20 އެޕްރީލް 2022 - 15:12
ފުޓްބޯޅައިގެ ހަރާކަތްތަކުން ސަސްޕެންޑްކޮށްފައިވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ރަމްޒުކޮށްދޭނެ ހުރިހާ ސިފައެއް، އަލަށް އުފައްދާފައިވާ ރޭޑިއަންޓް ކްލަބްގައި ހުރިކަމަށް އޭއެފްސީން ގަބޫލުކުރާ ކަމަށާއި ނިއުގެ ދަރަންޏަށް ޒިންމާވެ ދަރަނި އަދާކޮށްފިނަމަ ރޭޑިއަންޓަށް ކުރިއަށް ދެވޭނެ ކަމަށް އޭއެފްސީން އެންގާފައިވާ ކަމަށް އެފްއޭއެމުން މިއަދު ބުނެފި އެވެ.
އެފްއޭއެމުން މިއަދު ބޭއްވި ޕްރެސްކޮންފަރެންސްގައި ޖެނަރަލް ސެކެރެޓަރީ ހުސައިން ޖަވާޒު ވިދާޅުވީ، ނިއު އާއި އެއްގޮތްކަންތައްތަކެއް ހުރި ރޭޑިއަންޓް ކިޔާ ކްލަބެއް ހަރާކާތްތެރިވަމުންދާ ކަމަށް އެފްއޭއެމްުގެ ސަމާލުކަމަށް އިސްވެ އެންމެ ފުރަތަމަ ގެނައީ ވެސް އޭއެފްސީން ކަމަށެވެ.
"ކޮޮންމެވެސް ވަރަކަށް ސުވާލު އުފެދިދާނެ މިކަން ކިހިނެއްތޯ އޭއެފްސީ އަށް ފްލޭގް ވެގެން [ސަމާލުކަން އައިސްގެން] މިއުޅެނީ. އެކަމަކު މިހާރަކަށް އައިސް އޭއެފްސީން މަސައްކަތް ކުރަމުން އަންނަ ގޮތަށް ވަރަށް ބޮޑަށް ބަދަލު އައިސްފި،" ޖަވާޒު ވިދާޅުވި އެވެ.
ޖަވާ: އޭނާ ވިދާޅުވީ ރޭޑިއަންޓަށް އެއްބާރުލުން ދިނުމުގައި އެފްއޭއެމް ދެމިއޮންާނެ ކަމަށް. އެކަމަކު މެންބަރުކަން ދިނުން މަޑުޖައްސާލީ އޭއެފްސީ ފާހަގަކޮށްފައިވާކަންކަން ހައްލުކުރުމަށް ކަމަށް ވިދާޅުވި --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"ސްޕޯޓްސް ރާޑާ ކިޔާ ބަޔަކާއެކީ (އޭއެފްސީން) އެބައޮވޭ މުއާހަދާތަކެއް ހެދިފައި. ޑޮކިޔުމެންޓޭޝަން އެއްކޮޅުން އަނެއްކޮލަށް ބަދަލު ނުކުރިކަމުގައި ވިޔަސް މަސައްކަތްތަކެއް އެބަކުރެވޭ، ނިއު ރޭޑިއަންޓްގެ ދަރަނީގެ މައްސަލަތަކެއް އެބައުޅޭ ފީފާގައި ވެސް.
"އަޅުގަނޑުމެންނަކަށް އެހާބޮޮޑު ހައިރާކަން ކަމެއް ނުލިބޭ އޭއެފްސީ އަށް މިކަން ފްލޭގްވުމުގައި. [ސަމާލުކަން އައުމުގައި] އެއީ އެބޭފުޅުންގެ ޑޕާޓްމެންޓްތަކެއް ވެސް އެބަހުރޭ މިކަންކަމަށް ހާއްސަވެގެން. އަނެއްކާ ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ދިޔައީ ވެސް އެބޭފުޅުންގެ ފޭސްބުކް ޕޭޖުގައި ޕޯސްޓް ކުރަމުން."
