މަޖިލީހުގައި މީގެ ކުރިން ބޭއްވި ބައްދަލުވުމުގައި ތިމަރަފުށީ ދާއިރާގެ މެމްބަރު ރިޔާޒު ވާހަކަދައްކަވަނީ.-- ފޮޓޯ: މަޖިލިސް
23 މެއި 2022 - 16:13
ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުން ހުއްޓާލަން ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެމްއެންޕީން ނިންމައިފި އެވެ.
އެ ޕާޓީގެ ނައިބު ރައީސް، ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު "މިހާރު" އަށް މިއަދު ވިދާޅުވީ ރައްޔިތުންގެ ފައިސާއިން ޕާޓީތަކަށް ފައިސާ ދޭން ނުޖެހޭ ކަމަށެވެ. އަދި މިހާރު އޮންނަ ގޮތަށް ޕާޓީގައި ތިބި މެމްބަރުންގެ އަދަދަށް ބަލައިގެން ފައިސާ ދިނުމަކީ އެއްގޮތަކަށް ވެސް ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ދައުލަތުގެ ކޮންމެ އަހަރެއްގެ ބަޖެޓްގެ 0.1 ޕަސެންޓް ސިޔާސީ ޕާޓީތަކަށް ދޫކުރަންޖެހޭނެ އެވެ. އެކަމަކު އެ ފައިސާ ލިބޭނީ އެ ގާނޫނުގައިވާ ގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ދަފްތަރުގައި 10،000 އަށްވުރެ ގިނަ މެމްބަރުން ތިބޭ ޕާޓީތަކަށެވެ.
އެ އަދަދަށް މެމްބަރުން ހަމަވާ ހަތަރު ޕާޓީއަކަށް ދައުލަތުގެ ބަޖެޓުން މި އަހަރު އެކަނި ވެސް 30.2 މިލިއަން ރުފިޔާ ދޫކޮށްފައި އެވެ. އެއީ؛
1- އެމްޑީޕީ: 15.02 މިލިއަން ރުފިޔާ (54،660 މެމްބަރުން)
2- ޕީޕީއެމް: 9.4 މިލިއަން ރުފިޔާ (34،237 މެމްބަރުން)
3- ޖޭޕީ: 5.53 މިލިއަން ރުފިޔާ (20،107 މެމްބަރުން)
4- އަދާލަތު ޕާޓީ: 2.9 މިލިއަން ރުފިޔާ (10،554 މެމްބަރުން)
ރައްޔިތުންގެ މަޖިލީހުން މި އަހަރަށް ފާސްކޮށްފައި ވަނީ 37 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ޕާޓީތަކުގެ ދަފްތަރަށް ބަލައިގެން EC އިން ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން ފައިސާދޭހާ ދުވަހަކު މިކަންމިގޮތައް ހިގާނެ. ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުން ނިމުމަކަށް ގެނައުމަށް ގާނޫނު އިސްލާހުކުރަން MNP އިން ބިލެއް ވަރަށް އަވަހަށް މަޖިލިހަށް ހުށަހަޅާނަން. https://t.co/Sa3oiDQH4K
— Abdulla Riyaz MP (@riyazabdulla) May 23, 2022
ރިޔާޒު ވިދާޅުވީ ޕާޓީތަކަށް ވަގަށް މެމްބަރުން ވައްދާ މައްސަލަ ވެސް ހައްލުނުވަނީ ޕާޓީތަކަށް ފައިސާ ދޭތީ ކަމަށެވެ. އެކަން ހުއްޓާލައިފި ނަމަ، ޕާޓީތަކަށް ވަގަށް މެމްބަރުން ވެއްދުމުގެ މައްސަލައަށް ހައްލެއް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމަށްވުރެ އެ ބަޖެޓުން ސިއްހީ ދާއިރާ ރަނގަޅުކުރުން މާ މުހިއްމު. އެ މީހުންގެ ސިޔާސީ ނުފޫޒު ވަރުގަދަކުރަން ވެގެން ކަމަށް ގަބޫލުކުރެވެނީ ފައިސާ މި ހޯދަނީ،" ރިޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕާޓީތަކަށް ފައިސާ ދިނުން ފިޔަވައި އީސީގެ ދަފްތަރުން ކުރާ އިތުރު ކަމެއް ނެތެވެ. ޕާޓީތަކުގެ އެތެރޭގައި ބާއްވާ އިންތިހާބުތަކުގައި ވޯޓުލަނީ އެ ޕާޓީއެއްގެ ދަފްތަރުގައި ތިބި މީހުން ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.
