އެސްޓީއޯގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި. އޭޖީއެމް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހު--ފޮޓޯ:އެސްޓީއޯ
16 މެއި 2022 - 11:13
އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ މި މަހު 30 ގައި ބާއްވަން ނިންމައިފި އެވެ.
އެ ކުންފުނިން މިއަދު ބުނީ، ކްރޮސްރޯޑްގެ މެރީނާގެ އިވެންޓް ހޯލްގައި އެ ދުވަހުގެ ރޭ ނުވައެއް ޖަހާއިރު ބާއްވާ ޖަލްސާގައި މައިކްރޮސޮފްޓް ޓީމު މެދުވެރިކޮށް ވެސް ބައިވެރިވެވޭނެ ކަމަށެވެ.
އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 29 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
އެސްޓީއޯ އަށް މިދިޔަ އަހަރު 487 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވެ އެވެ. މިއީ މިދިޔަ ތިން އަހަރު ތެރޭގައި އެ ކުންފުންޏަށް އެންމެ ބޮޑު ފައިދާއެއް ލިބުނު އަހަރެވެ. މިއީ މިދިޔަ އަހަރަށް ވުރެ 35 ޕަސެންޓްގެ ކުރިއެރުމެކެވެ.
މިދިޔަ އަހަރު ލިބުނު ފައިދާ، އޭގެ ކުރީ އަހަރަށް ވުރެ ގާތްގަނޑަކަށް 120 މިލިއަން ރުފިޔާ އިތުރެވެ. އެސްޓީއޯ އަށް 2019 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 300 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
މިދިޔަ އަހަރުގެ އާމްދަނީއަކީ 10.2 ބިލިއަން ރުފިޔާ ކަމަށް ވާއިރު، އެ އަހަރު އެންމެ ބޮޑު އާމްދަނީއެއް ހޯދި ތެލުގެ ވިޔަފާރިން 7.1 ބިލިއަން ރުފިޔާ އެސްޓީއޯ އަށް ލިބުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy