މިދިޔަ އަހަރު ދިރާސީ އާ އަހަރުގެ ކިޔެވުން ފަށަން ކަލާފާނު ސްކޫލުގައި ބޭއްވި އެސެމްބްލީ އަށް ޓީޗަރުން ރިހާސަލް ކުރަނީ: ޓީޗަރުންގެ މުސާރައިގެ އޮނިގަނޑުގައި ފުރަތަމަ ފަހަރަށް އެޓެންޑެންސް އެލަވެންސް ދޭން ހިމަނާފައިވޭ -- ފޮޓޯ: ނިޝާން އަލީ | މިހާރު
10 މެއި 2022 - 14:23
ޓީޗަރުންނަށް އެޓެންޑެންސް އެލަވެންސްގެ ގޮތުގައި އެކަނި ވެސް 4،000ރ. ލިބޭ ގޮތަށް މުސާރައިގެ އާ އޮނިގަނޑުގައި ހިމަނައިފި އެވެ.
މީގެ ކުރިން ޓީޗަރުންނަށް އެޓެންޑެންސް އެލަވަންސެއް ނުދެ އެވެ.
ތައުލީމީ ދާއިރާގައި ހިމެނޭ ސްކޫލް ޓީޗަރުންނާއި ޕްރިންސިޕަލުން އަދި އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުގެ ފަންނީ މުވައްޒަފުންގެ މުސާރައިގެ އާ އޮނިގަނޑު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއުލާންކުރެއްވި މި މަހު އެކެއްގަ އެވެ.
ޓީޗަރުންގެ މުސާރައިގެ އާ އޮނިގަނޑުގެ ތަފުސީލު "މިހާރު" އަށް ލިބިފައިވާއިރު، އޭގައި ވާގޮތުން އެންމެ މަތީ ރޭންކް، ފަސް ވަނަ ރޭންކްގެ ޓީޗަރަކަށް ސްކޫލަށް ހާޒިރުވާ ކޮންމެ ދުވަހަކަށް އެޓެންޑެންސް އެލަވެންސްގެ ގޮތުގައި އެކަނި ވެސް، ހާޒިރުވާ ކޮންމެ ދުވަހަކަށް 195ރ. ދޭނެ އެވެ. ހަފުތާ ބަންދު ދުވަސް ނުލައި، މަހަކަށް ބަލާ ނަމަ، އެއީ 4،290ރ. އެވެ. އެކަމަކު ރޭންކް 4 އާއި 5 ގެ ޓީޗަރުންނެއް އަދި ނެތެވެ. މި ރޭންކަށް ޓީޗަރުން އަންނާނީ އާ އޮނިގަނޑަށް އަމަލުކުރަން ފެށުމުން އޭގައި ކަނޑައަޅާފައިވާ ގޮތަށެވެ.
- ރޭންކް 1 ގެ ޓީޗަރަކަށް މަހަކު 1،659ރ.
- ރޭންކް 2 ގެ ޓީޗަރަކަށް މަހަކު 3،212ރ.
- ރޭންކް 3 ގެ ޓީޗަރަކަށް މަހަކު 3،454ރ.
- ރޭންކް 4 ގެ ޓީޗަރަކަށް މަހަކު 3،850ރ.
- ރޭންކް 5 ގެ ޓީޗަރަކަށް މަހަކު 4،290ރ.
އާ އޮނިގަނޑާ އެކު ތައުލީމީ ދާއިރާގެ 8،800 އަށް ވުރެން ގިނަ މުވައްޒަފުންގެ މުސާރަ ވަނީ ބޮޑުވެފަ އެވެ. ޖުމްލަކޮށް، 37 ޕަސެންޓުން ފެށިގެން 87 ޕަސެންޓާ ދެމެދުގެ ކުރިއެރުމެއް މުސާރަތަކަށް އައިސްފައިވެ އެވެ. އަދި މި އިތުރުވި މުސާރަ އަށް ދައުލަތުގެ ބަޖެޓުން 488 މިލިއަން ރުފިޔާ ހޭދަކުރާނެ އެވެ.
މުސާރާއިގެ އޮނިގަނޑު ހަދާފައި ވަނީ މައިގަނޑު ތިން ބަޔަކަށް ބަހާލައިގެންނެވެ. އެއީ އަސާސީ މުސާރަ އާއި މަގާމުގެ އެލަވަންސް އަދި މުޅިން އަލަށް ދޭ ހަޒިރީގެ އިނާޔަތް ވެސް ހިމެނޭ ގޮތަށެވެ. އަދި އަސާސީ ޕެންޝަނަށް ވާ ފައިސާ ވެސް އޭގައި ހިމެނެ އެވެ.
ޓީޗަރުންގެ ރޭންކުތައް ކަނޑައަޅާ ގޮތުގެ ތަފުސީލު ވެސް އޭގައި ހިމަނާފައިވެ އެވެ. އެއީ؛
- ރޭންކް 1: ޑިޕްލޮމާ ހާސިލްކޮށްފައިވުން.
- ރޭންކް 2: ޑިގްރީ ހާސިލްކޮށްފައިވުން.
- ރޭންކް 3: ޑިގްރީއާ އެކު މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވުން.
- ރޭންކް 4: ޑިގްރީއާ އެކު މާސްޓާސް ހާސިލްކޮށްފައިވުން އަދި ރޭންކް 3 ގެ މަގާމުގައި ހަ އަހަރު މަސައްކަތްކޮށްފައިވުން.
- ރޭންކް 5: ޑިގްރީއާ އެކު މާސްޓާސް ހާސިލްކޮށްފައިވުން އަދި ރޭންކް 4 ގެ މަގާމުގައި ހަ އަހަރު މަސައްކަތްކޮށްފައިވުން.
އެކުލާވަލި އާ އޮނިގަނޑުގެ ތެރެއިން ބޮޑު މުސާރާއެއް ލިބޭނީ ސްކޫލްތަކުގައި މަސައްކަތްކުރާ ދިވެހިންނަށް އެކަންޏެވެ. އަދި މި އޮނިގަނޑުގެ ތެރޭގައި ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މޮނީޓާކުރާ ކޮލެޖާއި ޔުނިވާސިޓީތަކާއި އެހެން އިދާރާތަކުގެ މުވައްޒަފުންނެއް ނުހިމެނޭނެ އެވެ.
ލެކްޗަރާއިންގެ މުސާރައަށް ވެސް ބަދަލު އަންނާނެ: އަމީރު https://t.co/n4l9WgQr7J
— Mihaaru (@Mihaarunews) May 4, 2022
ކޮލެޖާއި ޔުނިވާސިޓީތަކުގައި މަސައްކަތްކުރާ ލެކްޗަރާއިން ނަމަވެސް، އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރުމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރް ވިދާޅުވީ، ލެކްޗަރާއިންގެ މުސާރަ އާ އޮނިގަނޑަށް ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެކަމަކު މުސާރަ ބޮޑު ނުކޮށްދީގެން، މިދިޔަ އާދިއްތަ ދުވަހު ލެކްޗަރާއިން ވަނީ އިހުތިޖާޖު ވެސް ކޮށްފަ އެވެ.
ތައުލީމީ ދާއިރާގެ ބޮޑުކުރި މުސާރަ: ހައްގު މިންވަރުގެ ފެށުމެއް https://t.co/1zMkAo5Two
— Mihaaru (@Mihaarunews) May 1, 2022
ސްކޫލުތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ވެސް މި މަހު، މި އާ އޮނިގަނޑުގެ ތެރެއިން ބޮޑުވާނެ އެވެ. ސްކޫލްތަކުގައި މަސައްކަތް ކުރާ 1،749 އިދާރީ މުވައްޒަފުން ތިބޭއިރު، އެ މީހުންނަށް މިހާރު ލިބޭ މުސާރައިގެ 35 ޕަސެންޓް އިތުރަށް ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަތްކެޔޮ
12 May 2022
ދެން ސުކޫލަށް ގޮސް ފިންގަރ ޕްރިންޓު ޖަހާލާފައި ނޫނީ ސޮއިކޮށްލާފައި ގެއަށް ދިޔައީމައި ހުންނާނީ ތީގެ މަގުސަދު ހާސިލުވެފައި. އެހެން ގައުމުތަކުގައިވެސް އޮންނަހެން މަސައްކަތްކުރި ގަޑިއަށް ލާރިދޭންވީ. ސަރުކާރު އޮފީސްތަކުގައި ބައެއްމީހުން ހެނދުނު 8 ޖަހާއިރު ސޮއިކޮށްލާފައި ގުރޫޕު ހަދާފައި ނައްޓާލާނީ ސަޔަށް. އަންނާނީ 10 ޖަހާއިރު. ދެން ފޭސްބުކާއި ޓްވިޓަރާއި ނޫސް ބަލާލާ ނިމޭއިރު އޮންނާނީ ކޮންމެވެސް ކަމަކު ބޭރަށް ދާންވެފަ. މަސައްކަތުގައި 2 ގަޑިއިރުވެސް ނުވޭ.
ރޯޒަސް
12 May 2022
މީދެން ވަރަށް ނުރައްކާތެރިކަމެއް.. އެމީހާ ވަޒީފާގެ އެއްބަސްވުމުގެ ދަށުން ކުރަން ޖެހޭކަންކަމަށް އެލަވަންސް ދޭންޖެހޭ ކަމަށް ވަންޏާ ތިކަމަކަށް ނިމުމެއް ނެތް. މާދަމާ ސިވިލްސާރވިސް މީހުންނަށް އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް އެލަވަންސް ދޭންވީ؟ ޓީޗަރު މާކް ކުރާ ކޮންމެ ފޮތަކަށް އެލަވަންސް ދޭންވީ؟ އެހެން ގައުމުތަކުގައިވެސް އޮންނަ އުސޫލަކީ އެއްބަސް ވުމުގައި އޮތްކަމެއް ނުކުރަންޏާ މުސާރަކެނޑުން. ޗުއްޓީ ކަންކަން ހަރުދަނާ ކުރަންވީ.މީކީ ހައްލެއް ނޫން.
ސަޅި
11 May 2022
ކިހާދެރަކަމެއް! ޢެޓެންޑެންސް ވަކި ރޭންކެއް ވެގެން ތަފާތު ވާންޖެހޭތަ! އެޓެންޑެންސް ގެ މާނަ ވެސް އޮޅިއްޖެ!! ޙާޒިރީ ގެ ވާހަކަ ނޫންތަ އެޔަކީ! ޜޭންކްމަތި ވެގެން ޚާޒިރީ ގެ މުސާރަ މި މަތިވަނީ ފަހެ، ކޮންގޮތަކުން.!!!!
އިޙްސާސް
11 May 2022
ދެން ބައިތުލްމާލުން 25 ހާސް ކޮންމެ ޓީޗަރަކަށް އަދި މެމްބަރުންނަށް 2، 3 ލައްކަ ދިނީމަ ވައުދު ފުއްދުނީދޯ؟ ދެން ވަރިހަމަދޯ މަސައްކަތް ކުރާ އެހެން ދިވެހިން ހާލުގަ އުޅުނަސް. ދައުލަތުގެ ޒިންމާއަކީ ކޮންމެ ދިވެހިރައްޔިތަކަށް އެއްހަމައަކުން ކަންކަން ކޮށްދިނުން.
ހަސަނު45
11 May 2022
މުސާރަ ބޮޑުވިކަމަށް އަޑު ފެތުރުނުގޮތާ ވީ ގޮތާ ވަރަށް ތަފާތު. މި ނޫހުން ރަނގަޅަށް ސާފުކޮށްދިނުން އެދެން. ބީރައްޓެހި ރަށަކު ހުންނަ ޕްރިންސިޕަލްގެ އެކޮމަޑޭޝަން ވަނީ ކިހިނެއްތޯ؟އެކޮމަޑޭޝަން އެލަވަންސެއް މިހާރަކު ނޯވޭ. މުސާރަ ބަދަލުވާ އެއްވެސް ޓީޗަރަކަށް އިތުރުގަޑި ލިބޭނީ މަހަކު ގާތްގަނޑަކަށް 72 ގަޑިއަށްވުރެ އިތުރަށް މަސައްކަތްކޮށްގެންކަން. 35% ބޮޑުވި ސަޕޯޓިން ސްޓާފުންނަށް އެންމެ ލާރިއެއްވެސް އިތުރުނުވާކަން. މިކަންކަން ސާފުކޮށްދިނުން އެދެން.
