ލަތީފަކީ އެމްޓީސީސީގައި މި ވަގުތު ހުރި އެންމެ ދުވަސްވީ މުވައްޒަފު. އެމްޓީސީސީ އުފެދުނީއްސުރެ މިއަދާ ހަމައަށް އޭނާ މެދުކެނޑުމެއް ނެތި ވަޒީފާ އަދާކުރި މުވައްޒަފަކީ އޭނާ. އެމްޓީސީސީ ބިލިއަން ރުފިޔާގެ ކުންފުންޏަކަށް ބަދަލުވީ އޭނާގެ ކުރިމަތިން.
އެމްޓީސީސީގެ އެންމެ ދުވަސްވީ މުވައްޒަފު އަބްދުލް ލަތީފު އަހުމަދު "މިހާރު" އަށް ދެއްވި އިންޓަވިއުގެ ތެރެއިން--ފޮޓޯ:ފަޔާޒް މޫސާ/މިހާރު
12 އެޕްރީލް 2022 - 09:25
އޭނާގެ ހިދުމަތުގެ ސޮފްހާތައް ނިއުޅުވާލި އެވެ. އެމްޓީސީސީގެ ދިގު ތާރީހުގައި އަބްދުއްލަތީފު އަހުމަދުގެ މަސައްކަތްތައް ގިނަ އެވެ. އެއް ކުންފުންޏަކަށް މެދުނުކެނޑި ސާޅީސް އަހަރުގެ ހިދުމަތް ކޮށްދިން އިރު، އޭނާ މިހާރު ވެސް ހުރީ ވަރުބަލި ކަމެއް، ފޫހި ކަމެއް ނެތި އެ މަސައްކަތުގެ ތެރޭގަ އެވެ.
އޭނާ އެންމެ ފުރަތަމަ ވަޒީފާއަކާ ގުޅުނީ އުމުރުން އެންމެ 15 އަހަރުގަ އެވެ. ސްކޫލަށް ދިއުމުގެ ފުރުސަތު ނުލިބުމުން މާލޭގެ މަޝްހޫރު ރެޑިއަމްގެއިން އަސާސީ ތައުލީމު ހޯދި އެވެ. އަދި މަންމަގެ އެދުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ހުޅުވާލި "އެޕްރެންޓިސްޝިޕް ޕްރޮގްރާމް" އާ ގުޅުނެވެ. އެހާ ޅަ އުމުރުގައި ބުރަ މަސައްކަތެއް ކުރަން ފެށުމަކީ އޭނާ އަށް ވެސް ކުރިމަތިވި ގޮންޖެހުމެކެވެ. އޭރު މަސައްކަތުގައި އޮންނަ ހަރުކަށި އުސޫލުތަކުގެ ސަބަބުން އެ ވަޒީފާ އަށް ނުދާން ވެސް އެތައް ފަހަރަކު ނިންމި އެވެ. އެހެން ނަމަވެސް އެކަން އެގޮތަށް ނުކުރެވުނީ އޭނާގެ މަންމަ ދިން ހިތްވަރުގެ ސަބަބުންނެވެ.
"އެގޮތަށް އުޅޭކަށް ވަޒީފާ އަށް ނުދާނަމޭ މަންމަ ގާތު ގެއަށް ގޮސް ބުނިން. އެހެން ބުނާ އިރަށް މަންމަ ބުނެފި މަސައްކަތެއް ދަސްވީމައޭ މީހުން ބަލައިގަންނާނީ. ލާރިއެއް ވެސް ލިބޭނީ. އެ ނަސޭހަތުގެ ހިފީމަ މިހާ ހިސާބަށް މި އާދެވުނީ."
އިލެކްޓްރީޝަން ކޯހެއްގައި އިންސްޓްރަކްޓަރުގެ ދިން އިރުޝާދުތައް އަޑުއަހަނީ--ފޮޓޯ:އަބްދުލް ލަތީފު
"އެގޮތަށް އުޅޭކަށް ވަޒީފާ އަށް ނުދާނަމޭ މަންމަ ގާތު ގެއަށް ގޮސް ބުނިން. އެހެން ބުނާ އިރަށް މަންމަ ބުނެފި މަސައްކަތެއް ދަސްވީމައޭ މީހުން ބަލައިގަންނާނީ. ލާރިއެއް ވެސް ލިބޭނީ. އެ ނަސޭހަތުގެ ހިފީމަ މިހާ ހިސާބަށް މި އާދެވުނީ،" އޭނާ ބުންޏެވެ.