"ބަޖެޓުން ފައިސާ ދިނަސް ސިޔާސީ ޕާޓީތައް އޮޑިޓެއް ނުކުރޭ އޮޑިޓް އޮފީހުން. މި ފަހުން އެމްޑީޕީ އިންތިހާބުގެ ކެމްޕެއިންގައި ތުހުމަތުކުރި ޕާޓީއަށް ލިބޭ ފައިސާއަށް ކުރާ ކަމެއް ނޭނގެއޭ،" އޭނާ ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވީ ޕާޓީތަކުގެ މެންބަރުން އަމިއްލައަށް ފައިސާ ހޯދައިގެން ޕާޓީ ހިންގޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަކުނިބޯ
24 May 2022
ސިޔާސީ ޕާޓީތަކަށް ސަރުކާރު ބަޖެޓުން ފައިސާ ދިނުން ހުއްޓާލުމުން ސިޔާސީ ޕާޓީތަށް ބަލިކަށިވެ ސިޔާސީވެރިން އެހެން ޤައުމުތަކުގެ ތައްޕަހާށްވެއްޓި، ސިޔާސީ ވެރިން ޤައުމަށް ހިޔާނަތްތެރިވެ ޤައުމުވިއްކާ ފަސާދަ އިތުރުވެގެންގޮސް ލޮބިވެތިރައްޔިތުންނަ އުޑުން ތަރިބާލަދޭނެ ވެރިކަންލިބެންދެން ޞޭއިރު
ބަރަބޯ
24 May 2022
ސިޔާސީ ޕާޓީތަކަށް ސަރުކާރު ބަޖެޓުން ފައިސާ ދިނުން ހުއްޓާލަން ޖެހޭ
ފަސްފަހެ
24 May 2022
މިއޮއްފަދަ ތަޢުލީމީ ޒަމާނުގަ މަޖިލިހަށް ކުރިމަތި ލެވޭނީ ދަށްވެގެން ކޮންމެވެސް ދާއިރާއަކުން ފުރަތަމަ ޑިގްރީގެ ސަނަދެއް އޮވެގެންކަމަށް ޤާނޫނަށް އިސްލާޙެއް ހުށަހަޅާލަން ކެރޭނެތަ. އޭރުން ގައިމު ވާނެ އެއްފައިދާއަކީ ބިލުތަކަށް ބަހުސްކުރާ މީހުން ދައްކާ ވާހަކައިގަ އޮއްޓަރެއް ހުންނާނެ. ލިބޭ ފުރުޞަތުގަ މީހުންގެ ބޮލުކަށި ހެފުމުގެ ބަދަލުގައި ޙަޤީޤީ މައްސަލައަށް ދާން އެނގޭނެ.
