ޓޫރިސްޓުންތަކެއް އެއާޕޯޓުގައި މަޑުކޮށްލައިގެން. ޓޫރިޒަމް ދާއިރާ ވަނީ 11 ޕަސެންޓް ދަށްވެފައި--ފޮޓޯ:މިހާރު
13 މެއި 2022 - 12:00
ރަޝިއާ އާއި ޔޫކްރެއިންއާ ދެމެދު ހިނގަމުންދާ ހަނގުރާމައާ ހެދި ރާއްޖޭގެ ޓޫރިޒަމް ދާއިރާ 11 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު އިއްޔެ ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "މިހާރު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ، މި އަހަރަށް ކަނޑައެޅި އަމާޒު ދަށަށް ދިޔައީ ރަޝިއާ އާއި ޔޫކްރެއިންއާ ދެމެދު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން، އެ ސަރަހައްދުން ރާއްޖެ އަންނަ ޓޫރިސްޓުން މަދުވުމުން ކަމަށެވެ.
މައުސޫމް ވިދާޅުވިގޮތުގައި، ކޮވިޑްގެ އާ ވޭރިއެންޓް "އޮމިކްރޮން" އާ ގުޅިގެން ގައުމުތަކުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ވެސް ފުރަތަމަ ތިން މަހު ރާއްޖެ އަށް އައި ޓޫރިސްޓުން އުންމީދުކުރި ވަރަށް ވުރެ މަދެވެ. މި އަހަރުގެ ފަހު ކޮޅު ޗާއިނާގެ މާކެޓް ހުޅުވައިލާނެ ކަމަށް ބެލެވުނަސް އެ ގައުމު މި އަހަރު ހުޅުވާލާނެ ކަމަށް ނުބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"2019 ވަނަ އަހަރަށް ވުރެ 11 ޕަސެންޓް ދަށްކޮށް މި ދަނީ. އެ 11 ޕަސެންޓަކީ ސީދާ ރަޝިއާ-ޔޫކްރެއިން މާކެޓުން ދަށްވި 11 ޕަސެންޓޭ ވެސް ބުނެވިދާނެ. އެއީ ރަޝިއާ-ޔޫކްރެއިން 20 ޕަސެންޓް ހިއްސާކުރޭ. މިހާރު ރަޝިއާ ހިއްސާ ކުރަނީ 10 ޕަސެންޓް،" މިނިސްޓަރު ވިދާޅުވި އެވެ.
މައުސޫމް ވިދާޅުވީ، މި އަހަރު ފެށުމުގެ ކުރިން ދެ މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ބެލެވުނަސް މިހާރު ފެންނަ ގޮތުން އަންނާނެ ކަމަށް ބެލެވެނީ 1.6 މިލިއަން ޓޫރިސްޓުންނެވެ.
މި އަހަރަށް ލަފާކޮށްފައިވާ ބަޖެޓުގައިވާ ގޮތުން ވެސް ރާއްޖެ އަށް ގެންނަން ކަނޑައަޅާފައި ވަނީ 1.6 މިލިއަން ޓޫރިސްޓުންނެވެ. ކޮވިޑުގެ ކުރިން، 2019 ވަނަ އަހަރު ރާއްޖެއަށް 1.7 މިލިއަން ޓޫރިސްޓުން ޒިޔާރަތްކުރި އެވެ.
މައުސޫމް ވިދާޅުވީ، މިއީ ވެސް ހިތްހަމަޖެހޭ އަދަދެއް ކަމަށެވެ. އަދި މަސައްކަތް ކުރަނީ ޓޫރިޒަމް ދާއިރާ އެކި ގޮތްގޮތުން ފުޅާ ކުރަން ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޯޗު
13 May 2022
ރާއްޖޭގައި 50000 ޓުވަރިސްޓު އެންދު ހަމަނުވާހިރު ކިހިނެއް 1.7 ޓުވަރިސްޓުން ރާއްޖެޔައް ޒިޔާރަތްކުރަނީ، ތިހިސާބު ދިމައެއް ނުވޭ؟؟؟
ރައްޔިތެއް
13 May 2022
ސުނާމީ، 2008ގެ އިގްތިސާދީ ހީނަރުކަން، ކޮވިޑް19، މިހާރު ޔުކްރޭންގެ ހަނގުރާމަ....މިހުރިހާ ކަމެއް ވެގެން 20 އަހަރު ފާއިތުވެދަނީ އަދިވެސް އަހަރެމެން ފަތުރުވެރިކަމަށް ބަރޯސާވެފައި. އެހެން ކަންކަމަށް ލޯ ހުޅުވަންޖެހޭ، މިސާލަކަށް ޓެކް ދާއިރާއިން
ގަލަން
13 May 2022
ހަގުރާމަޔޭ ކިޔާފަ ލަންކާއައް ވީގޮތް ނުވެއްޖެއްޔާ ކިތަންމެހާވެސް ރަގަޅު