ރައީސް ވިދާޅުވީ ކޮމިޓީތަކުގެ ކަންބޮޑުވުމަކީ ކައުންސިލްތަކުން އެއްބާރުލުމާއި އެހީތެރިކަން ނުލިބި ކަންކަމުގައި ދަތިތައް ކުރިމަތިވުން ކަމަށް
ވިއަވަތި ކޮންފަރެންސްގައި ރައީސް، ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އާއި އެލްޖީއޭގެ ސީއީއޯ އަފްޝަންއާ އެކު. -- ފޮޓޯ | ރައީސް އޮފީސް
29 މެއި 2022 - 11:28
ލާމަރުކަޒީ ގާނޫނަށް ގެނައި ބޮޑެތި އިސްލާހުތަކުގެ ތެރޭގައި އަތޮޅާއި ރަށުގެ ތަރައްގީގައި އަންހެނުންގެ ހިއްސާ ބޮޑުވާ ގޮތަށް ބަދަލު ގެނެސްފައި ވިޔަސް ބައެއް ކައުންސިލްތަކުން ކޮމިޓީތަކަށް އެއްބާރުލުން ނުލިބޭ މައްސަލައިގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް މިއަދު ކަންބޮޑުވުންފާޅުކުރައްވައިފި އެވެ.
އއ. ކުޅަހުގައި ކުރިއަށްދާ "ވިއަވަތި" ކޮންފަރެންސްގައި ރައީސް ވިދާޅުވީ ގާނޫނަށް އިސްލާހު ގެނެސް ބާރުތަކެއް ދިނީ އަތޮޅުތަކާއި ރަށްތަކުގެ ތަރައްގީ އާއި އިޖުތިމާއީ ދުޅަހެޔޮކަން ކުރިއެރުވުމުގެ އިސް ދައުރެއްގައި އަންހެނުން ބައިވެރިކުރަން ކަމަށެވެ. އެކަމަކު ބައެއް ކައުންސިލްތަކުން މިކަން ބަލައިނުގަންނަކަން މަސައްކަތުގެ މާހައުލުން ފެންނަ ކަމުގެ ޝަކުވާ އެބައޮތް ކަމަށެވެ.
"އަންހެނުން ކޮމިޓީތަކަށް ބައެއް ކައުންސިލްތަކުން އެއްބާރުލުމެއް ނުލިބޭ،" ރައީސް ވިދާޅުވި އެވެ.
ވިއަވަތި ކޮންފަރެންސްގައި އަންހެނުންގެ ކޮމިޓީގެ ރައީސަކު ވާހަކަ ދައްކަވަނީ. -- ފޮޓޯ | ރައީސް އޮފީސް
އެމަނިކުފާނު ވިދާޅުވި ގޮތުގައި ކޮމިޓީތަކުގެ ކަންބޮޑުވުމަކީ ކައުންސިލްތަކުން އެއްބާރުލުމާއި އެހީތެރިކަން ނުލިބި ކަންކަމުގައި ދަތިތައް ކުރިމަތިވުމެވެ. މަސައްކަތްކުރާނެ ޖާގައެއް ނެތިފައި ތިބުމުގެ ކަންބޮޑުވުން ލިބޭ ކަމަށް ވެސް ވިދާޅުވި އެވެ.
ކައުންސިލްތަކުން އަންހެނުންގެ ކޮމިޓީތަކަށް ދަތިވާ ގޮތަށް ހުރި ކަންކަން ބަދަލުކުރުމަށް ރައީސް އެދިވަޑައިގަތެވެ. ކޮމިޓީތަކުން މިއަދު ހުށަހެޅި ޝަކުވާތަކާއި ކަންބޮޑުވުންތަކަށް ހައްލު އަންނާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.
ޕެނަލްގައި ބައިވެރިވެވަޑައިގެންނެވި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވީ ކޮމިޓީތައް ހޮވީ ނަމެއްގައި ނޫން ކަަމަށެވެ. ކުނި ނަގާ ނައްތާލަން ވެސް އެކަނި ނޫން ކަމާއި އެފަދަ ހުރިހާ މަސައްކަތެއްގައި ގާބިލް އަދި ކެރިގެން ކުރިމަތިލާނެ ބަޔަކަށް ވާތީ ބައިވެރިވުން ބޮޑުކުރަން ކަމަށެވެ.
