ކުޅިވަރު / ގައުމީ ވޮލީ ޓީމް

އާބަދަލުން ގައުމީ ޓީމަށް ކުރިއެރުން ހޯދޭނެ: ކާއްޓޭ

ޓެކްނިކަލް އަދި ޑިވޮލޮޕްމެންޓް ކޮމިޓީގެ ޗެއާމަން މުހައްމަދު ސާޖިދު: އޭނާ ބުނީ ބިދޭސީ ކުޅުންތެރިން ގެނައުމުގެ އާއުސޫލުގެ ބޭނުމަކީ ގައުމީ ޓީމަށް ކުރިއެރުން ހޯދައިދިނުން ކަމަށް --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ކްލަބްތަކަށް ބިދޭސީ ކުޅުންތެރިން ހަމަޖެއްސުމަށް ވީއޭއެމުން އަލަށް އެކުލަވާލި ބަދަލުގެ ސަބަބުން ގައުމީ ޓީމަށް ކުރިއެރުން ހޯދޭނެ ކަމަށް، އެސޯސިއޭޝަންގެ ޓެކްނިކަލް އަދި ޑިވެލޮޕްމެންޓް ކޮމިޓީގެ ޗެއާމަން މުހައްމަދު ސާޖިދު (ކާއްޓޭ) ބުނެފި އެވެ.

އިންޑިއާގެ 600 ކުޅުންތެރިންގެ ތެރެއިން ނަގާފައިވާ 18 ކުޅުންތެރިން ހިމެނޭ ޕޫލެއް ވީއޭއެމުން ވަނީ އެކުލަވައިލައިފަ އެވެ. ފިރިހެން ޑިވިޝަންގައި ވާދަކުރާ ކްލަބްތަކަށް ބިދޭސީ ކުޅުންތެރިން ވީއޭއެމުން ހަމަޖައްސާނީ މި ޕޫލްގެ ތެރެއިންނެވެ. ސާޖިދު ބުނި ގޮތުގައި އިރާން ނަގާފައި މިހާރު ސެންޓްރަލް ޒޯންގައި އެންމެ ރަނގަޅު ކުޅުންތެރިންގެ ހިމެނޭ އިންޑިއާގެ މި 18 ކުޅުންތެރިންނަކީ އެ ގައުމުގައި ދާދި ފަހުން ބޭއްވި ގައުމީ ލީގުގައި ކުޅުނު އެންމެ ފާހަގަ ކުރެވޭ ކުޅުންތެރިންނެވެ.

"އޭގައި ނުހުންނާނެ ދަށް އެންމެ ކުޅުންތެރިޔެއް ވެސް. އެންމެ ފަހުން އިންޑިއާގައި އެ ނިމިގެން ދިޔަ ލީގުގައި ވެސް ފުލްކޮށް ކުޅުނު ހުރިހާ ކުޅުންތެރިން ކަހަލަ ގޮތަކަށް މީގައި ތިބޭނެ،" އޭނާ ބުންޏެވެ.

ގައުމީ ޓީމުގެ ހެޑް ކޯޗުކަން ވެސް މީގެ ކުރިން އެކި ފަހަރުމަތިން ކުރި ސާޖިދު ބުނީ ވީއޭއެމުން ރާވާ ކޮންމެ މުބާރާތެއްގައި ވެސް ގައުމީ ޓީމަށް އޭގެއިން އެންމެ ފައިދާ ހުރިގޮތަށް އިންތިޒާމުތައްކުރަން ޖެހޭ ކަމަށެވެ.

އޭނާ ބުނި ގޮތުގައި މީގެ ކުރިން ގައުމީ ޓީމުގެ ކުޅުންތެރިންނަށް، ފެންވަރު ރަނގަޅު ކުޅުންތެރިންނާ އެކު މެޗުތަކެއް ކުޅެލަން ލިބެނީ ބޭރުގެ ޓްރެއިނިން ކޭމްޕެއްގައި ގޮސް ކުޅޭ ޕްރެކްޓިސް މެޗުތަކެއްގަވެ.

