އެސްޓީއޯ އާއި އެފްކޮން އާ ދެމެދު އެއްބަސްވުމުގައި ސޮއި ކުރަނީ. ތިލަމާލެ ބްރިޖަށް ބޭނުންވާ ކޮންކްރީޓް ފޯރުކޮށްދޭނީ އެސްޓީއޯއިން--ފޮޓޯ:އެސްޓީއޯ
12 މެއި 2022 - 12:13
ތިލަމާލެ ބްރިޖަށް ބޭނުންވާ ކޮންކްރީޓް ސަޕްލައި ކުރުމަށްޓަކައި އެސްޓީއޯ އާއި އެފްކޮން އިންފްރާސްރަކްޗާ ލިމިޓެޑާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
އެސްޓީއޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު އެވެ. އެފްކޮންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ޕްރޮޖެކް މެނޭޖަރު ވީ. މަދުސްދަނަން އެވެ.
އެއްއަހަރު ދުވަހަށް ސޮއި ކުރި މި އެގްރީމަންޓްގެ ދަށުން 7،500 ކިއުބިކް މީޓަރުގެ ރެޑީމިކްސް ކޮންކްރީޓް ގަތުމަށް އެފްކޮން އިން އެއްބަސްވެ އެވެ.
މި ޕްރޮޖެކްޓަށް ކޮންކްރީޓް ސަޕްލައި ކުރުމަށްޓަކައި ވޭތުވެދިޔަ ފަސް މަސް ދުވަހުގެ ތެރޭ އެސްޓީއޯއިން އައީ އެކަމަށް ތައްޔާރުވަމުންނެވެ. އެ ކުންފުނިން ސަޕްލައިކުރާ ކޮންކްރީޓަކީ "ހައި ސްޓްރެންތު" ކޮންކްރީޓަށް ވާތީ އެކަމަށް ބޭނުންވާ އިތުރު ވަސީލަތްތައް އެސްޓީއޯގެ ރެޑީމިކްސް ޕްލާންޓުގައި މިހާރު ވަނީ ހަމަޖައްސައިފަ އެވެ.
ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މި ޕްރޮޖެކްޓަށް ކޮންކްރީޓް ސަޕްލައި ކުރުމަށް އެސްޓީއޯ އަށް ފުރުސަތު ލިބުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށް އެސްޓީއޯއިން ދެކެ އެވެ.
ތިލަމާލެ ބްރިޖްގެ މަސައްކަަތް ކުރަން އިންޑިއާގެ އެޕްކޮންއާ ހަވާލުކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ. މި ޕްރޮޖެކްޓް ހިންގަނީ އިންޑިއާއިން 400 މިލިއަން ޑޮލަރު (6.1 ބިލިއަން ރުފިޔާ) ގެ ލޯނެއްގެ ދަށުންނެވެ. މި ޕްރޮޖެކްޓްގެ ދަށުން ވިލިމާލެ އާއި މާލެ އާއި ގުޅީފަޅާއި ތިލަފުށި ގުޅާލާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށަވިޔަނި
13 May 2022
އަބަދުވެސް ތައްޔާރުވާވާހަކަ އިވޭ. އާވާހަކައެއް ނުއިވޭ.
ހުސެންް
12 May 2022
ބްރިޖް ވެއްޓްނީމަ އެސްޓީ ބޮލައް ކަޑާލެވޭނެ ދޯ...
ކމނ
12 May 2022
މާލެ...މިހެން ނުބުނެ ނޭވާ އަދި އެސްފިޔަވެސް ނުޖެހޭތޯ؟
ޙަސަ
12 May 2022
ލިޔުންތެރިޔާއަށް ނޭނގެނީ ކަމެއް އޮޅުވާލަނީކަމެއް ނޭނގޭ، އެންމެ ބޮޑު އުމްރާނީ ޕުރޮޖެކްޓެއް ނޫން
އަހުމަދުބޭ
12 May 2022
ރަނގަޅުކަމެއްގެ ގޮތުގައި ދެކެން، އެސްޓީއޯވިޔަސް ބުރިޖަށްބޭނުންވާ ކޮންކުރީޓް ކުންނާނީ ސުޓޭންޑަރ އާއި އެއްގޮތަށްކަމަށް ދެކެން