އެ ރަށެއްގެ މުޖުތަމައުގެ ދުޅަހެޔޮކަމާއި އަމާންކަމުގައި އަންހެނުންގެ ހިއްސާ ބޮޑުކަން، ކައުންސިލްތެރެއިން ވެސް ގަބޫލުކޮށް ފުރުސަތު ފަހިކޮށްދޭން ޖެހޭ ކަަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ވިއަވަތި ކޮންފަރެންސްގައި ރައީސް، އެމަނިކުފާނުގެ ބައެއް ވަޒީރުންނާއި ޕޮލިސީ ސެކްރެޓަރީއާ އެކު. -- ފޮޓޯ | ރައީސް އޮފީސް
ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވީ އަންހެނުންގެ ކޮމިޓީތަކުން އަދިވެސް ވީ ކުރިއަށް ފިޔަވަޅުތަކެއް އަޅަން ކަމަށެވެ. ބަޔަކު އައިސް އެހީވާނެ ކަމަށް މަސައްކަތްކުރާނެ ގޮތް ކިޔައިދޭނެ ކަަމަށް ނުވަތަ އެއްބާރުލުން ދޭނެ ކަމަށް މަޑުނުކުރަން އެދިވަޑައިގަތެވެ.
ރާއްޖޭގެ ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރު ވިދާޅުވީ އެންއެންޑީއެފްގައި ތިބީ ފަސް ޕަސެންޓް އަންހެނުން ކަމަށާއި އެ މުއައްސަސާގައި ފިރިހެނުންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބިވަޑައިގަންނަވާ ކަމަށެވެ.
ވިއަވަތި ކޮންފަރެންސްގައި، އަންހެނުންގެ ކޮމިޓީތަކުގެ ކަންބޮޑުވުންތައް ރައީސް އަޑުއައްސަވަނީ. -- ފޮޓޯ | ރައީސް އޮފީސް
މިނިސްޓަރު ވިދާޅުވި ގޮތުގައި އެ މުއައްސަސާ ވެސް ކުރިން އޮތީ ސަފުތަކުގައި އަންހެނުން މަދު ތަނެއްގެ ގޮތެއްގަ އެވެ. އެކަމަކުު އެކަން ބަދަލުކުރެއްވުމުގައި ކުރިއެރުންތަކެއް ލިބެމުން އަންނަ ކަަމަށް ވިދާޅުވި އެވެ.
"އަންހެނުން ކުރިއަރުވައި ފުރުސަތު ދިނުމުގައި އަޅުގަނޑު ނަމޫނާ ނަގަނީ ރައީސުލްޖުމްހޫރިއްޔާގެ ކިބައިން. މި ރާއްޖޭގައި ދުވަހަކު ވެސް ނުގެންނަ ވަރަށް ކެބިނެޓަށް އަންހެން މިނިސްޓަރުން ގެންނެވި،" މާރިޔާ ވިދާޅުވި އެވެ.
ވިއަވަތި ކޮންފަރެންސްގައި ރައީސް، އަންހެނުންގެ ކޮމިޓީތަކުގެ މެމްބަރުންނާ އެކު. -- ފޮޓޯ | ރައީސް އޮފީސް
އަންހެނުންނާ ނުލައި ގައުމު ކުރިއަކަށް ނުގެންދެވޭނެ ކަމުގެ ހަގީގަތް ކައުންސިލްތަކާއި އެންމެން ވެސް ގަބޫލުކޮށް އެއްބާރުލުންދީ އެކީގައި މަސައްކަތް ކުރަން މިނިސްޓަރު އެދިވަޑައިގަތެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ގާނޫނަށް ގެނައި އިސްލާހުތަކާ އެކު އަންހެނުންގެ ކުރިއެރުމަށް މާލީ ގޮތުން ސަރުކާރުން އެހީވަމުން އަންނަ ކަމަށެވެ. އެގޮތުން ގާނޫނީ ބަދަލުގެ ގޮތުގައި، ބްލޮކް ގްރާންޓުގެ ގޮތުގައި ފަސް ޕަސެންޓް ހަމަޖައްސައި އަދި ލޯނުތައް ދިނުމުގައި ވެސް އަންހެނުންނަށް ފުރުސަތު ފަހިވާ ގޮތަށް ބައްޓަންކޮށްފައި އޮތް ކަމަށް ވިދާޅުވި އެވެ.
އެއާއެކު ކޮމިޓީތަކުގެ އެލަވަންސަށް ބަދަލު ގެނެސް ބޮޑުކޮށްފައިވާ ކަން ފާހަގަކުރެއްވި އެވެ.