އެފްއޭއެމްގެ އެއްވެސް ހައިސިއްޔަތެއް ރޭޑިއަންޓް ކްލަބަށް ނުދިނުމަށް އިއްޔެ ނިންމުމުން އެކަމާ ގުޅިގެން ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން މިއަދު ބޭއްވި ޕްރެސްކޮންފަރެންސްގައި އެފްއޭއެމްގެ ޑެޕިޔުޓީ ޖެނަރަލް ސެކެރެޓަރީ އަބްދުﷲ ސީބާއު (ޝިބާ) ވިދާޅުވީ ރޭޑިއަންޓަށް ކުރިއަށް ދެވޭނެ ގޮތެއްއޮތްތޯ ބެލުމަށް އޭއެފްސީ އާއެކު ކުރި މަޝްވަރާތަކުގައި، ރޭޑިއަންޓަކީ ނިއު ރޭޑިއަންޓް ރަމްޒުކުރާނެ ކްލަބެއް ކަމަށް އޭއެފްސީން ގަބޫލުކުރާކަން ހާމަކޮށް ސިޓީ ފޮނުވާފައިވާ ކަމަށެވެ.
ނިއު ރޭޑިއަންޓްގައި ކުރިން މަސައްކަތް ކޮށްފައި ތިބި މީހުން ރޭޑިއަންޓްގެ އެންމެހާ މަގާމުތަކުން އިސްތިއުފާ ދީ އެހެން ބަޔަކު އެކްލަބްގެ މަގާމުތަކަށް އައްޔަން ކުރި ކަމުގައި ވިއަސް އެކްލަބަކީ ނިއު ރޭޑިއަންޓް ރަމްޒުކުރާ ކްލަބް ނޫންކަމަށް ނުވާނެ ކަމަށް އޭއެފްސީން އަންގާފައިވާ ކަމަށް ޝިބާ ވިދާޅުވި އެވެ.
ޑެޕިޔުޓީ ޖެނަރަލް ސެކެރެޓަރީ އަބްދުﷲ ސީބާއު (ޝިބާ): އޭނާ ވިދާޅުވީ އެފްއޭއެމްގެ މެންބަރުކަން ދިނުން މިވަގުތަށް މަޑު ޖެހިފައި ވަނީ އޭއެފްސީން އެންގި އެންގުންތަކާ ގުޅިގެން ކަމަށް --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"އެކްލަބްގެ ރައީސް އާއި ހަޒާންދާރު އަދި އެހެން މެންބަރުން އިސްތިއުފާ ދީ އެކްލަބްގެ މެންބަރުން ބަދަލުވުމުން އެކްލަބަކީ ނިއު ރޭޑިއަންޓް ތަމްސީލު ކުރަން އަންނަ ކްލަބެއްކަން ޝައްކު ކުރާނެ ޖާގަ އޮތް ކަމަށް އޭއެފްސީން ގަބޫލު ކުރެޔޭ،" އޭއެފްސީން ސިޓީގައިވާ އިބާރާތްތައްކަމަށް ބުނެ އިނގިރޭސި ބަހުން ޝިބާ ވިދާޅުވި އެވެ.
"ކުރިގެ ކްލަބްގެ ދަރަންޏަށް ގާނޫނީ ގޮތުން ޒިންމާވާނަމަ އާ ކްލަބަށް އެފްއޭއެމްގެ މެންބަރުކަން ދިނުމާމެދު އޭއެފްސީގެ އެއްވެސް އިއުތިރާޒެއް ނެތްކަމަށް ވެސް ވަނީ އަންގާފައި."
ރޭޑިއަންޓް ކްލަބްގެ ފައުންޑާ އަހްމަދު ވާސިފް އާއި ބޯޑު މެންބަރު ޒަހީނުއްދީން ސައިދަކީ ނިއު ރޭޑިއަންޓްގައި އެންމެ ފަހުން އޮތް ހިންގާ ކޮމިޓީގައި މަސައްކަތް ކުރެއްވި ބޭފުޅުންނެވެ.