އަހައްމަދޫ
24 May 2022
ވ.ވ.ރަގަޅުކަމެއް. ވީޙާވެސް ބޮޑަށް ބޭކާރު ޙަރަދުތައް ކުޑަކުރަންވީ ލަންކާ ކަހަލަ ގައުމުގެ ތަޖުރިބާއަށް ބަލާފަ. އޭގެ ތެރޭގަ ކުރީގެ ރައީސުންނަށް ދޭއިނާޔަތާއި ކުރާ ބޭކާރު ޚަރަދުތަކާއި ސިޔާސީ މަގާމުތަކަށް ކުރާ ބޭކާރު ޚަރަދުތަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ކުރާ ބޭކާރު ޚަރަދުތަކާއި (ކޮންމެދުވަހަކު ކުރާނެ މަސައްކަތެއް ނެތިގެން މަޖިލީހުގެ ޖަލްސާތައް ހުއްޓާލަން ޖެހިފައިއޮންނަނީ) އެެނިހެން ބޭކާރު ޚަރަދުތައް
ގާދިރުބ
24 May 2022
މިހާރު މާބޮޑެވެ. ކޮންމެވެސް އެއްޗެއް ދިއްކޮށްލުން އެންމެރަނގަޅެވެ. ދައުލަތުގެ މުސާރައާ އިނާޔަތް ދިނުމުގެ ނަހަމަކަން ކުޑަކުރުމަށް ތިޔަ ފައިސާ ޚަރަދުކުރުން މާރަނގަޅުވެދާނެއެވެ. ސިޔާސީ ހަރަކާތޭ ކިޔާ ހިންގާ ހަރަކާތުގެ ސަބަބުންވެސް ދައުލަތަށް އެތައްގެއްލުމެކެވެ.
މުޙުއްމާ
24 May 2022
ވަރަށް ރަގަޅު ހުށަހެޅުމެއް. އަދި މަޖުލިސް މެމްބަރުންގެ މުސާރަވެއާއި އެލަވެންސް ވެސް ޕޭކަމިޝަނުން ކަނޑައަޅާގޮތަށް ހުށަހެޅުން ވަރަށް މުހިއްމު.
ފަނިފަކުސަ
24 May 2022
ތިޔައީ އިޚްލާޞްތެރިކަމެއް ހުރެގެން ހުށަހެޅި އިސްލާޙެއްނޫން. ހުށަހެޅި މީހުންނަށް އެނގޭނެ މަޖިލީހުގައި އެމީހުންގެ އެއްވެސް ބާރެއް ނެތްކަމާއި، އެކަމަށް އެހެން ޕާޓީތަކުން ސަޕޯޓް ނުކުރާނެކަންވެސް. އަދި ތިޔަ އިސްލާޙު ބޭރުކޮށްލާނެކަންވެސް އެމީހުންނަށް އެނގޭނެ. ދެން ރައްޔިތުންގެ ލޮލުގަ އަނދުނެއް އަޅުވަންވެގެން ކޮށްލި ކަމެއްތީ. މީދެން ރައްޔިތުންނަށް މާ ހެޔޮއެދޭ ބައެއްކަން ދައްކަން.
ވަހީދު
24 May 2022
މަޖްލިސް މެންބަރު ކަމަށް ކުރިމަތިލާ މީހުން ކެމްޕޭން ކުރުން މަނާ ކުރަންވީ. އަދި މަޖްލީހަށް ހޮވުމުގައި ތައުލީމީ ފެންވަރު އެންމެ ދަށްވެގެން ޑިގްރީއެއް އޮތުން ލާޒިމު ކުރަންވީ.
އެމްސް
24 May 2022
މަޖިލިސް މެމްބަރުންނަށް ދައުލަތުން ކުރާ ހޭދަވެސް ކުޑަކުރަން ޖެހޭ، އާސަންދައިގެ ބޭރުން މެމްބަރުންނަށް އޮންނަ މެޑިކަލް އިންޝުއަރެންސް އަކީ ބަޖެޓުން ކުރާ ބޮޑު އިސްރާފެއް!
އަބްޑޫޅް
24 May 2022
ޕާޓީގެ މެންބަރުން ތިބި އަދަދަށް ބެލުމުގެ ބަދަލުގަ، އެންމެ ފަހުގެ މަޖިލީސް އާއްމު އިންތިހާބުގަ ޕާޓީ އަށް ސޮއްހަ ވޯޓު ދިން މީހުންގެ އަދަދަށް ބަލާފަ ފައިސާ ދޭ ގަވައިދެއް އޮތުން މާ ހަމަޖެހޭ. އޭރުން މެންބަރުން ވަގަށްނެގުމާއި، މެންބަރުންގެ ދަފްތަރު ސަރުކާރުން ބެލެހެއްޓުން ކަހަލަ ތާކުން ތާކު ނުޖެހޭ ކޫސަނި ކަންތައްތައް ހުއްޓޭނެ.