ކުޅިވަރު

ޖަރުމަންގެ ފުޓްބޯޅައިގެ ތާރީހީ ރެކޯޑެއް ފްލިކް މުގުރާލައިފި

ޖަރުމަންގެ ކޯޗު ފްލިކް، އޭނާ ވަނީ ޖަރުމަން ފުޓްބޯޅައިގައި ތާރީހީ ރެކޯޑެއް މުގުރާލައިފައި --- ފޮޓޯ: އޭއެފްޕީ

08 ޖޫން 2022 - 13:04

1 comments

މިއުނިކް (ޖޫން 8) - ޔޫއެފާ ނޭޝަންސް ލީގު ގުރޫޕް ސްޓޭޖުގައި އިންގްލެންޑް އަތުން ހޯދި ޕޮއިންޓާއެކު ޖަރުމަންގެ ކޯޗު ހަންސް ޑިއެޓާ ފްލިކް ޖަރުމަންގެ ގައުމީ ޓީމުގައި ތާރީހީ ރެކޯޑެއް މުގުރާލައިފި އެވެ.

ޖަރުމަން މެޗުން މޮޅުވާން ދަނިކޮށް، އިންގްލެންޑުން ފަހު ވަގުތު ނަތީޖާ ހަމަހަމަ ކުރީ އެޓީމުގެ ކެޕްޓަން ހެރީ ކޭން ވައްދާލި ޕެނަލްޓީންނެވެ. އެއީ ގައުމީ ޓީމުގައި ކޭން ޖެހި 50 ވަނަ ލަނޑެވެ.

ފްލިކް ގައުމީ ޓީމާ ހަވާލުވި ފަހުން އަދި އެއްވެސް މެޗަކުން ބައްޔެއް ނުވެ އެވެ. ރޭގެ މެޗަކީ، ބަޔާން މިޔުނިކްގެ ކުރީގެ ކޯޗު ގައުމީ ޓީމާ ހަވާލުވިފަހުން ބަލިނުވެ ފުރިހަމަ ކުރި 11 ވަނަ މެޗެވެ. މިހާރު އޭނާ އަކީ ޖަރުމަންގެ ގައުމީ ޓީމަށް ކޯޗުކޮށްދިން ކޯޗުންގެ ތެރެއިން ބަލި ނުވެ ވިދިވިދިގެން އެންމެ ގިނަ މެޗު ފުރިހަމަ ކުރި ކޯޗަށެވެ.

ކުރިން އެ ރެކޯޑް ހާސިލު ކުރެވިފައި ވަނީ އެންމެ ދެ ކޯޗުންނަށެވެ. ޖަރުމަންގެ ގައުމީ ޓީމަށް 1936–1942 އަށް ކޯޗުކޮށްދިން ސެޕް ހާބާގާ އަކީ އެންމެ ފުރަތަމަ އެ ރެކޯޑް ހެދި ކޯޗެވެ. އޭގެ ފަހުން ހުޅަނގު ޖަރުމަނަށް، 1978–1984 އަށް ކޯޗުކޮށް ދިން ޖޯސެފް ޑާވޯލް ވެސް ވަނީ އޭނާގެ ފުރަތަމަ 10 މެޗު ބަލި ނުވެ ފުރިހަމަކޮށްފަ އެވެ.

ލެޖެންޑްރީ ދެ ކޯޗުންގެ ރެކޯޑާ މުގުރާލެވުނަސް އެކަމުގެ ހިތްހަމަޖެހުމެއް އޭނާ އަކަށް ނުލިބުނެވެ. މެޗުން މޮޅުވާން ދަނިކޮށް ކޭން އިންގްލެންޑަށް ޕޮއިންޓް ހޯދައިދިނީ ފުރިހަމަވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށެވެ.

