ކޫއްޑޫ ބަނދަރުގައި ކިޔޫގައި ތިބި ބައެއް ދޯނިތައް. ގިނަ ދޯނިތަކެއް މަސް ކިރުވަން ވަނީ ކިޔޫގައި ޖެހިފައި--ފޮޓޯ:މިހާރު
13 އެޕްރީލް 2022 - 12:02
މަސްކިރުވަން ކޫއްޑޫ ބަނދަރުގައި 63 ދޯންޏެއް 900 ޓަނު މަހާ އެކު އެބަ އޮތް ކަމަށާއި ހުރިހާ ދޯންޏަކުން މަސް ކިރުވައި ނިމޭނީ އަންނަ އާދިއްތަ ދުވަހު ކަމަށް މިފްކޯގެ މެނޭޖިން ޑިރެކްޓާ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެ އެވެ.
ކޫއްޑޫގައި މަސް ކިރުމުގައި ކޮންމެ ދޯންޏަކަށް ފަސް ޓަނުގެ ލިމިޓެއް ކަނޑައެޅުމާ ގުޅިގެން ގިނަ އަދަދެއްގެ މަސްވެރިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށް ހަޅުތާލުކޮށްފަ އެވެ. މިކަމަށް ހައްލެއް ހޯދަން މަސްވެރިންނާއި މިފްކޯގެ މެނޭޖްމެންޓާ އެކު މަޝްވަރާކުރުމަށް ފަހު އިއްޔެ މެންދުރު ފަހު ވަނީ މަސްވެރިން ބޭނުންވި ގޮތަށް ކިޔުގައި ޖެހޭ ކޮންމެ ދޯންޏެއްގެ ހުރިހާ މަހެއް ކިރަން އެއްބަސްވެފަ އެވެ.
ފައުޒީ ވިދާޅުވީ، މިހާރު ވެސް މަސް ކިރަމުން އަންނަނީ އެގޮތަށް ކަމަށެވެ. ކޮންމެ ދުވަހަކު ވެސް މިފްކޯގެ ލިމިޓް ހަމަވަންދެން މަސްވެރިން އަތުން މަސް ކިރުވަ އެވެ. މިވަގުތު މިފްކޯގެ ފްރީޒިން ކެޕޭސިޓީ އަކީ 480 ޓަނެވެ. އެހެންވެ، ކިޔޫގައި ތިބި ހުރިހާ ދޯންޏަކުން މަސް ކިރައި ނިންމަން ދުވަސްތަކެއް ނަގާނެ އެވެ.
"އަންނަ އާދިއްތަަ ދުވަހަށް މިވަގުތު ކިޔޫގައި ތިބި ދޯނިތައް ކްލިއާ ކުރެވޭނީ. އެހެންވެ މިވަގުތަށް އިތުރު ކިޔޫ ނަންބަރެއް ދޫނުކުރަން،" އޭނާ ވިދާޅުވި އެވެ.
މަސްވެރިކަން ރަނގަޅުވާ ކޮންމެ ފަހަރު މަސް ކިރުމަށް ދަތިވެ، ގިނަ އުނދަގޫތަކެއް ކުރިމަތިވެ އެވެ. މިފްކޯއިން ބުނީ އެކުންފުނީގެ ފްރީޒިން ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމް77
14 April 2022
ރައްޔިތުން ޓެކްސްފައިސާއިން ނުއަގުގަ ގެއްލުމުގަ މިއޮއްގަނެ ނިންމަނީ. މިފާޑައް އެއްވެސް އިކޮނޮމިސްޓެއްގެ އަޑު ނާހާ ގޮސް ލަންކާ މިއަދު އެ އިނދަޖެހި ބޭންކުރަޕްޓްވީ. ރާއްޖޭގެ ޑަބަލް ޕެންޝަންތަކާ އާސަންދަ ލޫޓުވަމުންގޮސް އެންމެ 3 މަހުން 50% ބަޖެޓު ހުސްވެ ކަންތައް ދާނަމަ ރާއްޖެ ވެސް ދާނި އެހަމައިން.
އައްޔ
14 April 2022
ދުވަހަކުވެސް ތިތަންތަނުގެ ކެޕެސިޓީ އިތުރު ކުރެވޭތަނެއް ނާދެއެންނު. އުޅެނީ ދަޅުމަހުގެ އަގު ބޮޑުނުކުރެވިގެން
ސީބެ
14 April 2022
މަސްވެރިން ބޭނުންވެގެެންނޫން ދޯންޏެއް ބާނާ ހުރިހާ މަސްކިރަން މިފްކޯއިން ނިއްމީ . އެއީ ދެތިން މަހުޖަނު ވިޔަފާރިވެރިންގެ އައިސްކުރެވޭގޮތް ހަދާފަހުރި ދޯނިތަކުން މަސްކިރުވަން ސިޔާސީ ނުފޫޒުން ކުރިކަމެއް. ހުރިހާ ގެއްލުމެއް މިހާރު ކުދި އައިސްނުކުރެވޭ ދޯނިތަކަށް.
