ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އޮޑިޓް ރިޕޯޓު ހުށަނާޅާ އޮތް ތިން ސިޔާސީ ޕާޓީ އިލެކްޝަން ކޮމިޝަން (އީސީ) އިން ޖޫރިމަނާކޮށްފި އެވެ.
އެއީ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ ޕާޓީ، މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް (ކާނަލް)ގެ ޕާޓީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފައްދަވާފައިވާ ޕާޓީ ދަ ޑިމޮކްރެޓްސް އެވެ.
އިލެކްޝަންސް ކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ތިން ޕާޓީ ވެސް ބައިލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާގޮތުން، ކޮންމެ މީލާދީ އަހަރެއް ނިމޭތާ ތިން މަސް ތެރޭ ޕާޓީގެ އަހަރީ ހިސާބުތައް އޮޑިޓާ ޖެނެރަލް ގަބޫލުކުރާ އޮޑިޓަރަކު މެދުވެރިކޮށް އޮޑިޓްކުރުމަށް ފަހު، އީސީ އަށާއި އޮޑިޓާ ޖެނެރަލަށް ހުށަހަޅަން ޖެހެ އެވެ.
ޕާޓީގެ އަހަރީ ހިސާބުތައް ނުބަލަހައްޓައި ނުވަތަ ކޮމިޝަނަށް ހުށަހަޅަން ޖެހޭ މާލީ ރިޕޯޓުތައް ހުށަނާޅާނަމަ 20،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން ޕާޓީތައް ޖޫރިމަނާކުރުމުގެ ބާރު އިސީއަށް ލިބިގެންވެ އެވެ.