ރޯމާ މޮޅުކޮށްދިން ލަނޑު ޖެހުމަށް ފަހު ޓެމީ އަބްރަހަމް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
06 މެއި 2022 - 14:06
ރޯމް (މެއި 6) - ޔޫއެފާ ޔޫރޮޕާ ކޮންފަރެންސް ލީގް ސެމީ ފައިނަލްގެ ދެވަނަ ލެގުގައި އަމިއްލަ ދަނޑުގައި ލެސްޓާ ސިޓީ ބަލިކޮށް، 30 އަހަރު ފަހުން އިޓަލީގެ އޭއެސް ރޯމާ ޔޫރަޕުގެ މުބާރާތެއްގެ ފައިނަލަށް ދަތުރުކޮށްފި އެވެ.
ފުރަތަމަ ލެގުގައި މި ދެ ޓީމު ވާދަކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. ނަމަވެސް ފައިނަލުން ޖާގަ ހޯދީ އިޓަލީގެ ވެރިރަށް ރޯމުގައި ރޭ ކުޅުނު ދެވަނަ ލެގު 1-0 އިން ކާމިޔާބު ކޮށް، 2-1 ގެ އެގްރިގޭޓް ނަތީޖާއިންނެވެ.
މެޗުގެ ހަމައެކަނި ލަނޑު ޖަހައިދިނީ މި ސީޒަނުގައި އެ ޓީމާ ގުޅުނު އިނގިރޭސިވިލާތުގެ ޒުވާން ފޯވާޑް، 24، ޓެމީ އަބްރަހަމް އެވެ. މެޗުގެ 11 ވަނަ މިނިޓުގައި ކެޕްޓަން ލޮރެންޒޯ ޕެލެގްރިނީ ނެގި ކޯނަރެއް ބޮލުން ޖަހައި ޓެމީ ކާމިޔާބުކުރި ލަނޑަކީ މި މުބާރާތުގައި އޭނާ ޖެހި ނުވަވަނަ ލަނޑެވެ. އޭނާ ވަނީ މި ސީޒަނުގައި މިހާތަނަށް 25 ލަނޑު ޖަހައިފަ އެވެ.
ފުރަތަމަ ލެގެކޭ އެއްގޮތަށް ރޭގެ މެޗުގައި ވެސް ފުރަތަމަ ކޮޅު ލީޑު ނެގުމަށް ފަހު ދެން ރޯމާ ކުޅުނީ ވަރަށް ބޮޑަށް ޑިފެންސަށް ވިސްނައިގެންނެވެ. މީގެ ސަބަބުން ލެސްޓާ އަށް ލަނޑު ޖަހާނެ ހުސް ފުރުސަތުތަކެއް ހޯދިފައެއް ނުވެ އެވެ. ފުރަތަމަ ހާފުގައި ކުޅުނު ޖެމީ ވާޑީގެ ބަދަލުގައި ދެވަނަ ހާފުގައި ލެކެޗީ އިހެނާޗޯ ކުޅެން އަރުވައި ކުޅުން ރަނގަޅު ކުރި ނަމަވެސް ރަނގަޅު ހަމަލާއެއް ނުއުފެއްދުނެވެ.
ރޯމާގެ ކޯޗު ރޭގެ މެޗުގައި. އޭނާގެ ކޯޗިން ކެރިއަރުގައި ވަނީ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގް ވެސް ކާމިޔާބު ކޮށްފައި. އަދި ރޯމާ އާއެކު ވަނީ މިއަހަރު އަލަށް ފެށި ކޮންފަރެންސް ލީގުގެ ފައިނަލަށް ވެސް ދަތުރު ކޮށްފައި.-- ފޮޓޯ: އޭއެފްޕީ
ކޮންފަރެންސް ލީގު ފައިނަލަކީ ރޯމާގެ ޕޯޗުގީޒް ކޯޗު ހޯޒޭ މޮރީނިއޯ ނުކުންނާނެ ފަސްވަނަ ޔޫރަޕުގެ ފައިނަލެވެ. އޭނާ އޭނާ ވަނީ މީގެ ކުރިން ޕޯޗުގަލްގެ ޕޯޓޯ އާއި އިޓަލީގެ އިންޓަ މިލާނަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދީ، އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑަށް ޔޫރޮޕާ ލީގް ކާމިޔާބު ކޮށްދީފަ އެވެ.
