ކުޅިވަރު / ދިވެހި ޕްރިމިއާ ލީގް

ޓީސީ މޮޅުވާން ވެލެންސިއާއިން ފުރުސަތެއް ނުދިން

ވެލެންސިއާގެ ސަމްދޫހް ބޯޅަ ހިފައިގެން ދާއިރު ޓީސީގެ ކުޅުންތެރިޔަކު އޭނާ އަތުން ބޯޅަ ހޯދަން މަސައްކަތް ކުރަނީ --- ފޮޓޯ: އެފްޢޭއެމް

09 އެޕްރީލް 2022 - 00:09

1 comments

ކްލަބް ވެލެންސިއާގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ޓީސީ ސްޕޯޓްސް މޮޅުވާން ދަނިކޮށް ވެލެންސިއާއިން ފަހު ވަގުތު ލަނޑު ޖަހައި މެޗުގެ ނަތީޖާ 1-1 އެއްވަރު ކޮށްފި އެވެ.

މެޗުން މޮޅުވެގެން ތިންވަނަ މަގާމަށް ދެވެން އޮތް ޓީސީ އަށް ހުރަސް އެޅީ މެޗުގެ އެންމެ ފަހު ވަގުތުގައި ވެލެންސިއާގެ ބޯހަސް މާޓިން ކާމިޔާބު ކުރި ލަނޑުންނެވެ. މެޗު އެއްވަރު ކުރުމުން ވެލެންސިއާ އަށް ލިބުނު ޕޮއިންޓާއެކު އެޓީމުން ވަނީ ޖުމުލަ 13 ޕޮއިންޓް ހަމަކޮށްފަ އެވެ. ޓީސީ އަށް ލިބިފައި ވަނީ 11 ޕޮއިންޓެވެ.

މި ދެޓީމު ފުރަތަމަ ބުރުގައި ކުޅުނު މެޗު ވެލެންސިއާ ކާމިޔާބު ކުރީ 1-0 ންނެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ފުރަތަމަ ހާފުގެ ކުރީކޮޅު ޓީސީގެ ލަނޑު ޖެހީ ޒަޔާން ނަސީރު (ޒައްޔޫ) އެވެ.

ވެލެންސިއާގެ ކީޕަރު ތޮލާލް އަށް ފުރުސަތު ނުދީ ޓީސީގެ ޒޔާން ބޯޅަ ފޮނުވާލަނީ: އޭނާގެ ލަނޑުން ޓީސީ މޮޅުވާން ދަނިކޮށް ފަހު ވަގުތު ނަތީޖާ ހަމަހަމަ ކުރީ ބޯހަސް ޖެހި ލަނޑުން --- ފޮޓޯ: އެފްއޭއެމް

ދެވަނަ ހާފުގެ ބޮޑުބައެއް ޓީސީން ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. ދެވަނަ ހާފުގެ 10 ވަނަ މިނެޓްގައި ވެލެންސިއާގެ އަބްދުﷲ ޔާމީން (ޔާން) އަށް ޓީސީގެ އޭރިއާގެ ބޭރުން އަބްދުލް ވާހިދު (ވާޑް) ފައުލުކުރުމުން ރެފްރީ ވަނީ ދެވަނަ ރީނދޫކާޑާއެކު ރަތް ކާޑު ދައްކައި ވާޑް ދަނޑުން ފޮނުވައިލައިފަ އެވެ. ފުރަތަމަ ހާފުގައި ވާޑް އަށް ފުރަތަމަ ރީނދޫ ކާޑް ދެއްކި އެވެ.

ވެލެންސިއާއިން ނަތީޖާ ހަމަހަމަ ކުރީ ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ މިނެޓްގެ ތެރެއިން އެންމެ ފަހު މިނެޓްގަ އެވެ. އަބްދުﷲ ޔާމީން (ޔާން) ތަނަވަސްކޮށް ދިން ފުރުސަތަކުން ބޯހަސް ވަނީ ގޯލްގެ ތެރެއަށް ބޯޅަ ވައްދައިލައިފަ އެވެ.

