ކުޅިވަރު / ޔުއެފާ

ޔޫއެފާ އިން ކަންކުރަންވީ ގޮތް އެހެން ބަޔަކު ކިޔައިދޭކަށް ނުޖެހޭ: ސެފެރިން

ޔޫއެފާގެ ރައީސް އެލެކްސެންޑަ ސެފެރިން.-- ފޮޓޯ: އޭއެފްޕީ

ޒިއުރިޗް (މެއި 26) - ފްރާންސްގެ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭ ސްޕެއިންގެ ރެއާލް މެޑްރިޑަށް ނޫނެކޭ ބުނެ، ފަހު ވަގުތު ޕީއެސްޖީގެ ހުށަހެޅުން ގަބޫލުކޮށް ކޮންޓްރެކްޓް އާކުރުމުން ޔޫއެފާ އަށް ކުރިމަތިވި ފާޑުކިޔުންތަކާ ގުޅިގެން، ޔޫއެފާގެ ރައީސް އެލެކްސެންޑަ ސެފެރިން، އެ ފާޑުކިޔުންތަކަށް ރައްދު ދެއްވައިފި އެވެ.

އެމްބާޕޭ ޕީއެސްޖީގައި މަޑުކުރަން ނިންމީ ރެއާލް މެޑްރިޑަށް ބަދަލުވާން އަނގަބަހުން އެއްބަސްވެފައި ވަނިކޮށެވެ. މިއާ އެކު ސްޕެއިންގެ ލަ ލީގާ އިން ވަނީ ޕީއެސްޖީގައި އެމްބާޕޭ މަޑުކުރުވުމަކީ ބޮޑު ޖަރީމާއެއް ކަމަށް ސިފަކޮށްފަ އެވެ. މީގެ އިތުރުން އެމްބާޕޭ ވަނީ ޕީއެސްޖީގެ ކޮންޓްރެކްޓް އާކުރުމުގެ ކުރިން އިންގްލެންޑުގެ ލިވަޕޫލާ ވެސް ވާހަކަ ދެއްކި ކަމަށް ބުނެފަ އެވެ.

ބީބީސީ އަށް ދެއްވި އިންޓަވިއުއެއްގައި ސެފެރިން ވިދާޅުވީ ޔޫއެފާގެ ފައިނޭންޝަލް ފެއާޕްލޭ ގަވާއިދުތައް ވަރަށް ހަރުކަށިވާނެ ކަމަށާއި، ޔޫއެފާގެ މުބާރާތްތަކުގައި ވާދަކުރެވޭނީ އެ ގަވާއިދުތަކަށް އިހުރިތާމްކުރާ ކުލަބުތަކަށް ކަމަށެވެ.

"ރެއާލް މެޑްރިޑުން ވެސް އަދި އެހެން ކުލަބަކަށް ވެސް ޔޫއެފާއިން ކުރަން ޖެހޭ މަސައްކަތްތައް ކިޔައިދޭކަށް ނުޖެހޭނެ. އެ މީހުން އެތިބީ ވަކި ކަމަކާ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި. އެކަމަކު އަހަރެންނަށް އެނގޭ އެއްޗަކީ އެމީހުންގެ ހުށަހެޅުމާއި ޕީއެސްޖީގެ ހުށަހެޅުމާ މާ ބޮޑު ތަފާތެއް ނެތްކަން،" ސެފެރިން ވިދާޅުވި އެވެ.

ޔޫއެފާގެ ފައިނޭންޝަލް ފެއާ ޕްލޭ އުސޫލުތައް އެކުލަވާލާފައިވަނީ ކޮންމެ ތިން އަހަރު ދުވަހުގެ އެސެސްމަންޓް މުއްދަތެއްގައި، ކުލަބުގެ ހަރަދުތަކަށް ހޭދަކުރުމުގައި، ލިބޭ އާމްދަނީއަށް ވުރެ އިތުރަށް ހަރަދު ނުކުރުމެވެ.

ލަލީގާގެ ރައީސް ހާވިއާ ޓެބާސް ވަނީ އެމްބާޕޭގެ ކޮންޓްރެކްޓަކީ ފުޓްބޯޅައަށް ކުރި ފުރައްސާރައެއް ކަމަށް ސިފަކޮށް، ޕީއެސްޖީ އަށް ލިބިފައިވާ މާލީ ގެއްލުންތަކުގެ އަދަދުތަކާ އެކު ޓްވީޓު ކުރައްވައިފަ އެވެ.

ޕީއެސްޖީގެ މިލްކުވެރިއަކީ އެޓީމުގެ ރައީސް ގަތަރުގެ ވިޔަފާރިވެރިޔާ ނަސީރު އަލް ޚެލައިފީގެ ޗެއާމަން ކަމުގައި ހިންގާ ގަތަރު ސްޕޯޓްސް އިންވެސްޓްމަންޓެވެ.