މިއީ ރޯމާ ޔޫރަޕުގެ ފައިނަލަކަށް ދަތުރުކުރި ތިންވަނަ ފަހަރެވެ. މިހާތަނަށް ޔޫރަޕުގެ ބޮޑު މުބާރާތެއް ކާމިޔާބު ނުކުރެވި އޮތް ރޯމާ އެންމެ ފަހުން ފައިނަލެއްގައި ވާދަކުރީ މީގެ 30 އަހަރު ކުރިން، 1991 ވަނަ އަހަރު އޮތް ޔޫއެފާ ކަޕް (ޔޫރޮޕާ ލީގް) ފައިނަލުގަ އެވެ. ދެ ލެގަށް ކުޅުނު އެ ފަހަރު ފައިނަލުން ބަލިވީ އިންޓަ މިލާން އަތުންނެވެ. އޭގެ ކުރިން 1984 ވަނަ އަހަރު ޔޫރަޕިއަން ކަޕް (ޗެމްޕިއަންސް ލީގު) ފައިނަލުގައި ލިވަޕޫލް އަތުން ބަލިވީ އަމިއްލަ ދަނޑުގައި ކުޅެ ޕެނަލްޓީ ޖަހައިގެންނެވެ.
އާސެނަލް އިން ލޯނު އުސޫލުން މި ސީޒަނުގައި ފެޔެނޫޑަށް ކުޅޭ ޒުވާން އިނގިރޭސި ވިންގާ، ރީސް ނެލްސެން، 22، މެޗަށް ފަހު ޓީމު ކުޅުންތެރިންނާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
މި އަހަރު އަލަށް ފެށި ޔޫރަޕުގެ ތިންވަނަ ފަންތީގެ މުބާރާތުގެ ފައިނަލްގައި ރޯމާއާ ދެކޮޅަށް ވާދަކުރާނީ ނެދަލެންޑްސްގެ ފެޔެނޫޑް އެވެ. ފްރާންސްގެ މާސޭގެ ދަނޑުގައި އެޓީމާ ދެކޮޅަށް ކުޅުނު ދެވަނަ ލެގު ލަނޑެއް ނުޖެހި އެއްވަރު ވުމާ އެކު ފެޔެނޫޑް ފައިނަލަށް ދިޔައީ ފުރަތަމަ ލެގު 3-2 އިން އެޓީމު ކާމިޔާބު ކޮށްފައި ވާތީ އެވެ.
މާސޭ އިން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް މިޑްފީލްޑަރު ޑިމިޓްރީ ޕަޔެޓް އަށް އަނިޔާ ވެގެން ފުރަތަމަ ހާފުގައި ބަދަލުކުރަން ޖެހި، ފަހު ހާފުގައި ވެސް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް އެޓީމަކަށް ނުކުރެވުނެވެ.
މިއީ ފެޔެނޫޑް 2002 ވަނަ އަހަރަށް ފަހު ޔޫރަޕުގެ ފައިނަލެއް ކުޅޭ ފުރަތަމަ ފަހަރެވެ. ސެލްޓިކް ބަލިކޮށް 1970 ވަނަ އަހަރުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕް (ޗެމްޕިއަންސް ލީގް) ކާމިޔާބުކޮށް އެޓީމު ވަނީ 1974 އަދި 2002 ވަނަ އަހަރުގެ ޔޫއެފާ ކަޕް (ޔޫރޮޕާ ލީގް) ފައިނަލުގައި ޓޮޓެންހަމް ހޮޓްސްޕާ އާއި ބޮރޫޝިއާ ޑޯޓްމަންޑް ބަލިކޮށް މުބާރާތް ކާމިޔާބު ކޮށްފަ އެވެ.
ރޯމާ އާއި ފެޔެނޫޑް ބައްދަލުކުރާ ކޮންފަރެންސް ލީގް ފައިނަލް އޮންނާނީ އަލްބޭނިއާގެ އެރީނާ ކޮމްބެޓަރޭގައި، މި މަހުގެ 25 ވަނަ ދުވަހުގެ ރެއެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމިއްޓޭ
06 May 2022
މިއީ އެއްކަލަ މައިލޯކަޕްގެ ޕްލޭޓްސް މުބާރާތްދޯ!