ކޭން އިނގިރޭސި ޖޯޒީގައި އޭނާގެ 50 ވަނަ ލަނޑު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ

އަމިއްލަ ދަނޑުގައި ކުޅެ މެޗުގެ ފުރަތަމަ ހާފުގައި ޖަރުމަނުގެ މިޑްފީލްޑަރު ޖޯނަސް ހޮފްމަން ގޯލެއް ޖެހި ނަމަވެސް ވީއޭއާރު ނިންމީ އޭނާ އޮފްސައިޑު ކަމަށެވެ. އެކަމަކު ހޮފްމަން ވަނީ މެޗުގެ 50 ވަނަ މިނިޓުގައި، ޔޯޝުއާ ކިމިކްގެ އެހީރެރިކަމާ އެކު އެޓީމަށް ލީޑު ނަގައިދީފަ އެވެ.

އިންގްލެންޑުން ނަތީޖާ އެއްވަރުކުރަން މޭސަން މައުންޓާއި ކޭން ފޮނުވާލި ހަމަލާތައް ޖަރުމަން ގޯލްކީޕަރު މެނުއެލް ނޯޔާ ދިފާއު ކުރި އެވެ. ތޯމަސް މުލާ އާއި ޓިމޯ ވާނާ ޖަރުމަނަށް ލީޑް ފުޅާކޮށްދޭން ފޮނުވާލި ހަމަލާތައް އިންގްލެންޑުގެ ކީޕަރު ޖޯޑަން ޕިކްފޯޑް ވެސް ވަނީ ދިފާއު ކޮށްފަ އެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައި ވަނިކޮށް؛ 88 ވަނަ މިނިޓުގައި ޕެނަލްޓީއަކުން ކޭން އިންގްލެންޑަށް ނަތީޖާ އެއްވަރު ކޮށްދިނެވެ.

މި ޕެނަލްޓީއަކީ ކޭން އަށް ޕެނަލްޓީ އޭރިއާ ތެރެއިން ޖަރުމަނުގެ ޑިފެންޑަރު ނިކޯ ޝްލޮޓަބެކް ކުރި ފައުލަކަށް ވީއޭއާރު ރިވިއު އަށް ފަހު ދިން ޕެނަލްޓީއެކެވެ. ކޭންގެ މި ލަނޑަކީ އޭނާ ގައުމީ ޓީމަށް ކުޅެދިން 71 މެޗުން ޖެހި 50 ވަނަ ލަނޑެވެ. ކޭން އަށް ވުރެ ގިނައިން އިންގްލެންޑަށް ލަނޑު ޖަހައިދީފައި ވަނީ 52 ލަނޑު ޖަހައިފައިވާ ކުރީގެ ފޯވާޑް ވޭން ރޫނީ އެވެ.

މި މެޗުގެ ފަހު 18 ވަރަކަށް މިނިޓަށް ކުޅެން އަރައި ޖެކް ގްރީލިޝް، އަދި ފަހު 10 މިނިޓަށް ކުޅެން އެރި ޖަރޯޑް ބޯވެން އާއެކު އިނގިރޭސި ޓީމުގެ ކުޅުން ރަނގަޅުވި އެވެ. އަދި މެޗަށް ފަހު އިންގްލެންޑުގެ ކޯޗު ސައުތު ގޭޓް ބުނި ގޮތުގައި ނަތީޖާ ނެރެން އެޓީމު ދެން ކުޅޭ މެޗެއްގައި ގްރީލިޝް ފުރަތަމަ 11 ގައި ކުޅެން ޖެހެ އެވެ.

އިޓަލީގެ ބަރޭލާ (މ) އިޓަލީގެ ފުރަތަމަ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޖަރުމަން ކުޅުނު ފުރަތަމަ މެޗު ވެސް ވަނީ އިޓަލީއާ ދެކޮޅަށް ކުޅެ އެއްވަރު ވެފަ އެވެ. އިންގްލެންޑް ކުޅުނު ފުރަތަމަ މެޗުގައި އެޓީމު ބަލިކުރި ހަންގޭރީ ވަނީ، ރޭ ރަށުން ބޭރުގައި އިޓަލީއާ ދެކޮޅަށް ކުޅުނު މެޗުން 2-1 އިން ބަލި ވެފަ އެވެ. އިޓަލީން ވަނީ ފުރަތަމަ ހާފުގައި އެޓީމުގެ ދެ ލަނޑު ވެސް ޖަހައިފަ އެވެ.