އޭނާ އެންމެ ފުރަތަމަ މަސައްކަތް ފެށީ އިންޖީނުގެ މަސައްކަތްތައް ކުރުމުގައި އުޅޭ އިންޖިނޭރުންނަށް އަތްގާތް ކޮށްދިނުމުގަ އެވެ. ލަތީފު ބުނީ އެންމެ ފުރަތަމަ ޖެހުނީ އިންޖީނު ސާފު ކުރުން ކަމަށެވެ. އެކަމުގެ ތެރޭގައި އުޅެ، އިންޖީނަށް ދިމާވާ މައްސަލަތައް ދެނެގަނެ، އެކަންކަން ކުރާނެ ގޮތްތައް އަމިއްލައަށް ދެނެގަތެވެ.
އަބްދުލް ލަތީފު އިންޖިނޭރަކާ އެކު މަސައްކަތުގައި: އޭނާ އަކީ މިހާރު ސާވިސް އިންޖިނިއަރެއް-- ފޮޓޯ: ފަޔާޒް މޫސާ/މިހާރު
މިކަމުގައި ދެ އަހަރެއްހާ ދުވަސްވީ ފަހުން ސަރުކާރުން އެމްޓީސީސީގެ ނަމުގައި ކުންފުންޏެއް އުފެއްދި އެވެ. އަދި ޓްރާންސްޕޯޓުގެ މެރިން ޑިވިޝަންގެ މަސައްކަތްތައް އެ ކުންފުނީގެ ދަށަށް ބަދަލު ކުރި އެވެ. މިއީ އޭނާ އެމްޓީސީސީއާ ގުޅުނު ހިސާބެވެ.
އެމްޓީީސީސީގައި އުޅުނު އިރު އިލެކްޓްރިކް މަސައްކަތްތައް ކުރުމަށް ލަތީފަށް ފުރުސަތު ލިބުނީ އިއްތިފާގަކުން ކަމަށް އޭނާ ގަބޫލުކުރެ އެވެ.
ޒުވާން އުމުރުގައި އޭނާ ތަފާތު ކުޅިވަރުތައް ކުޅުމުގައި އުޅުނެވެ. އެއް ފަހަރު އޮތް ފުޓްބޯޅަ މުބާރާތެއްގައި ކުޅެނިކޮށް ވެއްޓި ޖެހުނު ގޮތަކުން އަތް ބިނދުނެވެ. އެ ހާލަތުގައި ވެސް އޭނާ މަސައްކަތަށް ނުކުތެވެ. އެ ދުވަސްވަރު އެމްޓީސީސީން ދޯނިތަކުގެ ވަޔަރިން ކުރުމަށް ހާއްސަ އިލެކްޓްރީޝަނެއް ގެނަ އެވެ. އަދި އެކަމުގައި އެހީތެރިއަކަށް ވާނެ މީހަކު ހޯދި އެވެ. އެ މަސައްކަތަށް އިޖާބަދިން އެކަކަކީ ލަތީފެވެ. ސަބަބަކީ އޭނާގެ ހާލަތު ހުރި ގޮތުން އެދުވަސްކޮޅު މާ ބުރަ މަސައްކަތް ނުކުރެވުމެވެ.
މިކަމުގައި އެހީވާނެ މީހަކު ހޮވުމަށް ބޭނުންވި މީހުންގެ މެދުގައި ގުރުއަތެއް ނެގުމުން އެކަމަށް ހޮވުނީ ވެސް އޭނާ އެވެ. އެ ހިސާބުން އޭނާގެ ކެރިއަރަށް ބޮޑު ބަދަލެއް އައެވެ.
ކަރަންޓު މަސައްކަތެއްގައި އެހެން މުވައްޒަފަކާ އެކު ލަތީފު ބައިވެރިވަނީ
ކަރަންޓް މަސައްކަތަކީ އޭނާ ވަރަށް ގަޔާވި އަދި އެހާމެ ކުރާ ހިތުން ކުރި މަސައްކަތެކެވެ. ނަތީޖާއަކަށްވީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ މަސައްކަތުގައި އެމްޓީސީސީގެ އެންމެ އިސްކޮށް އުޅެން އޭނާ އަށް ފުރުސަތު ލިބުމެވެ.
