ރިޕޯޓް / އީކުއޭޓާ ވިލެޖް

އީކުއޭޓަ ވިލެޖް މުޅިން އާ ބަދަލުތަކެއް ތެރެއަށް

އީކްއޭޓަ ވިލެޖްގެ ޕޫލް އޭރިއާގައި ދެ ޓޫރިސްޓަކު ކަނީ: ކުރިން ފެނުނު ފަނޑުކަން ފިލުވާލުމުގެ މަސައްކަތް ވަނީ ފަށާފައި

އައްޑޫ ގަމުގެ ސިޓީ ހޮޓާ، އީކުއޭޓަ ވިލެޖް ހިންގާތާ މިހާރު 18 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ކައިމޫ އިން ހިންގާ މި ހޮޓާ ހުންނަނީ އެއާޕޯޓް އޮތް ގަމުގައި ކަމަށް ވާތީ، އީކުއޭޓަ ވިލެޖަށް ރަނގަޅު މުސްތަގުބަލެއް އޮތް ކަމަށް އައްޑޫގެ އެތައް ބަޔަކު ގަބޫލުކުރެ އެވެ.

އެކަމަކު މާޒީ އަށް ބަލާ އިރު މިތަން ހުރީ ރާއްޖޭގެ ކުރިއަރަމުން އަންނަ ޓޫރިޒަމްގެ ތަރައްގީއާ އަޅާބަލާލެވޭނެ ހިސާބެއްގައެއް ނޫނެވެ. ގިނަ މީހުން ސިފަކުރަނީ މިއީ މާ ބޮޑު ކުރިއެރުމެއް ނައިސް، ވަރަށް ފަނޑުކޮށް ހިންގާ ތަނެއްގެ ގޮތުގަ އެވެ.

ނަމަވެސް އީކުއޭޓަ ވިލެޖްގެ ތަސައްވުރާއި ކުރިމަގަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަޝްރޫއެއް މިހާރު ވަނީ ފަށައިފަ އެވެ. ހަމައެކަނި އިމާރާތްތަކަށް ގެންނަ ބަދަލުތަކަކުން އެކަންޏެއް ނޫނެވެ. މުޅި ތަން ހިންގާ ނިޒާމުން ވެސް ޒަމާނީ ކުރިއެރުންތަކެއް ފެންނާނެ ކަމަށް، މިހާރު ލިބިފައި ހުރި މައުލޫމާތުތަކުން އެނގެ އެވެ.

އީކްއޭޓަ ވިލެޖްގެ ރިސޯޓް މެނޭޖަރު ވަހީދު -- ފޮޓޯ: އަހުމަދު އަދުޝަން/ މިހާރު

އީކުއޭޓާ ވިލެޖްގެ ތަރައްގީ އަށް މިހާރު ކުރަމުން އަންނަ މަސައްކަތުގެ މުގުލުގައި ހުންނެވި އެއް ބޭފުޅަކީ، މީގެ ތިން މަހެއްހާ ދުވަސް ކުރިން އެތަނާ ގުޅިވަޑައިގެންނެވި، ފޭދު އަށް ނިސްބަތްވެވަޑައިގަންނަވާ މުހައްމަދު ވަހީދެވެ. މިއީ އައްޑޫން ބޭރުގައި ޓޫރިޒަމް ދާއިރާގައި 30 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

އޭނާގެ ތަޖުރިބާ ވަރަށް ބޮޑެވެ. އުފަން ސިޓީގައި ހިންގާ އީކްއޭޓާ ވިލެޖްގެ މުސްތަގުބަލް ވަހީދުގެ ދުރުމީން ބެއްލެވީމާ އޭނާ އަށް ފެނިވަޑައިގަންނަވަނީ ވަރަށް ފާގަތިކޮށެވެ. އޭނާ ވިދާޅުވާ ގޮތުގައި އީކުއޭޓާ ވިލެޖަކީ އައްޑޫގެ ޓޫރިޒަމްގެ "އައިކަން" އެވެ.

އޭނާ ގަބޫލުކުރައްވަނީ އައްޑޫގެ އާބާދީގެ ބޮޑު ބައެއް ހިމެނޭ ރަށްރަށާ އެއްފަސްކޮށް ގުޅިފައި އޮތުމަކީ އީކުއޭޓާ ވިލެޖްގެ އެންމެ ޚާއްސަ ސިފަ ކަމަށެވެ. އަދި އެއީ އެތަނަށް އަންނަ ޓޫރިސްޓުން ވެސް އެންމެ ގަޔާވާ އެއް ކަންތަކެވެ.

އީކުއޭޓާ ވިލެޖްގެ ކުރިމަތިން މޫދު: ގެސްޓުންނަށް އިތުރު ޚިދުމަތްތައް ފޯރުކޮށްދޭން ރާވާފައިވޭ

"މިއީ ވަރަށް ޔުނިކް ތަނެއް. ޓޫރިޒަމްއޭ ބުނީމާ އެއީ ހަމައެކަނި ބީޗެއް އޮތުމެއް ނޫން. އީކްއޭޓަ ވިލެޖް މިއޮތް ތަނަށް ބަލާ އިރު، މިއީ ވަރަށް ޔުނިކް ތަނެއް،" އީކުއޭޓާ ވިލެޖްގެ މެނޭޖަރު ވަހީދު ވިދާޅުވި އެވެ.

"މުޅި އައްޑުއަކީ ވެސް ޔުނިކް ތަނެއް. މިތަނުގައި ވަރަށް މުއްސަނދި ސަގާފަތަކާއި ތާރީހެއް އެބަ އޮތް."

އޭނާ ވިދާޅުވީ އެ ޚާއްސަ ސިފަތަކާ އެކު އައްޑޫ ޓޫރިޒަމްގެ އައިކަންއަކަށް އީކުއޭޓާ ވިލެޖް ހެއްދެވުމުގެ މަގުސަދު ވަރަށް ބޮޑު ކަމަށެވެ. އެ މަސައްކަތަށް ހޮޓަލުގެ ވެރިފަރާތް، ކައިމޫ ހޮޓެލްސް އިން ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭކަން ފާހަގަކުރެއްވި އެވެ. ޚާއްސަކޮށް އެ ކުންފުނީގެ ޒުވާން މެނޭޖިން ޑިރެކްޓަރު މުހައްމަދު މާނިހް އަހުމަދު، ވަރަށް ގާތުން އެ މަސައްކަތް ބައްލަވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަތްދިހަ އަށް ކޮޓަރީގެ އީކްއޭޓަ ވިލެޖްގައި ބޮޑެތި މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އޭގެ ތެރޭގައި ރިސެޕްޝަން އޭރިޔާ ރީތިކުރުމާއި ޖިމާއި ރެސްޓޯރަންޓްތަކާއި ވޯޓަ ސްޕޯޓްސް އާއި އިންޑޯ އަދި އައުޓް ޑޯ ކުޅިވަރުތައް ކުޅެވޭނެ އިތުރު ފެސިލިޓީތައް ގާއިމްކުރުން ހިމެނެ އެވެ.

އީކުއޭޓާ ވިލެޖްގެ ކޮޓަރިއެއް: އަންނަ އަހަރު އިތުރު 30 ކޮޓަރި އަލަށް ހަދާނެ

މީގެ އިތުރުން ޕޫލް އޭރިއާ އަށް ވެސް ބަދަލުތަކެއް ގެނެސް މިހާރަށް ވުރެ ރަނގަޅު ބީޗެއް ހަދަން ވެސް ވަނީ ޕްލޭންކޮށްފަ އެވެ. އެތަނުގެ ކޮޓަރިތަކުގެ ފެންވަރު ހަމައެކަނި ރަނގަޅު ކުރުމުގެ އިތުރުން އަލަށް 30 ކޮޓަރި ވެސް ހަދާނެ އެވެ.

"މިދިޔަ ނޮވެމްބަރު މަހުން ފެށިގެން މިތަނުގެ އަޕްގްރޭޑިން މަސައްކަތްތައް ކުރިއަށް މި ދަނީ. އަންނަ އަހަރުގެ ނޮވެމްބަރާ ހަމައަށް އެކި ކަހަލަ ރިނޮވޭޝަން މަސައްކަތްތައް ކުރިއަށް ދާނެ،" ރިސޯޓްތަކުގައި އިސް މަގާމުތަކެއް ފުރުއްވާފައިވާ ވަހީދު ވިދާޅުވި އެވެ.

