25 އެޕްރީލް 2022 - 15:48
އިޒްރޭލް ސިފައިން ރޭ ދަންވަރު ލުބްނާންގެ ދެކުނު ސަރަހައްދަށް ބޮޑުބަޑިން ހަމަލާތަކެއް ދީފި އެވެ.
އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި އިޒްރޭލުން ރައްދުގައި ހަމަލާތަކެއް ދޭން ޖެހުނީ، ލުބްނާނުގެ ދެކުނު ސަރަހައްދުގެ ތެރެއިން، އިޒްރޭލުގެ ތެރެއަށް ރޮކެޓް ހަމަލާތަކެއް ދިނުމުންނެވެ. ނަމަވެސް ލުބްނާނުގެ ތެރެއިން ފޮނުވާލި ރޮކެޓްތައް ވެއްޓުނީ މީހުން ވަޒަންވެރިނުވާ ހުސް ބިންތަކަކަށް ކަމަށް އިޒްރޭލުގެ އަސްކަރިއްޔާ އިން ބުންޏެވެ.
އިޒްރޭލުން ރޭ ދަންވަރު ދިން ބޮޑުބަޑީގެ ބައެއް ހަމަލާތައް އަމާޒުކުރީ، ލުބްނާންގެ ދެކުނު ސަރަހައްދުގައި އޮންނަ ހުސް ބިންތަކަކަށެވެ. އަދި ބައެއް ހަމަލާތައް، ލުބްނާންގެ ދެކުނު ސަރަހައްދުގައި ހުރި ބައެއް އިމާރާތްތަކަށް ވެސް އަމާޒުކުރި ކަމަށް އިޒްރޭލުން ބުނެ އެވެ.
ލުބްނާންގެ ނޫސްތަކުން ބުނާ ގޮތުގައި އިޒްރޭލުން ބޮޑުބަޑީގެ ހަމަލާތައް ދޭން ފެށުމާ އެކު، އެ ގައުމުގައި ތިބޭ އދ.ގެ ސުލްހަ ބަލަހައްޓާ ލަޝްކަރު (ޔުނިފިލް)ގެ ސިފައިން ވަނީ، ދެ ގައުމު ގުޅޭ ސަރަހައްދީ ރޮނގު ކައިރީގެ ގިނަ ސަރަހައްދުތަކެއްގައި އިންޒާރުގެ ބަރުގޮޅު އަޅައިފަ އެވެ. އަދި ލުބްނާން ސަރުކާރުން ވަނީ އެ ސަރަހައްދަށް އިތުރު ސިފައިން ފޮނުވައިފަ އެވެ.
ދެ ފަރާތުން ބަދަލުކުރި މި ހަމަލާތަކުގައި އެއްވެސް ފަރާތަކުން ފުރާނައަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް ނުލިބެ އެވެ. ލުބްނާންގެ ތެރެއިން އިޒްރޭލުގެ ތެރެއަށް ރޮކެޓް ހަމަލާތަކެއް ދިނީ، ހަނގުރާމަވެރި ކޮން ޖަމާއަތަކުން ކަމެއް ވެސް މިހާތަނަށް ޔަގީނެއް ނުވެ އެވެ. އަދި ލުބްނާންގައި ހަރަކާތްތެރިވާ އިޒްރޭލާ ދެކޮޅުވެރި އެއްވެސް ޖަމާއަތަކުން، މިހާތަނަށް މި ހަމަލާގެ ޒިންމާއެއް ނުއުފުލަ އެވެ.
ލުބްނާންގެ ތެރެއިން އިޒްރޭލަށް ރޮކެޓް ހަމަލާތަކެއް މި ދިނީ، އިޒްރޭލު ސިފައިންނާއި ފުލުހުން ބާރުގެ ބޭނުންކޮށް އަގްސާ މިސްކިތަށް ވަދެގަނެ، އެ ތަނުގައި އަޅުކަމުގައި ތިބި ފަލަސްތީނުގެ އާންމު ރައްޔިތުންނަށް ހަމަލާދީ އެތައް ބަޔަކު ޒަޚަމްކޮށްލައި، އެތައް ބަޔަކު ހައްޔަރުކޮށްފައި ވަނިކޮށެވެ. އެ ކަމާ ގުޅިގެން ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްގައި ވެސް މިހާރު ވަނީ، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅު ހަރަކާތްތައް އިތުރުވެފަ އެވެ.
