ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި ދަ ޑިމޮކްރެޓްސް އަދި އިތުރު ޕާޓީއެއް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އުވާލައިފި އެވެ.
އީސީން ކުރި އިއުލާނެއްގައި ބުނީ ސިޔާސީ ޕާޓީގެ ގާނޫނުގައިވާ ގޮތުގެ މަތިން ޕާޓީއެއް ދެމިއޮތުމަށް ގާނޫނު ލާޒިމުކުރާ 3،000 މެމްބަރުން ހަމަކުރުމަށް ދިން މުއްދަތުގައި އެ އަދަދަށް މެމްބަރުން ހަމަކޮށްފައި ނުވާތީ، މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އާއި ދަ ޑިމޮކްރެޓްސް އުވާލައި އެ ދެ ޕާޓީ ސިޔާސީ ޕާޓީތަކުގެ ދަފުތަރުން އުނިކުރުމަށް ކޮމިޝަނުން މިއަދު ނިންމާފައިވާ ކަމަށެވެ.
މީގެ ކުރިން އެމްޑީޕީ ދޫކޮށްލައްވައި އަދި އެމްޑީޕީ ރޫޅާލާނެ ކަމުގެ އިންޒާރާ އެކު، ދަ ޑިމޮކްރެޓްސްގެ ނަމުގައި އަމިއްލަ ޕާޓީއެއް އުފެއްދެވި ނަޝީދު މިހާރު ވަނީ އެނބުރި އަލުން އެމްޑީޕީއާ ގުޅިވަޑައިގެން މި މަހުގެ 12 ވަނަ ދުވަހު ބާއްވާ އެ ޕާޓީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވަން ނިންމަވައިފަ އެވެ.
އެމްޑީޕީއާ އަލުން ގުޅިވަޑައިގެން "ބޮޑު ބަދަލު"ގެ ނަމުގައި އެ ޕާޓީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވަން ނަޝީދު ކެމްޕެއިން ކުރައްވަމުން އަންނައިރު، 2028 ގެ ރިޔާސީ ޓިކެޓު އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލަށް ހޯއްދަވައިދެއްވަން މަސައްކަތް ކުރައްވާނެ ކަން ވެސް އެމަނިކުފާނު ވަނީ އިއުލާން ކުރައްވައިފަ އެވެ.
ޑިމޮކްރެޓްސް އުފެއްދީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކައިރިވެފައި ވަނިކޮށް ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު އުފެއްދުނު ނުތަނަވަސްކަމުގެ ތެރޭގަ އެވެ. ނަޝީދާ އެކު، އޭރު އެމްޑީޕީގައި ތިބި އެމަނިކުފާނަށް ވަފާތެރި މެމްބަރުން ވެސް އެ ޕާޓީ ދޫކޮށް ޑިމޮކްރެޓްސްއާ ގުޅުނެވެ.
ޑިމޮކްރެޓްސް އުފެއްދީ ޖުލައި 12، 2023 ގަ އެވެ. އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި އިސްބޭފުޅުންތަކެއް ވެސް މި އަހަރުގެ ކުރީކޮޅު ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.
މިދިޔަ ރިޔާސީ އިންތިހާބުގައި ނަޝީދު ވާދަނުކުރެއްވިޔަސް، ޑިމޮކްރެޓްސްގެ ކެންޑިޑޭޓުގެ ގޮތުގައި އިލްޔާސް ލަބީބް ވާދަކުރައްވައި، ފުރަތަމަ ބުރުގައި ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވި އެވެ.