ޝަފީރު
13 April 2022
ތިމާމެން މީހުންގެ ބޯކައިގެން ކަންކަން ކުރަން ވައުދުތައްވެގެން ބޭޒާރުވުން ނޫންކަމެއްނުވާނެ. އިހަށްދުވަހު ފިޝަރީޒް މިނިސްޓަރ އަނގަފުރާލާފައިބުނީ ފުރަތަމަބުރު 200 ދޯނީގައި ފިނިކުރާނިޒާމު ޤާއިމުކުރެވޭނޭ. ބުރާންތިތަކާ ފޫކޮޅުގައި އޮތް ސީފޯލި ނުނިކުމެ އުޅެނިކޮށް އަލުންއިތުރަށް ކާންފަށައިފިނަމަ ބަނޑުގައި ޖާގަނެތިގެން ދެން ނުކުންނާނީ ހޮޑު. ޢެހެންވީމާ ދޯނިފަހަރުގައި ހަރުކުރާ ފިނިކުރާނުޒާމު މިފްކޯއަށް ބަދަލުކޮށް އެތާޖާގަބޮޑުކުރޭ. ތިޔަހުރެ ހޮޑުނުކުންނަނީ.
ގާ ދިޔަ
13 April 2022
ދިޔަވަރު ހިކުނީމަ އަޑީގަ ހުންނަ ގާ ފެންނަހެން، މިފްކޯގެ އިސްކޮއްތިބިމީހުންގެ ހަގީގީ ފެންވަރު މިފެންނަނީ މަސްވެރިކަން ރަގަޅުވީމަ. ކުރިޔައް ލަފާކޮއް ރޭވޫމުގެ ގާބިލުކަމެއް ނުފެނޭ. މިކަން އަދިވެސް ދިމާވާނެ. އެއި ވަކި ސަރުކާރެއް ވެގެނެއް ނުން. ތަނުގެ ދަބަރު ފިލުވަންޖެހޭ.
ޟަޒް
13 April 2022
14 މިލިއަން ރުފިޔާ ލިބޭނީ 900 ޓަނުން މަސްވެރިނަށް. މަހުގެ އުފެއްދުންތަކުން ލިބޭނެ ވިއްކައިގެން 23 މިލިއަންވަރު
ބޮޑުމީހާ
13 April 2022
މިސަރުކާރުގެ ސިޔާސަތުތަކަކީ އެބުރޭވަހުތާނުތަކެއް
ޕީޓޫ
13 April 2022
ކޫއްޑޫ ބްރައިން ޓޭންކް ތަކުގެ ފުލް ކެޕޭސިޓީ އަކީ 225މ.ޓަން. އިހަށް ދުވަހު ބޭރުން ގަތް ފްރީޒަރ ބޯޓުގެ ކެޕޭސިޓީ އަކީ 200 ޓަން (ދުވާލަކަށް) މަހާ ކަލަމިންޖާ ބޯޓުގެ ކެޕޭސިޓީ އަކީ 100 ޓަން. އެހެން ވީމާ ޖުމުޖަ ފްރީޒިން ކެޕޭސިޓީ (ކޫއްޑޫ އާއި ކޫއްޑޫ ފްރީޒަރ ބޯޓުތަކުގެ) 525 މ.ޓަން ދުވަލަކަށް. އެހެންވީމާ 900 ވަރަކަށް ޓަނު ކްލިއަރ ކުރަން ނަގަން ވާނީ 2 ދުވަސް. ހިސާބު މުޅިން ނުބައި. އަސްލުގަ ތިޔަ އުޅެނީ އަތުގަ ހުރި ފެސިލިޓީ ތައް ބޭނުންކޮށްގެން ކުރަން ނޭގިގެން.
ޕީޓުޕީ
14 April 2022
ވެޕޭސިޓީ 1000ޓ ވިޔަސް ކޮންމެ ދުވަހަކުވެސް ކިރޭނެ ވަކި އަދަދެއް އޮންނާނެ...
މަސްވެރިހައްލު
13 April 2022
މި މައްސަލައަށް ހައްލެއް ބޭނުންނަމަ ސަރުކާރުން މަސްގަތުން ހުއްޓާލައި މަސްވެރިކަމުގެ ސިނާއަތު އަމިއްލަ ކުންފުނިތަކަށް ދޫކޮށްލަންޖެހޭ.. މިހާރު ސަރުކާރުން ހަމަޖައްސަފައިވާ އަގުން މަސްގަނެ އެމަހުން ނަފާ ހޯދުމަކީ ކުރެވޭނެކަމެއްނޫން. ނަމަވެސް ރިޔާސީ ކެންޑިޑޭޓަށް ވެވުނު ވައުދެއްގެ ސަބަބުން މިފްކޯއިން ގެއްލުމުގައި މަސްގަނެ އާއްމު ރައްޔިތުންގެ ޓެކްސް ފައިސާއިން މަސްވެރިންނަށް ލާރި ދިނުން ހުއްޓިގެން ނޫނީ މި ސިނާއަތު ރާއްޖޭގައި ކުރިއަރާނެ ކަމަށް ނުފެނޭ.
ޙަސަން ކުރުސީ
13 April 2022
ކޮބާ މަސްވެރިންނަށް ވީ ވަޢުދުތައް؟ ކަނޑުގަ އެޅި މަސްވެރި މައިޒާންތައް؟ ޤައިމު ގޭދޮށު މަސްފެކްޓަރީތައް ހުރިނަމަ މިފްކޯއަށް ނުކުރިގެން ގޮތްހުސްވެގެން ނޫޅުނީސް ދޯ؟