ނަންނަމާ
11 May 2022
ޓީޗަރުން ގެ އެޓެންޑެންސް ރަގަޅު ކުރަން!!! މާލޭގަ ސަރުކާރު ސްކޫލްތަކުަގަ ގްރޭޑް 2،3,4،5 ގަ އުޅޭ ރަގަޅަށް ލިޔަން ކިޔަން ނުދަންނަ ކުދިން!!!
އިދާރީ މުވައްޒަފުންގެ މުސާރަ
11 May 2022
ހޯ 35% ބޮޑުކުރަނީ މިހާރު ލިބޭ ބައެއް އެލެވެންސް ކަނޑާލާފަ. އޭރުން ބައެއް މުވައްޒަފުންނަށް މިހާރު ގެއައްގެންދަން ލިބޭ މުސާރަ އައްވުރެ މުސާރަދައްވަނީ އެޔައް ނުކިޔާނެ 35% ބޮޑުވެއެކޭ
ހަސަންކާރި
12 May 2022
ވާހަކައެއް ހަދާލީ ދޯ؟
ބޮޑުމީހާ
10 May 2022
4000 ލިބޭ ކެޓަގަރީގެ ޓީޗަރަކު ނޫޅޭއިރު ނޫހުގަ ހެޑްލައިންގަ ތި އަދަދު ޖެހުމުގެ ބޭނުމަކީ ކޮބާ! އޯޓީދޭ އުސޫލު ހަރުކަށިކޮށް އެޑެންޑެންސް އެލެވަންސެއް ލައިގެން ކުރީ މުސާރައަށްވުރެ އިތުރަށް 500ރ ޓީޗަރަކަށް.ލިބުނަސް ނަސީބު
ދަރިން
10 May 2022
މަގޭ ހިތަށްއަރާ ހުރިހާ ނޫސްވެރިން މި އޮނިގަނޑު ދިރާސާ އެއް ހެދި ބާއޭ. އަސްލު މުސާރަ ބޮޑުވީ އެޱިޔުކޭޝަންގަތިބި އެޱިޔުކޭޝަން އޮފިސަރުންނާއި ޕުރިންސިޕަލުންގެ މުސާރަ. ނޫސް ތަކުގެ ސުރުހީތަކަށް ބަލާއިރު ޓީޗަރުންގެ މުސާރަ ވަރަށް ބޮޑު ، އެކަމަކު އިނީ ގަނޑަށް ބަލާއިރު އެ ބޮޑު މުސާރަ ލިބޭނީ އަދި 12 އަހަރު ފަހުން.
ދިވެހި ޓީޗަރު
11 May 2022
ޑިގްރީ އާއި މާސްޓާރސް ނަގައިގެން ޓީޗަރަކަށްވާތާ 16 އަހަރު ފަހުން ރޭންކް 5 އަކަށް މިދަނީ. މިހާރު ރޭންކް 3 ގައި ތިބި ޓީޗަރުން އަދި 12 އަހަރު ފަހުން ރޭންކް 5 އަށް ދާނީ. 12 އަހަރުގެ ތެރޭގައި ތިން ފަހަރަށް ވެރިކަން ބަދަލުވާނެ. އޭރަށް ތިޔަ އޮނިގަނޑަށް ކިތަންމެ ބަދަލެއް އަންނާނެ ކަމަށް މިބަލަނީ. 12 އަހަރު ފަހުން ބޮޑުވާ މުސާރައިގެ ހާޒިރީ އިނާޔަތުގެ ވާހަކަ މިއަދު ހަބަރުގެ ސުރުހީގަ ޖެހީމަ އެވަނީ ބޮޑު ޖޯކަކަށް. ނޫސްވެރިން މިއަށްވުރެ ޒިންމާދާރުވާން އެބަޖެހޭ.
ދިދަ ދަނޑި
10 May 2022
މިދެން ބޮޑުވަރު..