ޔޫރަޕުގެ ފުޓުބޯޅައިގެ މައި އިދާރާ، ޔޫއެފާގެ ރައީސްގެ މަގާމުގައި 2016 އިން ފެށިގެން ހުންނަވާ ސެފެރިން ވަނީ ގައުމުން ބޭރުގެ ފަރާތްތަކަށް ކުލަބުތައް ގަންނަން ހުއްދަ ދޭތީ، އެކަމާ ދެކޮޅަށް އަންނަ ޝަކުވާތަކާ ހުރެ "ވަރުބަލި" ވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.

"ކްލަބްތައް ނިސްބަތްވަނީ ސަޕޯޓަރުންނަށޭ ބުނާ އިރު، އިނގިރޭސި ކުލަބުތަކުގައި ވެސް (ގައުމުން ބޭރުގެ ވެރިން) އެބަތިބި. އެމެރިކާ އާއި މެދުއިރުމަތީގެ ގައުމުތަކުގެ ވެރިންނާއި އިނގިރޭސި ވެރިން ވެސް އެބަތިބި. މިއީ (ފްރާންސްގައި) ވެސް ހަމަ އެކަހަލަ ކަމެއް. އަދި އެއްވެސް އަސާސެއް ނެތި ކުރެވޭ މިކަހަލަ ތުހުމަތުތަކާ ހުރެ އަހަރެން ވަރުބަލި ވެއްޖެ،" ސެފެރިން ވިދާޅުވި އެވެ.

"އަހަރެން ބޭނުންވަނީ ގަވާއިދުތަކާ ހިލާފުވާ ބައެއް ހޯދަން. ހިލާފު ވެއްޖެ ނަމަ އެބަޔަކަށް އަދަބު ލިބޭނެ."

ޔޫކްރޭން ކްލަބްތަކަށް ގައުމުގައި މެޗެއް ނުކުޅެވޭނެ

ސެފެރިން ވަނީ ޔޫކްރޭންގެ ފުޓުބޯޅައިގެ ހާލަތާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކަވައިފަ އެވެ. ޖޫން މަހުގެ 1 ވަނަ ދުވަހު ސްކޮޓްލޭންޑާ ދެކޮޅަށް ކުޅޭ ވޯލްޑް ކަޕް ޕްލޭއޮފް މެޗުގެ ކުރިން ސްލޮވޭނިއާގައި ޓްރެއިނިން ހެދުމަށް ޔޫއެފާއިން ވަނީ ޔޫކްރޭންގެ ގައުމީ ޓީމަށް އެހީތެރިވެދީފަ އެވެ.

ޔޫކްރޭނުގެ ގައުމީ ޓީމުން މިދިޔަ ނޮވެމްބަރުން ފެށިގެން ވާދަވެރި މެޗެއް ކުޅެފައިނުވާއިރު، ރަޝިއާ އިން އެ ގައުމަށް އަރައި ހަނގުރާމަ ފެށުމާ ގުޅިގެން އެ ގައުމަށް ވަނީ ވޯލްޑް ކަޕް ޕްލޭއޮފަށް ވެސް ތައްޔާރު ނުވެވިފަ އެވެ.

ސެފެރިން ވިދާޅުވީ، އެ ގައުމުގެ ފުޓުބޯޅަ ކުލަބްތަކުން ވެސް ހޯދަން ޖެހޭނީ މިކަހަލަ ހައްލެއް ކަމަށެވެ.

"ޔަގީނުން ވެސް އެމީހުން ކުޅެން ޖެހޭނީ ގައުމުން ބޭރުގައި. ހޯމް މެޗުތައް ވެސް ހަމަ އެހެން. އެކަމަކު އެކަން ބިނާވެފައި އޮންނާނީ ކުލަބުތަކުން ސީޒަނަށް ތައްޔާރުވާން ހިޔާރުކުރާ ތަނަކަށް. އަޅުގަނޑުމެންނަށް އެހީތެރި ވެދެވެން އޮތް ގޮތަކަށް އެހީ ވާނަން. އެކަމަކު އެމީހުންގެ އަމިއްލަ ދަނޑުގައި ކުޅުން އެއީ ވާނެ ކަމެއް ނޫން."---ބީބީސީ

2 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޕޮގުބާ

26 May 2022

ޔޫއެފާއިން ތިހެން ބުނިކަމުގަވިޔަސް މެޑްރިޑް ބަލި ނުކުރެވޭނެ މެޑްރިޑްގެ މާނައަކީ ނުފޫޒުން ކަންކަން ނިންމުން އެމީއެކަން ކުރާނެ

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

26 May 2022

ޔުއެފަރިޑް އެއީ ޔުއެފާއަށްވުރެ މަތީގަ އުޅޭ ބައެކޭ މީހުން ބުނޭ.އެއީ ތެދެއް ބާ؟؟!!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454