮޕީކޮށްގެން ހެދި ލަވައެއް ކަމަށް ބުނެ، 2017 ވަނަ އަހަރުން ފެށިގެން ކޯޓުން ބަލަމުން އަންނަ މައްސަލަ ނިންމާލީ މިދިޔަ ބުދަ ދުވަހު އެވެ.
އެ ލަވަ އަކީ ކޮޕީ ކޮށްފައިވާ ލަވައެއް ކަމަށް ބުނެ، އެ މައްސަލަ ކޯޓަށް ހުށަހެޅީ އެމެރިކާގެ ޑުއޯ ލަވަކިޔުންތެރިން ކަމަށްވާ ސޭމީ ޗޯކްރީ އާއި ރޮސް އޮޑޯނައިޔޫ އެވެ. އެ ދެމީހުން ހުށަހެޅި މައްސަލައިގައި ބުނީ އެޑްގެ ލަވަ އަކީ އެމީހުން ލިޔުނު "އޯ ވައި" ނަމަކަށް ކިޔާ ލަވައެއްގެ އެކި ކަޑިތައް ކޮޕީކޮށްގެން ހަދާފައިވާ ލަވައެއް ކަމަށެވެ.
އެ މައްސަލައަކީ މީގެ ކުރީން ވެސް ކޯޓަށް ހުށަހަޅާއި، ކޮޅެއްގައި ނުޖެހިފައި އޮތް މައްސަލައެކެވެ. އެކި ސަބަބުތަކާ ހުރެ އެ މައްސަލަ ކުރިއަށް ނުގޮސް އޮއްވައި އަލުން މައްސަލަ ހުށަހަޅައިގެން އެ މައްސަލަ ބަލަން ފަށާފައި ވަނީ މިދިޔަ މަހުގެ ކުރީކޮޅުގަ އެވެ.
ލަންޑަންގެ ހައިކޯޓުން ބަލަމުން އައި އެ މައްސަލަ އިއްޔެ ނިންމާފައި ވަނީ އެޑް ޝީރަންއާ އެއްކޮޅަށެވެ. އަދި އެ މައްސަލައިގައި ޝީރަން އެއްވެސް ޖޫރިމަނާއެއް ދައްކަން ނުޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy