އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖެ އާއި ބަންގްލަދޭޝް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: މިހާރު
26 ޑިސެމްބަރ 2016 - 19:25
އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗުން ރާއްޖެ އަތުން ސީދާ ތިން ސެޓުން މޮލުވެ، ބަންގްލަދޭޝް މުބާރާތުގެ ފައިނަލުން ޖާގަހޯދިއިރު، ތިން ވަނަ ހޮވާ މެޗުގައި ރާއްޖެ އާއި ނޭޕާލް ބައްދަލުކުރަން ޖެހިއްޖެ އެވެ.
ފައިނަލުގައި މާދަމާ ބަންގްލަދޭޝް ކުޅޭނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން ފައިނަލުން ޖާގަ ހޯދި ކިރްގިސްތާނާ އެވެ. ތިން ވަނަ ހޮވާ މެޗުގައި ލީގު ބުރުގެ ތިން ވަނަ ދިޔަ ނޭޕާލް ނުކުންނާނީ ހަތަރު ވަނަ އަށްދިޔަ ރާއްޖެއާ ދެކޮޅަށެވެ. ރާއްޖެ އަކީ މިދިޔަ އަހަރުގެ މުބާރާތުގެ ދެ ވަނަ އެވެ.
ކުޅުނު ހުރިހާ މެޗަކުން ބަލިވެ އަފްގާނިސްތާން ވަނީ ކަޓައިފަ އެވެ.
މިއަދުގެ މެޗަށް ރާއްޖޭން ނުކުތްއިރު ވެސް ވަނީ ފައިނަލުގެ ދޮރު ބަންދުވެފަ އެވެ. އެހެން ނަމަވެސް ރާއްޖޭން ނުކުތީ މޮޅުވުމުގެ އަޒުމުގަ އެވެ. ފުރަތަމަ މިނިޓުން ފެށިގެން ރާއްޖޭގެ ފަރާތުން މޮޅު ކުޅުމެއް ފެނުނުއިރު، 18-11 އިން ރާއްޖެ ކުރީގައި އޮތެވެ.
ހަސަން ނިލާމް އާއި އަނިޔާގައި ހުރެ މިއަދު މޮޅު ކުޅުމެއް ދެއްކި އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ)ގެ ފަރާތުން މޮޅު ކުޅުމެއް ފެނުނުއިރު، ރާއްޖެ އަށް މި ސެޓު ގެއްލުނީ ދެ ވަނަ ރެފްރީ ގާތްގާތުގައި ނިިންމި ނިންމުންތަކުގެ ސަބަބުންނެވެ. ސެޓު 22-19 ގައި އޮއްވައި ބަންގްލަދޭޝް ކޮޅަށް ނިމުނު ގިނަ ނިންމުންތަކާ އެކު އެޓީމުން މި ސެޓު ގެންދިޔައީ 28-30 އިންނެވެ.
ފުރަތަމަ ސެޓުގައި ރެފްރީގެ ނިންމުންތަކާ ގުޅޭގޮތުން ހިތްހަމަ ނުޖެހުން ފާޅުކުރުމާ ގުޅިގެން ރާއްޖެ ޓީމުގެ އަހުމަދު އަނިލް އާއި އަލީ އާމިރު އަށް ވަނީ ރީނދޫ ކާޑު ދެއްކުމަށް ފަހު ރަތް ކާޑު ދައްކައިފަ އެވެ. އަދި ޓީމުގެ ކެޕްޓަން އިޝާން މުހައްމަދު (ބަޓިސް) އަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ.
ރެފްރީގެ ގޯސް ނިންމުންތަކާ ގުޅިގެން ފުރަތަމަ ސެޓު ގެއްލުމާ އެކު ރާއްޖޭގެ ކުޅުންތެރިންގެ ކުޅުން ދަށްވި އެވެ. ބަންގްލަދޭޝް އިން ދެ ވަނަ ސެޓު ފަސޭހަކަމާ އެކު ގެންދިޔައީ 16-25 އިންނެވެ.
ފަހު ސެޓުގައި ރާއްޖޭން ކުޅުން ރަނގަޅުކުރި އެވެ. އެހެން ނަމަވެސް ބަންގްލަދޭޝް 10-16 ލީޑުގައި އޮއްވައި ރާއްޖޭން ވަނީ ލީޑުކޮށްފަ އެވެ. ބަންގްލަދޭޝް 18-22 އިން ކުރީގައި އޮއްވައި ރާއްޖޭން އެއްވަރުކުރީ ތަޖުރިބާކާރު ކުޅުންތެރިޔާ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) ގާތްގާތުގައި ކުރި ބާރު ސާވިސްތަކުންނެވެ.
އެހެން ނަމަވެސް ފަހު ވަގުތު ރާއްޖޭގެ ކުޅުންތެރިންނަށް ގެއްލުނު ފުރުސަތުތަކުގެ ފައިދާ ނަގައި ބަންގްލަދޭޝް އިން މި ސެޓު ވެސް ގެންދިޔަ އެވެ. އެ ޓީމުން ފަހު ސެޓު ގެންދިޔައީ 26-28 އިންނެވެ.
ފުރަތަމަ ދެ މެޗުގައި ރާއްޖޭގެ ކުޅުން ދަށްވި ނަމަވެސް ފަހުން ކުޅުނު ދެ މެޗުގައި ޖުމްލަ ގޮތެއްގައި ރާއްޖޭން ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާއްޖެ
26 December 2016
ދެވަނަ ރެފް ރަށު ޓީމު ކޮޅަށް ޖެހުނީ ދޯ؟
ސިންތިލީ ވޫމް
26 December 2016
މަރުޙަބާ ތީވެސް ކުޑަ ވަރެއްނޫން