"އޭގެ ފަހުން މިތަނުން ބޮޑެތި ތަފާތުތަކެއް ފެންނަން ފަށާނެ. އަޅުގަނޑުމެން ބޭނުންވާ ޓާގެޓަށް މަސައްކަތް ކުރާނަން. އެ ހިސާބަށް ދެވޭނެ."

އޭނާ ވިދާޅުވީ އިމާރާތަށާއި ތަނަށް ހަމައެކަނި ބަދަލު ގެނައުމަކީ ހިދުމަތްތައް ރަނގަޅު ވުން ނޫން ކަމަށެވެ. ހަމައެއާ އެކު ދޭ ޚިދުމަތްތަކަށް ވެސް އެ ކުރިއެރުން ގެންނަވާނެ ކަމަށް ވިދާޅުވި އެވެ.

"އީކްއޭޓަ ވިލެޖް ވެގެން ދާނެ ރިސޯޓްތަކާއި ސިޓީ ހޮޓާތަކާއި ގެސްޓްހައުސްތަކުން ދޭ ހުރިހާ ހިދުމަތްތަކެއް މިކްސްކޮށް ދޭ ތަނަކަށް. އެހެންވީމާ މިތަން އަބަދު މާކެޓް ކުރާނީ އެންމެ ދަށް ފަންތިން ފެށިގެން އެންމެ މަތީ ފަންތީގެ މީހުންނަށް ވެސް ހިދުމަތް ދެވޭ ގޮތަށް،" ވަހީދު ވިދާޅުވި އެވެ.

"އަދި ހަމަ ދިވެހިންގެ މެދުގައި ވެސް މަގުބޫލު ތަނަކަށް މިތަން ވާނެ. ބޭނުމަކީ އީކްއޭޓަ ވިލެޖަކީ އެންމެނަށް ވެސް އެނގޭ ތަނަކަށް ހެދުން."

އެ ހިސާބަށް ވާސިލް ވާން ކުރަން ޖެހޭ ދަތުރާއި މަސައްކަތްތައް ވެސް ގިނަ އެވެ. ވަހީދު ވިދާޅުވީ ބޭނުން ވަނީ ހަރުފަތަކަށް ފަހު، ހަރުފަތެއް ގިރާކުރެއްވުން ކަމަށެވެ. އޭގެ ތެރޭގައި މުވައްޒަފުން ތަމްރީންކުރުމާއި އެ މީހުން މަސައްކަތްކުރާ ހިތްވާ ކަހަލަ މާހައުލެއް އުފެއްދުން ވެސް ހިމެނެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ވަގުތު 80 ވަރަކަށް މުވައްޒަފުން މަސައްކަތްކުރާ ހޮޓެލްގައި ވަޒީފާ އަދާކުރަން އައްޑޫގެ ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކުރެ އެވެ.

އީކްއޭޓަ ވިލެޖްގައި ތިބި ޓޫރިސްޓުންތަކަކާ ވަހީދު ވާހަކަ ދައްކަވަނީ

"މިތަނުގައި މަސައްކަތެއް ކުރާ ކަމަށް ވަންޏާ އެ ފުރުސަތު ދޭނީ އައްޑޫ މީހުންނަށް. އައްޑޫގައި އެބަ ތިބި ހުރިހާ ދާއިރާއަކުން ބޭނުންވާ މީހުން. އެ މީހުންނަށް ފުރުސަތުތައް ހޯދައި ދިނުމަކީ މުޅި އައްޑު އަށް ވެސް ލިބޭނެ ކުރިއެރުމެއް،" ވަހީދު ވިދާޅުވި އެވެ.

"މިސާލަކަށް ފޮޓޯ ނަގާ މީހަކަސް، ކުރަހާ މީހަކަސް އަދި އައްޑޫގެ ކެއުންތައް ކައްކަން އެނގޭ މީހަކަށް ވިޔަސް އައްޑޫ މީހުންނަށް ފުރުސަތު ދީގެން ކުރިއަށް ދާން ބޭނުންވަނީ."

