11 އެޕްރީލް 2022 - 12:25
ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައިގައި، ޔޫކްރޭންގެ ޗެރްނޮބީލް ނިއުކްލިއާ ރިއެކްޓަރު ހިފައިގެން ތިބި ރަޝިޔާ ސިފައިން އެތަނުން، ރޭޑިއޯއެކްޓިވް މާއްދާތަކެއް ވަގަށް ނަގާފައިވާ ކަމަށް، ޔޫކްރޭނުން އިއްޔެ ބުނެފި އެވެ.
ޗެރްނޮބީލްގެ ނިއުކްލިއާ ރިއެކްޓަރު ހުންނަ ސަރަހައްދު ބަލަހައްޓާ އޮފީހުން ބުނި ގޮތުގައި އެ ރިއެކްޓަރުން ވަގަށް ނަގައިގެން ގެންދިޔަ މާއްދާތަކަކީ، އެ ތަކެތި ހިފައިގެން ދިޔަ ރަޝިޔާ ސިފައިންގެ ފުރާނަ ވެސް ގެއްލިދާނެ ފަދަ ނުރައްކާތެރި މާއްދާތަކެއް ކަމަށެވެ. ރަޝިޔާ ސިފައިން އެ ނިއުކްލިއާ ރިއެކްޓަރު ހިފީ، ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށި ދުވަހު (ފެބްރުއަރީ 24) އެވެ.
ނިއުކްލިއާ ރިއެކްޓަރު ދޫކޮށް ރަޝިޔާ ސިފައިން ދިޔައީ، ޔޫކްރޭންގެ ވެރިރަށް ކިޔޭވް ހިފުމަށް ކުރި މަސައްކަތް ނާކާމިޔާބުވުމުން، އެ ސަރަހައްދު ދޫކޮށް ރަޝިޔާ ސިފައިން ފޭބުމާ ގުޅިގެން، މިދިޔަ މާޗް މަހުގެ 31 ވަނަ ދުވަހު އެވެ. ރިއެކްޓަރު ހިމެނޭ ސަރަހައްދު ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް ގެންދިއުމަށް ފަހު، ރަޝިޔާ ސިފައިން އެތެރެ އަށް ވަދެ ބަލައި ފާސްކޮށް އުޅުނީ، އެ ސަރަހައްދުގައި ހުންނަ ދެ ލެބޯޓެރީއަކަށެވެ.
ޔޫކްރޭން ސަރުކާރުން ބުނި ގޮތުގައި ޗެރްނޮބީލްގައި ހުރި ދެ ލެބޯޓެރީ އަށް ވަދެ، ރަޝިޔާ ސިފައިން އެތަނުން ވަގަށް ނެގި އެއްޗެހީގެ ތެރޭގައި، 133 ރޭޑިއޯއެކްޓިވް މާއްދާ ހިމެނެ އެވެ. އެއީ، އެ ތަކެތި ގެންގުޅެންވީ ސަލާމަތީ މިންގަނޑަށް ފަރުވާތެރި ނުވެއްޖެ ނަމަ، އެތައް ބައެއްގެ ފުރާނަ ގެއްލިގެން ހިނގައިދާނެ ނުރައްކާތެރި އެއްޗެހިތަކެއް ކަމަށް ވެސް ޔޫކްރޭނުން ބުނެ އެވެ.
ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ފެށި ހަނގުރާމަ އަށް ދޮޅު މަސް ވެގެން ދިޔަ އިރު، ހަނގުރާމަ ހުއްޓައިލުމުގެ އެއްވެސް ނިޝާނެއް މިހާތަނަށް ރަޝިޔާގެ ފަރާތަކުން ނުފެނެ އެވެ. އަދި ހަނގުރާމަ ހުއްޓުވުމަށް ރަޝިޔާ އަށް މަޖުބޫރު ކުރުމުގެ ގޮތުން، މާލީ ގޮތުންނާއި އިގްތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމުން ވެސް، ރަޝިޔާގެ ހަމަލާތަކަށް ބަދަލެއް ނާދެ އެވެ.
ޔޫކްރޭން ހަނގުރާމަ ހުއްޓުވުމާ ބެހޭ ގޮތުން، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންއާ އެކުގައި މަޝްވަރާ ކުރެއްވުމަށް، އޮސްޓްރިއާގެ ޗާންސެލަރު ކާލް ނެހަމާ، މިއަދުގެ ވަގުތެއްގައި މޮސްކޯ އަށް ވަޑައިގަންނަވާނެ އެވެ. ކާލެ ނެހެމާ މޮސްކޯ އަށް މިވަޑައިގަންނަވަނީ، މިދިޔަ ހޮނިހިރު ދުވަހު ޔޫކްރޭނަށް ވަޑައިގެން، އެ ގައުމުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީއާ ބައްދަލުކުރެއްވުމަށް ފަހު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންނައުނު
12 April 2022
އެފަދަ ގެއްލުމެއް ހުރި އެއަޗެއް ފައްކާކުރުމުގެ ބޭނުމަކީ ކޮބާބާ؟ ހޯމްވޯކް ނަހަދަންޔާމު ހަމަ ޓްރާންސްލޭޝަން އެކަނި ގެނެސްދެވޭނީ. އެމެރިކާއިން މިސާލަކަށް އެކަން ކުރިނަމަ "ޔޫކްރޭނުން ސިއްރުން ފައްކާކުރަމުންދިޔަ ރޭޑިއޯ އެކްޓިވް ތަކެއް އަތުލައިގެންފި" އެއީ އެމީހުންނަށް ވައްކަން ކުރަން ނޭންގޭ.. އިރާގައް އެރީވެސް ދުނިޔޭގެ ދަރިފަސްކޮޅުގެ ހައްގުގަ. ރަނގަޅު ކުރޭ..