އިޓަލީގެ ފުރަތަމަ ލަނޑު 30 ވަނަ މިނިޓުގައި ޖަހައިދިނީ ލިއޮނާޑޯ ސްޕިނަޒޯލާގެ އެހީތެރިކަމާ އެކު ނިކޮލޯ ބަރޭލާ އެވެ. އަދި ދެވަނަ ލަނޑު މި ހާފުގެ ފަހު މިނިޓުގައި މަޓެއޯ ޕޮލިޓާނޯ ދިން ބޯޅައަކުން ޖަހައިދިނީ ލޮރެންޒޯ ޕެލެގްރިނީ އެވެ. ހަންގޭރީގެ ހަމައެކަނި ލަނޑަކީ 61 ވަނަ މިނިޓުގައި އިޓަލީގެ ޑިފެންޑަރު ޖިއަންލޫކާ މަންޗިނީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

އިޓަލީ ފުރަތަމަ ކުޅުނު މެޗުގައި ޖަރުމަނާ ވާދަކޮށް ވަނީ އެއްވަރު ވެފަ އެވެ. މިއާ އެކު ހަތަރު ޕޮއިންޓާ އެކު މިވަގުތު ލީގު އޭގެ ގުރޫޕް 3 ލީޑު ކުރަނީ އިޓަލީ އެވެ. ތިން ޕޮއިންޓް ހޯދާފައިވާ ހަންގޭރީ އަށް ދެވަނަ ލިބޭ އިރު، ދެ މެޗުން ވެސް އެއްވަރުވި ޖަރުމަން އޮތީ ތިންވަނައިގަ އެވެ. އަދި ޕޮއިންޓަކާ އެކު ފުލުގައި އޮތީ އިންގްލެންޑެވެ.

ގުރޫޕްގެ ތިންވަނަ މެޗުގައި އިންގްލެންޑް އަމިއްލަ ފަސްގަނޑުގައި އަންނަ ހޮނިހިރު ދުވަހުގެ ރޭ ބައްދަލު ކުރާނެ އެވެ. މިއީ މިދިޔަ އަހަރުގެ ޔޫރޯ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އިޓަލީން އިންގްލެންޑް ބަލިކުރި ފަހުން މި ދެޓީމުގެ ފުރަތަމަ ކުރިމަތިލުމެވެ. ޔޫރޯ ފައިނަލް މެޗު ވެމްބްލީ ގައި ކުޅުނު ނަމަވެސް ނޭޝަންސް ލީގުގެ މެޗް ކުޅޭނީ ވުލްވްސްގެ ދަނޑުގައި، ސަޕޯޓަރުން ނުވައްދަ އެވެ. އަދި އެރޭ ބުޑަޕެސްޓުގައި ހަންގޭރީއާ ދެކޮޅަށް ޖަރުމަން ނުކުންނާނެ އެވެ.

1 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދީފްއޮފިޝަލް

08 June 2022

އަބަދުވެސް ރެފްރީންގެ އެހީތެރިކަން ލިބޭ މީހުންނަށް ޕެނަލްޓީއާއި ފްރީކިކް ލިބޭނެ.ގިނަ ފަހަރު އެމީހުން ސަލާމަތްވެފަ އޮތީ އެކަހަލަ ގޮތަކަށް.އެވެސް އަދި މެޗުގެ އެންމެ ފަހު ވަގުތު ހަދާލާ ފަންޑިތައެއްގެ އެއީގަ.އެބައިމީހުން ދައުވާ އެބަކުރޭ ފުޓްބޯޅަ އެއީ ތިމަންނާމެން އުފެއްދި ކުޅިވަރެއްކަމުގަ.ނަމަވެސް އެންމެ ފަހުން ލިބުނު އެއްޗެއް ލިބުނީ މީގެ 56 އަހަރުކުރިން.އޭރު އަދި މިކުޑަކުޑަ ދިވެހިރާއްޖެ މިނިވަންވިތާ އަދި ފުރުނީ 1 އަހަރު.ވ.ވެދުން. #ޕުތަ3ލަޔަންސް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454