ގައުމީ ޓީމުގެ ޕްރެކްޓިހުގައި ސާޖިދު ހަރަކާތްތެރިވަނީ --- ފައިލް ފޮޓޯ: މިހާރު

"އެކަމަކު ހަގީގަތުގައި އެއީ ކުޅުންތެރިންނަށް އެއްވެސް ޕްރެޝާއެއް ކުރިމަތިވާ މެޗުތަކެއް ނޫން، އެ ޕްރެކްޓިސް މެޗުތަކަކީ. އެހެން ނަމަވެސް މި ލެވަލްގައި ކްލަބެއްގައި މި ފެންވަރުގެ ކުޅުންތެރިންނާ ދެކޮޅަށް ކުޅެން ލިބުމަކީ ޕްރެޝަރުގައި ކުޅެން ލިބުން. ކުޅުންތެރިންނަށް ޕްރެޝާގައި ކުޅެން ލިބުނީމަ އެކްސްޕީރިއަންސް ވެސް ލިބޭ. މޮޅެތި ކުޅުންތެރިންގެ ބްލޮކް ކުރަން ލިބޭ. މޮޅެތި ކުޅުންތެރިން ކައިރީ އެޓޭކް ކުރަން ލިބޭ. މޮޅެތި ކުޅުންތެރިންނާ ދެކޮޅަށް ސާވިސް ކުރަން ލިބޭ. ބާރުބޯޅަ ޑިފެންސްކުރަން ވެސް ލިބޭ،" ސާޖިދު ބުންޏެވެ.

"އިންޓަނޭޝަނަލް ވޮލީގައި ޕަވާ ވޮލީ މި ކުޅެނީ. ޖަމްޕް ސާވިސް އަންނާނީ ގާތްގަނޑަކަށް 140 ކިލޯމީޓަރުގެ ބާރުމިނުގައި އެންމެ ނޯމަލްކޮށް ވެސް. އެވަރުގެ ބޯޅައެއް ރާއްޖޭގެ ކުޅުންތެރިންނަކަށް ނުލިބޭ ރިސީވްކުރާކަށް މިހާރު. އެކަމަކު މިބަދަލާ އެކު 13 ދުވަސް ޕްރެކްޓިސް ކުރަން ލިބުނަސް އެ ލެވަލްގެ ބޯޅަތައް ރިސީވްކުރަން ލިބޭނެ ދިވެހިރާއްޖޭގެ ނެޝަނަލް ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ވެސް."

އޭނާ ބުނީ މީގެ ކުރިން ޑޮމެސްޓިކް މުބާރާތްތަކުގައި ގައުމީ ޓީމުގެ ކުޅުންތެރިންނަށް ރިސީވްކުރަން ލިބެނީ ވެސް ވަރަށް އާދައިގެ ސާވިސްތަކެއް ކަމަށެވެ.

"އެކަމަކު މިފެންވަރުގެ ހައި ޕާފޯމަންސް ކުޅުންތެރިންނާ ދެކޮޅަށް ކުޅުނީމަ ލިބޭނެ އެ ފެންވަރުގެ ބޯޅަތައް،" ކާއްޓޭ ބުންޏެވެ.

ކާއްޓޭ މީގެ ކުރިން ދިން އިންޓަވިއުއެއްގައި: އާބަދަލުން ގައުމީ ޓީމުގެ ކުޅުންތެރިންނަށް ފައިދާވާނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށް އޭނާ ބުނޭ. --- ފައިލް ފޮޓޯ

"މިސާލަކަށް އިސްމާއިލް ހުޒާމް ނޫނީ ޝާހް އިސްމާއީލް، މުޅިން ވެސް އެ މީހުންގެ ސްޓޭންޑެޑަށް ވުރެ ވެސް ދަށް ކުޅުންތެރިންގެ ސާވިސް އެ މީހުން ރިސީވްކުރަން ޖެހެނީ. އެއީ ވެސް އަޅުގަނޑުމެން ފާހަގަކުރި އެއް ޕޮއިންޓް (މި ބަދަލު ގެނައުމަށް މަޝްވަރާ ކުރި މާހައުލުގައި)."

ގައުމީ ޓީމު ކޯޗެއްގެ ގޮތުގައި އޭނާކުރި ތަޖުރިބާގެ އަލީގައި ސާޖިދު ބުނީ ގައުމީ ޓީމުގެ ކުޅުންތެރިންގެ އެންމެ ބޮޑު ބަލިފަޔަކީ ރިސީވް އަދި ޑިފެންސް ކަމަށެވެ. އިންޓަނޭޝަނަލް މުބާރާތްތަކުގައި ބްލޮކްކުރަން ވެސް ދިވެހި ކުޅުންތެރިންނަށް އުނދަގޫވާކަން އޭނާ ފާހަގަކުރި އެވެ. މީގެ ކުރިން ބިދޭސީ ދެ ކުޅުންތެރިން ގެނެވޭތީ ޓީމުތަކުން އިސްކަން ދީފައި ވަނީ ހަމައެކަނި ދެ އެޓޭކަރުން ގެނައުމަށް ކަމަށް ސާޖިދު ބުންޏެވެ. އެކަމަކު މިހާރު ސެޓަރަކާ އެކު ތިން ކުޅުންތެރިން ހަމަޖެއްސުމުން ރީތި ވޮލީއެއް ކުޅޭތަން ވެސް ފެންނާނެ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުމެންގެ ކުޅުންތެރިންނަށް ވެސް މަޖުބޫރުވާނެ މޮޅު ސެންޓަރުން ކައިރިން ކުޅެން،" އޭނާ ފާހަގަކުރި އެވެ.

