ކަސަބު ވިޔުމުގެ މަސައްކަތަށް ހިދާނާ ލަތީފު ނުކުތުމުގެ ކުރިން އެހެން ބައިވަރު މަސައްކަތްތައް ވެސް ކުރި. އެކަމަކު އޭނާގެ ހިތް ގޮސް ހުއްޓުނީ، ކަސަބުގެ ރީތި ކުލަތަކުގެ ތެރެއަށް. މިހާރު އޭނާގެ ހުރިހާ ވަގުތެއް ހުސްވެފައި ވަނީ އޭގެ ތެރޭގައި.
09 އެޕްރީލް 2022 - 12:41
މި މަސައްކަތުގެ ތެރެއަށް ހިދާނާ އަށް ވަދެވުނީ މުނި މާމަގެ މަސައްކަތް ފެނި އުފެދުނު ޝައުގުވެރި ކަމެއްގައި. އާއިލާގައި މާމަ ނޫނީ މިކަމުގެ ތެރޭގައި އުޅުނު މީހެއް ވެސް ނެތް. ދިވެހިންގެ ސަގާފަތާ ގެތިފައި އޮތް ކަސަބު ވިޔުމުގެ ކަވިކަން އޭނާ ދަސްކުރީ މީގެ ފަސް އަހަރު ކުރިން.
ހިދާނާ އަށް ކަސަބުގެ މަސައްކަތްތައް މުޅިން ދަސްވީ ގދ. ތިނަދޫގައި އޭގެ ހުނަރު ހުރި މީހެއްގެ އެހީ ހޯދައިގެން. ކުލަތަކުން ބޯވަޅުތައް ނަލަކުރަން ފެށީ އޭގެ ފަހުން.
ކަސަބު ގެތުމަށް ފަރިތަވެ ރަނގަޅަށް ހަމަޖެހިލެވުމުން ހިދާނާ ވަނީ އޭނާ އަދާކުރަމުން ދިޔަ ހިއުމަން ރިސޯސަސްގެ ވަޒީފާ ދޫކޮށްލާފައި. އޭނާގެ ހިތް މުޅިން ދޫވީ އެ މަސައްކަތަށް. އޭގެ ފަހުން ހިދާނާ މުޅި ދިރިއުޅުން ވަނީ ކަސަބުން ޖަރީކޮށްފައި.
ހުރިހާ ވަގުތެއް ކަސަބަށް ހުސްކޮށްފައިވާ އިރު މާލޭގައި މި މަސައްކަތް ކުރާ މަދު މީހުންގެ ތެރޭގައި އޭނާ ހިމެނޭ. އޭނާ ގަބޫލުކުރާ ގޮތުގައި މިއީ ވަރަށް ފުޅާކޮށް ކުރިއަށް ގެންދެވިދާނެ، ކުރިމަގު އޮތް މަސައްކަތެއް.
ކަސަބު ވިޔެގެން ތައްޔާރުކުރި ތަކެތި ފުރަތަމަ އަމާޒުކުރީ ޓޫރިޒަމް ދާއިރާ އަށް. އެކަމަކު އޭނާ އަށް ފަހުން އެނގުނީ ދިވެހިންގެ މާ ބޮޑު ޝައުގުވެރިކަމެއް އެ މަސައްކަތަށް އޮތް ކަން. ކަސަބުން ވިޔެފައި ހުންނަ ތަކެއްޗަށް ދިވެހިންގެ ޑިމާންޑް ވެސް ބޮޑު ކަމަށް އޭނާ ބުނޭ.
ކަސަބު ލިބާހާއި ކުޝަން ކަވަރާއި އަތުކުރީގައި އަޅާ އެއްޗެހި ހިދާނާ ހަދައިދޭ. މިކަމަށް އުފެދުނު ލޯބި އެހެން މީހުންނާ ހިއްސާކުރުން އުފަލެއް ކަމުގައި ދެކި މިހާރު އަންނަނީ އެހެން މީހުންނަށް ކަސަބު ވިޔަން ދަސްކޮށްދެމުން. ރާއްޖޭގައި 400 އަހަރަށް ވުރެން ދިގު ތާރީހެއް އޮތް މި ފަންނުގައި ހިދާނާ ބޭނުންވަނީ ގިނަ ބައެއްގެ ބައިވެރިވުން.