ތުޅާދޫ ދާއިރާގެ މެމްބަރު އަދި ލާމަރުކަޒީ ކޮމިޓީގެ މެމްބަރު ހިސާން ހުސެއިން ވިދާޅުވީ ލާމަރުކަޒީ ގާނޫނު އިސްލާހުކުރިއިރު، ސަރުކާރުން ހެޔޮބަދަލެއްގެ ވިސްނުންތަކެއް ގެންގުޅުނު ކަމަށެވެ.
- މުޖުތަމައުގައި އަންހެނުންގެ ދައުރާއި ހިއްސާ އޮންނަ މިންވަރު އިތުރުކުރުން.
- ރަށުގެ ތަރައްގީ އާއި ގުޅިފައި ހުންނަ ކަންކަމާއި އިޖުތިމާއީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން ބޮޑުވާ ގޮތަށް އޮތް ކަން ކަށަވަރުކުރުން.
- ދެ ސިޔާސަތުގެ ތެރެއިން އަންހެނުން ބާރުވެރިކުރަން މުހިއްމު ފިޔަވަޅުތަކެއް އެޅުން.
"މި ތިން ސަބަބު ހަނދާނުގައި ބަހައްޓައިގެން ގާނޫނަށް އިސްލާހު ގެނައީ. މި ކޮންސެޕްޓް އެކުލަވާލައި މި މާއްދާތައް ގާނޫނަށް ގެނައި އިރު ހާސިލްކުރަން ބޭނުންވި މުހިއްމު އެއް މަގްސަދަކަށް ވީ ކުރީގައި އޮތް އަންހެނުންގެ ކޮމިޓީތަކާ ގުޅޭ ވިސްނުން ބަދަލުކުރުން،" ހިސާން ވިދާޅުވި އެވެ.
ވިއަވަތި ކޮންފަރެންސް އުކުޅަހުގައި ކުރިއަށް ދަނީ. -- ފޮޓޯ | ރައީސް އޮފީސް
އޭނާ ވިދާޅުވި ގޮތުގައި ގާނޫނު އިސްލާހުކުރިއިރު ކޮމިޓީތަކަށް ބާރުވެރިވެވޭ ގޮތަށް އެކުލަވާލަން ވެސް ވާނީ ވިސްނުން ގެންގުޅެފަ އެވެ. އޭގެތެރޭގައި އެންޖީއޯއެއްގެ ގޮތަށް ފަންޑްސް ހޯދައިގެން މަސައްކަތް ކުރުމަށް ވުރެން ކުރާ މަސައްކަތަށް ކޮންމެވެސް އުޖޫރަ ލިބި، ރަށުގެ ތަރައްގީއަށް ކުރާ މަސައްކަތްތަކަށް ސަރުކާރުން ބަޖެޓެއް ދިނުމަކީ ވެސް ކުރިއެރުވުމުގެ ވިސްނުމެއް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ އިސްލާހުތަކުގައި ކޮމިޓީތައް ވަނީ ގާނޫނީ ގޮތުން ބާރުވެރިވެފައި އޮތް ގާނޫނީ ހައިސިއްޔަތު ލިބިފައި އޮތް ތަނަކަށް ހަދައިފަ އެވެ.
ހިސާން ވިދާޅުވީ ކޮމިޓީތައް ހިންގޭނެ ގޮތެއް ހޯދުމަކީ ވެސް އިސްލާހަށް ގެނައި މުހިއްމު ބަދަލެއް ކަމަށެވެ. އެ ވިސްނުމަކީ ކައުންސިލާ އެކު އަންހެނުންގެ ކޮމިޓީތައް މަސައްކަތް ކުރުން ކަމަށާއި ތަރައްގީ އަދި އިޖުތިމާއީ ކަންކަން ކުރާއިރު ވެސް ދައުރު އޮންނަން ޖެހޭ ގޮތަށް ހެދުން ކަަމަށް ވިދާޅުވި އެވެ.
ވިއަވަތި ކޮންފަރެންސްގައި ބައެއް ކައުންސިލަރުން ބައިވެރިވަނީ. -- ފޮޓޯ | ރައީސް އޮފީސް
އަންހެނުންގެ ކޮމިޓީތަކުން ގިނަ އަދަދެއްގެ މެމްބަރުން ދަނީ ވަކިވަމުންނެވެ. މި މަގާމްތަކަށް އިރުކޮޅަކާ ބައި އިލެކްޝަން ބާއްވަން ޖެހުމަކީ އިލެކްޝަންސް ކޮމިޝަނުގެ ވެސް ކަންބޮޑުވުން އޮތް މައްސަލައެކެވެ.
ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯ އަފްޝަން ލަތީފް ވިދާޅުވި ގޮތުގައި އަންހެނުންގެ ކޮމިޓީތަކުގެ މެމްބަރުން ވަކިވުމުގެ ތެރޭގައި މަަސައްކަތުގެ މާހައުލު ދަތިވުން ހިމެނެ އެވެ. އޭގެތެރޭގައި މަސައްކަތް ކުރާނެ ޖާގަ ނުލިބުމާއި އެއްބާރުލުން ނުލިބުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.
"ކައުންސިލްތަކުން ވެސް އަބަދުވެސް ކުރާ ޝަކުވާއެއް ޖާގައިގެ ދަތިކަން، އެކަން ވެސް ގަބޫލުކުރަން،" އަފްޝަން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
29 May 2022
200 ރަށަށް ކޮންމެ ރަށަކަށް 5 ކައުންސިލަރުން 5 ޑަބްލިޔުޑީސީ އެތައް ޓީޗަރުންނެއް ފެނަކަ އެތައް މުވައްޒަފުންނެއް މިހެންގޮސް ރަށުގެ ރައްޔިތުންނަށްވުރެ ދައުލަތުން މުސާރަދޭ މީހުން ގިނަ...މި މޮޑެލްއަށް ރާއްޖެ ތަރައްގީއެއް ނުވާނެ. ވާނަމަ އޮންނާނީ މިހާރުވެފަ. ތަރައްގީކުރެވޭނީ އެއްފަސްކޮށްގެން، 20 ރަށުގަ 5 ލައްކަ މީހުންނަށް އުޅެވޭނެ
ޢީބާ
29 May 2022
އަންހެނުންގެ ކޮމެޓީތަކަކީ އުފެއްދުންތެރިކަން އިތުރުކުރުމަށް އޮތް ބާރަކަށް ހަދަންއެބަޖެހޭ. ދައުލަތުގެ އާމްދަނީ އިތުރުކުރެވޭނީ އަންހެނުން ކޮމެޓީގެ އިފެއްދުންތަށް އިތުރުކޮށްގެން.
ހިބިރިންބެއްޔާގެ ކުޑަސޮރު
29 May 2022
މުއިއްޒުވެސް ކުރަނީ ހަމަ ތިޝަކުވާ - ސަރުކާރުން އެހީތެރިކަމެއް ނުލިބޭވާހަކަ. ?
ޖަމީލުބެ
29 May 2022
މުއިއްޒުމެންގެ ދުވަސްވަރު ކުޑަކުރި މުސާރަތަ މިހާރުގެ މޭޔަރަށްވެސް ލިބެނީ؟
ރައީސް ސޯލިހަށް
29 May 2022
ހެލްތު މިނިސްޓަރު އެންމެ މުހިއްމު އެއް މިނިސްޓަރު ތިތަނުން ނުފެންނާތީ އެބަ ކަންބޮޑުވޭ.
ފޫހި
29 May 2022
ތިޔަ ކޮމިޓީތަކަކީ ދައުލަތަށް ބޮޑު ބުރައެއް. ޓެކްސްފައިސާގެ ބޮޑު އިސްރާފެއް. މިހާރު ކައުންސިލްތަކަށް ވަނީ އަންހެނުންނަށް ކޯޓާދީފަ. ދެން ކޮން އަންހެނުންގެ ކޮމިޓީތަކެއް.
ތެދެއްތީ
29 May 2022
ސޮއި ކުރާ ކަށް ނުޖެހޭ ސަލާމް ބުނާކަށް ނުޖެހޭ މިކަހަލަ ބައިވަރު، އިދާރީ މުވައްޒަފުން ރެޔާ ދުވާލު މަސައްކަތުގަ ކުޑަ މުސާރައެއްގަ. ތިޔަ 5 މީހުނަކީ ބަލަދު އަރާފަ ތިބި އެހެން ތަންތާންގަވެސް ވަޒީފާ އަދާ ކުރޭ. ކޮމެޓީ އުފެއްފުމ،ުގެ މަގުސަދަކީ ވަޒީފާ ނެތްބަޔަކަށް ވަޒީފާ ދިނުމާއި އަދި އެކަމާ އެކަށީގެންވާވަރުގެ ޒިންމާއެއްވެސް ހަވާލުކުރުން . މަޖުލިސުން އެކަން އެހެން ގޮތަކަށް ބަދުކުރުވާފައޮތްކަމަށް މި ބެލެވެނީ މިހާރުވެސް އެކްނ މަޖުލިސަށް ބަދަލު ކުރެވޭނެ