ގައުމީ ޓީމަށް އެންމެ ފައިދާހުރި ގޮތެއް ނޫނޭ ނުބުނެވޭނެ

ބިދޭސީ ކުޅުންތެރިންގެ އުސޫލު ބަދަލުކުރަން ނިންމި އެންމެ ބޮޑު ސަބަބަކީ މިހާރު ގައުމީ ޓީމު އޮތް ހާލަތުން އަރައި ގަތުމެވެ.

"ދިވެހި ރާއްޖޭގެ ގައުމީ ޓީމަށް އެންމެ ފައިދާ ހުރި ގޮތެއް ނޫނޭ ނުބުނެވޭނެ އެކަމަށް އަޅުގަނޑުމެން ޕްރެކްޓިސް ނުކޮށެއް. އެހެންވީމަ އަޅުގަނޑުމެން ވިސްނާނީ އެކަމަށް ޕްރެކްޓިސް ކުރާށޭ. އެގޮތަށް ޕްރެކްޓިސްކޮށްފައި އޭގެ ފަހުގައި މީގެއިން ނުކުތް ނަތީޖާ އަކީ ކޮބައިކަން އަޅުގަނޑުމެން ބަލާނީ،" އޭނާ ބުންޏެވެ.

ގައުމީ ޓީމުގެ ކުޅުންތެރިން ވެސް ހަމައެކަނި ދެ ޓީމަކަށް ބެހިގެން ދިއުމުގެ ބަދަލުގައި ގައުމީ ޓީމުގެ ކުޅުންތެރިން ވެސް އެކި ޓީމުތަކަށް ބެހިގެންދާ ގޮތަށް ފޯމެޓް އެކުލަވާފައިވާ ކަމަށް ވިއޭއެމުން ބުނެ އެވެ. ސާޖިދު ބުނީ ކުރިއަށް އޮތް އެސޯސިއޭޝަން ކަޕްގައި ގައުމީ ޓީމުގެ ކުޅުންތެރިން ބެންޗުގައި ތިބެން ނުޖެހޭނެ ކަމަށެވެ. ގައުމީ ޓީމުގެ ކުޅުންތެރިން ވަކިވަކި ކްލަބްތަކުގައި ތިބި ނަމަވެސް ގައުމީ ޓީމަށް އޭގެ ފައިދާ ކުރާނެ ކަމަށް އޭނާ ބުންޏެވެ.

"އަނެއްކާ މި ކުޅުންތެރިންނާ އެކު ޕްރެކްޓިސް ކުރަން ލިބުނީމަ ވެސް ވަރަށް ބޮޑު އެއްޗެއް ހާސިލުވާނެ. ހަމަ ކޭމްޕެއް ޖަހައިގެން ކުރިއަށް ދިއުން ކަހަލަ ކަމެއް މިއީ،" އޭނާ ބުންޏެވެ.

"ރާއްޖެއިން ބޭރަށް ގޮސް ކުޅޭ އެކުވެރިކަމުގެ ތިން މެޗާ މީގެ އެއް މެޗާ ނުބައްދަލުވާނެ. އަޅުގަނޑަށް ޔަގީންކަމާ އެކު ބުނަންކެރޭ އޭގެ ފައިދާ ވާނެކަން."

2 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކުރަނގިޞެ

16 May 2022

މީނާ މޮޅުވާނެ ހޮޅުއަށި ތަކުގަ ފޮނި ބައިސާ ކަނޑަން. ކަރާ ފެޅުން ނޫން ކަމެއް ކުރަން އިނގޭ މީހެއް ނޫން.

The name is already taken The name is available. Register?

ކުކުޅޭ

16 May 2022

ގައުމީ ޓީމަށް ބަލަަދު އަރާފަ އިންނަ މީހެއް. އިސްތިއުފާ. ވޮލީގެ ސުޕުން މީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454