އޭނާ މިހާރު އަންނަނީ މި މަސައްކަތް އެކި މީހުންނަށް ދަސްކޮށްދެމުން. މިފަހުން އޭނާ ފެށި ކްލާސްތަކުގައި 31 މީހަކަށް ކަސަބު ވިޔަން ދަސްކޮށްދެމުން އެބަދޭ. އޭގެތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ މީހުން ހިމެނޭއިރު އެ މީހުން ބައިވެރިކުރަނީ އެއްވެސް އަގެއް ނުނަގައި ހިލޭ.
ކަސަބު ވިޔަން ޝައުގުވެރިވާ ފިރިހެނުން ވެސް އޭނާގެ ގާތުން އެ މަސައްކަތް ދަސްކޮށް މިކަމުގެ ތެރެއަށް ނުކުމޭ. މި ފަންނު ދިވެހިންގެ ތެރެއިން ނެތެމުން ދަނިކޮށް ރިސޯޓުތަކުން މި މަސައްކަތް ކުރާގޮތް ދައްކުވައިދޭން ފުރުސަތު ލިބެމުން ދިއުމަކީ ޒުވާނުން މި މަސައްކަތުގެ ތެރެއަށް ވަންނަން ލިބޭ ހިތްވަރެއް ކަމަށް އޭނާ ދެކޭ.
މި މަސައްކަތުގައި މިހާރު އޭނާއަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ކަސަބު ވިޔަން ބޭނުންވާ ބައެއް ސާމާނު ރާއްޖެ އިން ލިބެން ނެތުން.
ހިދާނާގެ އަޒުމަކީ ދިވެހިވަންތަ މި މަސައްކަތް ވަޅުޖެހުނަނުދިނުން. ކުރިއަށް އޮތް ޖީލުތަކާ ހަމައަށް މިކަން ކުރިއަރުވަން އޭނާއަށް ކުރެވުނު މަސައްކަތެއް ކުރުން. ދަސްކުރަން ބޭނުންވާ އެންމެންނަށް އޭނާގެ ހިތް އޮތީ ހުޅުވިފައި.
މިއީ ހިދާނާގެ މަސައްކަތް. ނެތެމުންދާ މި ފަންނަށް ދަރިވަރުން ޝައުގުވެރިކުރުވަން ސްކޫލްތަކުން ކުރަމުން އަންނަ މަސައްކަތާއި ޔުނިވަސިޓީތަކުގެ އެކި ފޯރަމްތަކުގައި ވާހަކަ ދައްކަން ފުރުސަތު ލިބުމަކީ ހިދާނާ އަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޜަޝް
10 April 2022
ޥަރަށް ރަގަަަޅު މަސަަތްކަތެއް، ދަސްކުރަން ވެސް ބޭނުން، މި ކަމަށް އިތުރު މަޢުލޫމާތު ލިބިދާނެތޯ؟
ށަވިޔަނި
09 April 2022
ހިދާނާއަށް ތަހުނިޔާ ކިޔަން. ސަރުކާރުން ހިދާނާފަދަ މީހުނަށް މަސައްކަތާއިގެން ކުރިއަށް ދެވޭނެ ހުރިހާ މަގެއް ކޮށާދޭންޖެހޭ.
ރަގަޅު
09 April 2022
ތީކީ ވަރަށް ހުނަރުވެރި ރީތި މަސައްކަތެއް އެކަމު، ތީގެ މައިގަނޑު އެއްޗަކީ ކަސަބު ބޯވަޅު ލީ ހެދުން!! މިއަދުގެ ބުރުގާއަޅާ ޒަމާނުގާ ކަސަބު ބޯވަޅުލީ ހެދުމެއްގެ ބޭނުން ކުރެވޭނީ ކިހިނެއްބާ؟ މިބުނީ ބުރުގާގެ ސަބަބުން، ތިޔަ ކަސަބު ބޯވަޅުގެ ރީތިކަމެއް މީހަކަށް ނުވަތަ ބަޔަކަށް ނުފެންނާނެ ނޫންތޯ؟ ނޫނީ، ތީ އިސްލާމީ މުޖުތަމައުގެ އަސްލާ އެއްގޮތަށް، ފިރިމީހާއަށް ޒީނަތްތެރިކަން ދެއްކުމަށް ބޭނުންކުރެވިދާނެ އެއްޗެއް ދެއްތޯ؟
އެހެންވީމަ
09 April 2022
އެހެންވީމައޭ ބުރުގާގަ ކަސަބުޖަހަންވީ. ހެދުންއަޅާގޮތަށް ފެށަން ބަދަަލުވާންޖެހޭނެ