"އިލެކްޓްރިކް މަސައްކަތުގައި އުޅެމުން ގޮސް، އެކަން ކުރުމަށް ކުންފުނީގައި އެންމެ އިސްކޮށް އުޅެން ފެށިން. އަޅުގަނޑުގެ ދަށުން މުވައްޒަފުން ވެސް ލާން ފެށި،" އޭނާ ބުންޏެވެ.
ލަތީފު ވަނީ އިލެކްޓްރިޝަން ކޯސްތައް ރާއްޖެއިން ބޭރުން ވެސް ހަދައިފަ އެވެ. އެގޮތުން ސިންގަޕޫރަށް ގޮސް އެކަމާ ގުޅޭ ހާއްސަ ޓްރެއިނިންތަކެއް ހޯދި އެވެ.
އިލެކްޓްރިކް މަސައްކަތުގައި އުޅެމުން ގޮސް އަމިއްލަ އަށް މާލޭގެ ގޭގެ ވަޔަރިން މަސައްކަތްތައް ވެސް ކޮށްދީ އުޅުނެވެ. އަދި އަމިއްލަ މަސައްކަތެއްގެ ގޮތުން ދޯންޏާއި ގޭގޭގެ ވަޔަރިން އަދި އިލެކްޓްރިކް މަސައްކަތްތައް ކުރަން ފެށި އެވެ. މިއީ އޭނާ ދިރިއުޅުން މުޅި ބަދަލުކޮށްލި މަސައްކަތެއް ކަމަށް ލަތީފު ބުންޏެވެ.
"ވަރަށް ޝައުގުވެރިކަން ހުރި ކަމެއް. އިލެކްޓްރީޝަނަކާ އެކު މަސައްކަަތް ކުރަން ފުރުސަތު ލިބުމުން އަމިއްލަ އަށް ވަރަށް ގިނަ ކަންކަން ދަސްކުރިން. އެހެން އުޅުމުގެ ތެރޭގައި ބައެއް އެކްސްޕެރިމެންޓްތައް ވެސް ހެދިން،" އޭނާ ބުންޏެވެ.
އެމްޓީސީސީ ބަހެއްގައި އަބްދުލް ލަތީފު: އޭނާ މިހާރު މަސައްކަތް ކުރަނީ ބަހުގެ އޮޕަރޭޝަންތައް ބެލެހެއްޓުމުގައި-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
ކަރަންޓުގެ މަސައްކަތްތަކުގައި އުޅުނު އިރު ބިރުވެރި ބައެއް ހާދިސާތައް ވެސް ހިނގާފައި އެބަހުއްޓެވެ. ޗާޖު ކުރަން އުޅޭ އިރު ބައެއް ފަހަރު ބެޓެރީ ކަހަލަ އެއްޗެހި މޫނު މައްޗަށް ގޮވުމުގެ ތިން ހަތަރު ހާދިސާއެއް ހިނގި އެވެ. އެ ހާދިސާތަކުގައި އޭނާ ޒަހަމް ވެސް ވި އެވެ.
އަބްދުލް ލަތީފު ޓްރާންސްޕޯޓުގައި ހޭދަ ކުރި ދެ އަހަރު މަސައްކަތް ކުރީ އެއްވެސް މުސާރައަކާ ނުލަ އެވެ. އެއަށް ފަހު އޭނާ އަށް ލިބުނު ފުރަތަމަ މުސާރައަކީ 75ރ. އެވެ. އޭނާ ބުނީ، އެ ލިބުނު މުސާރައަކީ އޭރާ އަޅާ ބަލާ އިރު ރަނގަޅު މުސާރައެއް ކަމަށެވެ. އަދި ބޭނުންވާ ހުރިހާ ކަމެއް ވެސް ހަމަޖައްސާލެވޭ ކަމަށެވެ.
