ފުވައްމުލަކު ހުޅަނގު ފަރާތު ފަރަށް މިދިޔަ އޮގަސްޓް 13 ވަނަ ދުވަހު އެރި ވިއެޓްނާމްގެ ބޯޓުން އުކާލި ހިލަތައް އެ ރަށު ގޮނޑުދޮށަށް ލައްގައި މުޅި ސަރަހައްދު ކަޅުވެފައި.---ފޮޓޯ: ކިޔުންތެރިއެއް
23 ޑިސެމްބަރ 2016 - 21:05
ފުވައްމުލަކު ފަރަށް މިދިޔަ އޯގަސްޓް މަހު އެރި ވިއެޓްނާމްގެ ބޯޓު ފުންކުރަން އެ ރަށު ފަރުމައްޗަށް އުކާލި ހިލަތައް ގޮނޑުދޮށަށް ލެއްގުމާ ގުޅިގެން ހިލަތައް ނަގަން ފަށައިފި އެވެ.
ފުވައްމުލަކު އަތޮޅު ކައުންސިލް މެމްބަރު ހުސައިން ސައީދު މިރޭ ވިދާޅުވި ގޮތުގައި ގޮނޑުދޮށަށް ލައްގަމުން އަންނަ ހިލަތައް ނަގަމުން އަންނަތާ ތިން ދުވަސްވެފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ހަލުވިމިނެއްގައި ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ގޮނޑުދޮށަށް ލެއްގި ހިލަތައް ފުދޭ ވަރަކަށް ބޮޑަށް ނަގައިފި، ކޮންމެވެސް ވަރަކަށް ހިލަތައް އަދިވެސް ލައްގަމުން ދަނީ، އެކަމަކު އެ މަސައްކަތް ބާރަށް ކުރިއަށްދޭ،" އޭނާ ވިދާޅުވި އެވެ.
ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް ނަގަން ހަވާލުކުރީ ފަހި ބިޒް ޕްރައިވެޓް ލިމިޓެޑާ އެވެ.
ފުވައްމުލަކުގެ ފެނާއި ނަރުދަމާ މަޝްރޫއު ހަވާލުކޮށްފައިވާ ސްރީ ލަންކާގެ ސިއެރާ ކުންފުނީގެ އޯޑަރަށް ގެނައި މުދާ ހިފައިގެން ދިޔަ "އެމްވީއެންޖީއޯސީ ސަން" ފަރަށް އެރުމުން ލިބުނު ގެއްލުމުގެ އަގު 633.7 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ނަމަވެސް ބޯޓުގެ ވެރިފަރާތުން އެންގީ ބަދަލުގެ ގޮތުގައި ދެވޭނީ 1.8 މިލިއަން ޑޮލަރު (27.7 މިލިއަން ރުފިޔާ) ކަމަށެވެ. އެ ބޯޓު ފަރަށް އެރިތާ މަހެއްހާ ދުވަސް ފަހުން ފުންކުރަން، ބޯޓުގައި ހުރި 5،700 ޖަމްބޯ ބޭގްގެ ހިލަ އާއި ހިލަވެލި އުކާލީ މޫދަށެވެ. ފުންކޮށްގެން ބޯޓު ދަތުރުކުރަނިކޮށް ވަނީ އަޑިއަށް ގޮސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބްރާހީމް
24 December 2016
ހިލަތަށް ނަގާއިރު އަކިރި ނުނަގާތި މީހުން ދިރިއުޅޭ ރަށްރަށުގެ ގޮނޑުދޮށުން "އަކިރި، ވެލި" ނެގުމަކީ މަނާކަމެއް ނަގާ ބަޔަކު ކުއްވެރި ވާނެ.
ވަހީދު
24 December 2016
އޮފް ވަންދެން ބަހައްޓަބަލަ.
ޟިސްޓަރ
24 December 2016
ކުށްވެރިވާ މީހާޔަށްތަ އެނގެނީ ޖޫރިމަނާ ދޭން ޖެހޭ ވަރު؟