އީކްއޭޓަ ވިލެޖްގެ މެނޭޖަރުކަމާ އޭނާ ހަވާލުވެވަޑައިގަތީ، ވަހީދު ވިދާޅުވި ގޮތުގައި، އެތަނާ މެދު މީހުން ދެކޭ ގޮތް ބަދަލުކުރެއްވުން ނިޔަތަކަށް ހައްދަވައިގެންނެވެ.

"މިތަން ހިންގަން ފުރުސަތު ލިބުނީމަ އަޅުގަނޑު މި ހުންނަނީ ހަމަ ހަގީގަތުގައި ވެސް ވަރަށް އުފަލުން. މިއީ މުޅި އައްޑޫގެ ކުރިއެރުމަށް ކުރެވޭ މަސައްކަތެއް،" ވަހީދު ވިދާޅުވި އެވެ.

"އެކަން ވާނެ. ކޮންމެ ކަމެއް ވެސް ފެށިގެން އަންނާނީ ހުވެފަނަކާ ހިސާބުން. މަސައްކަތް ކުރީމަ ކާމިޔާބު ވާނެ."

8 ކޮމެންޓް, 49 ރިއެކްޝަންސް

icon happy icon happy 88%
icon sad icon sad 0%
icon angry icon angry 12%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފިގަރއައުޓް

25 December 2016

އައްޑޫ އަކީ ކަލްޗްރަލީ ރާއްޖޭގެ އެހެން ރަށްތަކާއި ތަފާތު ސޮސައިޓީ އެއް ދިރިއުޅޭ އަތޮޅެކެވެ. އައްޑޫ މީހުންނާއި ވަރަށް ނުގުޅޭ ބޮޑު ބެރު އަދި ބަނޑިޔާ އަދި މާލި ނެށުން ފަދަ ކަންކަން. އެއީ އެމީހުން ކުރާ ހިތްވާ ވެސް ކަމެއް ނޫން ކަމަށް މަމެންނަށް އެރަށުގެ ޑިމޮގްރަފީ ސްޓަޑީ ކުރުމުން ދޭހަވެއެވެ. އައްޑޫ މީހުންނަށް އައްޑޫ މީހުން ވަޒީފާ ދޭން ކުރާ މަސައްކަތް އެއީ މައްސަލަ އެއް ނޫން އެއީ ލަންކާ މީހުން ވެސް ރާއްޖޭގައި ކަން ކުރާ ގޮތް ލަންކާ މީހުން ތިބޭ ތަނެއްގަައި މުޅިން ތިބޭނީ ލަންކާ މީހުން. އެކަން އެގޮތަށް ކުރަނީ އެއީ ޖޮބްސެކުއަރ ކުރުމުގެ ބޭނުމުގައި ކަމަށް މަމެން ކުރި ދިރާސާ ތަކުން ދައްކަނީ. އައްޑޫ އަކީ އެއީ ވަކި ވައްތަރެއްގެ މަސައްކަތް ތަކަށް ވަރަށް ސްކިލްޑް ލޭބަރ ފޯސް އެއް އޮންނަ އޭރިއާ އެކެވެ. ތަފާތަކީ ފިނިޝިންގް ރީތި ނުވުމެވެ. އެމީހުންގެ މަސައްކަތުގެ ފިނިޝިންގް ރީތި ވެއްޖެނަމަ ދެން އެމީހުންގެ މަސައްކަތުގެ ވެލިއު އަރައިގެން ދާނެެއެވެ. ރާއްޖޭގައި ފިނިޝިންގް އެންމެ ރީއްޗަށް މަސައްކަތް ކުރަން ދަންނަނީ ރާ އަތޮޅު މީހުންނެވެ. އައްޑޫގެ ލަކީ ނަމްބަރ އަކީ 12 އެވެ. ބާރަ އެއީ ގުޑް ނަމްބަރ އެވެ. އަހަރުގެ 12 ވަނަ މަހު އައްޑޫގެ ކަންކަން ނިންމަން ހިފާ އަދި ފަށަން ޖެހޭ ކަންކަން ފަށައިފިނަމަ ފޯރޗިއުން ލައިން ވިލް ބީ ވިދް ޔޫ އޯލް ޓައިމް. ހާރޑްވާރކް = %98 ނޮލެޖް = %96 ދެން އެޓިޓިއުޑް = %100 ފިގަރ އައުޓް %101

The name is already taken The name is available. Register?