އެފްއޭއެމްގެ ލީގަލް ހެޑް މުހައްމަދު ޖައުޝަން ޝަރީފް ވިދާޅުވިގޮތުގައި "ސްޕޯޓިން ސަކްސެސާ" އެއްކަމަށް ބަލަނީ އެކި ސަބަބުތަކާ ހުރެ ސަސްޕެންޑްކޮށްފައިވާ ނުވަތަ ހުއްދަ ބާތިލު ކޮށްފައިވާ ކްލަބަކާ ގުޅުންހުރި ކަންތައްތަކެއް އެހެން ކްލަބެއްގައި ހިމެނައިގެން ކުރއަށްދާނަމަ އެވެ.
އެފްއޭއެމްގެ ލީގަލްސް ހެޑް ޖައުޝަން: އޭނާ ވިދާޅުވީ ރޭޑިއަންޓަކީ ނިއު ރޭޑިއަންޓް ކަމަށް އޭއެފްސީން ބެލީ ގިނަ ކަންކަން ފާހަގަ ކުރުމަށްފަހުގައި ކަމަށް --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"އެގޮތުން ބަލާއިރު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ނަމާއި، އިސްވެ ބަޔާންކުރެވުނު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ނަމާ ވައްތަރު ގޮތްކެއް އެބަހުރި ފެންނަފެނުމަށް. އަޅުގަނޑު ފާހަގަ ނުކުރިޔަސް ތިބޭފުޅުންނަށް ވެސް ފާހަގަ ވާނެ ކަންނޭނގެ،" ޖައުޝަން ވިދާޅުވި އެވެ.
"ދެޓީމުގެ ކުލަ އަށް ބަލާއިރު ފެންނަފެނުމަށް ވަރަށް އެއްގޮތް. ލޯގޯ އަށް ބަލާއިރު ކުޑަ ތަފާތެއް އެބަހުރި ކަންނޭނގެ. އެކަމަކު ބޮޑަށް ވައްތަރީ އެއްގޮތް ކަންތައްތަކާ."
ވާސިފް އާއި ޒަހީނަކީ ނިއު ރޭޑިއަންޓްގައި އެންމެ ފަހުން އޮތް ބޯޑުގައި ހިމެނި ވަޑައިގެންނެވި ދެބޭފުޅުން ކަމަށް ވުމުން އެކަމަކީ ވެސް ނިއު ރޭޑިއަންޓް ރަމްޒުކުރާނެ ސިފަތަކެއް ހިމެނޭ ކަމެއްގެގޮތުގައި ފީފާ އާއި އޭއެފްސީގެ ގަވާއިދުގައި ބުނެފައިވާކަން ޖައުޝަން ފާހަގަ ކުރެއްވި އެވެ.
"ކުލައިގެ ކަންތައްތަކެއް އެބަހުރި ގާނޫނީ ގޮތުން އެއްގޮތްކަންތައްތަކެއް އެބަހުރި އޯނާޝިޕްގައި އެއްގޮތްކަންތައްތަކެއް އެބަހުރި ހިއްސާދާރުންނާ ނުވަތަ އެގްޒެކެޓިވް ކޮމިޓީގައި ތިއްބެވި މެންބަރުންގެތެރޭގައި ގުޅުން ހުރި ބޭފުޅުން އެބަތިއްބެވި. އަދި ކެޓަގަރީ އޮފް ކޮމްޕްޓީޝަން އަށް ބެލިޔަސް އެއްގޮތް ކަންތައްތަކެއް އެބަހުރި،" ޖައުޝަން ވިދާޅުވި އެވެ.
"އެހެންވެ މިހުރިހާ ކަމަކަށް ބަލާއިރު އޭއެފްސީ އަށް މިފާހަގަ ކުރެވެނީ ރޭޑިއަންޓް ސްޕޯޓްސް ކްލަބަކީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ސްޕޯޓިން ސަކްސެސާ އަކަށް ވުމުގެ ފުރުސަތު އެއްގޮތަށް ވުރެ ގިނަ ގޮތްގޮތުން ފާހަގަ ކުރެވެން އެބައޮތް ކަމަށް. އެހެންވީމަ މިކަންމިގޮތަށް މިހެން އޮތްއިރު އެފްއޭއެމްގެ މެންބަރުކަން ދިނުމުގައި މިވަގުތަށް ރޭޑިއަންޓް ކްލަބަށް މެންބަރުކަން ދެވެން ނޯންނާނެ ކަމަށް އޭއެފްސީން މިފާހަގަކޮށްފައި ވަނީ."