މެޗުގެ 36 ވަނަ މިނެޓްގައި ފުރަތަމަ ހާފުގައި ލިބުނު އެންމެ ރަނގަޅު ފުރުސަތު ވެލެންސިއާ އަށް ތަނަވަސްވީ ލިބުނު ހިލޭ ޖެހުމަކުންނެވެ. ޓީސީގެ އޭރިއާގެ ބޭރުން ބޯހަސް މާޓީން ފޮނުވާލި ޖެހުން އަމާޒުވީ ގޯލްގެ ހުރަސްދަނޑީގެ ކަަނަށެވެ. ދެން ރީބައުންސްވި ބޯޅަ އަސްހަދު އަލީ ފޮނުވައިލުމުން ވެސް އަމާޒުވީ ހުރަސް ދަނޑި އަށެވެ.

ވެލެންސިއާ އާއި ޓީސީ މިރޭ ކުޅުނު މެޗުގައި ލަނޑު ޖެހުމަށް ފަހު ޓީސީގެ ކުޅުންތެރިން އުފާފާޅު ކުރަނީ: ވެލެންސިއާއިން ޓީސީ މާޔޫސްކޮށްލީ މެޗުގެ އެންމެ ފަހު ވަގުތު --- ފޮޓޯ: އެފްއޭއެމް

އޭގެފަހުން 41 ވަނަ މިނެޓްގައި ވެސް ވެލެންސިއާގެ ހުސައިން ހަނާން އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭރިއާގެ ތެރެއިން އަބްދުﷲ ޔާމިން (ޔާން) ދިން ބޯޅަ ހަނާން އޭރިއާގެ ތެރޭގައި ހުހަށް ހުރެފައި މަސައްކަތްކުރީ ގޯލްގެ މަތީ ކަނަށް އަމާޒުކޮށް ފޮނުވާލާށެވެ. އެހެންނަމަވެސް އޭނާ ފޮނުވައިލި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

ފުރަތަމަ ހާފުގެ ފަހުކޮޅު ހުސައިން ހަނާން އޭރިއާގެ އަރިމަތީގައި ހުރެފައި އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ އޭރިއާ ބޭރަށް ނުކުތުމުން އިސްމާއީލް ޒާން އާމިރު ފޮނުވައިލުމުން ޓީސީގެ ޑިފެންޑަރު މުހައްމަދު އަޖްފާން ވަނީ ބްލޮކްކޮށްފަ އެވެ.

މެޗުގެ 74 ވަނަ މިނެޓްގައި ވެލެންސިއާގެ އަހްމަދު ރިލްވާން އަށް ވެސް ރަނގަޅު ފުރުސަތެއް ލިބުނެވެ. ގޯލް އޭރިއާގެ ތެރޭގައި ހުރެފައި އޭނާ ފޮނުވައިލި ބޯޅަ، ޓީސީގެ ކީޕަރު ސޫޖަން ޕެރޭރާ ވަނީ ޑައިވްކޮށް ސަލާމަތްކޮށްފަ އެވެ. ފަހުން ސަމްދޫހް މުހައްމަދު (އައްޔަ) އަށް ވެސް މުޅިން ހުސް ފުރުސަތެއް ލިބުނެވެ. އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުމުން ޓީސީން އިސްކަންދިނީ ޑިފެންސިވް ގޭމަކަށެވެ. ދެވަނަ ހާފުގެ ގިނަ ވަހުތު ވެލެންސިއާއިން ކުޅެމުން ދިޔައީ ޓީސީގެ ހާފުގެ ތެރޭގަ އެވެ.

1 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލަލަލަ

10 April 2022

ނިއުގެ ރެކޯޑް ހެދިފަ ތި އޮތި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454