ގަބީލާ

25 December 2016

ތިޔަށްވުރެ ރީތި ފުވައްމުލަކުގައި ހުރި އަހަރެމެންގެ ގެ ވެސް. ތިތަނަށް 2ވަނަ ފަހަރަކު މީހަކު ނާންނާނެ! އަޔަސް އަންނާނީ އާރް އޭ އެފް ގެ އިސްތިއުމާރީ މީހުން. ނިކަން ބަލާބަލަ ލާމު އަތޮޅުގައި ހުރި ސިޓީ ހޮޓާތަކާއި މާފުށީ، ދަނގެތި ތަން. ޝޭމް އޮން އައްޑޫ، އަނެއްކާ ތިހިންގަންހުރިމީހާގެ ބަސްމަގުހުރީ ވ ރޭސިސްޓުކޮށް

The name is already taken The name is available. Register?

ބްލެކް ލިސްޓް

25 December 2016

ތިތަނަކީ ސިޔާސީ އަދި ނުފޫޒު ގަދަ މީހުން ވަކި ކަހަލަ ކަންތައް ތަކެއް ކުރަން ޚާއްސަ ހުއްދައެއް ލިބިދޭ ތަނެއް. އެމީހުންނަށް ތިތަނުން ނުލިބޭނެ އެއްޗެއް ނޯންނަކަން ވަރަށް ރަނގަޅަށް އިނގޭ. އިސްލާމީ ގައުމެއްގައި އަދި ފަސޭހައި އަރައި ފޭބޭ ތަނެއްގައި ދިވެހިންނަށް މިހާރު ލިބިދޭ އިސްލާމީ ނޫ/ން ހިދުމަތް އެއްކޮށް އުވާލަން ފެނޭ.

The name is already taken The name is available. Register?

ދުރުމި

25 December 2016

އައްޑޫގެ ބޭކަލުންނަށް ވާގޮތަކީ ހޮޓަލެއް ލިބުނަސް ރިސޯޓެއް ލިބުނަސް އެތަނަށް ވައްދަންޖެހޭނީ މުޅިންވެސް އައްޑޫ ބޭފުޅުން.. އެހެން ބަޔަކު ކިތައްމެ މޮޅަސް އެބަޔަކަށް ވަޒީފާ ދިނުމުގެ ވިސް ނުމެއް ނުގެންގުޅޭ ..... މިއީ އާއްމުކޮށް ރިސޯޓް ތަކުންވެސް ފެންނަ މަންޒަރެއް އެރިސޯޓްތަކުގައި އިސްކޮން މަސައްކަތް ކުރަން ތިބޭ އައްޑޫ ބޭކަލުން މުޅިންވެސް ވިސްނަނީ އެތަނަށް އައްޑޫ މީހުން ވެއްދޭތޯ..... މިއީ ވަރަށް ނަސްލީ އިންތިޔާޒުކޮށް ކުރާކަމެއް.. ރިސޯޓްތަކުގައި އުޅޭ އައްޑޫ ނޫން މީހުންނަށް ވަރަށްވެސް ޖެއްސުން ކުރޭ.. މިއީ ތަޖްރިބާއާއެކު ކުރާ ކޮމެންޓެއް..

The name is already taken The name is available. Register?