ޖަވާޒު ވިދާޅުވީ ރޭޑިއަންޓް އިންތިހާބަކަށް ދިއުމުގެ ކުރިން ވެސް އޭއެފްސީން ފާހަގަކޮށްފައިވާ ކަންކަން، އެކްލަބްގެ ފައުންޑަރުންނަށް ހިއްސާ ކުރެއްވި ކަމަށެވެ. އަދި އެކްލަބުން އެދިފައިވާ ގޮތަށް އެފްއޭއެމްގެ މެންބަރުކަން ދިނުމާމެދު ގޮތެއް ނިންމުމުގެ ކަންތައްތައް މިވަގުތަށް މަޑުޖައްސާލީ އޭއެފްސީން ފާހަގަކޮށްފައިވާ ކަންތައްތަކަށް ހައްލުތަކެއް ލިބެންދެން ކަމަށް ޖަވާޒު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަންނަމާ
24 April 2022
ނީއު ރޭޑިއަންޓްގެ ސަޕޯޓަރުން ފަންޑެއް ހަދާފަ ފައިސާ އެއް ކުރަން ވީނު ދަރަނި އަދާކޮށްލާން. މާ ވެސް އެންމެ ކުޑަ އިރުންސުރެ ތާއީދު ކުރި ބްލޫ ޓީމް، ލީގުން މުސާރަ ޔާ ހެދި ސަސްޕެންޑް ކުރީމަ ހާދަ ދެރަވެއޭ. ސަޕޯޓަރުންނަށް މިވަރު ކަމެއް ނުކުރެވޭންޔާ ސަޕޯޓަރުންނޭ ނުކިޔާ ތިބޭ!
ރޯޒަސް
21 April 2022
ވަރަށް ދެރަ. އެކަމަކު މިރާއްޖޭގައި ސިޔާސީ ޕާޓީއެއް ދަރަނިވެރިވީމައި އެހެން ޕާޓީއެއް ހަދާލާ އުސޫލުން އިންޓަނޭޝަނަލް ޖަމާއަތްތަކާ ގުޅުން ހުރި ކަންކަމެއް ނުކުރެވޭނެ. ހަގީގަތަކީ ނިއުގެ ދަރަންޏަކީ މުޅި ގައުމަށްވެސް ލިބިފައިއޮތް ހަޑި ނަމެއްކަން. އަދި އެކަން ކޮންމެވެސް ގޮތަކަށް އެބަ ކޮޅެއްގައި ޖައްސަން ޖެހޭކަން. ނިއުއަށް ފަނޑުކުރަން ޓެލެތޯނެއް ބާއްވަމާ؟ މަމިހިރީ ގައިމުވެސް މަށަށް ވީވަރެއް ކޮށްދޭން.
ލުބޯ
21 April 2022
ފުޓުބޯޅަ އާލާކުރަންޏާ ނިއު، ވިކްޓްރީ، ވެލެންސިއާ ހިމަނަންޖެހޭ. ލެގޫންސް ދެން އެންމެ ފޯރިނެގީ. މިދުވަސްވަރު ވަރެށްނުހިފާތީ ކަމެއްވަންދެން ނަމެއްހިފެހެއްޓުން ބުއްދިވެރީ
ހިންނަވަރު.
21 April 2022
ކަލޭމެން ކ.އަތޮޅު މާލޭގެ ޓީމްތައް ގޮވައިގެން ތިބޭ ގަލިޅު ދަނޑުގައި ކަބައްޑި ކުޅެން. އަހަރުމެން ތިތަނަކަށް ނުވަންނާނަން.