"މުސާރައިން 50ރ. އަޅުގަނޑު ދެނީ މަންމަ އަށް. ބާކީ 25ރ. އޮތް އަޅުގަނޑުގެ ހަރަދުތައް ހަމަޖައްސަނީ. އޭރު ހޮޓަލަކުން ސައި ބޮވޭނެ 50 ލާރިއަށް،" އޭނާ ބުންޏެވެ.
ލަތީފު އޭނާގެ މުވައްޒަފަކާ އެކު އޮފީހުގައި: އޭނާ އެމްޓީސީސީގައި މަސައްކަތް ކުރާތާ 40 އަހަރުވެއްޖެ-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
އޭނާގެ މުސާރަ އެއަށް ފަހު ދެން ބަދަލުވީ 700ރ. އެވެ. އެއަށްފަހު އެމްޓީސީސީގައި 15 ވަރަކަށް އަހަރުވި އިރު މުސާރަ އަށް 1،900ރ. ލިބެން ފެށި އެވެ. ލަތީފަށް ރަނގަޅު މުސާރައެެއް ލިބެން ފެށީ 2000 ގެ އަހަރުތަކުގެ ކުރީކޮޅު އެވެ. އޭރު އަދާ ކުރީ ސީނިއާ އިލެކްޓްރީޝަންގެ މަގާމެވެ.
އޭނާ ގަބޫލު ކުރާ ގޮތުގައި އެމްޓީސީސީ މިހާ ހިސާބަށް ގެނައުމުގައި އޭނާއަށް ގިނަ މަސައްކަތްތަކެއް ކޮށްދެވިއްޖެ އެވެ. ގިނަ ވަޒީފާތަކެއްގައި އުޅެވިއްޖެ އެވެ. އެކަންކަމުގެ ތެރެއިން އޭނާ އަށް އެންމެ ގިނަ ކަންކަން ހާސިލުކޮށްދެވުނީ ތިލަފުށީގެ ބޯޓްޔާޑްގެ މަސައްކެތެވެ. އެ ތަނުގެ އޮޕަރޭޝަން ބެލެހެއްޓުމުގައި އިސްކޮށް އުޅެމުން އޭނާ ވަނީ ދޯނިފަހަރުގެ ވަޔަރިން މޮޑެލް ބަދަލުކޮށްފަ އެވެ.
"ބޯޓުޔާޑު ހެދުމުގައި އަޅުގަނޑުގެ ހިއްސާ ބޮޑުވާނެ. އެ ކުންފުނި މިހާރު ހުރި ހިސާބަށް ގެނައުމުގައި ހިތްހަމަޖެހޭ މަސައްކަތްތަކެއް ކުރެވުނު،" އޭނާ ބުންޏެވެ.
އޭނާ އެންމެ ގިނަ ދުވަހު މަސައްކަތް ކުރީ ވެސް ބޯޓްޔާޑުގަ އެވެ. ސިއްހީ ހާލަތަށް އައި ބޮޑު ބަދަލާ އެކު އޭނާ މިހާރު އޭނާ މަސައްކަތް ކުރަނީ ބަސް އޮޕަރޭޝަން ބެލެހެއްޓުމުގަ އެވެ.
އެމްޓީސީސީގެ މުޅި ތާރީހުގައި ލަތީފުގެ ޝާމިލުވުން އޮތް އިރު މިހާރު އޭނާ ބޭނުންވަނީ ވަޒީފާއިން ރިޓަޔާ ކުރާށެވެ. އޭނާ އަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އޭނާގެ އެހީއާ އެކު ގިނަ މުވައްޒަފުންތަކެއް އުފެއްދި އެމްޓީސީސީގެ މަސައްކަތްތަކަށް ކުރިއެރުންތައް ހޯދައިދިނުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް
12 April 2022
ސާބަހޭ ލަތީފް.ވަރަށް ޑެޑިޓޭކެޓް ވެގެން ނޫން ގޮތަކަށް ތިޔަފަދަ ހިސްޓްރީއެއް ކްރިއޭޓް ނުކުރެވޭނެކަން ޔަގީން. 50 ލާރިއަށް ހޮޓަލުން ސައި ބޮވުނު ޒަމާން އެއީ އަސްލު ހާދަ ސަޅި ދުވަސްތަކެކޭ.ލަތީފަށް ބާއްޖަވެރި ދުވަސްތަކަކަށް އެދެން.ވ.ވ.ވެދުން