ބަރަކާތްތެރި ރަމަޟާން މަހުގެ ތެރޭގައި ޔަހޫދީ ސިފައިން، މުސްލިމުންގެ ތިން ވަނަ ހަރަމްފުޅަށް ގަދަކަމުން ވަދެގަނެ އަޅުކަމުގައި ތިބި މުސްލިމުންނަށް ހުރަސް އެޅުމާ ގުޅިގެން، ފަލަސްތީނުގެ ބިންތަކުގައި މިހާރު ވެސް ދަނީ މުޒާހަރާތައް ކުރަމުންނެވެ. މިދިޔަ ދެ ހަފުތާގެ ތެރޭގައި ދެ ފަރާތުގެ މެދުގައި ހިނގި ކުރިމަތިލުންތަކާއި ހަމަނުޖެހުންތަކުގެ ތެރޭގައި، ފަލަސްތީނުގެ 16 މީހަކު ޝަހީދުވެ އިޒްރޭލުގެ ތިން މީހަކު ވަނީ މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީމު އިދުރީސް
27 April 2022
މުޅި އަރަބި ކަރަ ދިމާކުރިއަސް އިޒުރޭލު ބަލިނުކުރެވޭނެ ކަން ކަނޑައެޅެގެން އެނގޭއިރު ސުލުހަވެރި ގޮތަކައް ތިކަން ނިންމަން ވެއްޖޭނޫން އުދުހޭ އަސްދުއްވި ޒަމާންނަމަތާ
ނޫނު 13
26 April 2022
ފަސްއޮއް ހިފައިގެން ބަރު ހަތިޔާރު ގެންގުޅޭ ބަޔަކާ ޖަދަލު ކުރާނީ ގަމާރު ވީމަ. ނޫނީ ކޮންމެވެސް ބައެއްގެ ރޭވުމުން ހަތިޔާރު ވިއްކަން ބޭނުންވެގެން ބަޔަކު ބެބޫ ހެއްދީމަ. އެހެންޏާ ފަހެ ކޮންކަމެއްތަ ފަސްގަޑަކާ ހުރެ ބަޔަކު މަރުވާންވީ! ސުލްހަ ވެރިކޮއް އެއް ބަޔަކު އަނެއްބަޔަކާ އެކުގަ އުޅުނީމަ ނިމުނީނު! އެވަގުތު ބާރު ގަދަ މީހުންގެ ގާނޫނު ގާ އޮންނަ ގޮތައް އުޅުނީމަ ނިމުނީ. ކޮންމެހެން އެތައް ބަޔަކު މަރުވުމުގެ މާނައެއް ނެތް!
ށަވިޔަނި
25 April 2022
އިޒްރޭލުންތަ؟ މައްސަލައެއްނޫން. މިހާރުވެސް ސޫރިއާ އިން ނުވަތަ އެހެން ބަޔަކު ތިކަހަލަ ކަމެއް ކޮށްބަލަ. ދުނިޔެ ލެއްވިހާ ހަތިޔާރެއް އެބައެއްގެ ބޮލަށް އޮއްސާލާނެ.
ސަރުމް
26 April 2022
ޚަބަރު ކިޔާލުމުން އެގުނީ ލުބުނާން ތެރެއިން އައި ހަމަލާއެއްގެ ރައްްދުގައި އިޒްރޭލުން ހަމަލާ ދިން ކަމަށް. އެއީ ކޮންމެ ގައުމަކަށް ވިއަސް ރައްދުގައި ހަމާލާ ދިނުމުގެ އިޚްތިޔާރު އޮންނާނެ.