ރަދީފްއޮފިށިއަލް
21 April 2022
ޜޭޑިއަންޓެއް ނިއުއެއް ކިޔާނެ ކަމެއްނެތް
ޢޭއެފްސީ
21 April 2022
އެއްގޮތްކަންތައްތަކެއް ކީއިރު ކީއްވެ ނުކީ އޭރުވެސް ނިއުރޭޑިއަންޓްގެ ވާދަވެރިން ގޮތުގަތިބިމީހުން މިހާރުވެސް ތިބީ ހަމަ ބައްސާމް އާއި ސިބާ ކުރިން ވެލެންސިއާ ގަ މިހާރު އެފް.އޭ.އެމް ގަ.. މިކަންވެސް ފާހަގަކޮއްލިނަމަ ސަޅިވީސް. ޒާތީވިޔަސް މީ ފުކެއްބޮޑުވަރުދެން.
ބިއްލި
21 April 2022
ލައްކާގަ ހުރި އޭއެފްސީގެ ބައްސާމްގެ ބޯއީއެކޯ މިހުރިހާ ލަފައެއް މިދެނި. އެވާނެތަ އޭއެފްސީއަށް. އަހަރަމެން މިބުނަނި ސައްހަ ލިޔުމެއް ދަށްކާށޭ ކޮސްނުގޮވާ.
ސައްފެ
21 April 2022
އެފްއޭއެމުން ތިކުޅޭ ގޭމް ފަޅާއަރާނެ އިންސާ ﷲ.
މަރުދޫހު
20 April 2022
ފަސްއޮއް ކުޅެން އުޅެބަލަ. ތިއުޅެނީ ހޮނިހިރުދުވަހު މަސް ހިފުން މަނާކުރެވުނު މީހުން އުޅުނުފާޑަށް. ހުކުރުގަ ދާ ޖަހާފަ ގޭގަތިބެނީ ހޮނިހިރުގަ މަސްނަގަން ނުނުކުމެ. ދެން އާދީއްތަ ދުވަހު ނިކުމެ މަސް ތައް ހިފަނީ. ދެން ބުނަނީ ހޮނިހިރަކު ނޫނޭ މަސް ހިފީ. އާދިއްތަދުވަހުއޭ ހިފީ. ކޮބާހޭ މައްސަލައަކީ.
މުލޭ
20 April 2022
އަޅެ މިވަރުވާއިރު ވެސް ސަރުކާރުން ބަހެއް ބުނަން ނުވޭތަ މިކަމަކާ. މިިދެން ބޮޑުވަރުދޯ. ކްލަބަކަށް ސަޕޯޓުކުރި ބަޔަކު އެހެން ކްލަބެއް އުފެއްދުމަކީ ތާއީދުކުރި ކްލަބުގެ ދަރަންޏާ ހަވާލުވާންޖެހޭ ކަމެއްތަ. ތިއީ ކޮންކަހަލަ އިންސާފެއް. ތިޔަށް ކިޔަނީ ޒާތީވުން. ގޭންގްތަކުން ފުޓުބޯޅަ ހަލާކުކޮށްފި. ކިހާބޮޑު ބލވރ ކަމެއްމިއީ. މިހާރު ރުޅިއަންނަ ހިސާބަށް ހިނގައްޖެ މިކަން. ބައްސާމުމެން ހީނުކުރާތި ތިޔަ ގޮނޑިތަކުގައި އުމުރަށް ތިބެވޭނެކަމަކަށް. ނުރައްކާ ގޭންގެއްތިއީ.
އެފްބީ
20 April 2022
ވަރަށް ފާޅު ކަން ބޮނޑް ގޮތެއްގަ ފުރަތަމަ ޑިވިސަން ޓީމްތަކުގެ ވެރިން ރޭޑިޔަންޓާ ދެކޮޅަށް ވާހަކަ އެބަދަށްކާ. މިކަމުންވެސް އެގެނީ މީ ބައެއްގަ ޒާތީ ދުސްމިނު ވިސްނުމުގަ ކުރާކަމެއް ކަން