ސޯނަމް އާއި އޭނާގެ ފިރިމީހާ--
10 އެޕްރީލް 2022 - 06:20
ބޮލީވުޑްގެ ތަރި ސޯނަމް ކަޕޫރާއި އޭނާގެ ފިރިމީހާ އަދި ވިޔަފާރިވެރިޔާ، އަނަންދު އަހޫޖާގެ ގެއިން 1.4 ކްރޯޑް ރުޕީސްގެ ގަހަނާ އާއި ފައިސާ ވަގަށް ނަގައިފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި، އެ ދެމަފިރިންގެ ދިއްލީގައި ހުންނަ ގެއިން ވައްކަން ކުރީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އެކަމަކު އެ ކަހަލަ ހައި ޕްރޮފައިލް ކޭސްތައް އާންމުކޮށް ފުލުހުން ސިއްރުކުރާތީ ސޯނަމްގެ ގެއިން ވައްކަން ކުރި މައްސަލަ ވެސް މީޑިއާ އަށް ތިލަވީ އިއްޔެ އެވެ.
އެކަން އެންމެ ފުރަތަމަ ފުލުހުންނަށް ރިޕޯޓްކުރީ އަނަންދުގެ މާމަ ކަމަށްވެ އެވެ. އަދި ފަހުން އަނަންދުގެ މަންމަ ވެސް އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރި އެވެ.
އަނަންދުގެ މާމަ ފުލުހުން ގާތުގައި ބުނި ކަމަށް ބުނެ ބައެއް ނޫސްތަކުގައި ބުނެފައި ވަނީ އެ ގޭގައި ހުރި ގަހަނާތައް ހުރިތޯ އެންމެ ފަހުން ބަލާފައި ވަނީ މީގެ ދެ އަހަރު ކުރިންނެވެ.
އޭގެ ފަހުން ފެބްރުއަރީ މަހުގެ 11 ގައި ބެލިއިރު ގަހަނާ އާއި ފައިސާއެއް ނެތެވެ. އެކަން ފުލުހުންނަށް އެމީހުން ރިޕޯޓްކުރީ ފެބްރުއަރީ 23 ގަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އެމީހުން ގެންގުޅޭ 25 މުވައްޒަފަކާއި އަދި އެ ގޭގައި މަސައްކަތްކުރާ ނުވަ މީހަކާ އެކަމާ ގުޅޭ ގޮތުން ފުލުހުން ސުވާލުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ޑްރައިވަރުންނާއި ގާޑަން ބަލަހައްޓާ މީހުން ވެސް ހިމެނެ އެވެ.
ކައިވެންޏަށް ފަހު، ސޯނަމް އާއި އަނަންދު އާންމުކޮށް އުޅެނީ ލަންޑަނުގަ އެވެ. އެކަމަކު މިދިޔަ މަހު ބަނޑުބޮޑުކަން އިއުލާންކުރި ސޯނަމް މި ވަގުތު ހުރީ އިންޑިއާގަ އެވެ. އެކަމާ ގުޅިގެން ރަސްމީކޮށް އެ އާއިލާ އިން އަދި މީޑިއާގައި ވާހަކަދައްކާފައެއް ނުވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
2022
10 April 2022
މަހިތުން މިސޯނަން އުޅެނީ ވަރަށް ފުދިގެން... ބޮއިހަލަކި
ނުރަބޯ
10 April 2022
ތިޔައީ ދެން މާބޮޑު ކަމެއްނޫނެއްނު؟ އަވަހަށް ގަނެލާ……!