ރެއާލްގެ ކެޕްޓަން މާސެލޯ ޗެމްޕިއަންސް ލީގުގެ ތައްޓާއެކު، އެކްލަބްގެ ސަޕޯޓަރުންނަށް އަތުން ހަނާ އަޅަލަނީ: އޭނާ ވަނީ ރެއާލް ދޫކޮށްލާކަން އިއުލާންކޮށްފަ --- ފޮޓޯ: އޭއެފްފީ
29 މެއި 2022 - 10:22
ޕެރިސް (މެއި 29) - ޔޫއެފާ ޗެމްޕިއަންސް ލީގު 14 ވަނަ ފަހަރަށް ރެއާލް މެޑްރިޑުން ކާމިޔާބުކޮށް ރޭ އެ ޓީމަށް ތަށި އުފުލާލަދިން ކެޕްޓަން މާސެލޯ ވިއޭރާ، ކްލަބު ދޫކޮށްލާނެކަން އިއުލާން ކޮށްފި އެވެ.
މާސެލޯ، 34، ރެއާލަށް ސޮއިކުރީ 2007 ވަނަ އަހަރު އެވެ. އޭނާ ވަނީ އެ ކްލަބަށް 550 މެޗު ކުޅެފަ އެވެ. ވައިސް ކެޕްޓަން ކަރީމް ބެންޒެމާ ނެގުމަށް ފަހު، ސްޕެއިނުން ބޭރު ކުޅުންތެރިންގެ ތެރެއިން ރެއާލަށް އެންމެ ގިނަ މެޗު ކުޅެފައި ވަނީ މާސެލޯ އެވެ.
"މިއީ ރެއާލް މެޑްރިޑާ އެކު އަހަރެންގެ ފަހު މެޗު،" އެ ކްލަބާ އެކު 25 ވަނަ ތަށި ރޭ ހޯދި މާސެލޯ ބުންޏެވެ.
ލިވަޕޫލާ ދެކޮޅަށް ރެއާލް ރޭ ކުޅުނު މެޗުގައި މާސެލޯ އިނީ ބެންޗުގަ އެވެ. މި ސީޒަންގައި އޭނާ ކުޅުނީ 18 މެޗުގަ އެވެ.
ރެއާލްގެ މިޑްފީލްޑަރު، ލޫކަ މޮޑްރިޗް ޗެމްޕިއަންސް ލީގުގެ ތަށިގައި އަތްޖައްސާލައިގެން؛ އޭނާ ވަނީ ރެއާލްއާ އެކު ކޮންޓްރެކްޓް އާކޮށްފައި. --- ފޮޓޯ: އޭއެފްޕީ
ޓީމުގެ ވައިސް ކެޕްޓަނުންގެ ތެރޭގައި ހިމެނޭ، މިޑްފީލްޑަރު ލުކަ މޮޑްރިޗް ވަނީ އިތުރު އަހަރަކަށް ރެއާލްގައި މަޑުކުރަން އެއްބަސްވެފަ އެވެ.
ފުޓްބޯޅައިގެ ޓްރާންސްފާ ޚަބަރުތަކުގެ އެކްސްޕާޓް، ފެބްރިޒިއޯ ރޮމާނޯ ބުނީ، ރެއާލްއާ އެކު އިތުރު އެއް އަހަރަށް މަޑުކުރުމަށް މޮޑްރިޗް ރޭ ނިންމައިފައިވާ ކަމަށެވެ. މޮޑްރިޗާ އެކު ރެއާލުން ހަދާފައިވާ އެއްބަސްވުން މި ސީޒަނަށް ފަހު ހަމަވާނެ އެވެ.
އުމުރުން 30 އަހަރުން މަތީގެ ކުޅުންތެރިންގެ ކޮންޓްރެކްޓް އާކުރުމުގައި، މިހާރު ރެއާލުން ގެންގުޅޭ އުސޫލަކީ، އަހަރުން އަހަރަށް ކޮންޓްރެކްޓް އާ ކުރުމެވެ.
ރޭގެ މެޗު ރެއާލް ކާމިޔާބު ކުރީ ވިނީޝިއުސް ޖޫނިއާ ޖެހި ލަނޑުން، 1-0 އިންނެވެ. މެޗުގައި ގިނަ ހަމަލާތަކެއް އުފެއްދީ ލިވަޕޫލުންނެވެ. ރެއާލަށް އުފެއްދުނީ ހަތަރު ހަމަލާއެވެ. ރޭގެ ކާމިޔާބުން ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ އަށް ރެކޯޑެއް ގާއިމު ކުރެވުނީ އެވެ. އޭނާ ވަނީ ހަތަރު ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް އެ މުބާރާތް އެންމެ ގިނަ ފަހަރު ހޯދި ކޯޗުގެ ރެކޯޑް ހަދައިފަ އެވެ. މިލާންއާ އެކު ދެ ފަހަރު އަދި ރެއާލްއާ އެކު ދެފަހަހަރު އޭނާ ވަނީ މުބާރާތް ކާމިޔާބުކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާލޯ
29 May 2022
ވަރަށް ދެރަ