ލޯންގްވޭ

25 December 2016

އަދިވެސް އީކްއޭޓަރ ވިލެޖް ވައްތަރީ ހަމަ ސިޓީ ހޮޓެލް އަކާ އެވެ. ވަރަށް ބޮޑަށް ލަންކަން އަދި އިންޑިއަން ސްޓައިލް މިހުންނަނީ ޑިޒައިން ގައިވެސް. އައްޑޫ އަކީ އެއީ ރާއްޖޭގެ އިންޑިއާ ކަމަށް ބޮޑަށް ފީލް ވަނީ. ސަބަބަކީ އެތަނުގައި ކުރާ ކަންކަމުގައި ބޮޑަށް ހުންނަނީ އިންޑިއަން ސްޓައިލް އަދި އިންޑިއަން ސްޓޭންޑަރޑް ޒާތަށް ކަންކަން ކުރެވިފައެވެ. މިސާލަކަށް މިޚަބަރުގެ އާރޓިކަލް ގެ ފޮޓޯ ތަކުން ފެންނައިރު ވެސް ބެޑްރޫމްގެ އެއާރކޯން ވެސް ބޭރަށް ފެނުމާއި އަދި ޑްރެސިންގް ޓޭބަލް ގައި ވެސް އެެއްވެސް ޑިޒައިނެއް ނެތުމާއި އަދި މިނިބާރ ފްރިޖް ވެސް ފެންނަން ހުރުމާއި ރޫމްގެ ކުލަ ޔުނީކް މޯލްޑިވިއަން ސްޓައިލްގެ ކުލަ އަކަށް ނުވުން މީ އެކަންކަމުގެ ޕްރޫޕް އެވެ. އަދިވެސް މިކަންކަން އެބަޖެހޭ ރަނގަޅު ކުރަން. އައްޑޫގައި ޓޫރިޒަމް ކުރިއެރުވުމުގައި އައްޑޫގެ ސާފުތާހިރު ކަން އެބަޖެހޭ އިންތިހާ އަށް ރަނގަޅު ވާން. އައްޑޫ ހުޅުދޫ މީދޫ ކުޑަ ކޮށް ވެސް މަގުމަތީގައި ހިނގާލަން ވެސް ކަމުދަނީ. ދެން ހުރި ހުރިހާ ރަށް ރަށުގެ މަގުމަތީގައި ބާކާރު ތަކާއި ބާ އެނދުތަކާއި ގޮދަޑި ތައް ބަހައްޓާފައި ހުރުމުން އެތަންތަން ހީވަނީ ގާޒާ ސްޓްރިޕް އާއި އެވެ. މިކަން ކަން އެބަޖެހޭ ރަނގަޅު ކުރަން ޓޫރިޒަމް ކުރިއަރު ވަން އައްޑޫ މީހުން ބޭނުން ނަމަ. ސްޓިލް ޔޫ ގައިޒް ހޭވް ލޯންގް ވޭ ޓުގޯ.

The name is already taken The name is available. Register?

އަސްލު

25 December 2016

އައްޑޫ ހާއްސަކޮށް ގަމުގައި ހުންނާނީ ބްރިޓިޝް ސިފަތައް. މީ ދެބަސް ވެވޭނެ ހަގީގަތެއްނޫން. ގަމުގެ މަގުތަކާއީ އިމާރާތްތަކާއި މުޅި އިންފްރާ ސްޓްރަކްޗާ މިކަމަށް ހެކިދޭނެ.

The name is already taken The name is available. Register?

ޖޖ

25 December 2016

ތަންތަން ހިންގި އުފފެއްދުން ތެރި ޤައުމަކަށް ރާއްޖެ ހެދޭނީ ދިވެހިންގެ އާބާދީ ބޮޑުވެގެން!

The name is already taken The name is available. Register?

ވޮޗްޑޮގް

25 December 2016

ދިވެހި އަންހެންވެރިން މަސަކަތައް ނެރެނިކޮށް ތި މައްސަލަ ހައްލުވާނެ އެތަކެއް ދިވެހި ޒުވާން އަންހެން ކުދިން މަސައްކަތެއް ނުކޮށް ވަޒީފާއަކަށް ނުގޮސް އެބައުޅޭ. ޓޫރިޒަމް ދާއިރާގައި ތައި، އިންޑޮނޭޝީޔާ، ޕްލިޕީންސް އަންހެނުން އެ އުޅެނީ މި ދިވެހިރާއްޖޭގައި ހިފެހެއްޓިދާނެ ފައިސާ. މީ ގައުމުގެ އިގްތިސާދު ބޫސްޓްކުރަން އެންމެ ރަނގަޅު ފޯމިއުޅާ. އަންހެނުން މަސައްކަތުގެ ދާއިރާއަށް ނެރެންވީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454