ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގެ މެމްބަރުން ރައީސާ ބައްދަލު ކުރައްވަނީ: އެ ކައުންސިލްގެ އިންތިޚާބު އަންނަ ޖޫން މަހު ބާއްވަން ވަނީ ނިންމާފައި -- ފޮޓޯ/ރައީސް އޮފީސް
29 އެޕްރީލް 2022 - 17:15
ބާ ކައުންސިލްގެ ދައުރު ހަމަވާތީ އަންނަ ޖޫން މަހު އިންތިޚާބު ބާއްވާ ނިންމައި އަދި އެ އިންތިޚާބުގައި ވާދަކުރަން ހުޅުވާލައިފި އެވެ.
ގާނޫނީ ވަކީލުން ރެގިއުލޭޓްކޮށް ބެލެހެއްޓުމަށް އުފައްދައި، 2019 ވަނަ އަހަރު އިންތިޚާބުކުރި ފުރަތަމަ ބާ ކައުންސިލްގެ ރައީސާއި ނައިބު ރައީސާއި އެގްޒެކެޓިވް ކޮމެޓީގެ މެމްބަރުންގެ ދައުރު އަންނަ ޖުލައި މަހުގެ 13 ވަނަ ދުވަހަށް ހަމަވާނެ އެވެ.
ބާ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައިވަނީ އެ މަގާމުތަކުގެ އިންތިޚާބު އަންނަ ޖޫން މަހުގެ 11 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށެވެ. އެހެންވެ، އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 22 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށް އެ އިއުލާނުގައިވެ އެވެ.
ބާ ކައުންސިލްގެ މަގާމުތަކުގެ ތެރެއިން އެންމެ ވާދަވެރި ރައީސްގެ މަގާމާއި ނައިބު ރައީސް ކަމަށް ކުރިމަތިލެވޭނީ ގާނޫނީ ވަކީލު ކަމުގައި މަދުވެގެން 10 އަހަރުގެ ތަޖްރިބާ ހުރެގެންނެވެ. އެ ކައުންސިލްގެ މިހާރުގެ ރައީސަކީ މައުމޫން ހަމީދެވެ. އޭނާ އެ މަގާމަށް އިންތިޚާބުވީ ސުޕްރީމް ކޯޓުގެ މިހާރުގެ ފަނޑިޔާރު ހުސްނުއްސުއޫދާ ވާދަކުރެއްވުމަށްފަހު އެވެ. ނައިބު ރައީސަކީ ކުރީގެ އެޓާނީ ޖެނެރަލް އަބްދުﷲ މުއިއްޒެވެ.
އެގްޒެކެޓިވް ކޮމެޓީގެ މެމްބަރު ކަމުގެ ހަ މަގާމަށް ކުރިމަތިލެވޭނީ ވަކީލު ކަމުގެ ފަސް އަހަރުގެ ތަޖްރިބާ ހުރެގެންނެވެ. އެ ކޮމެޓީގައި ދެން ހިމެނިވަޑައިގަންނަވާ ބަންޑާރަ ނައިބަކީ އިންތިޚާބަކާ ނުލައި، މަގާމުގެ ހައިސިއްޔަތުން ހުންނަވާ ބޭފުޅެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރީނދޫހުން
30 April 2022
ދެންވެސް ހޮވާނީ މަައުމޫން.
30 ފުދިއްޖެ
29 April 2022
ތި މައުމޫނަކު ނުހޮވަބަލަ. މުޅިތަން ޚަރާބުކޮށްފި. އޭނަގެ ބާރުގެ ދަށުގައި ހުރިހާ ކަމެއް އިންނަން ޖެހެނީ.
ޙޯޙޯ
30 April 2022
ގައުމުގެ ހަލާކު ރިފްޢަތު ބައިންދާ އެތާ